16 ނޮވެންބަރު 2024
0
ކުރިއަށް އޮތް ތަނުގައި ވާނެ ގޮތެއް ނޭނގުނު ނަމަވެސް މަލަކަށް އެނގޭހާވެސް އެއްޗަކީ އޭނަގެ ހަޔާތުގައި ރައުފަލް ބަހައްޓަން ބޭނުންވާކަމެވެ.
.........
ޖެހިގެން އައި ދުވަހު މެންދުރު ވާން ގާތްވެގެން ދިޔަ އިރުވެސް މަލްހާންގެ ރޫމްތެރެއަށް ވެރިވެފައިވީ އަނދިރިކަމެވެ. އެނދުމަތީގައި ސީލިންގަށް ނަޒަރު ހުއްޓާލާއިގެން އޭނާ އޮތީ ފުން ވިސްނުމެއްގައެވެ. އެހެން އޮވެއޮވެފައި މަލްހާން ފުން ނޭވާއެއް ދޫކޮށް ދެލޯ މަރާ ބާރުކޮށްލިއެވެ. އެއައްފަހު ދެލޯ ހުޅުވުމެއް ނެތި ކަނާތްފަރާތަށް އެނބުރުނީ އޭނަގެ ސިކުނޑީގައި އެނބުރެމުން ދިޔަ ހިޔާލުތަކަށް ފުރަގަސްދޭ ފަދައަކުންނެވެ.
"ކިހިނެއްވީ؟ ގިފްޓް ކަމުނުދަނީތަ؟" ފަސް އަހަރުކުރިން ރޭގަނޑުގެ ވަގުތު ހާމައަށް އޮތް ރެސްޓޯރެންޓެއްގެ ކަނެއްގައި ހުރި މޭޒެއް ދޮށުގައި އިން މަލްހާން އަހާލިއެވެ. އޭނަގެ ކުރިމަތީގައި އިން ރޫހީންގެ އަތުތެރޭގައި ފަށުފުލަކަށް ކުޑަކުޑަ ދެ ހިތް ލެވިފައިވި ރިހި ފަށެއް އޮތެވެ.
"ނޫން... ވަރަށް ރީތި" މަޑު އަޑަކުން އެހެން ބުނެފައި ރޫހީން އެފަށް މޭޒުމަތީގައި ބޭއްވިއެވެ. ރޫހީންގެ އެއަމަލާއި އޭނަގެ ޖަވާބު އައި ގޮތުން މަލްހާންގެ ދެބުމަ ކާރިވެ ނިތުގައި ރޫތައް ގިނަވިއެވެ. އޭނަ ހީކުރީ މިދުވަސްކޮޅު ރޫހީންގެ މިޒާޖަށް ބަދަލުތަކެއް އައިސްގެން އުޅެނީ އޭލެވެލް އިމްތިހާނުގެ ސަބަބުން ދެމީހުންނަށް އެކުގައި ހޭދަ ކުރެވޭ ވަގުތު މަދުވުމުންކަމަށެވެ. އެހެންކަމުން އޭލެވެލްގެ އެންމެ ފަހު ޓެސްޓު ނިމުނުހާ އަވަހަށް މަލްހާން އެހާ ލޯބިން ހަދިޔާއެއް ގަނެފައި ރޫހީންއާއި ބައްދަލުކުރީ ރޫހީންގެ މޫނުމަތިން އުފާވެރިކަން ފެންނާނެ ކަމުގެ އުންމީދުގައެވެ. ނަމަވެސް އޭނަ އުންމީދުކުރި ފަދައިން ކަންތައް ނުވުމުން ރޫހީންއަށް ވެގެން އުޅޭ ގޮތެއް އޮޅުންފިލުވަން އޭނަ ބޭނުންވިއެވެ.
"ރޫހީ...." މަލްހާން ފުން ނޭވާއެއް ދޫކޮށްފައި ނިކަން ލޯބިން ރޫހީންއަށް ގޮވާލަމުން އޭނަގެ އަތް އުފުލައި މޭޒުމަތީގައި އޮތް ރޫހީންގެ އަތުގައި ހިފާލިއެވެ.
"ކޮންމެވެސް ކަމެއް ވެފަ ތިހުރީ... ނޫންތަ؟ ކިހިނެއްވީ؟ އަހަރެން ގާތު ބުނެބަލަ.. އޭރުންނެއްނު އަހަންނަށް ވެސް ރޫހީގެ ހިތްހަމަޖައްސައި ދެވޭނީ" ރޫހީންގެ އަތުގައި ފިރުމާލަމުން މަލްހާން ވާހަކަދެއްކިއެވެ. ނަމަވެސް ރޫހީން ބަހެއް ނުބުނެ އިންނަން ފެށުމުން މަލްހާން ދެވަނަ ފަހަރަށް ރޫހީންގެ ނަމުން ގޮވާލިއެވެ.
"އަހަރެން.... އަހަންނަށް ހަމަ ވިސްނެނީ...މުސްތަގުބަލާމެދު ވިސްނެނީ.." ރޫހީން އިސްއުފުލައި މަލްހާންއަށް ބަލާލިއެވެ.
"އަހަރުމެން ދެމީހުން ވަކިވާންޖެހޭ ދުވަހެއް އައިސްފިއްޔާ ކިހިނެއް ހަދާނީ؟" ރޫހީންގެ އެސުވާލާއެކު ދެލޯ ފެންކަޅިވެގެން ދިޔަ މަންޒަރު ފެނުމުން ކަންބޮޑުވެގެން ދިޔަ ހިތަކާއެކު މަލްހާންއަށް ހިފަހައްޓައިގެން ހުރީ ރޫހީންގެ އަތަށް ބާރުކޮށްލެވުނެވެ.
"އެކަހަލަ ދުވަހެއް އަތުވެއްޖެއްޔާ އަހަރެން ކޮންމެ ގޮތެއް ހަދާފަވެސް ރޫހީން ގާތަށް ދާނަން. އަހަންނަކަށް ރޫހީންއާ ވަކިން ދެނެއް ނޫޅެވޭނެ. އެއައްވުރެ މާބޮޑަށް އަހަރެން ރޫހީން ދެކެ ލޯބިވޭ."
އަމިއްލަ ދުލުން ބުނެވުނު ޖުމްލަތައް ކަންފަތުގައި ގުގުމައިގެން ދިޔުމުން މަލްހާންއަށް ދެލޯ ހުޅުވާލެވުނެވެ. އެދުވަހުގެ ހަނދާންތައް އާވުމުން އޭނަގެ ހިތުގައި ރިހުމެއް އުފެދުނެވެ. އޭނަ ރޫހީންދެކެ ލޯބިވާކަމާއި ރޫހީންއާއި ވަކިވާން ނޭދޭކަން އެތައް ފަހަރެއްގެ މަތިން އެދުވަހު ރޫހީންއަށް ބުނެދެވުނެވެ. ނަމަވެސް އެދުވަހު އެންމެ ފަހަރަކުވެސް ރޫހީންގެ މޫނުމަތިން އުފާވެރިކަމެއް މަލްހާންއަކަށް ނުފެނުނެވެ. މަސްނޫއީ ހިނިތުންވުންތަކެއް ހަދިޔާކޮށްފައި އެދުވަހު ރޫހީން ގެއަށް ދިޔައީ އޭނައާއި އެންމެ ފަހުގެ ސަލާމްކޮށްފައިކަން މަލްހާންއަށް އެނގުނީ ވެސް އޭގެ ހަފްތާއެއް ފަހުންނެވެ.
އެހިޔާލުތަކުން މަލްހާންއަށް ބޭރުވެވުނީ ސައިޑް ޓޭބަލް މަތީގައި އޮތް އޭނަގެ ފޯނު ކުއްލިއަކަށް ރިންގުވާންފެށި އަޑަށެވެ. ކަތްނެތްކަމާއެކު މަލްހާން ތެދުވެ އެނދުމަތީގައި އިށީންނަމުން އޭނަގެ ފޯނު ނެގިއެވެ.
"ހަލޯ... ކީކޭ މަންމާ؟" މަލްހާން ފޯނު ނަގައި ކަންފަތުގައި ޖައްސާލަމުން އެނދުގެ ހެޑްބޯޑުގައި ލެނގިލިއެވެ.
"ދަރިފުޅާ ކޮބާތަ ކޮއްކޮމެން ކޮންއިރަކުން އަންނަނީ؟ ފަޅު ރަށެއް ވީމަ ރޭންޖެއްވެސް ނުލިބެނީ ކަންނޭގެ ދޯ މަންމަ ބެލީމޭ ކޮއްކޮއަށް ގުޅޭތޯ. ނުގުޅުނު" އެކޮޅުން މަންމަގެ އަޑު އިވިގެންދިޔައެވެ.
"އާން... އަސުރަށް ވާއިރު އަންނާނެ މިކޮޅަށް" މަލަކްމެން ދަތުރު ނިންމާފައި އަންނާނެކަމަށް ބުނި ވަގުތު ހަނދާންކުރަމުން މަލްހާން ބުންޏެވެ.
"ދަރިފުޅު ކިހިނެއްތަ މިހާރު؟ ބަލި ރަނގަޅުތަ؟" މަންމަގެ އެސުވާލު އިވިފައި މަލްހާންއަށް ދެލޯ މަރާލެވުނެވެ. ދަތުރުނުދާންވެގެން އުޒުރަކަށް މަލްހާން އެންމެން ގާތުގައި ބުނީ އޭނަ ބަލިކަމަށެވެ. ދޮގުހަދަން ޖެހުމުން މަލްހާންގެ ހިތުގައި ނުތަނަވަސްކަމެއް އުފެދުނު ނަމަވެސް އޭނާ ހުރީ ދަތުރު ގޮސް މަޖާކުރެވޭ ވަރަށްވުރެ ބޮޑަށް ނަފްސާނީ ގޮތުން ވަރުބަލިވެފައެވެ.
"އާން މިހާރު ރަނގަޅު... މަންމާ އަޅުގަނޑު މި ދަނީ ފެންވަރާލައިގެން ނަމާދަށް ދާން ތައްޔާރުވާން" މަންމަގެ ސުވާލަށް ޖަވާބު ދިނުމަށްފަހު އެފޯނު ކޯލު ކުރުކޮށްލުމުގެ ގޮތުން މަލްހާން ބުނެލިއެވެ. ނަމާދުގެ ވާހަކަ އިވުމާއެކު މަންމަ ވަގުތުން އެންމެ ރަނގަޅޭ ބުނެ ފޯނު ބޭއްވުމުން މަލްހާންއަށް ހަމަޖެހުމުގެ ނޭވާއެއް ލެވުނެވެ. ފޯނު ބޭއްވުމައްފަހުވެސް އިރުކޮޅަކު އެހެން އިނުމަށް ފަހު އެންމެ ފަހުން އޭނަ އިންތަނުން ތެދުވެ ފާހަނައަށް ވަންނަން ދިޔައެވެ.
......
"ކިހިނެއްވީ މާވަރަކަށް ހެވިފަ ތިހުރީ؟" ތަނަވަސް ކޮޓަރިއެއްގެ ޑްރެސިންގް ޓޭބަލްއާއި ޖެހިގެން ހުރި ދިގު ލޯގަނޑު ކުރިމަތީގައި ހުރި ފިރާގު އަހާލިއެވެ. އެވަގުތު ލޯގަނޑުން ފެންނަމުން ދިޔައީ އޭނަގެ ފަހަތުގައި ހުރި ސޯފާގައި ފޯނު އަތައްލައިގެން އިން ޝިިފާނާއެވެ.
"މިއަދު އަހަރުމެންގެ ދަރިފުޅަކީ ނިކަން ބަސްއަހާ ސޯލިހު ރަނގަޅު ދަރިއެއް. އެކަން އެނގޭ ކޮންމެ ފަހަރަކު އަހަރެން ހާދަ އުފާވެޔޭ" ފުޅާ ހިނިތުންވުމެއްގައި ހުރި ޝިފާނާ ތެދުވެގެން އައިސް ފިރާގު ކުރިމަތީގައި ހުއްޓުނެވެ. އަދި ފިރާގު އަޅަމުން ދިޔަ ޓައީ އަމިއްލަ އަތުން އަޅުވައިދޭންފެށިއެވެ. ޝިފާނާގެ އެއަމަލުން ފިރާގަށްވެސް ހިނިތުންވެވުނެވެ.
"ހޫމް ތިބުނީ ތެދެއް...." ފިރާގު އެހިނިތުންވުންމަތީގައި ހުރެ ބުނެލިއެވެ.
"މިއުޅެނީ މަހޫއާއެއްކޮށް މެންދުރު ކެއުމަކަށް ދާންވެގެން. ފިރާގުވެސް މިއަދު މެންދުރު ކެއުން އޮތީ ބޭރުގަ ދޯ" ފިރާގުގެ ޓައީ އަޅުވައިދިނުމަށްފަހު ދުރަށް ޖެހިލަމުން ޝިފާނާ ބުންޏެވެ.
"އާން. ކްލަޔަންޓަކާއެއްކޮށް މިއަދު މެންދުރު ކެއުން އޮތީ... ޝިފާނާ އަހަރެން ދެން މިދަނީ މިސްކިތާ ދިމާލަށް އިނގޭ...މިއަދު ގެއަށް އާދެވޭ ވަރުވާނީ މަޢްރިބް ނަމާދަށް ފަހު ކަންނޭނގެ" ޑްރެސިންޓޭބަލް މަތީގައި އޮތް އޭނަގެ ފޯނާއި ކާރުގެ ތަޅުދަނޑި ނަގައި ޖީބަށް ލަމުން ފިރާގު ބުނެލިއެވެ. ޝިފާނާ އެންމެ ރަނގަޅޭ ބުނުމުން ފިރާގު އަވަސް ފިޔަވަޅުތަކެއްގައި ކޮޓަރިން ނިކުމެގެން ދިޔައެވެ.
ފިރާގު ގެއިން ނިކުމެގެން ދިޔަތާ ސާޅީހަކަށް މިނެޓު ފަހުން ޝިފާނާ ގެއިން ނިކުމެ ގޭދޮރުމަތީގައި މަޑުކޮށްފައި އޮތް ހުދުކުލައިގެ ކާރަށް އެރިއެވެ. ޝިފާނާ އެރުމާއެކު އެގޭގެ ޕްރައިވެޓް ކާރު ދުއްވަން ހުރި ބޭރު މީހާ ކާރު ދުއްވާލިއެވެ. ޝިފާނާ މާކުރިން ގުޅާފައި އޭނާ ދާން އުޅޭ ތަނުގެ ތަފްސީލު ދީފައި އޮތުމުން އިތުރު ސުވާލަކާއި ނުލައި ޑްރައިވަރު ކާރު ދުއްވަމުން ގޮސް މަޑުކޮށްލީ މާލޭގެ ނަންމަޝްހޫރު ފައިވްސްޓާ ރެސްޓޯރެންޓެއްގެ ކުރިމަތީގައެވެ.
ރެސްޓޯރެންޓް ތެރެއަށް ވަދެގެން ދަމުން ޝިފާނާ އަތްދަބަހުން އޭނަގެ ފޯނު ނެގިއެވެ. ފޯނު ހުޅުވާފައި އޭނަގެ ޒަމާންވީ އެކުވެރިޔާގެ ނަންބަރަށް ޑައިލްކޮށްލަމުން ޝިފާނާ ވަށައިގެން ހޯދާލިއެވެ. އެވަގުތު ރެސްޓޯރެންޓްގެ ކުޑަދޮރުތަކާއި ވީފަޅީގައި ހުރި މޭޒެއް ދޮށުގައި އިން އަންހެނަކު އަތް އުފުލާލަމުން ޝިފާނާއަށް ހަނާއަޅާލިއެވެ. އެމަންޒަރު ފެނުމުން ފޯނު ކަނޑާލާފައި ޝިފާނާ އެއަންހެން މީހާއާ ދިމާލަށް ހިނގައިގަތީ އުފާވެރި ހިނިތުންވުމަކާއެކުއެވެ.
"އަހަރެން އައުމުގެ ކުރިން އެއްޗަކަށް އޯޑަރުވެސް ދީގެންތަ ތި ހުރީ" ޝިފާނާ ގޮސް މޭޒުދޮށުގައި ހުރި ގޮނޑިއެއް ދަމާލާފައި އިށީންނަމުން ބުނެލިއެވެ.
"ވަރަށް ބޮޑަށް މަޢާފަށް އެދެން. ކަރުހިއްކައިގަނެފަ ހުރިވަރުން ޑްރިންކެއް ނުނަގާ ނުހުރެވުނީ" ޝިފާނާގެ ކުރިމަތީގައި އިން މެހްރީން ހިނިތުންވުމަކާއެކު ބުނެލިއެވެ.
"ހާދަ މީރު ބުއިމެއްހެން ހީވެޔޭ. މަވެސް ބޭނުން ތީގެ ޑްރިންކެއް. ކޮބާތަ މިތާގެ ވެއިޓަރުން. މަހޫއާއެއްކޮށް ރަނގަޅަށް ކާންވެގެން ރެއިންސުރެ ނުކާ މިހުންނަނީ." ޝިފާނާ ވަށައިގެން ހޯދާލި ހިނދު ދުރުގައި ހުރި ވެއިޓަރަކު މެނޫތަކެއް ހިފައިގެން އެދިމާލަށް އަންނަން ފެށިއެވެ.
ވެއިޓަރު އަައުމުން ކާނެ އެއްޗަކަށް އޯޑަރު ދީފައި ދެމީހުންވެސް ހަމަޖެހިލިއެވެ. މެހްރީންއާ ޝިފާނާއަކީ ފުރާވަރުއްސުރެ ގާތް ދެއެކުވެރިން ކަމުގައިވި ނަމަވެސް ދެމީހުން އެކަކު އަނެކަކާއި މުޅިން ތަފާތެވެ. އެވަގުތުވެސް ޝިފާނާ ލައިގެން ހުރީ ފާޑުވެރިކަމެއް ހުރި ދިގު ހެދުމެކެވެ. އަޅައިގެން ހުރި ޝޯލް ހުރީ ހެދުމުގެ ކުލައާއި ގުޅުވާފައެވެ. އައިބު ނުވާނެ ފަދަ ލުއި މޭކަޕެއްގެ އަސަރު އެމޫނުމަތިން ފާޅުވަމުން ދިޔައެވެ.
ޝިފާނާއާއި ހިލާފަށް މެހްރީން ލައިގެން ހުރީ ކަޅުކުލައިގެ އާދައިގެ ދިގު ހެދުމަކާއި އެކު ހަމައެކުލައިގެ ބޮޑު ޝޯލްއެކެވެ. އޭނަގެ މޫނުމަތިން އެއްވެސް މޭކަޕެއްގެ އަސަރެއް ފެންނާކަށް ނެތެވެ. ގުދުރަތީ ގޮތުން ދޮން އަދި އޮމާން ހަންގަނޑެއް ލިބިފައިވި ނަމަވެސް މެހްރީންގެ ދެލޮލުގެ ތިރިން ފެންނަމުން ދިޔައީ ކަޅުކަމެކެވެ. އެ ދެލޮލުގައި ވެސްވީ މަޑު ރަތްކަމެކެވެ. އެކަން ޝިފާނާއަށް ވެސް ފާހަގަވިއެވެ. ނަމަވެސް ޖަވާބު އެނގޭތީ ޝިފާނާ ސުވާލެއް ނުކުރިއެވެ. އެހެންނޫނަސް އޭނަ ސުވާލެއް ނުކުރި ނަމަވެސް މެހްރީން އެވާހަކަ ކިޔައިދޭނެކަން ޝިފާނާއަށް ޔަގީން ކުރެވުނެވެ.
ޝިފާނާ ހީކުރި ފަދައިން ހިމޭންކަމުގެ ވަގުތުކޮޅަކަށް ފަހު މެހްރީން ވާހަކަ ދައްކަންފެށިއެވެ.
"އަހަރެން ކުރިން ދުވަހަކު ރަމީޒަށް ގުޅިން" މެހްރީން އިސްދަށަށް ޖަހައިގެން އިނދެ ކުއްލިއަކަށް ބުނެލި ވާހަކައިން ޝިފާނާ ހައިރާންވިއެވެ. އޭނަ އެކަމާއި ގުޅިގެން ސުވާލެއް ކުރަން އަނގަ ހުޅުވާލި ނަމަވެސް މެހްރީން އަނެއްކާވެސް ވާހަކަ ދައްކަން ފެށުމުން ޝިފާނާ ހިމޭންކަމާއެކު އެވާހަކަ އަޑުއަހަން ފެށިއެވެ.
"ރަމީޒު ފޯނުވެސް ނެގި. އެކަމަކު ރިނީ ކޮޓަރިއަށް ވަނީމަ އަހަންނަކަށް ވާހަކައެއް ނުދެއްކުނު. އޭގެ ފަހުން ވެސް ގުޅިން އެފަހަރު ފޯނެއް ނުނަގަ. ފަހުން ތީ ކާކުތޯ އަހާފަ އިން މެސެޖެއް ކޮއްފަ. އެކަމަކު އެމެސެޖަށް ރިޕްލައި ކުރާނެ ހިތްވަރެއް އަހަރެންގެ ނެތް. ރަމީޒަށް ގުޅި އިރު ވާހަކަ ދެއްކޭނެ ހިތްވަރެއް ވެސް ނެތް. ކަންދިމާކުރިގޮތުން ވާހަކަވެސް ނުދެއްކުނުކަން އެއީ ނަސީބެއް." މެހްރީން އިސްދަށަށް ޖަހައިގެން އިނދެ ވާހަކަ ދައްކަމުން ގޮސް އިސްއުފުލާލި ހިނދު އެދެލޮލުގައި ކަރުނައިގެ އަސަރު ފާޅުވަމުން ދިޔައެވެ.
"ދެން އެކަމާއިގެން ނޫޅުނިއްޔާ ކަންނޭގެ ރަނގަޅުވާނީ. ރަމީޒު ވެސް އާދިރިއުޅުމެއް ފަށައިގެން އެ އުޅެނީ. އަހަރެންވެސް ދިރިއުޅުމައިގެން ކުރިއަށް ދާންވީ. ބައްޕަވެސް މިހާރު ނުލާހިކު ރަނގަޅު." ލޮލުން ވެއްޓުނު ކަރުނަ ތިކި ފުހެލަމުން މެހްރީން އެހެންބުނެފައި އަނެއްކާވެސް އިސްޖަހާލިއެވެ. އޭނަ އެހެން އެބުނީ ހިތާއި ދެކޮޅަށްކަން ޝިފާނާއަކަށް ސިއްރެއް ނުވިއެވެ. ޝިފާނާ އޭނަގެ އެކުވެރިޔާގެ އަތުގައި ހިފާލިއެވެ. އަދި ހިތްވަރުދޭފަދަ އަކުން މެހްރީންގެ އަތަށް މަޑުމަޑުން ފިތާލިއެވެ.
"މަހޫ ބޭނުން ކޮންމެ ގޮތެއް ހަދަންވީ. އެކަމަކު މަހޫ ބޭނުމެއް ނޫންތަ ދަރިފުޅެއް؟ އަހަންނަށް އެނގޭ ބޭނުންވާނެކަން. މަހޫ ބޭނުމިއްޔާ ރަމީޒާ ވާހަކަ ނުދައްކާ އެ ދަރިފުޅާ ވާހަކަ ދެއްކޭނެ ގޮތެއް އަހަރެން ހަމަޖައްސައިދެންތަ؟" ޝިފާނާ އެސުވާލު ކުރީ މަޔެއްގެ ހައިސިއްޔަތުން އަމިއްލަ ދަރިފުޅު ދެކެ މެހްރީންވެސް ވާނެ ލޯބި އަންދާޒާކުރެވޭތީއެވެ. އެދަރިފުޅާއި ދުރުގައި މަޖުބޫރީ ހާލަތެއްގައި ފާއިތުވި ހަތް އަހަރު މެހްރީން ވޭތުކުރި ހިތްދަތި ދިރިއުޅުން އެންމެ ގާތުން ދުށީ އޭނައެވެ.
ޝިފާނާ އެސުވާލު ކުރުމުން މެހްރީން އިސްއުފުލައި ޝިފާނާއާއި ހަތަރުކަޅި ހަމަކޮށްލިއެވެ. އަދި ގަދަކަމުން ކަހަލަގޮތަކަށް ހިންދިރުވާލަމުން ބޯހޫރުވާލިއެވެ.
"ދަރިފުޅުވެސް އަހަރެން ދެކެ ނަފްރަތު ކުރާނެކަން ޔަގީން. ކޮންކަހަކަ މަންމައެއްތަ އަމިއްލަ ދަރިފުޅުގެ ހާލުވެސް ބަލާނުލާ ހަތް އަހަރު ވަންދެން ހުންނާނީ؟ އެދަރިފުޅަށް އަހަރެންހާ ނުބައި މީހަކު މިދުނިޔެމަތީގައެއް ނުހުންނާނެ.." މެހްރީންގެ ވާހަކައިގެން މެދުތެރެއިން އޭނަގެ އަޑުވެސް ކުރެހިގެންދިޔައެވެ. އަމިއްލަ އިހުސާސުތައް ހަމައަކަށް އަޅުވަން މެހްރީން ދެލޯ މަރާލަމުން ގޮނޑީގައި ލެނގިލިއެވެ.
"މަހޫ ތިހެން ނުބުނޭ. ކޮންމެ ދަރިއަކުވެސް މަންމަ ދެކެ ލޯބިވާނެ. މަހޫ ދަރިފުޅަށް ހަގީގަތް ކިޔާދިނީމަ ގަބޫލުކުރާނެކަން ޔަގީން." ޝިފާނާ އެހެންބުނުމުން ވެސް މެހްރީން ބޯހޫރުވާލިއެވެ.
"ނޫން. އެދަރިފުޅުގެ ދިރިއުޅުމަށް ވަދެ ހިތްދަތިކަމެއް ދޭކަށް އަހަރެން ބޭނުމެއް ނޫން.... އެދަރިފުޅަށް ނޭނގުނަސް އަހަންނަށް އެދަރިފުޅު އެނގޭ. ޝިފޫއަށް އެނގޭތަ އަހަރެން އެދަރިފުޅު ދުށީމޭ. ވިދާޒް ލައްވާ އަހަރެން އެސޮރުގެ ފޮޓޯކޮޅެއް ހޯދިން. ވިދާޒްގެ ރަނގަޅުކަމުން އެސޮރާބެހޭ ވަރަށް ގިނަ މައުލޫމާތު ހޯދައިދިން." މެހްރީންގެ ތުންފަތްމަތީގައި އުފާވެރިކަމުގެ ހިނިތުންވުމެއް ކުރެހިގެންދިޔައެވެ.
"ޝިފޫއަށް އެނގޭތަ އޭނަ ވައްތަރީ ހަމަ ރަމީޒާ... އެކަމަކު ލިބިފަ ހުރީ އަހަރެންގެ ދެލޯކަން ޔަގީން. ކިޔަވަން އެހާ މޮޅު ކުއްޖެއް. ބަސްއަހާ ރަނގަޅު މިޒާޖެއްގެ ވެރި ކުއްޖެއް. ރަމީޒު އޭނަ ބޮޑުކުރީ ހަމަ އެންމެ ފުރިހަމައަށް. ރަމީޒު އެއީ ސޯލިހު އިންސާނެއް. އަހަރުމެންގެ ވަކިވުމަށް ފަހުވެސް އަހަރުމެންގެ ދަރިފުޅު އެހާ ރަނގަޅު ތަރުބިއްޔަތެއް ދީގެން ބޮޑުކޮށްފަ އެހުރީ... މިއަދު އަހަރެންގެ ހިތަށް އެކަމުން ހިތްހަމަޖެހުން ލިބޭ." މެހްރީންގެ ދެލޮލުގައި ކަރުނަތައް ވިދަމުން ދިޔަނަމަވެސް އޭނަގެ ތުންފަތްމަތީގައިވީ ހިނިތުންވުމެވެ. ޝިފާނާ ވެސް މެހްރީންއަށް ލުއި ހިނިތުންވުމެއް ހަދިޔާކުރިއެވެ.
"މިއަދު މަހޫ ތިގޮތަށް ނިންމިއަސް މާދަމާ ހިޔާލު ބަދަލުވެއްޖެއްޔާ އަހަރެންގެ އެހީތެރިކަން ލިބޭނެ." ޝިފާނާ އެހެން ބުނުމުން މެހްރީން ބޯޖަހާލިއެވެ. މެހްރީންގެ ނިންމުމަށް ޝިފާނާ އިހުތިރާމް ކުރިނަމަވެސް އެއީ އެންމެ ރަނގަޅު ނިންމުން ކަމުގައި އޭނައަކަށް ގަބޫލެއް ނުކުރެވުނެވެ. ކޮންމެ ގޮތެއް ހަދާފައި ވެސް ދަރިފުޅު މެހްރީން ގާތަށް ގެންނަން ޖެހޭނެކަމަށް އޭނައަށް ގަބޫލުކުރެވުނެވެ. ނަމަވެސް ޝިފާނާ އެކަމާބެހޭގޮތުން އިތުރު އެއްޗެއް ނުބުންޏެވެ. އޭގެ އިރުކޮޅެއް ފަހުން ދެމީހުންވެސް އެހެނިހެން ވާހަކަތަކުގައި މަޝްއޫލުވެގެން ދިޔައެވެ.
..........
ދުވަހުގެ ހަވީރު ވަމުންދިޔަ ވަގުތު ލޯންޗު ރަށުގެ ބަނދަރާއި ގާތްކުރެވިގެން ދިޔައެވެ. އެއާއެކު އެންމެންވެސް ލޯންޗުން ފޭބުމަށް އަވަސްވެގަތެވެ. ލޯންޗުގެ އެންމެ ފަހަތު ސީޓުގައި އިން މަލަކް ކޮޅަށް ތެދުވީ އެންމެ ކުރީގައި ތިބި ގިނަ ބަޔަކު ލޯންޗުން ފޭބުމުންނެވެ. އޭނައާއި އެކުގައި ކަހަލަ ގޮތަކަށް ރީވާއާއި އުލްފާގެ އިތުރުން ރޫހީންވެސް ތެދުވެގެން ލޯންޗުން ފައިބަން ދިޔައެވެ. އެންމެންގެ ފަހަތުން ދިޔަ މަލަކްގެ ފިޔަވަޅުތައް މަޑުޖެހުނީ އޭރުވެސް ލޯންޗު ދުއްވަން ހުރި މީހާ ގާތުގައި ތިބި މީހުންތަކުގެ ތެރޭގައި ހުރި ރައުފަލް ފެނުމުންނެވެ.
ރޭ ދަންވަރު ދެމީހުން ފަޅުރަށުގައި ހިއްސާކުރި ވަގުތުތަކާއެކު މުޅި ދުވަހު ދަތުރު މަތީގައި ދެމީހުންގެ މެދުގައި ބަދަލުކުރެވުނު ނަޒަރުތަކާއި ދެކެވުނު ވާހަކަތައް ހަނދާންވުމުން ބޭއިޙްތިޔާރުގައިވެސް މަލަކްއަށް ހިނިތުންވެވުނެވެ. ދަތުރު މަތީގައި އެދުވަހު ރައުފަލްވެސް އިސްވެ އޭނައާއި ވާހަކަ ދައްކައި ހިނިތުންވުންތައް ހަދިޔާ ކުރިއެވެ. ހަމަ ޔަގީނުންވެސް މި ދަތުރުގެ ތެރެއިން ދެމީހުންގެ މެދުގައިވި ގުޅުން އިތުރަށް ބަދަހިވެގެން ދިޔަކަމަށް މަލަކްއަށް ޔަގީންވިއެވެ.
އެހިޔާލުތަކުގައި ހުރެ ރައުފަލް ހުރި ހިސާބާއި އަރާ ހަމަވުމުން ހިނިތުންވުމަކާއެކު ރައުފަލް އޭނަގެ ނަމުން ގޮވާލިއެވެ. މަލަކް ހުރި ފިޔަވަޅު މަތީގައި މަޑުކޮށްލިއެވެ.
"މަލަކް ދަތުރުމަތީ ނެގި ފޮޓޯކޮޅު އަހަރުމެންނަށް ދެވޭވަރު ވާނީ ކޮން ދުވަހަކުން؟ ނޯ ރަޝް އިނގޭ ހަމަ ބަލާލަން ބޭނުންވީ އެކަމަށް ހޭދަވާނީ ކިހާ ދުވަހެއްތޯ.." މަލަކް އެތަނުގައި މަޑުކުރުން ވާހަކަދެއްކީ ރައުފަލް ގާތުގައި ހުރި އައިކް އެވެ.
"އަމް... އަސްލު މިކޮޅަށް އައީ ލެޕްޓޮޕް ހިފައިގެންނެއް ނޫން. ކާޑުން ފޮޓޯތައް ނަގަން ލެޕެއް ނޫނީ ކޮންޕެއް ބޭނުންވާނެ..." މަލަކް ބުނެލިއެވެ.
"އަހަރެންގެ ގޭގަ ހުންނާނެ ކޮންޕިއުޓަރެއް. ތިކަންތައް ކުރަން މަލަކް އަންނަންވީނު އެއްދުވަހަކުން." އައިކް އެހެންބުނުމާއެކު މަލަކްއަށް ބަލާލެވުނީ ރައުފަލް އަށެވެ. ރައުފަލް އޭނައަށް ބަލަން ހުރެފައި ބޯޖަހާލިއެވެ.
"ތެދެއް. މަލަކްއަށް ފަސޭހަ ދުވަހަކުން އާދޭ. ރީވާއާ އުލްފާވެސް ގޮވައިގެން އަޔަސް އަހަރުމެންގެ މައްސަލައެއް ނެތް ދޯ އައިކް" ރައުފަލް އެހެންބުނެފައި އައިކް އަށް ދޯދިނުމުން އައިކްވެސް ބޯޖަހާލިއެވެ.
"އޯކޭ... އެހެންވީމަ ކޮން ދުވަހަކުން ދާންވީ؟" މަލަކް އެހެން އަހާލީ ރައުފަލްއާއި އައިކްއަށް ވަކިވަކިން ބަލާލަމުންނެވެ.
"މަލަކްއަށް ފަސޭހަ ދުވަހެއް ރަނގަޅުވާނެ." ރައުފަލް އެހެންބުނެފައި ހިނިތުންވެލުމުން މަލަކްވެސް ހިނިތުންވެލިއެވެ. އަދި އެންމެ ރަނގަޅޭ ބުނެފައި ލޯންޗުން ފައިބަން ދިޔައީ ރީވާ އޭނަގެ ނަމުން ގޮވާލުމުންނެވެ.
"އޭތް ކީއްވެތަ އޭނަ ލޯންޗުން ފައިބަން އެހީވާން ނުދިޔައީ؟" މަލަކް ދިޔުމުން ރިފާހު ލާނެތް ހިނިތުންވުމަކާއެކު އަހާލިއެވެ. ރައުފަލް ވަގުތުން ކަޅި މައްޗައް ހިންގާލުމުން ބޯހޫރުވާލިއެވެ.
"ބޯހޫރުވާނެ ކަމެއް ނެތް އަހަރުމެން ދުށީމޭ ދަތުރު ތެރޭ ތި ދެމީހުން މިއަދު މާ ހިނިތުންވެފަ ބަލަން ތިބި ގޮތް" ރިފާހު އެހެން ބުނުމުން ދެން ތިބި އެންމެންވެސް ހިނިގަނޑެއް ޖަހާފައި އާންއެކޭ ބުނެލިއެވެ. އައިކްވެސް ލާނެތް ހިނިތުންވުމަކާއެކު އޭނަގެ ކޮނޑުގައި ޖަހާލިއެވެ.
"ދޮންކަލޯ މާގިނަ ދުވަސް ބޭކާރުނުކޮށް ހިތުގެ ވާ އިހުސާސްތައް ފާޅުކުރަންވީ އިނގޭ. އެމަންޖެ ތިގެއަށް ދާދުވަހު ތިކަން ކުރަން މަށަށް ފެނޭ" ސާޖިދު ރާގަކަށް އެހެން ބުނުމުން ދެންތިބި މީހުން އަނެއްކާވެސް ހިނިގަނޑެއް ޖަހާލިއެވެ.
"ދެން ތި ވާހަކަ ނުދައްކާ ހިނގާ ދާން. މިހެން ލޯންޗު ތެރޭ ތިބެވޭތަ؟" ރައުފަލް އެމީހުން ދެއްކި ވާހަކައަކަށް ޖަވާބު ދިނުމެއް ނެތި އެހެން ބުނެފައި ލޯންޗުން ފައިބަން ދިޔައެވެ. އޭނަގެ ފަހަތުން އެންމެންވެސް ލޯންޗުން ފޭބިއެވެ. ގެސްޓްހައުސް އިން ފޮނުވާ ޕިކަޕު އައުމުން ދަތުރު ގެންދިޔަ ސާމާނު ބާލަން ޖެހޭތީ ރައުފަލްއާއި އޭނަގެ އެކުވެރިން ފާލަން މަތީގައި މަޑުކޮށްލިއެވެ.
އެވަގުތުވެސް ރައުފަލްގެ ދެލޯ ހޯދީ މަލަކްގެ ސޫރައެވެ. އެމީހުންނާއި ފުދޭވަރަކަށް ދުރުގައި މަލަކް ފޯނު ކަންފަތުގައި ޖައްސައިގެން ހުރީ އޭނައަށް ފުރަގަސްދީގެންނެވެ. އެހެން ހުރެފައި މަލަކް ގާތުގައި ހުރި އުލްފާއާއި ދިމާލަށް އެނބުރުމުން އެމޫނު ސާފުކޮށް ރައުފަލްއަށް ފެނުނެވެ. ކަޅި ޖަހާނުލައި އެމޫނަށް ބަލަހައްޓައިގެން ހުންނަން ބޭނުންވި ނަމަވެސް ރައުފަލް ދުރުބަލަން ފެށީ ގާތުގައި ތިބި އޭނަގެ އެކުވެރިންނަށް އެމަންޒަރު ފެނިއްޖެ ނަމަ ދިމާކުރާނެކަން އެނގޭތީއެވެ. ދަތުރު މަތީގައިވެސް އޭނަ އެކަމައްޓަކައި ސަމާލުވިއެވެ. ނަމަވެސް ސިއްރުން މަލަކްއަށް ހަދިޔާ ކުރި ހިނިތުންވުންތައް ވަނީ އެމީހުންނަށް ފެނިފައެވެ. ދުލުން ނުބުނި ކަމުގައި ވިނަމަވެސް މިހާރު އޭނަގެ ހިތުގެ ހާލަތު އޭނަގެ އެކުވެރިންނަށް ވެސް އެނގެއެވެ. ސާޖިދު ބުނި ފަދައިން އޭނަގެ ހިތުގައިވާ އިހުސާސްތައް މަލަކް ގާތުގައި ބުނަންވީ ހެއްޔެވެ؟ އޭރުން ދެން ވާނީ ކިހިނެއް ހެއްޔެވެ؟ މަލަކްއަށް އޭނަ ކަމުދާ ކަމުގެ ނިޝާންތައް މަލަކްގެ ފަރާތުން ވެސް ރައުފަލްއަށް ވަނީ ފެނިފައެވެ. އެހެންކަމުން ދެން އޮތީ އެދެމީހުން ރައްޓެހިވުން ހެއްޔެވެ؟ ނަމަވެސް އޭގެ ފަހުން ދެން ވާނީ ކިހިނެއް ހެއްޔެވެ؟ ޗުއްޓީ ނިމުމުން މަލަކް މާލެ ދާނެއެވެ. ދެމީހުންވެސް އެނބުރި އެމީހެއްގެ ދިރިއުޅުމާއިގެން ކުރިއަށް ދާންޖެހޭނެއެވެ. އެހިސާބުން އެމީހުންގެ ގުޅުމަށް ވާނީ ކިހިނެއް ހެއްޔެވެ؟
އެހިސާބަށް ހިޔާލުތައް ދަތުރު ކުރުމުން ރައުފަލް އެހިޔާލުތަކުން ދުރުވެގަތީ އަދި އެހާ ދުރަށް ވިސްނަން ނުޖެހޭ ކަމަށް އަމިއްލަ ނަފުސަށް ވިސްނައިދެމުންނެވެ.
"އޭތް އެ އަންނަނީ ކަންނޭގެ ޕިކަޕު. ހިނގާ އެއްޗިހި ބާލަން ފަށަން" އައިކްގެ އަޑަށް ރައުފަލް އެދިމާލަށް ބަލާލިއެވެ. ހަމަ އެނހިދު އެތަނަށް މަޑުކޮށްލި ކާރަކަށް މަލަކްވެސް އަރަން ދިޔަތަން އޭނައަަށް ފެނުނެވެ. އުލްފާމެންނާއެކު މަލަކް އެކާރަށް އެރުމުން ކާރު ނައްޓާލީވެސް ރައުފަލް ބަލަހައްޓައިގެން ހުއްޓައެވެ.
އޭގެ ވިއްސަކަށް މިނެޓު ފަހުން ލޯންޗުން އެއްޗިހި ބާލައި ޕިކަޕަށް އަރުވައިގެން އެމީހުން މިސްރާބު ޖެހީ ގެސްޓްހައުސް އާއި ދިމާލަށެވެ. ގެސްޓްހައުސްއަށް ދެވުމުން ޕިކަޕުން ސާމާނު ބާލައި ގެސްޓްހައުސްގެ ގުދަން ބަޔަށް އެއެއްޗިހި ވެއްދުމުގައި ގެސްޓްހައުސްގެ ބައެއް މުވައްޒަފުންވެސް އެމީހުންނަށް އެހީތެރިވިއެވެ. އެމަސައްކަތް ނިމުމުން ވެފައި ހުރި ވަރުބައްޔާއެކު ކޮންމެ މީހެއްވެސް އެމީހެއްގެ ގެއަށް ދިއުމަށްޓަކައި އަވަސްވެގަތެވެ.
ސާޖިދާއި ރިފާހުގެ އިތުރުން ޒާދިން ގެއަށް ދާން ނިކުތް އިރު ރައުފަލްއާއި އައިކް ގެސްޓްހައުސްގެ ލޮބީގައި މަޑުކޮށްގެން ތިބީ އައިކްގެ ބޮޑުބޭބެގެ އެދުމުގެ މަތިންނެވެ. ގެއަށް ގޮސް ފެންވަރާލައިގެން އަރާމުކުރުމަށް އިންތިހާއަށް ބޭނުންވެފައި ހުރި ނަމަވެސް ކެތްތެރިކަމާއެކު ރައުފަލް މަޑުކޮށްލައިގެން ހުރީއެވެ. ގާތުގައި އިން އައިކް ބޮޑުބޭބެ ހާދަ ލަހޭ ދެތިން ފަހަރަކު އޭރު ބުނެލައިފިއެވެ. އައިކްވެސް ހުރީ ރައުފަލް އެކޭ އެއްފަދައިން ގެއަށް ދާން ކެތްމަދުވެފައެވެ.
"އައިކް ރައުފަލް.. ވަރަށް ގިނައިރު ވެއްޖެ ދޯ މިތާ ތިބޭތާ.." ފަސްވަރަކަށް މިނެޓު ފަހުން ރައުފަލްމެންގެ އިންތިޒާރަށް ނިމުމެއް ގެނުވީ ހާޝިމްގެ އަޑެވެ. ރައުފަލް އާއި އައިކް ތިބި ތަނުން ތެދުވި ހިނދު ހާޝިމް އައިސް އެމީހުންގެ ކުރިމަތީގައި މަޑުކޮށްލިއެވެ.
"ބޮޑުބޭބެ އެއްޗެއް ދޭންވެގެން މަޑުކުރާށޭ ބުނީ.. އަން މި އޮތީ... ތިކުދިން ތިކޮއްދިނީ އަސްލު ވަރަށް ބޮޑު ކަމެއް. އެކަމުގެ އަގެއްވެސް އޮންނާނެތާ.. ހުރިހާ ކުދިންނަށް ވެސް ތި އެއްޗިހި ހަވާލުކުރައްޗޭ އިނގޭ." ހިނިތުންވުމަކާއެކު ހާޝިމް އަތުގައި ހުރި ސިޓީ އުރަތަކެއް ދިއްކޮށްލިއެވެ. އެއިން ކޮންމެ ސިޓީ އުރައެއްގައި ނަމެއް ޖަހާފައި އޮތް އިރު ރައުފަލް އޭނަގެ ނަން ޖަހާފައި އޮތް ސިޓީ އުރަ ނަގައި ހުޅުވާލިއެވެ. އެއާއެކު ފެނިގެން ދިޔައީ ފައްސަތޭކައިގެ ނޫޓުތަކެކެވެ.
"ބޮޑުބޭބެ..."
"ދެން މާގިނަ ވާހަކަ ނުދައްކާ ދެކުދިންވެސް ގެއަށްދޭ. ވަރުބަލިވެފައެއްނު ހުންނާނީ ދޯ.." ރުފިޔާތައް ފެނިފައި އައިކް އެއްޗެކޭ ބުނަން އުޅުމުން ހާޝިމް އެކަން ހުއްޓުވިއެވެ. އެއައްފަހު ތިމަންނައަށް ލަސްވަނީއޭ ބުނެފައި އެތަނުން ދާން ހިނގައިގަތެވެ. ހާޝިމް ދިޔަތަން ބަލަން ހުރެފައި އައިކް ބޯހޫރުވާލިއެވެ.
"ހިޔެއް ނުކުރަން މިހާ ގިނަ ރުފިޔާ ބޮޑުބޭބެ ދޭނެކަމަކަށް.... ދެން ގޯހެއް ނޫންތާ ދޯ" އައިކް އެހެން ބުނެފައި ރައުފަލްއަށް ބަލާލުމުން ރައުފަލް ބޯޖަހާލިއެވެ. ރައުފަލް ވެސް އުންމީދުކޮށްގެން ހުރީ އެއައްވުރެ ދަށް އަދަދެކެވެ. ނަމަވެސް ހަތަރުހާސް ރުފިޔާއަކީ ހަމަގައިމުވެސް އޭނައަށް ވަރަށް ބޮޑު އަދަދެކެވެ.
ގެސްޓްހައުސްއިން ނިކުމެ ގެއަށް ދިޔަ މަގުމަތީގައި ރައުފަލްއަށް ވިސްނެމުން ދިޔައީ އެފައިސާ އާއި މެދުގައެވެ. ބުއްދިވެރި ގޮތަކީ އެފައިސާ ރައްކާކުރުންކަށް ރައުފަލްއަށް ވިސްނުނެވެ. ނަމަވެސް އެފައިސާ ހޭދަކުރަންވެސް އޭނަގެ ހިތް އެދެމުންދިޔައެވެ. ހިތުގެ އެދުމަށް ފުރަގަސްދީފައި ސިކުނޑީގެ ބޭނުން އެންމެ ފުރިހަމަގޮތުގައި ހިފުމަށް ރައުފަލް ނިންމަން ޖެހުނީ ގަދަކަމުންކަހަލަ ގޮތަކަށެވެ. އެހެންކަމުން ގެއަށް ގޮސް އެންމެ ފުރަތަމަ ކަމަކަށް އެފައިސާ އޭނަ އެގެއަށް ގެނައި ބެކްޕެކްއަށް ލައި ރައްކާކުރިއެވެ.
ރައުފަލް ފެންވަރައި ތާޒާ ވެލައިގެން ނިކުމެ ވަގުތުން އެނދުގައި ޖައްސާލީ ވަރުބަލިފިލުވައި ރޭގައި ގެއްލުނު ނިދިކޮޅު އަނބުރާ ހޯދުމަށެވެ. އޭނަ އެނދުގައި އޮށޯތްތާ މާގިނަ އިރެއްނުވެ އަރާމު ނިންޖެއްގެ ތެރެއަށް ދަތުރުކުރެވުނެވެ. ރައުފަލްއަށް ނިދުނުތާ މާގިނަ އިރެއް ނުވެ އޭނަގެ ފޯނު ރިންގުވާން ފެށިއެވެ. އެނދާއި ޖެހިގެން ހުރި ސައިޑް ޓޭބަލް މަތީގައި އޮތް ފޯނުގެ ސްކްރީނަށް އަރާފައިވީ ސޭވްނުކޮށް އޮތް ނަންބަރެކެވެ.
........
"ނުނަގާ ފޯނެއްވެސް... މިގޭގަ ބަޔަކު އުޅޭހެނެއްވެސް ހިޔެއް ނުވެއެއްނު" ލައްޕާފައި ހުރި ދޮރޯއްޓަށް ބަލަން ހުރި އަންހެން ކުއްޖާ ބުނެލިއެވެ. ހުދުކުލައިގެ އަތްކުރު ހެދުމަކާއި ޖިންސެއްގައި ހުރި އެކުއްޖާގެ ބުޅި އިސްތަށިގަނޑު ވަނީ ކަނދުރާއާ ހަމައަށް ކޮށާލެވިފައެވެ. އޭނަގެ މޫނުމަތިން ފެންނަމުން ދިޔައީ ހިސާބެއްގެ ހިތްހަމަނުޖެހުމެވެ.
"ވެދާނެ ޗުއްޓީއަށް ރަށުން ބޭރަށް ދިޔައީ ކަމަށްވެސް. އަހަންނަށް ވެސް މިގޭ މީހަކު ނުފެންނާތާ ދުވަސްކޮޅެއް ވެއްޖެ" އެކުއްޖާ ގާތުގައި ހުރި އޭނަގެ އެކުވެރިޔާ ބުނެލިއެވެ.
"އެއީ ރަށުން ބޭރަށް ދެވޭ ފެންވަރުގެ ބައެއްތަ؟" މަލާމާތުގެ ރާގަކަށް އެކުއްޖާ އަހާލިއެވެ.
"ނޭނގެ. އެކަމަކު ދެން ކީއްކުރަން އޭނަ ތި ހޯދަނީ؟" އެކުއްޖާގެ އެކުވެރިޔާ އެހެން އަހާލި ވަގުތު އެމީހުން އެގެއަށް ފަސްދީފައި ހިނގައިގަތީއެވެ.
"އޭނަ ކިތަންމެ ފަގީރަކަސް ނުލާހިކު ރީއްޗެއްނު. ކުޑަ ދުވަސްކޮޅަކަށް ގުޅެން ރަނގަޅު މީހެއް އެއީ." އަންހެން ކުއްޖާގެ މޫނުމަތީގައިވީ ބޮޑާވެރި ހިނިތުންވުމެކެވެ. އޭނަގެ އެކުވެރިޔާ ފުންނޭވާއެއް ދޫކުރަމުން މަޑުމަޑުން ބޯހޫރުވާލިއެވެ.
"ރައުފަލް އެއީ އެކަހަލަ މީހެއް ނޫންކަން ހަމަ ރަނގަޅަށް ޒިދޫއަށް އެނގޭނެ. އަހަރެން ބުނާނީ ތިކަމެއް ޒިދޫއަކަށް ނުވާނެޔޭ" އޭނާ އެހެން ބުނުމާއެކު އަންހެންކުއްޖާ ހިނިގަނޑެއް ޖަހާލިއެވެ.
"ހެހެ މަށަށް ވާނެ. ބަލަ އެއީ މަށާ މޮޔަ ހެދިފަ ހުރި މީހެކޭ. އޭރު އަހަރެން އޭނަގެ ބޭނުންހިފީ ކިޔެވުމަށް. ބައްޕަ އަހަރެން މިރަށުން ނުގެންދިޔަ ނަމަ އޭނަގެ އެހީގަ ޓެސްޓުތަކުން ނުލާހިކު ރަނގަޅު ނަތީޖާ ނެރެވުނިސް... މިފަހަރު އަހަރެން އޭނަ ބޭނުންކުރާނީ ފޫހިފިލުވާލަން. ޔަގީނޭ އޭނަ އަދިވެސް އަހަރެންގެ ހަނދާންވާނެކަން." ބޮޑާވެރި ރާގެއްގައި އަންހެންކުއްޖާ ބުނެލިއެވެ.
"ޔޫހާ ބަލަން ހުންނާތީ މިރަށުން ދިޔުމުގެ ކުރިން ކުޑަދުވަސްކޮޅަކަށް ވިޔަސް އަހަރެންގެ މީހަކަށް ރައުފަލް ހަދާނަން"
ނުނިމޭ
0%
0%
0%
0%
0%
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
9 އެޕްރީލު 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
22 އެޕްރީލު 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
7 މޭ 2024
0