12 ސެޕްޓެންބަރު 2024
0
"މަށަކަށް ނޭނގެ. ރުފިޔާ ހޯދާތަނަކުން ހޯދައިގެން ހަރަދުކުރުމަކީ ރަމީޒުގެ ޒިންމާއެއް. އަބަދު ފަގީރުކޮއި ހައްދާފަ ދަރިއެއް ނުބެހެއްޓޭނެ." ދޮންމަންމަގެ އަޑާއެކު ރައުފަލްގެ މޫނުމަތި ބަނެވެގެން ދިޔައެވެ.
ވީ ފޫއްސާއެކު ވަގުތުން އަނބުރާލާފައި އައިކޮޅަށް ދާންވެސް އޭނަގެ ހިތަށް އެރިއެވެ. ނަމަވެސް އެ ގަދަ ހޫނުގައި އޭނަ ދާނީ ވަކިކޮންތާކަށް ހެއްޔެވެ؟ ފުން ނޭވާއެއް ދޫކުރަމުން ރައުފަލް ބަރު ފިޔަވަޅުތަކެއްގައި ކުރިއަށް ހިނގައިގަތެވެ.
"އެހެނެކޭ އަހަރެން ނުބުނަމެއްނު. ޒަމީއަށްވެސް އެނގޭނެ މިދުވަސްކޮޅަކީ ކިހާ ތަދު ދުވަސްކޮޅެއްކަން. ކިރިޔާ ގޭތެރޭގެ ހުރިހާ ހަރަދެއް ދެކޮޅުޖެހެނީ." ރައުފަލް ގޭގެ ދޮރުމައްޗަށް އެރި ވަގުތު މަޑުމައިތިރި އަޑަކުން ބައްޕަ ބުނެލި އަޑުއިވުނެވެ.
"ތަދު ދުވަސްކޮޅަކަށް ނުވިއްޔާ ދެރަތަ. މީހަކު ބުނާއިރަށް ފޮތާ ގަލަމާ ފަންސޫރާ ނުވީތާކަށް ބޮޑު އަގުގަ ބޯފޮތްފޮތް ގަނެދޭންޖެހޭ ވިއްޔަ. ބަލަ ރަމީޒުގެ ހުންނަނީ އެންމެ ދަރިއެއްތަ؟ އެދަރި ބުނިއްޏާ ބުނިހާކަމެއް ކުރަން ލާރިވެސް ހުރޭ. ލާރި ނެތި ތަދު ދުވަސްކޮޅަކަށްވެ ގޭތެރޭގެ ހަރަދު ކިރިޔާ ދެކޮޅުޖެހެނީ މަގޭ ދަރިވީމަ" ދޮންމަންގެ އަޑު މަޑެއްނުވިއެވެ.
"ޒަމީރާގެ އެކަނި ދަރިއެއް ނޫނޭ އެއީ. އެމަންޖެވެސް ސްކޫލަށް ބޭނުންވާ ހުރިހާ ސާމާނެއް އަހަރެން ހޯދައިދެން. ރައުފަލަށް ވެސް ކުރި ހަރަދަކީ އެއީ. އެއްވެސް ކުއްޖަކަށް ވަކި ހާއްސަ ހަރަދެއް ކޮއްފައެއް ނޯންނާނެ. ދެން އެކަހަލަ ވާހަކަ ޒަމީވެސް ނުދައްކާ ތި ރުޅި މަޑުކޮއްބަލަ." ދޮންމަންމައަށް ވިސްނައިދެވޭތޯ ބައްޕަ މަސައްކަތްކުރިއެވެ. ނަމަވެސް އެއީ ފޫނެއް ފަޔަށް ފެން ފުރުންފަދަ ކަމެއްކަން ބައްޕައަށް ދުވަހަކުވެސް ނުވިސްނޭނެއެވެ.
ސިޓިން ރޫމްގައި ތިބި ބައްޕައާއި ދޮންމަންމައަށް ނުފެނި ކޮޓަރިއާ ހަމައަށް ދެވޭނެ ނަމައޭ އެވަގުތު ރައުފަލްގެ ހިތަށް އެރިއެވެ. އޭނަ ފެނިއްޖެ ނަމަ ދޮންމަންމަގެ ބަހުގެ ހަމަލާއެއް އަންނާނެއެވެ. އޭރުން ބައްޕަގެ މަޑުމައިތިރި އަޑުވެސް ހަރުއަޑަކަށް ބަދަލުވާނެކަން ގައިމެވެ.
ކިތަންމެ ބޭނުންނުވި ނަމަވެސް ރައުފަލް ގޭތެރެއަށް އަޅާލި ފުރަތަމަ ފިޔަވަޅާއެކު ދޮންމަންމައަށް އޭނާ ފެނުނެއެވެ. އެއާއެކު އިވިގެންދިޔައީ އާދައިގެ މަތިން ކޮންމެ ދުވަހަކު ދޮންމަންމަގެ ދުލުން ބޭރުވާ ބަސްތަކެކެވެ.
"ރުޅި މަޑުކުރެވޭތަ؟ އެއޮއް އައީނު ރަންދަރި. މިހާރުވެސް މިވެނި އެއްޗެއް ގަނެދޭށޭ ބުނެބަލަ އެގަންނަން ލާރި ހުންނާނެ." ރުޅިން އަނދައަނދާހުރި ދޮންމަންމަ އޭނައާ ދިމާލަށް ލޯއަޅާލިއެވެ.
އެހިނދު އޭނައަށް ފުރަގަސްދީގެން ހުރި ބައްޕަވެސް ފަހަތަށް އެނބުރި އޭނައަށް ނަޒަރެއް ދިނެވެ.
"ތިކަހަލަ ވާހަކަ ނުދައްކަބަލަ ޒަމީރާ. އަހަރެން ވަކި ކުއްޖަކަށް ވީމަ ވަކި އެއްޗެއް ނުގަންނަން. ރައުފަލްވެސް ރާޔާވެސް ސްކޫލަށް ބޭނުންވާ އެއްޗިހި ކިތަންމެ ދަތިކޮށް އުޅެމުންވެސް އަހަރެން ގަންނާނަން." މިފަހަރު ބައްޕަގެ އަޑުގައި ހަރުކަށިކަމެއްވިއެވެ.
އެންމެ ހިނދުކޮޅަކުވެސް އެތާ މަޑުކުރަން ނަހަދާ ރައުފަލް އަވަސް އަވަހަށް ގޮސް އޭނަގެ ކޮޓަރިއަށް ވަނެވެ.
އޭސީއެއް ނެތް އެކުޑަ ކޮޓަރިތެރެ ބޭރަށް ވުރެވެސް ހޫނުހެން ރައުފަލްއަށް ހީވިއެވެ. އޭނަ ލައިގެން ހުރި ޔުނީފޯމާއެއްކޮށް އަޅަންޖެހޭ ޕްރިފެކްޓް ކަމުގެ ޓައީ ކަރުން ނައްޓަމުން ކޮޓަރީގެ އަލަމާރި ދޮށުގައި ހުރި ދާވަށިގަނޑާ ދިމާލަށް ދިޔަ ވަގުތު ބޭރުން ކުރަމުންދިޔަ ޒުވާބުގެ އަޑުވެސް ގަދަވެގެން ދިޔައެވެ.
މީގެ އަށް އަހަރު ކުރިން ރައުފަލްގެ މަންމައާއި ބައްޕަ ވަރިވުމައްފަހު ބައްޕައާއެކު ބައްޕަގެ ރަށަށް އެމީހުން ދިރިއުޅުން ބަދަލުކުރިތާ މާގިނަ ދުވަހެއް ނުވެ ބައްޕަ ދޮންމަންމައާއި ކައިވެނި ކުރިއެވެ. ކައިވެނީގެ ފުރަތަމަ ކޮޅު ދޮންމަންމަ ތަފާތެވެ. އޭރު ދޮންމަންމަ ރައުފަލްއާ މެދުވެސް ކަންތައް ކުރަނީ ރަނގަޅަށެވެ. ބައްޕައާ ޒުވާބުކޮށް އަޑުގަދަ ކުރުމެއް ނޯވެއެވެ. އޮމާންކަމާއެކު ކުރިއަށް ދިޔަ ދިރިއުޅުން ބަދަލުވެގެން ދިޔައީ އޭގެ ދެ އަހަރު ފަހުން ދޮންމަންމަ ބަލިވެ އިނދެ ދަރިއެއް ލިބުމުންނެވެ.
އޭރު ރައުފަލްގެ ބައްޕަ ވަޒީފާ އަދާ ކުރީ ކައިރި ރިސޯޓެއްގައި ކަމުން ލިބޭ އާމްދަނީ އިން އެމީހުންނަށް ފުދި އިތުރުވެސް ވެއެވެ. ނަމަވެސް ދޮންމަންމަ ވިހައިގެން މާގިނަ ދުވަހެއް ނުވަނީސް ކުއްލިއަކަށް ބައްޕަ ރިސޯޓުން ކެނޑި ރަށު އޮފީހުގެ އާދައިގެ ވަޒީފާއަކަށް ދާންފެށިއެވެ. ހުރިހާ ކަމެއް ބަދަލުވެގެން ދިޔައީ އެހިސާބުންނެވެ.
އެވަޒީފާއިން ލިބޭ އާމްދަނީ މަދުކަމުން އޭރު ކުޑަ ދަރިފުޅަށްވެސް ދޮންމަންމަ ބޭނުންވާހާ ހަރަދެއް ނުކުރެވުނެވެ. ގިނަ ފައިސާ ލިބޭ ވަޒީފާ ދޫކުރި ކަމާމެދު ހިތްހަމަނުޖެހި ދޮންމަންމަ ބައްޕައާ ފުރަތަމަ ޒުވާބު ކުރި ދުވަހު އެފަދަ މަންޒަރެއް ދުވަހަކުވެސް ނުދެކޭ ރައުފަލް ނުތަނަވަސްވިއެވެ. ޖަވާބަކަށް ގިނަ ލާރި ލިބޭ ހަރާމް ވަޒީފާއަކަށް ވުރެ މަދު ލާރިބޭ ހަލާލް ވަޒީފާ މާރަނގަޅު ކަމަށް ބުނެ ދޮންމަންމައަށް ވިސްނައި ދެވޭތޯ ބައްޕަ ބެލިއެވެ.
ނަމަވެސް އަދިއަދަށް ދާންދެންވެސް ބައްޕައަށް އެކަމެއް ދޮންމަންމަ އަކަށް ވިސްނައިނައެއް ނުދެވުނެވެ. ލިބޭ ލާރިން ކުރިން ބޭނުންވާ ގޮތަށް ހަރަދު ނުކުރެވޭތީ ދޮންމަންމަގެ ޝަކުވާތައް ދިޔައީ އިތުރު ވެގެންނެވެ. ފަހުންފަހުން ބައްޕަ ރައުފަލްއަށް ކުރަން މަޖުބޫރު ހަރަދެއް ފިޔަވައި އިތުރު އެއްވެސް ހަރަދެއް ކުރިކަން އެނގިއްޖެނަމަ އެރުފިޔާ އިން ކުޑަ ދަރިފުޅަށް ހަރަދުކުރުން މާއައުލާކަން ބޮޑު ކަމަށް ބުނެ ދޮންމަންމަ ނުރުހުންތެރިކަން ފާޅުކުރަންފެށިއެވެ. އެއްއިރެއްގައި ރައުފަލްއާ މެދު ދޮންމަންމަގެ ހިތުގައި އޮތް ކުލުނުވެސް ފުހެވިގެންދިޔަ ފަދައެވެ. އޭގެ ފަހުން ގޭގެ މަސްލަހަތު ގެއްލޭ ޒުވާބުތައްވީ ގިނައެވެ. އެހެންކަމުން މިއަދު އިވެމުންދިޔަ ޒުވާބުގެ އަޑަށް ރައުފަލްގެ ކަންފަތް ވަނީ ހޭނިފައެވެ.
ރައުފަލްގެ ގޮސް ޓައި ދާވަށިގަނޑަށް ވައްޓާލި ހިނދު މީހެއްގެ ހިލަމެއްވިހެން ހީވުމުން އިސްއުފުލައި ކަނާތްފަރާތައް ބަލާލިއެވެ.
"ކޮއްކޯ؟" އޭނަގެ އެނދުގައި ދެފައި ގެނެސް މެޔާލާއި ތަތްކޮއްގެން އިނީ ހަ އަހަރަށްދާ އޭނަގެ އެއްބަފާ ކޮއްކޮ ރާޔާއެވެ.
"މަންމައާ ބައްޕަ ބާރަށް ވާހަކަ ދައްކަނީ ދޮންބޭ." ރޮވިފައި ހުރެ ރާޔާ އެހެންބުނުމާއެކު ރައުފަލް ގޮސް ރާޔާ ގާތު އެނދުގައި އިށީނެވެ. އަދި ލޯބިން ކޮއްކޮގެ ބޮލުގައި ފިރުމާލިއެވެ. ރައުފަލް އެފަދަ ޒުވާބުތަކަށް އާދަވެފައި ހުރިނަމަވެސަ ނަމަވެސް ކުޑަ ކުޑަ ރާޔާއަށް އެކަމުން ކުރާ އަސަރު ތަފާތެވެ.
"ކޮއްކޯ ދޮންބެ ބުނީމެއްނު އެއީ އެހާ އަޅާލާއެއްޗެއް ނޫނޭ ދޯ. ބައެއް ފަހަރު މަންމަ މެން ބައްޕަ މެން ބާރަށް ވާހަކަ ވެސް ދައްކާނެ. އެއީ މިގޭގަ އެކަނި ވާކަމެއް ނޫން. އެހެންގޭގޭވެސް ވާކަމެއް އެއީ“ އެނގުނުގޮތަކަށް ކޮއްކޮގެ ހިތްހަމަޖައްސައި ދެވޭތޯ ރައުފަލް މަސައްކަތްކުރިއެވެ.
”ކޮއްކޮއާ ހެދި މަންމަ ބާރަށް ވާހަކަދައްކަން ފެށީ. ކޮއްކޮ ފިހާރައިގަ އިން ހެދުމެއް ބޭނުންވީމަ މަންމަ ކާރި ބުނީ. މަންމަ ގެއަށް އައިސް ބައްޕަ ކާރި ބުނީ. ބައްޕަ ބުނީ ނެތޯ ލާރިއެއް ދެން މަންމަ އަޑުގަދަވީ“ އެޒުވާބު ފެށެން މެދުވެރިވި ސަބަބު އިވުމުން ރައުފަލްއަށް މަޑުމަޑުން ބޯހޫރުވާލެވުނެވެ.
”އެއީ ކޮއްކޮއާ ހެދިއެއް ނޫނޭ. އެއީ ބައެއްފަހަރު ކޮއްކޮ ބޭނުންވާކަމެއް ނުކޮއްދެވުނީމަ މަންމައަށް ބާރަށް ވާހަކަދެއްކެނީ. އެއްގޮތަކަށްވެސް ކޮއްކޮއާ ހެދިއެއް ނޫން އިނގޭ“ ކުޑަކުޑަ ކަމަކާހުރެ ދޮންމަންމަ ގެތެރޭގެ މަސްލަހަތު ނަގާލިކަމައްޓަކައި ރައުފަލް ހިތްހަމަނުޖެހުނެވެ. ނަމަވެސް އެކަމުގެ ސަބަބުން ރާޔާ އަމިއްލަ ނަފުސު ކުއްވެރިކުރާކަން އެނގުމުން ކޮއްކޮގެ ކުށެއް ނޫންކަން ވިސްނައިދޭން ވެސް ރައުފަލް މަސައްކަތް ކުރިއެވެ. އެވަގުތު ވެސް ބައްޕަ ފަދައިން ކޮއްކޮގެ ކުރިމަތީގައި ދޮންމަންމަ ގޯސްނުކޮށްވޭތޯ ރައުފަލް ބެލިއެވެ.
ނަމަވެސް އޭނަ ދެއްކި ވާހަކައިން ރާޔާއަށް ވަކި ބަދަލެއް ނައެވެ. ފެންކަޅިވެފައި އިން ގޮތަށް އިނުމުން ވަކި ކުރާނެ ކަމެއް ރައުފަލް އަކަށް ނުވިސްނުނެވެ. މަޑުމަޑުންކޮއްކޮގެ ބުރަކަށީގައި ފިރުމާލަމުން ގަޔާ ކާރިކޮއްލިއެވެ.
އޭގެ އިރު ގަނޑެއް ފަހުން ބޭރުގައި ކުރެވެމުން ދިޔަ ޒުވާބުގެ އަޑު ކެނޑިގެން ދިޔައެވެ. އޭގެ މިނެޓުތަކެއް ފަހުން ދެން އިވިގެން ދިޔައީ ބައްޕަގެ އަޑެވެ.
"ދަރިފުޅާ" ބައްޕަގެ އަޑާއެކު ކޮޓަރީގެ ދޮރުވެސް ހުޅުވިގެން ދިޔައެވެ. އެ ހިނދު ދޮރު މަތީގައި ހުރި ބައްޕަގެ މޫނުމަތީގައިވީ އުޖާލާވި ހިނިތުންވުމެކެވެ.
”ބައްޕަގެ ދޫނި މި ހުރީ ދޮންބެ ކާރި ދޯ؟ އާދެބަލަ ބައްޕަ ގާތަށް. ދަރިފުޅަށް ހަދިޔާއެއް ހިފައިގެންނޭ ބައްޕަ މި އައީ“ ކޮޓަރިތެރެއަށް ވަދެގެން ދަމުން ބައްޕަ ރާޔާެާ ވާހަކަދެއްކި އެވެ. ބަދުވެސް ގޭތެރޭގެ ހަމަޖެހުން ނަގާލާ ޒުވާބަކަށްފަހު ކޮއްކޮ ހަމައަކަށް އަޅުވާނީ ބައްޕައެވެ. އެވަގުތުވެސް ހިނިތުންވެފައި ބައްޕަ ވާހަކަދައްކަމުން ދިޔައީ ކޮއްކޮ ހަމައަކަށް އެޅުވުމުގެ ބޭނުމުގައިކަން ރައުފަލްއަށް އެނގުނެވެ.
”ނޫން ކޮއްކޮ ބޭނުމެއް ނޫން ހަދިޔާއެއް. މަންމައާ ބައްޕަ ބާރަށް ވާހަކަ ދެއްކީވެސް ކޮއްކޮ ހަދިޔާއެއް ބޭނުންވީމަ“ އެނދުގައި އިނދެ ފަހަތަށް ޖެހެމުން ރާޔާ ބުނެލިއެވެ. އެއާއެކު ބައްޕަ ފުން ނޭވާއެއް ދޫކުރަމުން އައިސް އެނދުގައި އިށީނެވެ. އެވަގުތު އެމޫނުމަތީގައިވި ހިނިތުންވުން ފޭދި އެމޫނުމަތިން ވަރުބަލިކަމެއް ރައުފަލްއަށް ފެނުނެވެ.
"އެހެންވެއެއް ނޫން ދަރިފުޅާ. ދަރިފުޅު ހަދިޔާއެއް ބޭނުންވެގެން ބައްޕަ މެން ބާރަށް ވާހަކައެއް ނުދައްކާނަން. އަސްލު ދަރިފުޅު ބޭނުންވި ހަދިޔާ ގަނެދެވެން ނެތީމަ މަންމަ ދެރަވީ. ދަރިފުޅަށް އެނގޭނު މަންމަ ދެރަވީމަވެސް ބާރަށް ވާހަކަދެއްކޭކަން ދޯ؟ އެހެންވެ ވީ ގޮތެއް އެއީ." ކޮއްކޮ ހަމައަކަށް އެޅުވުމުގެ ގޮތުން ބައްޕަ ބުނެލިއެވެ.
"އެކަމަކު ބައްޕަ މި ދޭން އުޅޭ ހަދިޔާ ވަކި ދެރައެއް ނުވާނެ އިނގޭ. ދަރިފުޅަށް އެންމެ މީރު ނޫޑުލްސް ގަނެފަ ހުންނާނެ. ބައްޕައާއެއްކޮށް އެހަދައިގެން ކާންދާނަންތަ؟" ބައްޕަގެ އެސުވާލާއެކު ރާޔާ އިސްއުފުލައި ބައްޕައަށް ބަލާލިއެވެ. ވަގުތުން ބައްޕަ ހިނިތުންވެލިއެވެ. ބައްޕަގެ މޫނަށް ބަލަހައްޓައިގެން އިރުކޮޅެއް ވަންދެން އިނދެފައި ރާޔާ މަޑުމަޑުން ބޯޖަހާލިއެވެ.
"އާދޭ ބައްޕައާ އެއްކޮށް. ރައުފަލް ދަރިފުޅުވެސް ފެންވަރާލައިގެން އާދޭ ކާން އިނގޭ. ކިހިނެއް ޓެސްޓު މިއަދު؟" ރާޔާ އަތުގައި ހިފާ ތެދުކޮއްފައި ރާޔާ އުރާލަމުން ބައްޕަ ސުވާލުކޮއްލިއެވެ.
"ޓެސްޓު ރަނގަޅު. ބައްޕައާ ކުޑަ ވާހަކައެއް ދައްކާލަންވެފަ އެބަ އޮތް." ރައުފަލްވެސް އެނދުން ތެދުވަމުން ބުނެލިއެވެ.
”ކާން ގޮސް އެވާހަކަ ދައްކާލާނީ ދޯ“ ބައްޕަ އެހެން ބުނުމުން ރައުފަލް އާއެކޭ ބުނެ ބޯޖަހާލިއެވެ. އޭނަވެސް ބައްޕައާ ވާހަކަ ދައްކަން ބޭނުންވީ ހަމަޖެހިލައިގެން ހުރެއެވެ.
އެވަގުތު ރާޔާ ހަމައަކަށް އަޅުވައި އެކުއްޖާ ހިތްހަމަޖައްސައި ދޭން އެކި އެކި ވާހަކަ ދައްކަމުން ބައްޕަ ގޮސް ކޮޓަރިން ނިކުމެ ދޮރުލައްޕާލަންދެން ރައުފަލްއަށް ބަލަހައްޓައިގެން ހުރެވުނެވެ.
އޭނަގެ ބައްޕައަކީ ހާދަ ކެތްގަދަ މީހެކޭ އެހިނދު ރައުފަލް ހިތަށް އެރިއެވެ. ދޮންމަންމަ ޝަކުވާކޮށް ޒުވާބުކުރުމުން ބައްޕަގެ ބޮލަށް އުނދަގޫވެސް ނުވަނީ ހެއްޔެވެ؟ އެފަދަ ހާލަތެއްގައި ވެސް ބައްޕަ ބަލާނީ ރީއްޗަށް ވާހަކަދައްކައިގެން ދޮންމަންމައަށް ވިސްނައިދެވޭތޯއެވެ. އެކަމަކު އެއްފަހަރުވެސް އެކަމެއް ކާމިޔާބެއް ނުވެއެވެ.
ދުވަހަކަށްވުރެ ދުވަހެއް ދޮންމަންމަގެ ޝަކުވާތައް އިތުރުވާހެންވެސް ރައުފަލްއަށް ހީވެއެވެ. ކޮންމެ ޒުވާބަކަށްފަހު ކޮއްކޮ މަސަލަސް ކުރާނީވެސް ބައްޕައެވެ. ޒުވާބަކަށްފަހު ދޮންމަންމައެއް ނުފެންނާނެއެވެ. ފެންނައިރު އެމޫނެކޭ ވިއްސާރަވެ ކަޅު ވިލާތަކުން ފޮރުވިފައިވި އުޑެކޭ ތަފާތެއް ނުހުންނާނެއެވެ. ބައްޕައާވެސް ވާހަކަ ދައްކާނީ ރުންކުރުކޮށެވެ. ނަމަވެސް އެވަރުންވެސް ބައްޕަ ބަލާނީ ދޮންމަންމަ ހިތްހަމަޖައްސައި ދެވޭތޯއެވެ. ބައްޕަ ރުޅި އައިސް އަޑުހަރުވާނީ ދޮންމަންމަ އޭނައާ ދިމާލަށް އެއްޗެކޭ ބުނެފި ހިނދެވެ. އެފަދަ ޒަވާޖީ ހަޔާތެއްގައި ބައްޕަ އުޅެނީ ހަމަ ދޮންމަންމަ ދެކެ ވާލޯތްބެއްގެ ބޮޑުކަމުންތޯ ރައުފަލްގެ ހިތުގައި ސުވާލު އުފެދެއެވެ. އެހެންކަމަށް ވަނީނަމަ އޭނަގެ މަންމައާ ބައްޕަ ވަކިވީ ކީއްވެ ހެއްޔެވެ؟.
ރައުފަލް ހަނދާންވާ ގޮތުން އޭނަގެ މަންމައަކީ ދޮންމަންމައާ ހިލާފަށް ހިތްހެޔޮ މަޑުމައިތިރި މިޒާޖެއްގެ ވެރިއެކެވެ. އަބަދުވެސް ހިނިތުންވުމެއްގައި ނޫނީ ބައްޕައާ މުހާތަބު ކުރާ ތަނެއް އޭނައަށް ފެނިފައި ނުވެއެވެ. އޭނައާ މެދުވެސް މަންމަ ކަންތައް ކުރީ އެހާ ލޯބިންނެވެ.
އެހެނަސް ބައްޕައާއި މަންމަ ވަކިވުމަށްފަހު އޭނަ ދެކިލަންވެސް މަންމައެއް ނާދެއެވެ. ކުޑަމިނުން ހާލުބަލަން ގުޅާވެސް ނުލައެވެ. އެކަމާ ރައުފަލްގެ ހިތުގައި ޖެހި ޝަކުވާއުފެދި މާޒީގެ ދުވަސްތަކުގައި އެތައް ފަހަރަކު ރޮވުނެވެ. މިހާރު ނުރޮވުނަސް މަންމަ މަތިން ހަނދާންވުމުން އޭނަގެ ހިތް ދެރަވެ މީހާގެ ހަމަޖެހުން ގެއްލިދެއެވެ.
އެހެންކަމުން މަންމަގެ ހަނދާންތައް އާވުމުން އާދައިގެ މަތިން ރައުފަލް އަށް މާޔޫސްކަމެއް އިހުސާސުކުރެވުނެވެ. އެހިތް އިތުރަށް ދެރަވީ މާޒީގައި އޭނަ އުޅުނު އުފާވެރި ދުވަސްތައް ހަނދާންވުމުންނެވެ.
އޭރު ބައްޕައާ މަންމައާއެކު މާލޭގައި ދެކޮޓަރީގެ އެޕާޓުމެންޓެއްގައި އެމީހުން އުޅެމުން އައީ ތަނަވަސް ދިރިއުޅުމެކެވެ. އޭރު ބައްޕަވެސް ޓައީ އަޅައިގެން އޮފީހަކަށް ދާ ހަނދާނެއް ރައުފަލް ވެއެވެ. ގޭގައި އޭނަގެ ކަންތައްކުރުމުގެ އިތުރުން މަންމަ އިންނާނީ ފަހާށެވެ. ނަމަވެސް އެއީ މަންމަ ލާރި ހޯދަން ކުރާކަމެއް ހެނެއް ހިޔެއް ނުވެއެވެ. ސަބަބަކީ މަންމަ ފަހަނީ އޭނައަށް ހާއްސަ ހެދުންތަކެވެ. ބައެއް ފަހަރު ބައްޕައަށްވެސް ޓީޝާޓާއި ގަމީސް މަންމަ ފަހާނެއެވެ. މަންމައާއި ބައްޕަ އޭރު އުޅުނީވެސް ނުހަނު ލޯބިންނެވެ. ލޯބިން ވާހަކަ ދައްކާ ހީސަމާސާކުރާތަން އޭރު ރައުފަލްއަށް އަބަދުވެސް ފެނެއެވެ. ދުވަހަކުވެސް ރުޅިއައިސް ޒުވާބު ކުރާ އަޑެއް ރައުފަލް އަކަށް ނީވެއެވެ. އެހެންކަމުން ކުއްލިއަކަށް މަންމައާއި ބައްޕަ ވަކިވާންޖެހުނީ ކީއްވެކަމެއް އަދިއަދަށް ދާންދެންވެސް ރައުފަލް އަކަށް ނޭނގެއެވެ.
އެކަމާމެދު ވިސްނެން ފެށުމުން އާދައިގެ މަތިން ރައުފަލް އެހިޔާލުތައް ގަދަކަމުން ސިކުނޑިން ނެރެލިއެވެ. އެހިޔާލުތަކުން އޭނަގެ ހިތުގެ ހަމަޖެހުން ގެއްލުން ނޫން ކަމެއް ނުވާނެ އެވެ. އެހެންކަމުން ލައިގެން ހުރި ޔުނީފޯމް ބާލާފައި ތުވާލި ހިފައިގެން ރައުފަލް ފެންވަރަން ވަނެވެ.
އޭގެ ތިރީހަކަށް މިނެޓު ފަހުން ފެންވަރާ ތާޒާވެލައިގެން ރައުފަލް ގޮސް ރީތިވާ މޭޒު ކުރިމަތީ ހުއްޓުނެވެ. ބާވެފައިވާ އެރީތިވާ މޭޒުގެ ސާފު ނޫން ލޯގަނޑު ކުރިމަތީ ހަމައެކަނި ޖިންސެއްގައި ހުރި ރައުފަލް ހުދުކުލައިގެ އަތްކުރު ޓީޝާޓެއް ބޮލަށް މަހާލިއެވެ. އެވަގުތު ލޯގަނޑުން އަމިއްލަ ސޫރަ ފެނުމުން ރައުފަލްގެ ހަނދާނަށް އައީ ދުވަސްކޮޅެއް ކުރިން އޭނައަށް ފެނުނު ބައްޕަގެ ޒުވާން އިރުގެ ފޮޓޯގަނޑެކެވެ. އޭނަ ވައްތަރީ އޭނަގެ ބައްޕައާ ކަމަށް އެފޮޓޯގަނޑު ފެނުމައްފަހު ހުދު ރައުފަލްއަށް ވެސް ގަބޫލުކުރެވުނެއެވެ. އޭނައަށް ލިބިފައިވީ ބައްޕަގެ ދިގު އިސްކޮޅެވެ. ބައްޕަ ގެ ހަތަރެސްކަން ބައްޓަމުގެ މޫނާއި އެހާ އަލި ނޫން ހަމުގެ ކުލައާއި ކަޅުކުލަ ގަދަ ވަރުގަދަ އިސްތަށި ގަނޑެވެ. އޭނަގެ މަޑު މުށިކުލައިގެ ލޮލަކީ މަންމަގެ ފަރާތުން ލިބިފައިވާ ހަމައެކަނި ސިފައެވެ.
ލޯގަނޑުން އަމިއްލަ ސޫރައަށް ބަލަން ހުރެ ކުރުކޮށް ކޮށާލެވިފައިވި އިސްތަށިގަނޑުގައި ރައުފަލް އަތް ހިންގާލިއެވެ. ސްކޫލް ނިމުމުން ދެން ބޭނުންވަރަކަށް އިސަތަށިގަނޑު ދިގު ކުރެވޭނެތާއެވެ. އެކަމާމެދު ހިތްހަމަޖެހިފައި ހުރެ ރައުފަލް ލޯގަނޑު ކުރިމަތިން ދުރަށް ޖެހިލަމުން ކޮޓަރިން ނިކުތުމަށް ހިނގައިގަތެވެ.
ރައުފަލް ގޮސް ބަދިގެއަށް ވަތް ވަގުތު މުޅި ބަދިގެއިން ދުވަމުން ދިޔަ މީރު ވަހުން ކުއްލިއަކަށް ބަނޑުހައިކަން އިހުސާސުކުރެވެން ފެށިއެވެ. އޭރު ބަދިގޭގެ ކާމޭޒު ދޮށުގައި ބައްޕައާއި ރާޔާގެ އިތުރުން ކުނިމޫނަކާއެކު ދޮންމަންމަވެސް އިނެވެ. ނަމަވޭސް އެކަމާ އަޅާނުލާ ބައްޕަ ގާތު ހުރި ހުސް ގޮނޑިއާ ދިމާލަށް ރައުފަލް ހިނގައިގަތެވެ. އޭރު މޭޒު މަތީގައި ހުރި ކާތަށިތައް ހުހަށް ހުރުމުން ބައްޕަމެން ކައި ނިމުނީކަން ރައުފަލްއަށް އެނގުނެވެ.
ކާމޭޒު ދޮށުގައި ރައުފަލް އިށީނުމާއެކު ދޮންމަންމަ އިން ތަނުން ތެދުވެ މަންމައާއެކު ދާން ހިނގާށޭ ބުނެ ރާޔާވެސް ގޮވައިގެން ބަދިގެއިން ނިކުތެވެ. ދެކޮޅުހެދުމެއް ނެތި ރާޔާވެސް ދޮންމަންމައާއެކު ނިކުމެގެން ދިޔުމުން އެކުއްޖާ ހުރީ ހަމައަކަށް އެޅިފައިކަން ރައުފަލްއަށް އެނގުނެވެ.
"ހިނގާ ދޯ ކާން. ބައްޕަވެސް އަދި ކައި ނުނިމޭ" ދޮންމަންމަ ދިޔަތަން ބަލަންހުރެ ބޯހޫރާލުމައްފަހު ބައްޕަ އޭނަ އަށް ބަލާލަމުން ލުއި ގޮތަކަށް ހިނިތުންވެލިއެވެ. އަދި ގޮނޑިން ތެދުވެ ދުރުގައި ހުރި އުނދުން މަތީގައި ހުރި ބޮޑު ތެލިން ތައްޓަކަށް ނޫޑްލްސް އަޅާފައި ރައުފަލް ކުރިމަތީ ބެހެއްޓިއެވެ. އަދި ބައްޕަގެ ހުސްވެފައި ހުރި ތައްޓަށްވެސް އަލުން ނޫޑްލްސް އަޅައިގެން އައިސް އިށީނެވެ.
ހެނދުނު ސައިވެސް ނުބޯ ހުރެ ޓެސްޓަށް ދިޔަ ރައުފަލް ބަނޑުހައިވެފައި ހުރިލެއް ބޮޑުކަމުން އިތުރު ވާހަކައެއް ނުދައްކާ ކާން ފެށިއެވެ.
"ދަރިފުޅު ކޮން ވާހަކައެއްތަ އޭރު ބުނަން އުޅުނީ؟" ރައުފަލް ކައި ނިމެން އުޅެނިކޮށް ބައްޕަ އަހާލިއެވެ. ކާން ބޭނުންކުރި އުލާއި ސަމުސާ ތަށިތެރެއަށް ދޫކޮއްފައި ރައުފަލް ބައްޕައަށް ނަޒަރެއް ދިނެވެ. އަދި މޭޒުމަތީ ހުރި ފުޅިން ބިއްލޫރި ތައްޓަކަށް ފެންއަޅައިފައި ފެންފޮދެއް ބޯލިއެވެ.
"އެއީ މި ބޮޑު ޗުއްޓީގަ އައިކްގޭގަ އަޅުގަނޑު އުޅެން ދިޔަސް އެންމެ ރަނގަޅުތޯ އަހާލަން ވެގެން" އަތުގައި އިން ފެންތަށި މޭޒު މަތީގައި ބަހައްޓަމުން ބައްޕައަށް ނަޒަރެއް ދީފައި ރައުފަލް ބުނެލިއެވެ.
"އައިކްގެ މަންމަ މެން މިރޭ މާލެ ދާން ފުރާނެ. އައިކްގެ އިތުރުން ގޭތެރޭ މަސައްކަތް ކުރާ އުބޭދް އެގޭގަ އުޅޭނީ. މީ ދެން އަނެންހެން ބުނަންޏާ މިކަހަލަ ގޮތަކަށް މަޖާ ކޮއްލެވޭނެ އެންމެ ފަހު ޗުއްޓީ. ބަންދު ނިމުނީމަ އައިކްވެސް ކިޔަވަން މާލެ ދާނެ." ބައްޕަގެ މޫނަށް ބަލަން އިނދެ ރައުފަލް އިތުރު ތަފްސީލު ދިނެވެ. އޭނަ ވާހަކަ ދައްކައި ނިމުމުން ބައްޕަ އެއްޗެކޭ ނުބުނެ ވިސްނުމެއްގައި މިނެޓުތަކެއް ހޭދަވިއެވެ.
ބައްޕަ ދޭނެ ޖަވާބެއްގެ އިންތިޒާރުގައި ރައުފަލް ހުރީ އޭނަގެ އެދުމަށް ބައްޕަ އާއެކޭ ބުނޭތޯ ހިތާއި ހިތުން ދުއާ ކުރަމުންނެވެ. ގޭތެރޭގެ ކަންތައް އޮތް ގޮތުން މަދު ދުވަސްކޮޅަކަށް ނަމަވެސް އެގެއާ ދުރަށް ދެވިއްޖެ ނަމަ އޭނަގެ ބޮލަށްވެސް ހާދަ ފަސޭހަވާނެއެވެ. އަނެއްކޮޅުން ޗުއްޓީގައި އެންމެ މަޖާ ނެގޭނީވެސް އޭނަ އައިކްގެ ގެއަށް އެދުވަސްކޮޅު ބަދަލުވެގެންނެވެ. ނޫނީ އެމީހުން ރާވައިފާވާ ގޮތަށް ބޮޑެތި ގޭމް މެރަތޮންތައް ރޭގަނޑު ދަންވަންދެން ކުޅޭކަށް ނުތިބެވޭނެއެވެ. އޭނަގެ އަމިއްލަ ގޭގައި އުޅޭނަމަ ރޭގަނޑު އެގާރަ ޖަހަންވާއިރަށް ގެއަށް އަންނަން ޖެހޭނެތީއެވެ.
"އެންމެ ރަގަނޅު. ބައްޕަގެ މައްސަލައެއް ނެތް." ބައްޕަގެ ޖަވާބު އިވުމުން ވީއުފަލުން ރައުފަލްއަށް ހިނިތުންވެވުނެވެ.
"އެކަމަކު ހަނދާންކޮށް ބަރާބަރަށް ނަމާދު ކުރާތި. ފަތިސް ނަމާދަށް ބައްޕަ ގޮވަން ނެތަސް އެލާމަށް ލައިގެންވެސް ތެދުވާތި. ދެން ޗުއްޓީގަ މަޖާ ކުރާއިރު ވަކި ހައްދެއްގެ މަތިން މަޖާ ކުރަންވާނީ އިނގޭ. މި ބުނީ ނަމާދު އަޅާފަ ނޫނީ އަންހެންކުދިންނާ މަސްހުނިވެގެން ކުރާ މަޖާތަކުގެ ވާހަކަ. އެކަހަލަ ކަމެއް ނުކުރާތި. މިކަންތަކަށް އެއްބަސް ވާނަމަ ބައްޕައަށް އޯކޭ.“ ބައްޕަ ބުނި ކަންތަކަށް އެއްބަސްވެ ރައުފަލް ބޯޖަހާލީ އެއީ އޭނައަށް ކުރެވޭނެ ކަންތައްތަކެއް ކަން ޔަގީންވީތީއެވެ.
”އޯކޭ އެހެންވީމަ އައިކް ބުނާ ގަޑިއެއްގަ މިއަދު އަޅުގަނޑު އެގެއަށް ދާނަން."
"އެކަމަކު ދަރިފުޅު ދިޔުމުގެ ކުރިން ކައިނިމިގެން ބައްޕައަށް ކުޑަ ކަމެއް ކޮއްދޭން އެބަޖެހޭ. ވާނެތަ؟" ބައްޕަ ކާން އިން ތަށިތެރެއަށް އުލާ ސަމްސާ ދޫކުރުމައްފަހު ފެންތައްޓެއް ނަގަމުން އަހާލިއެވެ.
ރައުފަލް އާއެކޭ ބުނުމުން ބައްޕަ އެދުނީ ކައި ނިމިގެން ގޭގެ ބިއްދޮށުގައި ބައްޕަ މަސައްކަތްކުރާ ތަނަށް އައުމަށެވެ.
ގޭގެ ބިއްދޮށުގައި ކުޑަ ވޯކްޝޮޕެއްހެން ހެދިފައިވި އެތަނަކީ ބައްޕަ އިތުރު އާމްދަނީއެއް ހޯދުމުގެގޮތުން ފަހަކުން ފަށައިގެން އުޅޭ މަސައްކަތެކެވެ. އެގޮތުން މީހުންގެ އެދުމަށް މީހުން ބޭނުންވާގޮތަށް މޭޒު ގޮނޑި ފަދަ ތަކެތި ރަނގަޅު އަގެއްގައި ޖަހައިދިނުމުގެ މަސައްކަތެވެ. ނަމަވެސް އެފަދަ އެއްޗެއް ހެދުމުގެ އޯޑަރެއްވެސް ބައްޕައަށް ލިބެނީ ހާލަކުން ފަހަރަކުއެވެ.
ރައުފަލް އެތަނަށް ދިޔުމުން ބައްޕަ އެދުނީ ބައްޕަ ޖަހަމުންދިޔަ މޭޒުގެ އެންމެ ފަހު މަސައްކަތުގައި އެހީތެރި ވެދިނުމަށެވެ. ޓެސްޓަށް ތައްޔާރުވާން ރޭގަނޑުގެ ބޮޑުބައި ހޭލާ ހުރި ރައުފަލް ވަރުބަލިވެ ނިދިއައިސްފައި ހުރި ނަމަވެސް އެމަސައްކަތުގައި ބައިވެރިވެ ބައްޕައަށް އެހީވާންފެށިއެވެ.
"އައްސަލާމްއަލައިކުމް. ކޮބާތަ މިގޭ މީހުން؟"
ބައްޕައާ އެކު މަސައްކަތުގައި ރައުފަލް އުޅެނިކޮށް މީހަކު ސަލާމްގޮވަމުން ގޭގެ ބިއްދޮށަށް ވަދެގެންއައި އަޑުއިވުނެވެ. އެމީހާގެ އަޑުން އެކަނިވެސް އެއީ ކާކުކަން އެނގުމުން ރައުފަލް މޫނު އަނބުރައި އެދިމާލަށް ދިމާލަށް ނަޒަރެއް ދިނެވެ. އެހިނދު ފުޅާ ހިނިތުންވުމެއްގައި އެދިމާލަށް އަންނަމުން ދިޔައީ ބައްޕަ ފަރާތު ބޮޑުބޭބެއެވެ.
ބޮޑުބޭބެ ރިޒާއަކީ ބައްޕައާ އެއްބަނޑުއެއްބަފާ ހަމައެކަނި ބޭބެއެވެ. ބައްޕައަށްވުރެ ނުވަ އަހަރު ދޮށި ބޮޑުބޭބެއަކީ ހިތްހެޔޮ ރަނގަޅު މީހެކެވެ. ބައްޕައާ ރައުފަލް އަދި ކޮއްކޮ ރާޔާ ދެކެވެސް ބޮޑުބޭބެ ނިކަން ލޯބިވާނެއެވެ. ބޮޑުބޭބެއަކީވެސް އަތްމަތި އެހާ ތަނަވަސް ނޫން މީހަކަސް ވީވަރަކުން އެމީހުންނަށް އެހީތެރިވެދީ ރައުފަލްއާ ރާޔާއަށް ދޭތެރެ ދޭތެރެއިން ހަދިޔާ ގެނެސްދޭނެއެވެ.
"ވާލައިކުމްސަލާމް. ބޭބެ ހާދަ ގިނަ ދުވަސްކޮއްލާފަ ތިއައީ މިގެއަށް؟" ކުރަންހުރި މަސައްކަތް މެދުކަނޑާލުމައްފަހު ބޮޑުބޭބެ ރިޒާއާ ކޮނޑާކޮނޑު ޖައްސައި ބައްޕަ ސަލާމްކޮއްލިއެވެ.
"އާން ވަރަށް ބިޒީކޮއް އުޅެފަ މާލެ ދަތުރެއްވެސް ދާން ޖެހުނީމަ އާދެވޭ ގޮތަ ނުވީ. ކިހިނެއް ހުރިހާ ކަމެއް؟ ރައުފަލް ދަރިފުޅު ކިހިނެއް؟ ކޮބާތަ ކޮއްކޮ؟ އަން މިހުރީ ރައުފަލްއާ ރާޔައަށް މާލެއިން ގެނަ ހަދިޔާކޮޅެއް." ބޮޑުބޭބެއަށް ރައުފަލް ފެނުމާއެކު ހިނިތުންވެފައި ހުރެ އެއްފަހަރާ ސުވާލުތަކެއް އަމުނާލުމަށްފަހު ބޮޑުބޭބެގެ އަތުގައި އޮތް ހަދިޔާ ކޮތަޅު ދިއްކޮއްލިއެވެ. ރައުފަލްވެސް ލުއި ހިނިތުންވުމަކާއެކު ބޮޑުބޭބެ ދިއްކޮއްލި ބޭރު ނުފެންނަ ބޮޑު ކޮތަޅުގައި ހިފިއެވެ.
"ދަރިފުޅު ދޭބަލަ ކޮތަޅު އެތެރެއަށް ލާފަ ސިޓިންރޫމްގަ އޮތް ކަށިގަނޑު ހިފައިގެން އަންނަން." ބައްޕަ ބުނުމުން ރައުފަލް ހިނގައިގަތީ ގޭގެ ބިއްދޮށު ދޮރުން އެތެރެއަށް ވަންނާށެވެ. ހަލުވި ފިޔަވަޅުތަކެއްގައި ރައުފަލް ގޮސް ބޮޑުބޭބޭ ދިން ހަދިޔާ ކޮތަޅު ސިޓިންރޫމްގައި ހުރި މޭޒެއް މަތީ ބަހައްޓާފައި އެމޭޒު ދަށުގައި އިން ފޮއްޓަކުން ބައްޕަ ގެނެސްދިނުމަށް ބުނި ކަށިގަނޑު ނަގައިގެން އަނެއްކާވެސް އައި ދިމާލަށް ހިނގައިގަތެވެ. ނަމަވެސް އެދޮރާ އަރާ ހަމަވިވަގުތު އިވުނު ނަމެއްގެ އަޑުން އޭނަގެ ފިޔަވަޅުތައް ހުއްޓުނެވެ.
........
ތަނަވަސް ކޮޓަރިއެއްގައި ހުރި ބޮޑު އެނދުމަތީގައި ފޮއްޓެއް ބޭއްވިފައި އޮތެވެ. އެފޮށި ކުރިމަތީގައި ހުރި އަންހެން ކުއްޖާ އެނދުމަތީގައި ފަތްޖަހާފައި ހުރި ހެނދުންތަކެއް ފޮއްޓަށް އަޅަމުން ދިޔައެވެ. އެކުއްޖާ އެންމެ ފަހު ހެނދުން ފޮއްޓަށް ލައި ފޮށީގެ ޒިބު އަޅުވާލި ވަގުތު އޭނަގެ ކޮޓަރީގެ ދޮރުގައި ޓަކި ޖެހި އަޑު އިވިގެން ދިޔަވެ.
"ހުޅުވާފަ ހުރީ. ވަދޭ" އަންހެން ކުއްޖާގެ އަޑަށް އެދޮރު ހުޅުވިގެން ދިޔައެވެ. އެހިނދު ހުޅުވާލެވުނު ދޮރުން އެތެރެއަށް ވަދެގެން އައީ މޫނު މަތިން އެކުއްޖާއާ ވައްތަރު ގޮތެއް ހުރި ޒުވާނެކެވެ.
"ކީކޭ ދޮންބޭ؟" އެކުއްޖާ އެނދުމަތިން ފޮށި ނަގައި ބިންމަތީގައި ބެހެއްޓި ވަގުތު އޭނަގެ ދޮންބެ ފެނުމުން އަހާލިއެވެ.
"މާދަމާ ހެނދުނު އަށެއް ޖަހާއިރު ޗެކިން އިނީ. ވާނެ ހަތްގަޑި ބައިވުމުގެ ކުރިން ނައްޓާލަން. މަލްކޮ ޕެކްކޮށް ހުރިހާ ކަމެއް ރެޑީދޯ؟" މަލަކްގެ ދޮންބެ ވާހަކަ ދައްކަމުން ގޮސް އެނދުމަތީގައި އިށީންނަމުން ސުވާލުކޮށްލިއެވެ.
"އާން މި ނިމުނީ ހަމަ" މަލަކް އޭނަގެ ފޮށި އެނދުމަތިން ނަގާ ބިންމަތީގައި ބެހެއްޓިއެވެ. އަދި ދޮންބެ މަލްހާންއާ ޖެހިގެން އެނދުގައި އިށީނެވެ.
"ރިބާ ވެސް ރެޑީތަ؟ ބުނީ އެންމެ ފަހުން ހުރާއަށް ދިޔަ ދުވަހު ހެން އޭނަ ރެޑީ ނުވެގެން ފުރުން ލަސްވާނީތަ؟" މާޒީގެ ދުވަހެއް މަތިން ހަނދާން އާކުރަމުން މަލްހާން އަހާލިއެވެ. މަލަކް ހެވިފައި އިނދެ އޭނަގެ ފޯނު ނަގައި ފޮޓޯ ގަނޑެއް ދައްކާލިއެވެ.
"ރީވް އިޒް ރެޑީ. އަހަރެން އެވަރަށް ކިޔައިގެން މިރޭ ޕެކްކޮއްފަ މި އޮތީ ޕްރޫފްވެސް ފޮނުވާފަ" މަލަކް ދެއްކި ފޮޓޯގަނޑުން ފެންނަން އިން އަންހެން ކުއްޖާއަށް ބަލާލާފައި މަލްހާންވެސް ހިނިތުން ވެލިއެވެ.
ރީވާ އަކީ އެމީހުންނާ ދެބެންގެ ދެދަރި ކުއްޖެކެވެ. އަހަރީ ޗުއްޓީ ތަކުގައި މަލަކާއާ ރީވާ އަބަދުވެސް ޗުއްޓީ ހޭދަ ކުރަން ތަންތަނަށް ދާނީ ދެމީހުން އެކުގައެވެ. އެފަދަ ދަތުރު ތަކުގައި އެދެކުދިންނާއެކު މަލްހާން ދިޔުން ލާޒިމް ކުރަނީ އެމީހުންގެ މައިންބަފައިންނެވެ. ދެ އަންހެން ކުދިން އެކަނި ތަންތަނަށް ފޮނުވަން ބޭނުން ނުވާތީއެވެ.
"އޯކޭ އެހެންވީމަ އަވަހަށް ނިދާތި މިރޭ. ހެނދުނު ހެނދުނާ ހޭލަން ޖެހޭނެ. ހެނދުނު އަށެއް އެއީ މިޒަމާނުގެ ކުދިންނަށް ނިކަން ދަން ގަޑިއެއް ވިއްޔަ" އިން ތަނުން ތެދުވެ މަލްހާން ތެދުވެ ކޮޓަރިން ނިކުންނަމުން ބުނެލިއެވެ.
"އެހެން ބުނާއިރު ދޮންބެ އެއީ މި ޒަމާނު މީހެއް ނޫންތަ؟" ދޮންބެ ނިކުމެގެން ދިޔުމުން މަލަކް އަމިއްލަ ނަފްސަށް ބުނެލިއެވެ.
މަލަކް އޭނަގެ އެނދުމަތީގައި އޮތް ފޯނު ނަގައިގެން ހިނގައިގަތީ ކޮޓަރީގެ ވާތް ފަރާތުގައި ހުރި ކިޔަވާ މޭޒާ ދިމާލަށެވެ. އެ މޭޒުމަތީގައި އޮތީ ކެމެރާއެކެވެ. އެއީ ފެންވަރު ހުރި ފޮޓޯ ނެގޭނެ ފަދަ އަގު ބޮޑު ކެމެރާއެއް ކަން ބަލާލުމުން ވެސް މީހަކަށް އެނގޭނެއެވެ.
މަލަކް ގޮސް އެ ކެމެރާ ނަގައި އޭނާގެ މޭޒުމަތީގައި އޮތް ކެމެރާ ލުމަށް ހާއްސަ ދަބަހަށް އޭތި ލިއެވެ. އަދި ފަރުވާތެރި ކަމާއެކު ޒިބު އަޅުވައި މަޑުމަޑުން މޭޒުމަތީގައި އިހު އޮތް ގޮތަށް ބޭއްވި އެވެ. މަލަކްގެ އަމަލުތައް ހުރި ގޮތުން އޭނަ އެ ކެމެރާ ގެންގުޅެނީ ނިކަން ފަރުވާތެރި ކަމާއެކު ކަން އެނގޭނެ އެވެ.
މަލަކްގެ ކިޔަވާ މޭޒުގެ ފަހަތުން ފެންނަމުން ދިޔަ ފާރު ފުރެންދެން ވަނީ އެކި އެކި ރީތި މަންޒަރުތަކުގެ ފޮޓޯތައް ފްރޭމް ކުރެވި ފައެވެ. އެއިން ކޮންމެ ފްރޭމް އެއްގެ ކަނެއްގައި ކުދި އަކުރު ތަކަކުން "ބައި މަލަކް" އޭ ލިޔެވިފައި ވެއެވެ.
އާދައިގެ މަތިން ފަހުރުވެރި ކަމާއެކު މަލަކް އެފޮޓޯ ތަކަށް ފުން ނަޒަރެއް ދިނެވެ. ފުރާވަރަށް އެރީއްސުރެ މަލަކްގެ ހިތުގައި ރީތި ފޮޓޯ ނެގުމަށް ޝައުގުވެރިކަމެއް އުފެދުނެވެ. އެކަން އެނގުމާއެކު އޭނާގެ މައިންބަފައިން ވަގުތުން އަގުބޮޑު ކެމެރާއެއް މަލަކްއަށް ހޯދައި ދިނެވެ. މަލަކްގެ ބައްޕަ ޝާކިރަކީ މާލޭގައި ކާމިޔާބު ވިޔަފާރިއެއް ކުރާ މީހެކެވެ. އެހެންކަމުން ތުއްތު އިރުއްސުރެ މަލަކް ބޭނުންވާ ކޮންމެ އެއްޗެއް އޭނައަށް ލިބެއެވެ.
އެފަދަ ތަނަވަސް ދިރިއުޅުމެއް ލިބިފައިވާ މަލަކް އޭނަގެ ކެމެރާ ހިފައިގެން ދުނިޔޭގެ އެކި ގައުމުތަކަށް ގޮސް އެތައް ރީތި މަންޒަރުތަކެއްގެ ފޮޓޯ ނަގައި ރައްކާކުރިއެވެ. ރާއްޖޭގެ ރައްތަކަށްވެސް ގޮސް ގުދުރަތީ ތަންތަނުގެ ފޮޓޯ ނެގުމަކީ މަލަކް ނިކަން ކުރާހިތްވާ ކަމެކެވެ. މި ޗުއްޓީގައި ވެސް އޭނާ ދާން ހިޔާރުކުރި ރަށަކީ ބޮޑު ތުނޑިއަކާއި ކުޅި އެއް އޮންނަ ރަށެކެވެ. އެތަންތަނުގެ ފޮޓޯ ނަގާ ހިތުން މަލަކް ވަނީ ކެތްމަދު ވެފައެވެ. ފުރުމުގެ ކުރިން ކެމެރާ ރީއްޗަށް ސާފުކޮށް ޕެކްކުރީ ވެސް އެސަބަބާއި ހުރެ އެވެ.
ފުރުމުގެ ކުރިން ވާންޖެހޭ ހުރިހާ ތައްޔާރީތަކެއް ވެ ނިމުމުން މަލަކް ފޯނު ހިފައިގެން ގޮސް އެނދުގައި އޮށޯތެވެ. ފޯނުން އިންސްޓަގްރާމް ހުޅުވައިގެން އޭނަ ނަގާ ފޮޓޯތައް ލާން ހާއްސަކޮށް ހުޅުވާފައިވާ ޕޭޖަށް މީހުން ދީފައިވާ ލައިކް ތަކާއި ކޮމެންޓުތައް މަލަކް ބަލަން ފެށިއެވެ. އެންމެ ފަހުން އޭނާ ޕޯސްޓު ކޮށްފައިވާ އިރުއޮއްސޭ މަންޒަރުގެ ފޮޓޯގަނޑަށް މީހުން ކޮށްފައިވާ ކޮމެންޓުތައް ކިޔަމުން ދިޔަ އިރު މަލަކްގެ މޫނުމަތީގައި ވީ އުފާވެރި ހިނިތުންވުމެކެވެ. މީހުންގެ ފަރާތުން އޭނައަށް ލިބޭ ތައުރީފް ގެ ބަސްތައް މަލަކް ނިކަން އަހާ ހިތްވެ އެވެ.
މަލަކް އެކޮމެންޓުތައް ސްކްރޯލް ކުރަމުން ދަނިކޮށް އަންހެން ކުއްޖަކު އޭނާއަށް ޓެގް ކޮށްފައި އިން ކޮމެންޓެއް ފެނުނެވެ. އޭގައި އެކުއްޖާ ބުނެފައި ވަނީ އެރަށުގެ ތުނޑީގައި އިރުއޮއްސޭ މަންޒަރު ފެންނަލެއް ވަރަށް ހިތްގައިމު ކަމަށެވެ. އެކުއްޖާ އެރަށުގެ ނަންވެސް ޖަހާފައި އޮތުމުން މަލަކް އެއީ ކޮން ރަށެއްތޯ ބަލާލިއެވެ. އެހިނދު މަލަކްގެ ތުންފަތް މަތީގައި ކުޅެލީ އުފާވެރި ހިނިތުންވުމެކެވެ.
..........
ރޭގަނޑު އިޝާ ނަމާދަށްފަހު ރައުފަލް ކޮޓަރީގެ އެނދުމަތީ އޮތް އޭނަގެ ބެކްޕެކަށް އެންމެ ފަހުގެ ހެދުން ލައި ޒިބު އަޅުވާލިއެވެ. އަދި އެނދުމަތީގައި އޮތް އޭނަގެ ފޯނު ނަގައިގެން ބެކްޕެކް ކޮނޑުގައި އަޅުވާލަމުން ކޮޓަރިން ނިކުތެވެ. އެހިނދު ގޭތެރެއިން އެއްވެސް މީހެއްގެ ހިލަމެއް ނުވެއެވެ.
އަވަސް ފިޔަވަޅުތަކެއްގައި ރައުފަލް ގެއިން ނިކުމެ އައިކްގެ ގެއާ ދިމާލަށް މިސްރާބުޖެހި އެވެ. ރޭގަނޑުގެ އިރާކޮޅު ނަމަވެސް މަގުމަތިން މީހުން ފެންނަމުން ދިޔައީ އަތުގެ އިނގިލިތަކުގެ ގުނާލެވޭހާ މަދުންނެވެ. ބޮޑު މަގުތަކުގައި ހޮޅިދަނޑީގެ އަލިން ދިއްލިފައިވީ ނަމަވެސް ކުދި ކުދި މަގުތަކުގައި ވީ ފުން އަނދިރިކަމެވެ. އެފަދަ މަގުތަކުން ރޭގަނޑު ހިނގަން އާދަވެފައި ހުރި ރައުފަލްގެ ހިތުގަ ބިރުވެރިކަމުގެ ކަންފުޅެއްވެސް ނެތެވެ. ނަމަވެސް އޭނާގެ ސިކުނޑި ވީ ހައިޖާނެއްގެ ތެރޭގައެވެ. ބޮޑުބޭބެ އާއި ބައްޕަ މިއަދު ދެއްކި ވާހަކަތައް ރައުފަލްގެ ކަންފަތަށް އެވަގުތު ވެސް އިވެމުން ދިޔަ ފަދައެވެ.
"ބޭބޭ އަހަރެން މިހާރު މި އުޅެނީ މީހަކާ އިނދެގެން. ދަރިއެއްވެސް އެބަހުރި. އެހެންވީމަ މެހްރީންގެ ވާހަކަ އަހަރެން ގާތު ނުދައްކާ." ބައްޕަގެ އަޑުގައިވީ ހިތްހަމަނުޖެ ހުމެވެ. ނަމަވެސް އެއަށްވުރެ ބޮޑަށް ރައުފަލްގެ ސަމާލުކަން ހުއްޓުނީ ބައްޕަގެ ދުލުން އިވުނު ނަމަށެވެ. އެތައް ދުވަހަކަށްފަހު މަންމަގެ ނަން އިވުމުބް ރައުފަލްގެ ހިތުގައި ޝައުގުވެރިކަމެއް އުފެދުނެވެ. ނަމަވެސް އޭނަ ފެނިއްޖެ ނަމަ އެވާހަކަ ކުރިއަށް ނުދާނެތީ ބައްޕައާ ބޮޑުބޭބެއަށް ނުފެންނެހެން ދޮރުކައިރީގައި ރައުފަލް މަޑުކޮއްލިއެވެ.
"ބަލަ ބޭބެއަށްވެސް ތިކަން އެނގެޔޭ. ބޭބެ ނުބުނަމެއްނު ގޮސް މެހްރީންއާ އިންނާށެކޭ. ބޭބެ މިބުނަނީ ރައުފަލްވެސް މިހާރު އެ ކިޔަވާ ނިމުނީއޭ. އެހާ މޮޅަށް ކިޔަވާ ކުއްޖަކަށް އިތުރަށް ތައުލީމު އުނގެނެވޭނެ ފުރުސަތުތައް ހޯދައިދޭންޖެހޭނެ. އެހެންވީމަ ރަނގަޅު ގޮތަކީ އެސޮރުވެސް ކިޔަވަން މާލެ ފޮނުވުން. އެކަމަކު އެވަރު ފެންވަރެއް އަހަރުމެން ކިބަޔަކު ނެތް. އެހެންވީމަ އެފެންވަރު ހުރި މާލޭގަ ދިރިއުޅޭ އެސޮރުގެ މަންމައާ މިކަމާ ގުޅޭގޮތުން ވާހަކަ ދެއްކިއްޔާ ދޯ ރަނގަޅުވާނީ"
"މިހުރިހާ ދުވަސްވި އިރުވެސް ދަރިފުޅު ދެކެން ނައި މައެއް ގާތު އެދަރިފުޅުގެ މުސްތަގުބަލާ ބެހޭގޮތުން ވާހަކަ ދައްކާކަށް އަހަރެން ބޭނުމެއް ނޫން. ﷲގެ އިރާދަފުޅުން މެހްރީންގެ އެއްވެސް އެހީއަކާނުލާ ވެސް ފަހި ފުރުސަތުތަށް ހުޅުވި ރައުފަލްއަށް މޮޅަށް ކިޔެވޭނެ." ބައްޕަ އެހެން ބުނުމުން ބޮޑުބޭބެ އެއްޗެކޭ ނުބުނެ ހުރިގޮތުން އެހިސާބުން އެވާހަކަ ނިމުމަކަށް އައީހެން ރައުފަލްއަށް ހީކުރެވުނެވެ. ނަމަވެސް ދިގުދެމިގެން ދިޔަ ސިކުންތުތަކަށްފަހު އަނެއްކާވެސް ބޮޑުބޭބެގެ އަޑު އިވުނެވެ.
"އެކަމަކު ކީއްވެބާ މެހްރީން އެސޮރު ދެކިލަންވެސް ނައިސް އެހުންނަނީ. ގައިމު އެއީ ހިތް ހަރު ނުބާ އަންހެނެއް ނޫން. ބޭބެ އަކަށް އެއްގޮތަކަށްވެސް ނުވިސްނޭ ވަރިއަށްފަހު އެސޮރުގެ ހާލުބަލާ ނުލާ މެހްރީންއާ އެއާއިލާގެ މީހުން އެއުޅޭ ގޮތެއް. އަނެއްކާ އެސޮރު ވާނީ އެއާއިލާގަ ހުރި ހަމައެކަނި ފިރިހެން ދަރި އަށް. އެމީހުންގެ އެބޮޑު ވިޔަފާރިވެސް ހިންގުމުގެ ޒިންމާ އުފުލޭވަރުގެ މޮޅު ކުއްޖަކަށް ރައުފަލް ވާނެ. އެކަމަކު އެމީހުން އެކަހަލަ ވިސްނުމެއް ގެންގުޅޭ ހެނެއް ހިޔެއް ނުވޭދޯ؟" ބޮޑުބޭބެގެ ވާހަކަތައް އިވިފައި ރައުފަލްގެ ދެބުމަ ކާރިވެގެން ދިޔައެވެ. އޭނައަށް މަންމަގެ އާއިލާއާ ބެހޭގޮތުން އެއަޑުއިވުނީ މުޅިން އާ ވާހަކަތަކަކަށް ވުމުންނެވެ. އޭނައަށް މަންމަ ފަރާތު އާއިލާގެ މީހުންނާ ބެހޭގޮތުން އެއްވެސް އެއްޗެއް ނޭނގި ހުރީ ބައްޕަ ދުހަކުވެސް އެމީހުންގެ ވާހަކަ ކިޔާދީފައި ނުވާތީއެވެ.
"އާން އެހެންނޫންނަމަ ރައުފަލްގެ ހާލު ބަލާލަންވެސް ގުޅާނެތާ. އެކަމަކު ނުބެލިޔަސް އަހަރެންގެ މައްސަލައެއް ނެތް. އެމީހުންގެ ވިޔަފާރިވެސް ހިންގާނެގޮތެއް އެނގޭނީ ހަމަ އެމީހުންނަށް. އެއީ ކޮންމެހެން ރައުފަލްގެ ހައްގެއްވެސް ނޫން. ހައްގު ނޫން އެއްޗެއް ހޯދައިދޭން ބޭކާރު މަސައްކަތެއް ކުރާކަށް އަހަރެންވެސް ނޫޅެން. ބޭބެވެސް ދެން މިވާހަކަ އިތުރަށް ދައްކަން ނަހަދާ." އެހިސާބުން އެވާހަކަ ނިމުމަކަށް އައީއެވެ. ނަމަވެސް އެވާހަކަތައް ރައުފަލްގެ ސިކުނޑީގައި ބިންވަޅު ނެގިގެން ދިޔައެވެ.
އެކަމާ މެދު ވިސްނަމުން ދިޔަ ރައުފަލްއަށް އައިކްގެ ގެއާ ހަމައަށް އާދެވުނުއިރު ވެސް ރޭކާ ނުލިއެވެ. އޭނަގެ އަމިއްލަ ހިޔާލުތަކުން ބޭރުވެވުނީ އައިކްގެ ނުރުހުންތެރި އަޑު އިވުމުންނެވެ.
"ޕްލީސް އުލްފާއަށް ހީވޭތަ އަހަރެން އެކަހަލަ ވިޔާނުދާ ވާހަކައެއް ދައްކަފާނެހެން. އޭނަ އެހަދަނީ ހުސްދޮގު. އެކަންވެސް ގަބޫލު ނުކުރެވިގެން ތި އުޅެނީ އޭނަ ކޮންމެވެސް އެއްޗެކޭ ކިޔައިގެން އުޅޭތީ ދޯ. ލުކް އެކުވެރިއެއްގެ ހައިސިއްޔަތުން މި ބުނަނީ ހީ އިޒް ނޮޓް ވިތް އިޓް އުލްފާ.. އޭނަ ދޫކޮއްލިއްޔާ މާރަނގަޅުވާނެ.." އެމީހުން ތިބި ހިސާބާއި ކާރި ވަމުންދިޔަ ވަގުތު އެ އަޑު ސާފުކޮށް ރައުފަލްއަށް އިވުނެވެ.
ނުނިމޭ
0%
0%
0%
0%
0%
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
9 އެޕްރީލު 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
22 އެޕްރީލު 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
7 މޭ 2024
0