ގެއްލުނު ހަޔާތް (10)

Gehlunu hayaaiy (10)

ނަމަވެސް ހުރިހާ އަންހެން ކުދިންނަކީ ޒިދްނާއެއް ނޫނެވެ. އޭނަގެ ހަގީގަތް އެނގިހުރެވެސް އޭނަ ބަލައިގަންނާނެ މީހަކު ހަމަ ހުރެދާނެ ނޫންހެއްޔެވެ؟ ކޮންމެ މަހަކަށްވެސް ގަލެއް ވެޔޭ މީހުން ބުނެ އުޅެނީވެސް ސަބަބެއް ނެތިއެއް ނޫނެވެ. އެއާއެކު ރައުފަލްގެ ހިތަށް ވެރިވީ އެންމެ ނަމެކެވެ.

 

"މަލަކް"

......

ދުވަސްތައް ހަލުވިކަމާއެކު ފާއިތުވެގެން ގޮސް އެހަފްތާގެ ބުރާސްފަތި ދުވަސް އައިސް ޖެހުނީ ރައުފަލް ހީކުރިވަރަށް ވުރެ އަވަހަށެވެ. އެދުވަހު ހެނދުނު ހަތެއް ޖަހާއިރު ދަތުރު ދާން ހަމަޖެހިފައިވުމުން އެރޭ ފަތިހު ފަތިހާ އޭނަ ހޭލަން ޖެހުނެވެ. އެއީ އެހަފްތާގައި ރައުފަލް ފަތިހު ހޭލި ފުރަތަމަ ފަހަރެވެ. އެކަން އެނގުމުން އޭނަގެ ހިތަށް އުނދަގޫވިއެވެ. އޭނައަކީ މީގެ ކުރިން ބަރާބަރަށް ފަތިސް ނަމާދަށް ހޭލާ އުޅޭ މީހެކެވެ. ނަމަވެސް އެއީ ބައްޕަ ކޮންމެ ރެއަކު އޭނައަށް ގޮވާތީކަމާއި ބައްޕައާއި ދުރުގައި އުޅޭތީ އެފަދަ ބަދަލެއް އަތުވުމަކީ އެކަށީގެންވާކަމެއް ކަމުގައި އަމިއްލަ ނަފުސަށް ރައުފަލް ވިސްނައިދިނީ ހިތްހަމަޖައްސާލުމުގެ ބޭނުމުގައެވެ. އެއައްފަހު އޮވެވުނު އަރާމު މަޑުތަންމަތިން ތެދުވެ ފާހާނައަށް ވަދެ ރައުފަލް ތައްޔާރުވާން ފެށިއެވެ. 

އޭގެ ތިރީހަކަށް މިނެޓު ފަހުން ރައުފަލް ދަތުރުދިޔުމަށް ތައްޔާރުވެ ފަތިސް ނަމާދު ކުރުމަށްފަހު ކޮޓަރިން ނިކުމެގެން އައީ އަތްކުރު ހުދު ޓީޝާޓަކާއި ކަޅު ސޯޓެއްގައެވެ. އޭނަގެ ކޮނޑުގައި ކަޅުކުލައިގެ ބެކްޕެކެއް އަޅުވާލެވިފައި އޮތް އިރު އަތުގައި އޭނަގެ ފޯނު އޮތެވެ. ރައުފަލް ތިރިއަށް ފޭބިއިރު އައިކް މާކުރިން ސިޓިންރޫމްގައި އޭނަގެ ދަބަހާއެކު އިނެވެ.

"ކޮބާ އެކޮޅަށް ނައްޓާލަންވީ ދޯ" ރައުފަލް ގޮސް އައިކް ކުރިމަތީގައި ހުއްޓުނެވެ. 

"އާން.. އަދި އެކޮޅުން ހުރިހާއެއްޗެއް ލޯންޗަށް އަރުވަންވެސް ދާންޖެހޭނެ." އައިކް އެހެން ބުނަމުން ތެދުވެ އޭނަގެ ދަބަސް ކޮނޑުގައި އަޅުވާލިއެވެ. އެއައްފަހު ދެއެކުވެރިން ގެއިން ނިކުންނަން ހިނގައިގަތީ އެކުއެކީގައެވެ.

ދެމީހުން ފައިމަގުގައި ގެސްޓްހައުސްއަށް ދެވުނީ އިރުއަރަން ފަސްމިނެޓަށް ވެފައި ވަނިކޮށެވެ. ދުނިޔެމައްޗަށް އެވަގުތު ވެރިވެފައިވި ކުލަވަރުގެ ހިތްގައިމު ކަމުން އެމަންޒަރަށް ރައުފަލް ގެއްލޭގޮތްވިއެވެ. އަދި ޖެހެމުންދިޔަ ފިނި ވައިރޯޅިތަކުގެ އިހުސާސުވުމުން ދެލޯ މަރައި އެއަރާމުކަމުގެ ތެރެއަށް ހަށިގަނޑު ދޫކޮށްލަން އޭނަގެ ހިތް އެދުނެވެ. އެހިޔާލުގައި ހުރެ ރައުފަލް ގެސްޓްހައުސްއަށް ވަދެގެން ދިޔައީ މިހާ މުޅިން ހަމަޖެހިފައި ހުރެއެވެ. އެހެންކަމުން އެހާ ފަތިހާވެސް ދަތުރަށް ގެންދާ ސާމާނު ޕިކަޕަކަށް އެރުވުމުގެ މަސައްކަތުގައި އެކުވެރިންނާއެކު އުޅެމުންދިޔަ އިރު ރައުފަލްގެ މޫނުމަތީގައިވީ ހިނިތުންވުމެކެވެ. 

އެދުވަހު ހަތެއް ޖަހަން ދިހަ މިނެޓަށް ވެފައި ވިއިރު ރައުފަލް ހުރީ ފަޅުރަށަށް ދާން ހަމަޖެހިފައިވާ ލޯންޗު ތެރޭގައެވެ. ދާން އުޅޭ ރަށަކީ ކިތަންމެ ކާރީގައި އޮތް ރަށަކަށް ވިނަމަވެސް އެމީހުން ގެންދަންޖެހޭ ސާމާނު ގިނަވުމުގެ އިތުރުން ވީހާވެސް އަވަހަށް ދާންބޭނުންވާތީ އައިކްގެ ބޮޑުބޭބެ ނިކަން ފަސޭހައިން އެދުވަހަށް ލޯންޗެއް ހަމަޖައްސައިދީފައި އޮތެވެ.

ރައުފަލް ލޯންޗުގެ އެންމެ ކުރީ ސީޓު ގާތުގައި ކޮޅަށް ހުރި އިރު ދަތުރުދާ އެންމެން އެވަގުތު ބަނދަރުމަށްޗަށް އައިސްފައި ތިއްބެވެ. އެތަނުގައި ފުދޭވަރަކަށް ގެސްޓުންވެސް ގިނައެވެ. ނަމަވެސް އެރަށަށް ޗުއްޓީ ހޭދަކުރަން އައިސްފައި ތިބި ދިވެހިންވެސް ވަކި މަދެއް ނޫނެވެ. އެމީހުންގެ ތެރެއަށް ނަޒަރު ހިންގާލި ރައުފަލްގެ ދެލޯ ހޯދަމުން ދިޔައީ އެންމެ ސޫރައެކެވެ.

"ހާދަވަރަކަށް ތި ހޯދަނީ؟ އޭނަ ނާދޭ ދޯ އަދި؟" ރައުފަލް މާވަރަކަށް ބަނދަރުމަތީގައި ތިބި މީހުންނަށް ބަލަމުންދިޔަކަން ފާހަގަވުމުން ރިފާހުގެ ތުންފަތްމަތީގައި ލާނެތް ހިނިތުންވުމެއް ކުރެހިގެން ދިޔައެވެ.

"ކާކުތަ؟" ރައުފަލް ވަގުތުން ނޭނގޭކަމަށް ހެދުނެވެ. 

"ކާކުުހޯ... ނޭނގޭކަމަށް ހެދޭނެ ކަމެއް ނެތް. ބުނަން ދުރުގަ ބަލަން ނުހުރެ އެކަން ވޭތޯ މިދަތުރުގަ އުޅެބަލަ. ނޫނީ އެހެން މީހަކު އައިސް ޖަހައިގަންނަތައް ފެންނާނީ" ރިފާހު ނަސޭހަތެއް ދޭފަދައިން ބުނެލިއެވެ. ރައުފަލް އެވާހަކައަށް ބޯހޫރާލި ނަމަވެސް ސިކުނޑީގައި އެޖުމުލަތައް ހަރުލިއެވެ.

ފާއިތުވި ހަފްތާގައި އޭނަގެ އެކުވެރިން މަލަކްއާއި އޭނަ އަޅުވާކީ ކޮންމެ ފަހަރެއް ވެގެންދިޔައީ މަލަކް ހާސިލް ކުރުމަށް ރައުފަލްއަށް ލިބުނު ހިތްވަރެކެވެ. އޭނަގެ މޫނުމަތިން އެކަން ނުދެއްކި ނަމަވެސް މަލަކްއާމެދު އެހިތުގައި ވި އިހުސާސުތައް ދިޔައީ ދުވަހަކުން ދުވަހެއް އިތުރުވަމުންނެވެ. ގެސްޓްހައުސް ތެރެއިން އަދި އުލްފާގެ ގޭކުރިމަތިން މަލަކް ފެނުނު ކޮންމެ ފަހަރަކު ރައުފަލްގެ ހިތަށް އިންގިލާބެއް ގެނުވިއެވެ. މަލަކް އޭނައަށް ބަލާލާ ގޮތާއި އެހިނިތުންވުން ހިތުގައި ކުރެހިގެންދިޔައެވެ. މަލަކްއާއި ވާހަކަ ދައްކަން އޭނަ އެތައް ފަހަރަކު މަސައްކަތްކުރި ނަމަވެސް ދައްކާނޭ ވާހަކައެއް ނެތުމުން ކޮންމެ ފަހަރަކު ފަސްޖެހެވުނީއެވެ. ނަމަވެސް މިދަތުރުގައި އޭނަ މަލަކްއާއި ވާހަކަ ދައްކާނެ އެތައް ބަހަނާއެއް ލިބޭނެއެވެ. ރައުފަލް ހުރީ އޭގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުމަށް ނިންމައިގެންނެވެ. މީގެ ކުރިން މަލަކްއާއި ދުރުގައި ހުރުމަށް ނިންމި ނިންމުމާއި އޭގެ ސަބަބު މަތިން އޭނަ ހަނދާންނެތިފައިވިއެވެ. ހަޔާތުގައި އެންމެ ފަހަރަކު ހިތުގެ އެދުން އިސްކުރުމުން ލިބޭނެ ގެއްލުމަކީ ކޮބާހެއްޔެވެ؟ 

ފުރާގަޑި ކައިރިވަމުން ދިޔަ ވަރަކަށް މީހުން ލޯންޗަށް އަރަމުންދިޔައެވެ. ބަނދަރުމަތީގައި ހުރި އެންމެ ފަހު މީހާ ލޯންޗަށް އެރުމުން ރައުފަލްގެ ހިތުގައި ނުތަނަވަސްކަމެއް އުފެދިގެން ދިޔައެވެ. މަލަކް ދަތުރު ނުދަނީބާއޭ ހިތައްއަރައި އެކަމާބެހޭގޮތުން އައިކްގާތު ސުވާލެއް ކުރަން އުޅެނިކޮށް ގެސްޓްހައުސްގެ ބަގީއެއް ބަނދަރުމަށްޗަށް އައިސް މަޑުކޮށްލި ތަން ފެނުނެވެ. އޭގެ ފަހަތުން ކާރެއްވެސް އައިސް މަޑުކޮށްލިއެވެ.

"އެންމެ ފަހު ވަގުތު އެމީހުންނަށް އެ އާދެވުނީ" ދަތުރުދާ މީހުންގެ ލިސްޓު ކަރުދާސް ހިފައިގެން ހުރި އައިކް ރައުފަލް ގާތަށް ޖެހިލިއެވެ. އައިކް އެހެން ބުނި ވަގުތު އުލްފާގެ އިތުރުން ތިން އަންހެނުން އެކާރުން ފޭބިއެވެ. ނަމަވެސް ރައުފަލްގެ ސަމާލުކަން ހުއްޓުނީ ބަގީއިން ފޭބި މަލަކްއަށެވެ.

ދަނބުކުލައިގެ ކުރުތާއަކާއި ހަރުވާޅެއްގައި ހުރި މަލަކްގެ ފަންދިގު އިސްތަށިގަނޑު އޮތީ ފަހަތަށް ވިހުރެން ދޫކޮށްފައެވެ. ބޮލުގައި ތޮތްޕެއް އަޅައިގެން ހުރި އިރު އެދެލޯ ފޮރުވާލެވިފައިވީ އަވިއައިނަކުންނެވެ. މަލަކްގެ ކޮނޑުގައި ދަބަހެއް އޮތްއިރު އޭނަގެ ކެމެރާ ދަބަސްވެސް އެއްފަރާތަކަށް ކޮނޑުގައި އަޅުވާލެވިފައި އޮތެވެ. 

ރައުފަލް ބަލަން ހުއްޓައި އުލްފާއާއެކު އައި އަންހެނުންނާއި މަލަކްގެ ތިމާގެ އަންހެން ކުއްޖާއާއެކު މަލަކްވެސް ލޯންޗަށް އަރަން އައެވެ. އެމީހުންގެ ތެރޭގައި މަލަކްގެ ބޭބެ ފެންނަން ނެތުމުން ރައުފަލްގެ ހިތުގައި ސުވާލު އުފެދުނެވެ. ގައިމު އެދަތުރުގައި ބައިވެރިވުމަށް މަލަކްގެ ބޭބެވެސް ވަނީ އާބަސް ދީފައެވެ. 

"ދޭބަލަ އޭނަ ލޯންޗަށް އަރުވަން އެހީވާން" ރައުފަލް އަމިއްލަ ހިޔާލުތަކެެއްގައި ހުއްޓައި ރިފާހު ވައިއަޑަކުން ކަންފަތްދޮށުގައި ބުނެލިއެވެ. ނަމަވެސް އެއަޑު ގާތުގައި ހުރި އައިކްއަށްވެސް އިވުނެވެ. އައިކްވެސް ހީލަމުން ރައުފަލްއަށް ދެބުމަ އަރުވާލިއެވެ.

"އެހީއަކާނުލާ އެމީހުންނަށް ލޯންޗަށް އެރޭނެ... މި އޮތީ ސީދާ ބަނދަރުގެ ޖައްސާފައެއްނު؟" ފަރުވާކުޑަ ރާގެއްގައި އެހެން ބުނަން މަސައްކަތްކުރި ނަމަވެސް ހަގީގަތަކީ އެހީވުމުގެ ބަހަނާގައިވެސް މަލަކްގެ އަތުގައި ހިފައި ލޯންޗަށް އެރުވުމަށް ދާން އޭނަ ބޭނުންވާކަމެވެ. ނަމަވެސް ހަމައެކަނި މަލަކްއަށް އެހީވާން އޭނަ ދިޔުމުން އެންމެން ކުރިމަތީގައި ބޭޒާރުވާނީ ނޫންހެއްޔެވ؟. އެހެންނޫނީ އޭނަ ޖެހޭނީ އެހުރިހާ އަންހެނުންގެ އަތުގައި ހިފާށެވެ. އެއީ އެއްގޮތަކަށްވެސް ރައުފަލް ބޭނުންވާ ގޮތެއް ނޫނެވެ. އެހެންކަމުން ހިތާއި ދެކޮޅަށް މަލަކް ލޯންޗަށް އަރާތަން ބަލަން ހުރުން ނޫންގޮތެއް ނެތެވެ.

އެންމެން ލޯންޗަށް އަރައި ނިމުމުން ގަޑިން ބަރާބަރު ހަތެއް ޖެހުމާއެކު ލޯންޗު ނައްޓާލައިފިއެވެ. ކުރު ދަތުރަކަށްފަހު ލޯންޗު ގޮސް ފަޅުރަށާ ގާތްކޮށްފިއެވެ. އެއީ އާންމުކޮށް ގެސްޓުންވެސް އެރަށަށް ޒިޔާރަތްކުރުމަށް ފަހު އައިސް އުޅޭ ފަޅުރަށަކަށް ވާތީ ލަކުޑިން ކުޑަ ފާލަމެއްވެސް އެރަށުގައި އަޅާފައި ހުއްޓެވެ. އެހެންކަމުން ލޯންޗު ފާލަމާއި ގާތްކުރުމުން މީހުން ލޯންޗުން ފައިބަން ފެށިއެވެ. އެންމެން ފޭބުމުން ލޯންޗުން ދަތުރަށް ގެނައި ސާމާނު ބޭލުމުގެ މަސައްކަތް ފެށުނެވެ.

ފާލަން މަތިން ފައިބައިގެން ރަށުގެ ދޮންވެލިގަނޑު މަތީގައި ހިނގަމުން ދިޔަ މަލަކްގެ ތުންފަތްމަތީގައިވީ ހިނިތުންވުމެކެވެ. ހުދު ކިރުކޮޅެއްފަދަ ދޮންވެލިގަނޑާއި ސާފު ބިއްލޫރިކޮޅެއްހާ ރީތި މޫދު ފެނިފައި އޭނަގެ ހިތަށް ލިބިފައި ވަނީ ބަޔާންކުރަން ދަތި ހަމަޖެހުމެކެވެ. އެ ހިތްހަމަޖެހުމާއެކު އެވަގުތުވެސް ކެމެރާ ނަގައިގެން ފެންނަމުން ދިޔަ ރީތި މަންޒަރުތަކުގެ ފޮޓޯ ނަގަން މަލަކް ބޭނުންވިއެވެ.

"މަލް އަހަރެންގެ ފޮޓޯއެއް ނަގާދީބަ" މަލަކް ކެމެރާ ނެގިފަން ފެނިފައި ރީވާ ގޮވާލިއެވެ. ރީވާ އެދުނު ފަދައިން އެކަންތައް ކޮށްދިނުމަށްފަހު މަލަކް އޭނަގެ ކެމެރާ އެކި ދިމަދިމާއަށް ދިއްކޮށްފައި ރީތި ފޮޓޯކޮޅެއް ނެގޭތޯ މަސައްކަތްކުރަމުން ދިޔައެވެ. ލޮލުގައި ކެމެރާ ޖައްސައިގެން ހުރެފައި މަލަކް ފަރާތަކަށް އެނބުރި ވަގުތު ކެމެރާއިން ފާލަންމަތީގައި ހުރި ރައުފަލް ފެނުނެވެ. ލޯންޗުގައި ހުރި މީހަކު ދިއްކުރަމުން ދިޔަ ކުޑަ ފޮށިގަނޑެއް އުފުލާލުމަށް ފަހު ފާލަން މަތީގައި ދެންހުރި ފޮށިތައް ކާރި އެފޮށިގަނޑު ރައުފަލް ބެހެއްޓިއެވެ. މަލަކް މަޑުމަޑުން އޭނަގެ ލޯމަތިން ކެމެރާ ތިރިކޮށްލިއެވެ. ނަމަވެސް އޭގެ ދެވަނަ ސިކުންތުގައި ކެމެރާ ހިއްލާލަމުން ފޮށިގަނޑު ބަހައްޓާފައި ރައުފަލް ތެދުވެ ހިންދެމިލި ވަގުތު ފޮޓޯގަނޑެއް ނަގައި ކެމެރާގައި ރައްކާކުރިއެވެ.

"މަލަކްގެ ކަމަކަށް ދެން އޮންނާނީ ފޮޓޯނެގުން ދޯ" ކުއްލިއަކަށް އުލްފާގެ އަޑު ނުހަނު ގާތުން އިވުމުން މަލަކް ސިހިފައި ކެމެރާ ތިރިކޮށްލިއެވެ. އޭނަ އުލްފާއަށް ލުއި ގޮތަކަށް ހިނިތުންވެލިއެވެ.

"މީދެން މި ދަތުރުތެރޭ އަހަރެން ކުރަންޖެހޭ ކަމެއްވީމަ ޕްލަސް އައި ލަވް ޑުއިންގް ދިސް.. ޑޯންޓް ވޮރީ އުލްފާގެ ވެސް ރީތި ފޮޓޯކޮޅެއް ނަގާދޭނަމޭ." މަލަކް އެހެން ބުނުމުން އުލްފާ ހިނިތުންވެލިއެވެ. 

"މަލަކްގެ ދޮންބެވެސް ދަތުރު އަންނަ ވާހަކަ ބުނީމެއްނު؟ ކިހިނެއްވީ މިއަދު ނައީ؟" އުލްފާ ކުއްލިއަކަށް ކަމެއް ހަނދާންވި ފަދައަކުން އަހާލިއެވެ. 

"ދޮންބެ ކުޑަކޮށް ބަލިކޮށް އުޅެނީ.." މަލަކް ހަމައެކަނި ބުނެލީ އެހާ ވަރަށެވެ.

ހަގީގަތަކީ ދޮންބެއަށް ވެފައި ހުރި ގޮތެއް އޭނައަށްވެސް ނޭނގޭކަމެވެ. ފާއިތުވި ހަފްތާގައި ބަސްމަދުވެ ނެގިމަޑުވެފައި ދޮންބެ އާބަދު އޮންނަނީ ރޫމްގައެވެ. ހަމައެކަނި ކާން ބައެއްފަހަރު އެމީހުންނާއެކު ނިކުމެދާނެއެވެ. ނުވަތަ އެކަނިމާއެކަނި ބޭރަށް ގޮސްދާނެ އެވެ. މަލަކްއާއި ރީވާއަށް މާބޮޑު ސަމާލުކަމެއް ވެސް ނުދެއެވެ. އެންމެ ފަހު ވަގުތު ދަތުރުވެސް ނުދާނަމޭ ބުނުމުން މަލަކަށް ވީކިހިނެއްތޯ އަހައި ސުވާލު ކުރެވުނެވެ. ނަމަވެސް ދޮންބެގެ ފަރާތުން އެދެވޭ ޖަވާބެއް ނުލިބުނެވެ. އެކަމާއިމެދު މަލަކަށް ފިކުރުކުރެވުނު ނަމަވެސް އޭނައަށް ކުރެވޭނެ މާބޮޑުކަމެއް ވެސް ނެތެވެ. 

އުލްފާވެސް މަލަކްގެ ޖަވާބާއި ގުޅުވައިގެން އިތުރު ސުވާލެއް ނުކުރެއެވެ. އިރުކޮޅަކުން ހެނދުނުގެ ސައިތައްޔާރުކުރުމަށް އުލްފާގެ ތިމާގެ ދައްތައަކާއި ދަތުރު އައި ދެ އަންހެނުންނާއެކު އޭނަ ދިޔައީއެވެ. މަލަކްވެސް ކެމެރާ ހިފައިގެން އިރުކޮޅަކު އުޅެލުމަށްފަހު ރީވާ ގޮވައިގެން އުލްފާމެންނާއިއެކު ހެނދުނުގެ ސައި ހެދުމުގައި ބައިވެރިވެއެވެ. ރީވާ ސިއްރުސިއްރުން އޭނަގެ ކަންފަތް ދޮށުގައި އެމަސައްކަތް ކުރަންޖެހުނީތީ ޝަކުވާކުރި ނަމަވެސް މަލަކް އަޅައެއް ނުލިއެވެ. 

ހެނދުނުގެ ނާސްތާއަށްފަހު ދަތުރުގެ ކުޅިވަރުތައް ފެށުނެވެ. ބީޗް ވޮލީގެ އިތުރުން ފައިގަތަޅާ ފަދަ ކުޅިވަރުތައް ދެބަޔަކަށް ބަހާލައިގެން ކުރިއަށްދިޔައެވެ. ރީވާއާއި އުލްފާވެސް އެރި ފޯރީގައި ފައިގަތަޅާ ކުޅެން ދިޔުމުން މަލަކް އެމީހުންގެ ފަހަތުން ދިޔައީ އޭނާގެ ކެމެރާ ކަރުގައި އަޅުވާލައިގެންނެވެ. 

މަލަކް ބޭނުންވި ފަދަ ފޮޓޯކޮޅެއް ނެގުމަށްފަހު ގޮނޑުދޮށުގައި ކުޅިވަރުކުޅެވެމުންދިޔަ ސަރަހައްދާއި ތަންކޮޅެއް ދުރުގައި ހުރި ގަހެއް ދޮށުގައި ގޮސް އިށީނެވެ. ފުދޭވަރަކަށް ގިނައިރު ކޮޅަށް ހުރުމުގެ ސަބަބުން ދެފައި އަރާމުކޮށްލުމުގެ ބޭނުމުގައި ގަސްދޮށުގައި ޖައްސާލުމަށްފަހު އެހާތަނަށް ނެގުނު ފޮޓޯތައް މަލަކް ބަލަން ފެށިއެވެ. އެމަސައްކަތުގައި އިން އިރު އޭނައާއި ދިމާލަށް މީހަކު ހިނގަމުން އަންނަ ކަމެއް މަލަކް ނުދެނަހުއްޓެވެ. 

"މަލަކް" އެ އަޑު ކަންފަތުގައި ޖަހަން ވާއިރަށް އެއީ ކާކުކަން މަލަކަށް އެނގުން ވިއެވެ. ވަގުތުން އިސްއުފުލާލި ހިނދު އޭނައާ ދެތިން ފިޔަވަޅު ދުރުގައި ހުރި ރައުފަލް ހިނިތުންވެލިއެވެ. އެވަގުތު ބޮލުގައި ހުދު ތޮތްޕަކާއި ލޮލުގައި ކަޅުކުލައިގެ އަވިއައިނެއް އަޅައިގެން ރައުފަލް ހުރި ގޮތް މަލަކަށް ކަމުދިޔައެވެ. 

"މި ކުޅިވަރުތައް ނިންމާފަ މަސްބާނަން ދާންވެގެން އަހަރުމެން މި އުޅެނީ. ބައެއް އަންހެނުން ވެސް ދާނެ. މަލަކަށް ކެރޭނެތަ އަހަރުމެންނާއެކު ގޮސް ފޮޓޯކޮޅެއް ނަގައިދޭން؟" ރައުފަލް ސުވާލުކޮށްލިއެވެ. 

"އާން ތީ އެއްވެސް ކަމެއް ނޫން." މަލަކް ވަގުތުން އެކަމަށް އެއްބަސްވި އިރު އޭނައަކީ ކަނޑުމައްޗަށް ބަލި މީހެއް ކަމެއްވެސް ހަނދާނެއް ނެތެވެ. އޭނަގެ ހިތް އެދެމުން ދިޔައީ ރައުފަލް ފެންނަ ފަށުގައި ގިނަވަގުތު ހުރުމަށެވެ. 

"ތޭންކްސް...." ރައުފަލް އެހެން ބުނެފައި ވެސް އެތަނުން ދިޔުމެއް ނެތި މަޑުކޮށްގެން ހުއްޓެވެ. މަލަކްވެސް އެއްޗެކޭ ނުބުނެ މަޑުކޮށްގެން ހުރީ  ރައުފަލް އިތުރު އެއްޗެއް ބުނަން އުޅޭހެން ހީވުމުންނެވެ.

"މަލަކްގެ ބޭބެވެސް ދަތުރު އަންނަ ވާހަކަ ބުނީމެއްނު؟ ކީއްވެ ބޭބެ ނައީ؟" ސިކުންތެއްގެ ހިމޭންކަމަށް ފަހު ރައުފަލް އެހިއެވެ. 

"ދޮންބެ ކުޑަކޮށް ބަލިކޮށް އުޅެނީ.. އަސްލު ނޭނގެ ދޮންބެއަށް ވީކީއްކަމެއް. ވަރަށް ތަފާތުވެއްޖެ ކުއްލިއަކަށް...." ރައުފަލް ސުވާލުކުރަމުން މަލަކަށް އެކަމާބެހޭގޮތުން އިތުރު ތަފްސީލު ދެވެން ފެށީ ރައުފަލްއާއި ވާހަކަ ދެއްކުމަށް ހިތް އެދުނު ވަރުންނެވެ. ކުއްލިއަކަށް ދޮންބެއަށް އައި ބަދަލުގެ ވާހަކަ ރައުފަލްއާއި ހިއްސާކުރަން ފެށުމުން ރައުފަލްވެސް އެތަނުން ދިޔުމުގެ ބަދަލުގައި މަލަކްއާއި ތަންކޮޅެއް ދުރުގައި އިށީނެވެ. 

"އެހެންތަ؟ ވަރަށް ބޮޑުކަމެއް ދިމާވީހެން ދޯ ހީވަނީ... ހޯޕްފުލީ ދަތުރު ނިންމާފަ މަލަކް އެނބުރި ރަށަށް ދާއިރު މަލަކްގެ ދޮންބެ މުޅިން އޯކޭވެފަ ހުންނާނީ" މަލަކް ދެއްކި ހުރިހާ ވާހަކައެއް އަޑުއަހަން އިނުމަށްފަހު ރައުފަލް އެންމެ ފަހު ޖުމުލަ ބުނެލީ ހިނިތުންވުމަކާއެކުއެވެ. އެއާއެކު މަލަކްވެސް ހިނިތުންވެވުނެވެ. ރައުފަލްއާއި އެއްބަސްވުމުގެ ގޮތުން މަލަކް މަޑުމަޑުން ބޯޖަހާލިއެވެ. ދެމީހުންގެ މެދުގައި އަނެއްކާވެސް ހިމޭންކަމުގެ ސިކުންތެއް ވޭތުވެގެން ދިޔައެވެ. ކޮންމެވެސް ވާހަކައެއް ދައްކައި ދެމީހުންގެ މެދުގައި ގާތްކަމެއް އުފައްދަން ދެހިތްވެސް އެދެމުން ދިޔައެވެ. ނަމަވެސް ފަށާނީ ކޮން ހިސާބަކުން ކަމެއް އެކަކަށްވެސް ނޭނގެއެވެ. 

"އެމީހުން ރައުފަލް ނުހޯދާނެތަ؟" މަލަކް އެހެން އަހަމުން ދުރުގައި ބީޗް ވޮލީ ކުޅުމުގައި އުޅެމުންދިޔަ ރައުފަލްގެ އެކުވެރިންނަށް ބަލާލިއެވެ. 

"ހޯދިޔަސް ފެންނަ ހިސާބުގައެއްނު މިހުރީ... އެހެންނޫނަސް އަހަރެން އެހާ ކުޅޭ ހިތްވާ އެއްޗެއް ނޫން ވޮލީ އަކީ.. އެމީހުންނަށް ވެސް އެކަން އެނގޭނެ. އެހެންވީމަ އަހަރެން ހޯދަން މިވަގުތު ނާންނާނެ." 

"އެހެންވިއްޔާ ރައުފަލް ކުޅޭ ހިތްވަނީ ކޮންކުޅިވަރެއް؟." ފުރުސަތުގެ ބޭނުންހިފައި މަލަކް ސުވާލުކޮށްލިއެވެ. 

"ފުޓުބޯޅަ.... ދެން ބާސްކެޓްބޯޅަ ވެސް ކުޅޭ ހިތްވޭ ބައެއް ފަހަރު... މަލަކް ކީއްވެ އެއްވެސް ކުޅިވަރެއްގަ ބައިވެރިނުވެ މިތާ ތި ހުރީ؟" ރައުފަލްވެސް އަހާލިއެވެ. 

"އައި ޑޯންޓް ލައިކް ސްޕޯޓްސް..." މަލަކް އެހެންބުނެލި އިރުވެސް އޭނަގެ މޫނުމަތިން ހިސާބެއްގެ ފޫހިކަމެއް ފެނިގެން ދިޔައެވެ. އެމަންޒަރު ފެނުމުން ރައުފަލް ލުއި ގޮތަކަށް ހީލިއެވެ.

"ހަމައެކަނި ފޮޓޯނަގަންތަ މަލަކް ޝައުގުވެރިވަނީ؟" ރައުފަލް ސުވާލުކޮށްލުމުން މަލަކް ބޯހޫރުވާލިއެވެ. 

"ނޫން. އެހެން ބައިވަރު ކަންކަމަށް ޝައުގުވެރިވޭ. ލައިކް ބައެއް ގޭމް ކުޅުން... ރީޑިން....." އޭނަ ޝައުގުވެރިވާ ކަންކަން ހަނދާންކުރަމުން މަލަކް ކިޔައިދިނެވެ. އެދެމެދުގައި ދެންވެސް އެފަދަ ވާހަކަތަކެއް އެވަގުތު ދެކެވުނެވެ. ދެމީހުންނަށް އެކަކު އަނެކަކާ ބެހޭގޮތުން ކުޑަ މިންވަރެއްވެސް އެނގުމުން ދެހިތުގައި އުފާވެރިކަމުގެ ވިންދު ޖަހަމުންދިޔައީ އެއްވަރަކަށެވެ. ދެހިތްވެސް މިސްރާބުޖަހާފައިވީ އެއް މަންޒިލަކަށެވެ. 

އެކަކު އަނެކަކާއި ވާހަކަދައްކަން ތިބި އިރު ވަގުތު ދިޔަ ނުދިޔަ ގޮތެއްވެސް ނޭނގުނެވެ. މަލަކްއާއި ރައުފަލް އިންތަނުން ތެދުވެވުނީ ކުޅިވަރުތައް ނިމި މަސްބާނަން ދާން ތައްޔާރުވާން އައިކް އައިސް ރައުފަލްއަށް ގޮވުމުންނެވެ. 

"އަހަރުމެން ރެޑީ ވެފަ މަލަކަށް ގޮވާލާނަން އިނގޭ" ރައުފަލް ދިޔުމުގެ ކުރިން ބުނެލިއެވެ. މަލަކް އެއްބަސްވުމުގެ ގޮތުން ބޯޖަހާލާފައި ތެދުވެ ހިނގައިގަތީ މަސްބާނަން ދިޔުމުގެ ކުރިން އޭނަވެސް ކުޑަކޮށް ތައްޔާރުވުމަށެވެ. 

"ކޮންތާކުން ތި އައީ؟" މަލަކް ފެންނަން ވާއިރަށް ރީވާ އެހިއެވެ. ނަމަވެސް އޭނަގެ މޫނުމަތިން ފެންނަހުރި ހިނިތުންވުމުގެ ސަބަބުން މަލަކަށް އޮޅޭ ގޮތްވިއެވެ.

"ތަނަކަށް ނުދަން ބީޗްގަ ހުރީ" މަލަކް ދެމުބަ ގާތްކޮށްގެން ހުރެ ޖަވާބުދިނެވެ.

"ޔޫ މީން ބީޗް ޑޭޓަކަށްގޮސްފައޭ ދޯ." ރީވާގެ ހިނިތުންވުން ފުޅާވިއެވެ.

"ޕިސް ނޯ" މަލަކް ވަގުތުން ބޯހޫރުވާލިއެވެ.

"އޯހް ޕްލީޒް އަހަރެން ދުށީމޭ ތި ދެމީހުން ހެވިފަ އެތާ ވާހަކަދައްކަން ތިބިތަން. ޖަސްޓް އެޑްމިޓް އިޓް މަލަކް ޔޫ ލައިކް ހިމް" 

"ކާކު ލައިކްވީ ކާކުދެކެ؟" އެވަގުތު އެތާ ކާރި ހުރި އުލްފާވެސް ރީވާ ދެއްކި ވާހަކަ އިވިފައި އަހާލައިފިއެވެ.

"މި މަލަކް ރައުފަލްދެކެ ލައިކްވެޔޭ މި ކިޔަނީ" ރީވާ ދެންވެސް ހެވިފައި ހުރި ބުނެލިއެވެ.

"ރީވް ޝްޝްޝް..." މަލަކަށް ވަގުތުން ވަށައިގެން ހޯދާލެވުނެވެ. އޭނާގެ މޫނުމަތިން ނުތަނަވަސްކަން ފާޅުވަމުން ދިޔަ ހިނދު ރީވާ އޭނައާއި ދިމާކުރުމުން މަލަކްގެ ދެކޯތާފަތް ވަނީ ރަތްވެފައެވެ. އެކަންވެސް ފާހަގަވުމުން ރީވާ އިތުރަށް މަލަކްއާއި ދިމާކޮށްލިއެވެ. އުލްފާވެސް އެކަމުގައި ބައިވެރިވުމުން އެންމެ ފަހުން ތިމަންނަ މަސްދަތުރު ދަނީ ކަމަށް ބުނެ މަލަކް އޭނާގެ ކެމެރާ ދަބަސް ނަގަން ދިޔައެވެ. 

.......

ވަށާފާރު މަތިން މާތަކުން ބަރާވެފައިވި ގަހުގެ ގޮފިތައް ފެންނަމުން ދިޔަ ގޭގެ ދޮރާށި ކުރިމަތީގައި މަލްހާން ހުއްޓިގެން ހުރި އިރު އޭނަގެ މޫނުމަތީގައި ވަނީ ކުރަން އުޅޭ ކަމާއިމެދު ޔަގީންނުވާފަދަ އަސަރެކެވެ. ކަޅުކުލައިގެ ގަމީހަކާއި ޖިންސެއްގައި މެންދުރުގެ އެވަގުތު އޭނައަަށް ހުރެވުނީ މާރަސްމީކޮށްހެން ހީވުމުން ގަމީހުގެ އެންމެ މަތީ ދެގޮށް ނައްޓާލައި ހަމަ އެވަގުތު އަތުކުރިވެސް އުޅަބޮއްޓާއި ހަމައަށް އޮޅާލިއެވެ. އެންމެ ފަހުން ކަރުކެހިލުމަށްފަހު މީހާ ހަމައަކަށް އެޅެމުން މަލްހާން ސަލާމް ގޮވާލިއެވެ. 

"ޢައްސަލާމް ޢަލައިކުމް"

"ވާލައިކުމްސަލާމް.." އެތެރެއިން އަންހެނެއްގެ އަޑު އިވިގެންދިޔައެވެ. އޭގެ އިރުކޮޅެއްފަހުން އުމުރުން ފަންސާހަކަށް އަހަރުގެ އަންހެނަކު ދޮރާށި ހުޅުވިއެވެ.

"ކޮން ކުއްޖެއް؟" ވަށް ބުރުގަލަކާއެކު ދިގު ހެދުމެއްގައި ހުރި އަންހެން މީހާ އަހާލިއެވެ. މަލްހާން ޖަވާބު ދިނުމުގެ ކުރިން ހިންދިރުވާލިއެވެ. ކުރިމަތީގައި ހުރީ އޭނަ ހޯދަން އައި މީހާ ކަމުގައި ނުވިނަމަވެސް އެއީ ކާކުކަން މަލްހާނަށް އެނގެއެވެ. 

"އަޅުގަނޑު މީ.... ރޫހީން ގޭގަ އެބަ އުޅޭތޯ؟" މަލްހާންގެ ދުލުން އެނަން ބޭރުވެގެންދިޔަ ހިނދު ހިތުގެ ތެޅުން ވެސް އަވަސްވެގެން ދިޔައެވެ. އޭނަގެ މޫނުމަތިން ނުތަނަވަސްކަން ފާޅުވެގެން ދިޔަ އިރު ކުރިމަތީގައި ހުރި ރޫހީންގެ މަންމަ ރައިހާނާއަަށް އެކަން ފާހަގަވެދާާނެކަމުގެ ބިރު މަލްހާންގެ ހިތުގައި އުފެދުނެވެ.

ރޫހީން ފެނުނު ދުވަހުން ފެށިގެން އެނޫންކަމަކާއި މެދު މަލްހާނަކަށް ނުވިސްނެއެވެ. މާޒީގެ ދުވަސްތަކުގެ ހަނދާންތައްއާވެ ހިތުގައި އެތަކެއް ސުވާލުތަކެއް ފުނިޖެހިގެން ދިޔައެވެ. އޭނަގެ ހިތަށް ތަސައްލީއެއް ލިބޭނީ ރޫހީންއާއި ބައްދަލުކޮށް ހިތުގައިވާ ސުވާލުތަކަށް ޖަވާބު ލިބިގެންކަން އެނގުމުން އެންމެ ފަހުން ރޫހީންއާއި ބައްދަލުކުރަން އަންނަން ނިންމީއެވެ. އެ ނިންމުން ނިންމި އިރުވެސް ރޫހީންއާއި ބައްދަލުވުމުން ހިތް ޒަހަމްވާފަދަ ހަބަރެއް ލިބިދާނެކަމުގެ ރަތް ސިގްނަލް އޭނައަަށް ފެންނަމުން ދިޔައެވެ.

"ރޫހީން މިވަގުތު ރަށަކު ނެތް.... ތީ ކޮން ކުއްޖެއްތަ؟ ރޫހީން އެނގެނީ ކިހިނެއް؟" ރައިހާނާ ދެލޯ ހަނިކޮށްލަމުން އިތުރު ސުވާލުތަކެއް ކުރިއެވެ. ނަމަވެސް އެސުވާލުތަކަށް ދޭނެ ޖަވާބެއް މަލްހާނަކަށް ނުވިސްނުނެވެ. ރައިހާނާ އޭނައަށް ބަލަން ހުރި ގޮތުންވެސް މަލްހާނަށް ރަނގަޅަށް ވިސްނޭ ގޮތެއް ނުވިއެވެ. އޭނަ އިތުރަށް ނުތަނަވަސްވެ އެވަގުތު ނިތުން ދާތިކިތައް ވެސް ހިލެންފެށިއެވެ.

"މާމާ މާމާ ކޮއްކޮ ބޭނުން ޗޮކުލެޓެއް" މަލްހާން ބުނާނެ އެއްޗަކާއި މެދު ވިސްނަން ހުއްޓައި ކުޑަ އަންހެން ކުއްޖެއްގެ އަޑުއިވިފައި އޭނަގެ ސިކުނޑީގެ ހިނގުން ހުއްޓުމަކަށް އައެވެ. އެކުއްޖާ އައިސް ރާއިހާނާގެ ގާތުގައި ހުއްޓުމުން އެސޫރަ ފެނިފައި އޭނަގެ ހިތް ތެޅިގަތެވެ. އެތުއްތު މޫނު ރޫހީންއާއި އެއްވެސް ތަފާތެއް ނެތެވެ. ހަމަ އެ ރީތި ދެލޮލެވެ. އެ ލޯބި ކޯތާފަތެވެ. ފަންފަން އިސްތަށިގަނޑެކެވެ. ދޮންދޮން ފުއްކޮޅެއްފަދަ އެކުއްޖާ ފެނިފައި މަލްހާންގެ ހިތް ގެނބިގެން ދިޔައެވެ.

"މީ ރޫހީންގެ ދަރިފުޅުތޯ؟" އެސުވާލު ކުރި އިރުވެސް އޭގެ ޖަވާބު މަލްހާނަށް އެނގެއެވެ. ރޫހީންއަކީ އޭނަގެ މަންމައާއި ބައްޕަގެ ހުރި ހަމައެކަނި ދަރިފުޅެވެ. ރައިހާނާއަަށް މާމަ ކިޔާ ކުއްޖަކީ ޔަގީނުންވެސް ރޫހީންގެ ދަރިއެކެވެ. އޭނައަށް ރޫހީން ފެނުނު އިރު ރޫހީން އެހުރީ މީހަކާ އިނދެ ދަރިއެއް ވެސް ލިބިފައިތާއެވެ.

"ދަރިފުޅު އިހަށް ދޭބަލަ އެތެރެއަށް މާމަ ގޮވާނަން އިރުކޮޅަކުން އިނގޭ..." މަލްހާނަށް ޖަވާބު ދިނުމުގެ ކުރިން ރައިހާނާ އެހެން ބުނެ އެކުއްޖާ ގޭތެރެއަށް ފޮނުވާލިއެވެ. އެއައްފަހު އަނެއްކާވެސް މަލްހާނަށް އޭނަގެ ސަމާލުކަން ދިނެވެ.

"އެއީ ރޫހީންގެ ދަރިފުޅު...އަދިވެސް ތީ ކޮންކުއްޖެއް ކަމެއް ނުބުނަމެއްނު... ކޮން ނަމެއްތަ ކިޔަނީ؟" ރައިހާނާ ދެންވެސް އެހުމުން އެންމެ ފަހުން މަލްހާން ޖަވާބު ދޭން ނިންމިއެވެ.

"އަޅުގަނޑުގެ ނަމަކީ މަލްހާން... ސްކޫލްގަ އުޅުނުއިރު ރޫހީންގެ އެކުވެރިއެއް. ޗުއްޓީއަށް މިރަށަށް އައިސް އުޅެނިކޮށް ރޫހީން ފެނުނީމަ ހިތަށް އެރީ ހާލު ބަލާލަން އަންނާނީއޭ.... ރޫހީން މީހަކާ އިނދެގެން ދަރިއެއް ހުރިކަން އެނގުނީމަ ވަރަށް އުފާވެއްޖެ." މަލްހާން އެންމެ ފަހު ޖުމުލަ ބުނަން ޖެހުނީ ގަދަކަމުންނެވެ. 

"އަޅުގަނޑު ދެން ގޮސްލީ..." ރައިހާނާ އެއްޗެކޭ ބުނުމުގެ ކުރިން މަލްހާން އަވަހަށް އެހެން ބުނެފައި ހިނގައިގަތެވެ. ހީކުރި ފަދައިން ރޫހީން ހޯދަން ދިޔުމުން އޭނާގެ ހިތަށް އިތުރު ޒަހަމްތަކަށް ލިބިއްޖެ އެވެ. ރޫހީން އޭނައާއި ވަކިވެގެން ގޮސް އެހެން މީހަކާއި ކައިވެނިކޮށް އުފާވެރި ދިރިއުޅުމެއް އުޅެމުންދާކަަން އެނގުމުން އޭނަގެ ހިތް ރޮމުން ދިޔައެވެ. ރޫހީންއަށް އުފާވެރި ދިރިއުޅުމެއް ލިބުނީތީ އުފާކުރަންވީ ވަގުތު ހިތާމަކުރެވެމުން ދިޔައީ އަދިވެސް އެހިތުގައި ވަނީ ރޫހީންގެ ނަން ކަމުގައި ވާތީއެވެ. ފަސް އަހަރަށް ފަހު ވެސް އެހިތުގެ ވެރިޔަކީ އަދިވެސް ރޫހީންއެވެ. 

.......

މަސްދަތުރުދިޔުމަށްޓަކައި ރަށުން އައި ކުޑަވަރެއްގެ ދޯންޏަށް މަލަކްގެ އިތުރުން ފަސް އަންހެނުން ވެސް އެރިއެވެ. އޭގެތެރޭގައި މަލަކް ދަންނަ މީހަކަށް ހުރީ އުލްފާގެ ތިމާގެ ދައްތައެއްކަމަށްވާ ރޫހީންއެވެ. އެކުވެރިކަމާއެކު މަލަކްއާއި ވާހަކަދައްކަމުން ރޫހީން ދިޔައިރު އެވަހާކަތަކުގެ ތެރެއިން އެދައްތައަކީ މަސްބާނަން ޝައުގުވެރިކަން ހުންނަ މީހެއްކަން މަލަކަށް އެނގުނެވެ. ދެންވެސް ދޯންޏަށް އެރި ހަތަރު އަންހެނުންނަކީ މަސްވެރިކަމަށް ފޯރިއަރާތިބި ބައެއްކަން އެމީހުންގެ ވާހަކަތަކުންނާއި އަމަލުން ފެންނަމުން ދިޔައެވެ. 

ދޯނި ނައްޓާލުމުން މަލަކް ހަމަޖެހިލައިގެން ހުރެ އެވަގުތު ދޯނީގައި މަސްބާނަން ތައްޔާރުވަމުންދިޔަ މީހުންގެ ފޮޓޯ ނަގަން ފެށިއެވެ. އޭނައާއި ފުދޭވަރަކަށް ދުރުގައި ރައުފަލްވެސް ދޮއްޓެއް ނަގައިގެން އޭނަގެ އެކުވެރިންނާއެކު އޮލަ ވާހަކައެއްގައި ހުއްޓެވެ. މަލަކަށް އިރުއިރުކޮޅުން ރައުފަލްއަށް ބެލެމުންދިޔައެވެ. މަލަކަށް އެވަގުތު ފާހަގަ ނުވިނަމަވެސް ރައުފަލްވެސް ދޭތެރެދޭތެރެއިން މަލަކަށް ކަޅިއެއްލަމުން ދިޔައެވެ.

"މަލަކްވެސް ވާނެ މިއަދު މަހެއް ބޭނޭތޯ ބަލަން" މަލަކް އެވަގުތަށް ފޮޓޯ ނެގުން މެދުކަނޑާލުމުން ރޫހީން ބުނެލިއެވެ. އެއާއެކު މަލަކް ވަގުތުން ބޯހޫރުވާލިއެވެ. 

"ނޫން އަޅުގަނޑަކަށް ނުކެރޭނެ. މަހެއް ބާނަން އުޅެނިކޮށް މޫދަށް ވެއްޓިއްޖެއްޔާ ދުވަސް އެދިޔައީ. ފަތާކަށްވެސް ނޭނގެ. އަނެއްކޮޅުން ކަނޑުގަދަ ނުވާތީ މިހެންވެސް ދޯނި މަތީ މި ހުރެވެނީ.." މަލަކް ބުނެލިއެވެ. އެދުވަހަކީ އަވިދޭ ރީތި ދުވަހެއްކަމަށްވެފައި އެމީހުން ފަޅުރަށަށް ލޯންޗުގައި އައި އިރުވެސް ކަނޑުމަޑުކޮށް އޮތުމުން މަލަކަށް ހީކުރެވުނީ މަސްދަތުރުވެސް ވެގެންދާނީ އަމާން ދަތުރަކަށް ކަމަށެވެ.

"އެހެންތަ ފޮޓޯ ނަގާ ހިތުން ދޯ އެވަރުންވެސް ތި އައީ؟ އައި ލައިކް ޔޯ ޕެޝަން މަލަކް." ރުހީން މަލަކަަށް ހިނިތުންވެލިއެވެ. މަލަކް މަޑުމަޑުން ބޯޖަހާލި ނަމަވެސް ހަގީގަތަކީ އޭނަ މަސްދަތުރު ދާން އެހާ ފަސޭހައިން އެއްބަސްވީ ރައުފަލްގެ ސަބަބުންކަމަށެވެ.

މަސްދަރުމަތީގައި މަލަކް ގިނަ ވަގުތު ހޭދަކުރަމުން ދިޔައީ ރޫހީންއާއެކުއެވެ. އެދައްތަގެ ވާހަކަތަކުގައި އޭނަވެސް ބައިވެރިވެ ދައްތަ މަސްބާނަން އުޅޭތަން ބަލަން މަލަކް އިނެވެ. ދައްތަ ކިޔައިދިން ގޮތުގައި އެދައްތަގެ ބައްޕައަކީ މަސްވެރިއެކެވެ. ދައްތަ މަސްބޭނުމަަށް ޝައުގުވެރިވެ މަސްބާނަން ދަސްކުރީވެސް ދައްތަގެ ބައްޕަގެ ގާތުން ކަމަށެވެ. މަލަކް ޝައުގުވެރިކަމާއެކު އެވާހަކަތައް އަޑުއަހަމުން ދިޔަ އިރު ސިފަވަމުން ދިޔައީ އޯގާތެރި ބައްޕައެކެވެ. އެހެންކަމުން އޭނަގެ އަމިއްލަ ބައްޕަގެ މަތިންވެސް މަލަކް އެވަގުތު ހަނދާންވިއެވެ. 

މަލަކް ރޫހީންއާއި ވާހަކަ ދައްކަން އިންދައި ކުއްލިއަކަށް ކަނޑުގަދަވެ ދޯނި ދެފަރާތަށް ކިރެންފެށިއެވެ. އޭގެ މާގިނައިރެއްނުވެ މޭނުބައިކޮށް މަލަކް ހޮޑުލަވާގޮތްވިއެވެ. އުޑުމަތި ސާދުވެީތި ދުވަހެއްގައިކުއްލިއަކަށް ކަނޑުގަދަވުމުން އޭނަ ހައިރާންވެހުރެ ރޫހީން ގާތުގައި އެކަމާބެހޭގޮތުން ސުވާލުކުރެވުނެވެ.

"ކީއްވެ ކުއްލިއަކަށް ކަނޑުގަދަމިވަނީ؟" މަލަކްގެ އަޑުގައިވި ހާސްކަން ރޫހީންއަށް ފާހަގަވިއެވެ. 

"މީ މިހިސާބުގަ ކަނޑުގަދަ ދިމާލެއް. މި މީހުން ދާން މި އުޅެނީ މިތަން ހުރަސްކޮށްފަ ތަންކޮޅެއް ދުރުގަ އޮންނަ މަސްބޭނޭ ތަންކޮޅަކަންހެން ދައްތައަށް ހީވަނީ. އިރުކޮޅަކުން ކަނޑު މަޑުވާނެ. މަލަކް ކަރަންފުއްކޮޅެއް ކާލަން ވީނު؟" ރޫހީން ވާހަކަދައްކަމުން ގޮސް އެންމެ އޭނަގެ އަތްދަބަހުން ކަރަންފުލެއް ނަގައި މަލަކަަށް ދިއްކޮށްލިއެވެ. މަލަކް އޭގައި ހިފައި އޭތި އަނގަޔަށްލަމުން ދެލޯ މަރާލިއެވެ. ނަމަވެސް އޭގެއިން ވަކި އަސަރެއް ކުރާނެކަމުގެ ޔަގީންކަމެއް ނެތެވެ. 

މަލަކް ހީކުރިފަދައިން އޭނަގެ ހާލަތު ހިނދެއް ހިނދަކަށް ދިޔައީ ގޯސްވަމުންނެވެ. ބޯއަނބުރާ މޭނުބައިކޮށް މީހާ އެއްކޮށް ބަލިވިއެވެ. އެވަގުތު ދެލޯ މަރާ ތަގުޅިކޮށްގެން ދޯނީގެ އެއްފަރާތެއްގައި މަލަކް އިށީންދެ އިނީ ކަނޑުމަޑުވެ މީހާ ހަމައަކަށް އެޅޭނެ އިރެއްގެ އިންތިޒާރުގައެވެ. 

ދުރުގައި އެމަންޒަރު ބަލަން ހުރި ރައުފަލްގެ ހިތުގައި މަލަކްއާމެދު ކަންބޮޑުވުން އުފެދުނެވެ. ކުއްލިއަކަށް މަލަކަށް އައި ބަދަލު ދުރުން ވެސް އޭނައަށް ފާހަގަކުރެވުނެވެ. އުނދަގޫވެފައި ދެލޯމަރާލާއިގެން މަލަކް މަޑުމަޑުން އިންތަން ފެނިފައި މަލަކަށް ވީގޮތެއް އޮޅުންފިލުވަން އޭނަ ބޭނުންވިއެވެ. ނަމަވެސް އެންމެންގެ ކުރިމަތީގައި އޭނަ ގޮސް މަލަކްއާއި ސުވާލުކުރާކަށް ނުކެރުނެވެ. ރައުފަލް އެހެން ހުއްޓައި މަލަކް ގާތުގައި ތިބި އަންހެނުންގެ ތެރެއިން މީހަކާއި ރޫހީން ދެއްކި ވާހަކައިން އޭނައަށް ހުރިހާކަމެއް ސާފުވިއެވެ. 

"މަންޖެ ކީއްވެ ކަނޑަށް ބަލިއިރު މަސްދަތުރު ތި އައީ؟" އަންހެން މީހާ ސުވާލުކުރިއެވެ.

"މަލަކް ބަލިވަނީ ކަނޑުގަދަވީމައޭ ދޯ.. ކިހިނެއް އެނގޭނީ އުޑުމަތި ސާފު ރީތި ދުވަހެއްގަ ކަނޑު ގަދަވާނެ ކަމެއް ދޯ މަލަކް؟" ރޫހީން އެހެން ބުނެފައި ދޯދިނުމުން މަލަކް މަޑުމަޑުން ބޯޖަހާލައިފިއެވެ.

މަލަކް ބަލިވީ ކަނޑުގަދަވުމުންކަން އެނގުމުން ރައުފަލްގެ ހިތަށް ކުޑަވަރެއްގެ ހަމަޖެހުމެއް ލިބުނު ނަމަވެސް ހިތުގައި އިތުރު ސުވާލުތަކެއް ވެސް އުފެދުނެވެ. މަސްދަތުރު ދާން ބުނުމުން މަލަކް އެހާ ފަސޭހައިން އެއްބަސްވީ ކީއްވެ ހެއްޔެވެ؟ ކަނޑުގަދަ ވެދާނެތޯ ސުވާލުކުރީ ކީއްވެ ހެއްޔެވެ؟ އާންމުކޮށް އެފަދައިން ކަނޑުގަދަވާ ހިނދު ބަލިވާ މީހުން ކަނޑުމައްޗަށް އެރުމުގެ ކުރިން ސުވާލުކޮށް އެފަދަ ކަންކަން އޮޅުންފިލުވަން އުޅޭނެއެވެ. މަލަކް އެފަދައިން ކަންތައް ނުކުރީ ކީއްވެ ހެއްޔެވެ؟ އެއީ ހަމަ ވިއްސާރަ ދުވަހަކަށް ނުވުމުން ކަނޑުގަދަވެ ދާނެހެން މަލަކްއަށް ހީނުވުމުންހެއްޔެވެ؟

މުޅި ދަތުރު މަތީގައިވެސް ރައުފަލްއަށް ހުރެވުނީ މަލަކްއާއި މެދު ކަންބޮޑުވެފައެވެ. އެމީހުން މަސްބާނައި ނިމުމުން އެނބުރި ފަޅުރަށަށް ދާން ނައްޓާލި އިރު އަނެއްކާވެސް ގަދަކަނޑުގެ ބައެއް ހުރަސްކުރަން ޖެހުމުން މަލަކް އިތުރަށް ބަލިވާ ގޮތްވިއެވެ. އެމަންޒަރު ފެނިފައި ރައުފަލްވެސް ދެރަވިއެވެ. މަސްދަތުރުގައި މަލަކް ބައިވެރިނުކުރުވެވުނު ނަމައޭ އޭނަގެ ހިތަށް އެރިއެވެ. މުޅި ދަތުރު މަތީގައި ރޫހީން މަލަކްގެ ގާތުގައި އެހީވާން ހުރުން ވެގެންދިޔައީ ރައުފަލްއަށް ހަމަޖެހުމުގެ ނޭވާއެއް ލެވުނުކަމަކަށެވެ.

އެނބުރި ފަޅުރަށަށް ދެވުމުން މަލަކް ވަގުތުން ގެންދެވުނީ އަންހެނުންގެ ޓެންޓަށެވެ. އެމީހުން ދަތުރު އައީ އަންހެނުންނާއި ފިރިހެނުންނަށް ވަކިން ބޮޑު ދެޓެންޓު ހިފައިގެންނެވެ. ރައުފަލްއާއި ރިފާހުގެ އިތުރުން ޒިދާން މަސްދަތުރު ދިޔައިރު އައިކްއާއި ސާޖިދުގެ އިތުރުން ގެސްޓްހައުސްގެ ދެތިން މުވައްޒަފަކު ވެގެން ހުރީ ޓެންޓުތައް ޖަހައި ނިންމާފައެވެ. ދަތުރުގެނައި ސާމާނަށް ހާއްސަކޮށް އެމީހުން ގެނައި ކުޑަ ޓެންޓުވެސް ޖަހައި އައިކް މެން ހުރީ އެތަނަށް ހުރިހާ އެއްޗެއް ވައްދައި ނިންމާފައެވެ. 

މަލަކް ޓެންޓަށް ވެއްދިފަހުން ދެތިން ގަޑިއިރުގެ ފާއިތުވެގެން ދިޔަ އިރު ރައުފަލް ހުރީ މަލަކްގެ ހާލުބަލާހިތުން ކެތްމަދުވެފައެވެ. ނަމަވެސް އެންމެ ކުޑަމިނުން އުލްފާ ގާތުގައިވެސް މަލަކްގެ ހާލުއަހާކަަށް އޭނައަކަށް ނުކެރުނެވެ. އެހެން މީހަކަށް އޭނަގެ ހިތުގައި މަލަކްއާމެދު އުފެދިފައިވި އިހުސާސުތައް އެނގެން ރައުފަލް ބޭނުމެއް ނުވެއެވެ. 

އޭގެ ސަބަބުން ކަންބޮޑުވެ ފިކުރުބޮޑުވެފައި ހުރުމުން އެދުވަހު މެންދުރުފަހު ކުރިއަށް ދިޔަ މޫދުކުޅިވަރުގައިވެސް ރައުފަލް ބައިވެރިވީ ހިތާއި ދެކޮޅަށެވެ. އެކުވެރިން ކިޔައި ކުރުނުކުރުމުން އޭނައަށް މަޖުބޫރުވީއެވެ. ރައުފަލްގެ ހިތަށް ހަމަޖެހުމެއް ލިބުނީ އެދުވަހު ހަވީރުވެގެންދިޔާ ފަހުންނެވެ. ހަވީރު ސައި ގަޑީގައި ކާއެއްޗިހި ހިފައިގެން އައިކް މެން ތިބި ދިމާލަށް ހިނގަމުން ދިޔަ ރައުފަލްގެ ފިޔަވަޅުތައް ލަސްވެގެން ދިޔައީ ޓެންޓުން ނިކުމެގެން އައި މަލަކް ފެނުމުންނެވެ. މަލަކްއާއެކު ރީވާވެސް ހުއްޓެވެ. ނަމަވެސް ރީވާ މަލަކް ގާތު ކޮންމެވެސް އެއްޗެކޭ ބުނެފައި ދުރަށް ދިޔަ ވަގުތު ބަލާފައި ރައުފަލް ކާން ނެގި އެއްޗިހި ބަހައްޓާފައި މަލަކްއާއި ދިމާލަށް ހިނގައިގަތެވެ.

"މަލަކް... މިހާރު ކިހިނެއް؟ ރަނގަޅުތަ؟" މަލަކްއާއި އަރާ ހަމަކުރަމުން ރައުފަލް އަހާލިއެވެ. 

"ނިދާލާފަ ތެދުވީމަ މިހާރު ރަނގަޅު" މަލަކް ހިނިތުންވެލިއެވެ. 

"މަލަކް ކީއްވެ ނުބުނީ ކަނޑުގަދަވީމަ ބަލިވާ ވާހަކަ. އެހެން ބުނި ނަމަ މަސްދަތުރު ދާން އަހަރެން މަލަކް ގާތު ނުބުނީސް" ރައުފަލްއަށް ވާހަކަ ދެއްކުނީ ކަންބޮޑުވުމުގެ ރާގަކަށެވެ. 

"ހިޔެއް ނުކުރަން ކަނޑުގަދަވެދާނެ ކަމަކަށް" މަލަކްގެ ޖަވާބުން ރައުފަލް ހިތްހަމަޖެހޭ ގޮތެއް ނުވިއެވެ.

"އެކަމަކު މިހެން ވީމަ ކިހާ ދެރަ. މަލަކް މުޅިން ބަލިވީނު. ދަތުރުގެ އެންމެ މަޖާ ކަންކަމުގަ މިއަދު ބައިވެރިވެސް ނުވެވުނެއްނު....

"ރައުފަލްމެން ބޭނުންވި ކަހަލަ ފޮޓޯކޮޅެއްވެސް ނުނެގުނު ދޯ. އައިމް ވެރީ ސޮރީ. އެކަމަކު މިރޭ ބާބަކިޔޫގަ ފޮޓޯނަގާދޭނަން" ރައުފަލްގެ ވާހަކައިގެ ތެރެއިން މަލަކް ބުނެލިއެވެ. މަލަކް ދެއްކި ވާހަކަ އިވިފައި ރައުފަލްއަށް ފުން ނޭވާއެއް ދޫކޮށްލެވުނެވެ.

"މަލަކަށް ނުނެގުނު ފޮޓޮއެއްގެ ވާހަކަ ދައްކާކަށް އެކަކުވެސް ނާންނާނެ. އެކަކުވެސް އެކަމާ މެދު ކަންބޮޑެއްނުވޭ. ކަންބޮޑުވަނީ މަލަކް ބަލިވީމަ. މަލަކް ސައްހަ ސަލާމަތުން ހުންނަން ބޭނުންވަނީ" 

"އެންމެންވެސް ބޭނުންވާ ކަންތައްތަ ތީ؟" މަލަކްގެ ކުއްލި ސުވާލުން ރައުފަލް ސިހޭ ގޮތްވިއެވެ. 

"އައި މީން... އެންމެންވެސް ކޮންސާންވާނެ ދޯ... އެނީވޭޒް.. އެއްޗެއް ކައިފިންތަ؟ ކާންތަ ތި އުޅެނީ؟" ނުތަނަވަސްވެގެން ދިޔަ ރައުފަލް ވަގުތުން މައުލޫބަދަލުކޮށްލިއެވެ. އޭނަގެ ހިތުގެ އިހުސާސުތައް ބޭޒާރުނުވީ ކިރިޔާއެވެ. އެވަގުތު މަލަކް ހިނިތުންވެގެން ހުރި އަނެއްކާ މަލަކަށް އޭނަގެ އިހުސާސްތައް އެނގެނީތޯ ރައުފަލްގެ ހިތް ސުވާލުކޮށްލިއެވެ.

"އާން ކާންވެގެން...."

"އެހެންވިއްޔާ އަހަރެން ގޮސްލީ" 

"ރައުފަލް މަޑުކޮށްބަލަ" 

މަލަކަށް ފަސްދީފައި ހިނގައިގަންނަން އުޅެފައިވެސް މަލަކް ގޮވާލުމުން ރައުފަލް މަޑުކުރިއެވެ. 

"ރައުފަލް ބުނީމެއްނު މިދަތުރު މަތީގަ އަހަރެން އެއްވެސް ކަމެއް ބޭނުންވެއްޖެއްޔާ ބުނައްޗޭ؟" މަލަކް އެހެން އަހާލުމުން މަލަކްއާއި އެކު ބައްދަލުވުން ބޭއްވި ދުވަސްމަތިން ރައުފަލް ހަނދާންވިއެވެ. އެދުވަހު ކަންތައް ދިމާވި ގޮތުން އޭނަ ވަނީ މަލަކް ގާތުގައި އެހެން ބުނެފައެވެ.

"އާން. ކިހިނެއްވީ؟ މަލަކް ކަމެއް ބޭނުންވީތަ؟" ރައުފަލް އަހާލިއެވެ. ޖަވާބެއްގެ ގޮތުން މަލަކް ހިނިތުންވުމަކާއެކު ބޯޖަހާލިއެވެ.

"އަވަހަށް ބުނޭ؟ ކޮންކަމެއް؟" ރައުފަލް އެސުވާލު ކޮށްލި އިރު ނޭނގުނީ މަލަކް އެދެން އުޅޭ ކަމުގެ ސަބަބުން އެދެމީހުންގެ ގުޅުމަށް ބޮޑު އިންގިލާބެއް އަންނާނެކަމެވެ. 

ނުނިމޭ

 

 

 

ލިޔުން ޙިއްސާ ކުރައްވާ

0 ކޮމެންޓްސް, 0 ރިއެކްޝަންސް

Smile
Smile

0%

Love
Love

0%

Sad
Sad

0%

Like
Like

0%

Dislike
Dislike

0%

މަގުބޫލް ލިޔުންތައް

Anehkaaves MDP ghe membarunthakeh raa fulhi genghulhey vedio eh leak vejje

އަނެއްކާވެސް އެމްޑީޕީ ގެ މެމްބަރުންތަކެއް ރާ ފުޅި ގެންގުޅޭ ވީޑިއޯއެއް ލީކުވެއްޖެ

0

ibrahim Wins Parliamentary Seat for Mahchangolhi Uthuru in the 20th Maldivian Parliament

މައްޗަންގޮޅީ އުތުރަށް އިއްބެ ޖަނާބު އިންތިޚާބު ވެއްޖެ.

0

Baby walker, kudakudhinna huri nurahkaleh.

ބޭބީ ވޯކަރ، ކުޑަކުދިންނަށް ހުރިނުރައްކަލެ.

0