ގެއްލުނު ހަޔާތް (11)

Gehlunu hayaaiy (11)

"އަވަހަށް ބުނޭ؟ ކޮންކަމެއް؟" ރައުފަލް އެސުވާލު ކޮށްލި އިރު ނޭނގުނީ މަލަކް އެދެން އުޅޭ ކަމުގެ ސަބަބުން އެދެމީހުންގެ ގުޅުމަށް ބޮޑު އިންގިލާބެއް އަންނާނެކަމެވެ. 

.......

ރޭގަނޑު އަށެއް ޖަހަމުން ދިޔަ ވަގުތު މާލޭގެ މަގުތަކުން ދުއްވާފައި ދިޔަ ޓެކްސީއެއް ދިހަ ބުރިއަށް ހިއްލާލެވިފައިވި އިމާރާތެއްގެ ކުރިމައްޗަށް މަޑުކޮށްލިއެވެ. ޓެކްސީގެ ޑްރައިވަރަށް ރުފިޔާ ދައްކާފައި އެކާރުން ފޭބީ ރަމީޒެވެ. ރަމީޒުގެ ފަހަތުން ޒަމީރާވެސް ކާރުން ފޭބުމުން ކާރުގެ ދޮރުލައްޕާލާފައި ރަމީޒު ހިނގައިގަތީ ކުރިމަތީގައި ހުރި އިމާރާތަށް ވަނުމަށެވެ. އޭނާގެ ފަހަތުން ދިޔަ ޒަމީރާ ފަރުވާތެރިކަމާއެކު އެ އިމާރާތަށް ބަލަމުން ދިޔައެވެ. އެއީ އެންމެ ފެންވަރުގެ އިމާރާތަކަށް ނުވި ނަމަވެސް ރީތި ތަނެކެވެ. އެތެރޭގައި ވެސް ދަނބުކުލަ ލެވިފައި ލިފްޓުންވެސް ފެންނަމުން ދިޔައީ އާކަމެވެ.

"ތި އެކުވެރިޔަކީ ހާދަ މުއްސަނދި މީހެކޭ ދޯ" ރަމީޒުގެ ފަހަތުން ލިފްޓަށް އަރަމުން ރާގެއްގައި ޒަމީރާ ބުނެލިއެވެ. 

"ޒަމީއަށް ހީވަނީ މާލޭގަ މިކަހަލަ އިމާރާތެއްގަ އުޅޭ ކޮންމެ މީހަކީ މުއްސަނދި މީހެއް ކަމަށްތަ؟ މިއީ އޭނަގެ އަންހެނުންގެ ބައްޕަގެ އިމާރާތެއް. އެކަމަކު މިތަން ބަހައިގެން އެމީހުންނަށް ލިބުނީ އެންމެ އެޕާޓްމެންޓެއް. އެކަމަކު އެއީ ވެސް ވަކި މުއްސަނދި ބައެއް ނޫން. އެމީހުންވެސް ކައިބޮއި ހަދަނީ ބުރަމަސައްކަތްކޮށްގެން" ރަމީޒު ބުނެލިއެވެ. އޭނަގެ ވާހަކައިގެ ތެރެއިން ލިފްޓުން ހަވަނަ ފަންގިފިލާއަށް ދެވޭ ފިތަށް ފިތާލިއެވެ. އޭގެ މިނެޓެއް ފަހުން ހަވަނަ ފަންގިފިލާއަށް ލިފްޓު މަޑުވެ ދޮރު ހުޅުވިގެން ދިޔައެވެ. 

ލިފްޓުން ނުކުމެގެން ކުރިމަތިން ފެންނަމުން ދިޔަ އެޕާޓްމެންޓްގެ ބެލް އަޅުވާލުމަށްފަހު ރަމީޒު މަޑުކޮށްލިއެވެ. އޭނަ ގާތުގައި ހުރި ޒަމީރާ އިތުރު އެއްޗެކޭ ނުބުނެ ހުރިނަމަވެސް އޭނަގެ މޫނުމަތިން ފެންނަމުން ދިޔައީ ފޫހިކަމެވެ. އަންނަ އަހަރު އޭނަ ރަށުގެ ބާ ގެގަޑުގައި އުޅޭ އިރު އޭނަގެ ދޮންދަރި އުޅޭނީ މާލޭގެ މި ރީތި ގޭގަތާއެވެ. ޒަމީރާ އެފަދަ ހިޔާލުތަކެއްގައި ހުއްޓާ އެޕާޓްމެންޓްގެ ދޮރު ހުޅުވާފައި މީހަކު ރަމީޒުގެ ނަމުން ގޮވާލިއެވެ. 

"ރަމީޒު އަވަހަށް ވަދޭ.. ރަމީޒުގެ އިންތިޒާރުގަ ހުންނަތާ ކޮން އިރެއް މިހާރު" ދޮރު ހުޅުވި ފިރިހެން މީހާ ފުޅާ ހިނިތުންވުމަކާއެކު ބުނެލިއެވެ. އަދި އެމީހުން އެތެރެއަށް ވަނުމަށް ތަންދައްކައި އެތެރެއަށް ޖެހިލިއެވެ.

"ސައީދު ހާލު ކިހިނެއްތަ؟ ކޮބާ ކުދިންކޮޅު؟" ރަމީޒު ގޭތެރެއަށް ވަންނަމުން އޭނަގެ ދުވަސްވީ އެކުވެރިޔާއާއި ކޮނޑާއިކޮނޑު ޖައްސައި ސަލާމްކޮށްލިއެވެ. ޒަމާންތަކަކަށް ފަހު ޒުވާން ދުވަސްވަރުގެ އެކުވެރިޔާ ފެނުމުން އޭނަގެ މޫނުމަތިން ފެންނަމުން ދިޔައީ އުފާވެރިކަމެވެ.

"އިރާދަކުރެއްވިޔާ ހާލު ރަނގަޅު. ކުދިންކޮޅު ނިންދަވަން އަންހެނުން އެބަ އުޅޭ ކޮޓަރީގަ. އާދޭ ކާން ރަމީޒު އަންނަންދެން އަހަރެން ނުކާ މިހުރީ" އެހެންބުނެފައި ބަދިގެއާ ދިމާލަށް ސައީދު ހިނގައިގަތުމުން ފަހަތުން ރަމީޒާއި ޒަމީރާވެސް ދިޔައެވެ.

ކެއުމުގެ ތެރެއިން ސައީދުގެ އަންހެނުން ވާފިޔާ ވެސް އައިސް އެމީހުންނާއި ބައިވެރިވެއެވެ. ސައީދެކޭ އެއްފަދައިން ވާފިޔާއަކީވެސް ހިތްހެޔޮ އަންހެނެކެވެ. ޒަމިރާއާއިވެސް ވާހަކަދެއްކީ ހިނިތުންވުމާއެކުއެވެ. އެތަނުގައި ޒަމީރާ ބާކީވިފަދަ އިހުސާސެއް ކުރުވިޔަނުދިނުމުގެ ގޮތުންނެވެ. ރަމީޒާއި ސައީދަކީ ޒުވާން އިރުގެ އެކުވެރިންނަށް ވެފައި އެދެމީހުން ދައްކަމުން ދިޔައީ އެއިރު ދެމީހުންނަށް ދިމާވި މަޖާ ވާހަކަތަކެވެ. 

"ކޮބާ މިހާރު ރައުފަލް ވަރަށް ބޮޑުވެފަ ދޯ ހުންނާނީ؟ ސައީދު ބުނި މިހާރު އަންހެން ކުއްޖެއްވެސް ހުންނަ ވާހަކަ؟ ކިތައް އަހަރުތަ ދަރިފުޅަށް؟" ރަމީޒާއި ސައީދު ވާހަކަދައްކަމުން ދިޔަ ވަގުތު ވާފިޔާ ޒަމީރާ ކުރެން އަހާލިއެވެ. 

"އާން.. މިހާރު ދަރިފުޅަށް ހަތް އަހަރު. ވާފިޔާގެ ކިތަށް ކުދިން ތިބޭތަ؟ މި ރަމީޒު އަހަރެންގާތު މާގިނަ ވާހަކައެއް ނުބުނޭ ވިއްޔަ އެހެންވީމަ ނޭނގޭނެއްނު" ޒަމީރާ ގަސްތުގައި ރައުފަލްގެ ވާހަކަ އިތުރައް ނުދައްކައި ސުވާލުކޮށްލިއެވެ. ފެންނަފެނުމަށް ވާފިޔާއާއި ސައީދަކީ ނުހަނު ހިތްހެޔޮ ދެމީހުންނެވެ. އެދެމީހުން ރައުފަލްއާމެދު ކަންތައްކުރާނީ ރަނގަޅަށްކަން އެމީހުންނާއެކު ހޭދަވި ކުޑަވަގުތު ކޮޅުގައި ވެސް ޒަމީރާއަށް އެނގުނެވެ. އެހެންކަމުން އޭނަ އިނީ އިންތިހާއަށް ފޫހިވެފައެވެ. އެ އަންހެނާގެ ދަރިއަށް އެންމެ އުފަލެއް ވެސް ލިބޭކަށް އޭނަ ނޭދެއެވެ.

ވާފިޔާ އޭނަގެ ދަރިންގެ ވާހަކަ ކިޔައިދޭނީ ތިއްބައި ރަމީޒާއި ސައީދު ކައިނިމިގެން ބޭރަށް ނިކުތީ ކައިރި ހޮޓަލަކުން ދުފާލަން ދަނީކަމަށް ބުނެފައެވެ. ރަމީޒު އެގެއިން ނުކުމެގެން ދިޔަ ދިމާލަށް ނުތަނަވަސް ނަޒަރަކުން ޒަމީރާއަށް ބަލަހައްޓައިގެން އިނދެވުނެވެ. މާލޭގެ މަގެއް މަތިންވެސް ރަމީޒަށް މެހްރީން ފެނިދާނެތީ އޭނަ ހުންނަނީ ބިރުންނެވެ. ރަމީޒަށް ހަގީގަތް އެނގޭ ދުވަހަކުން މެހްރީންގާތަށް ދާނެކަން އޭނައަށް ހިތުގެ އަޑިން ގަބޫލުކުރެވެއެވެ.

"އަހަރެން އަސްލު މި އައީ ސައީދު ގާތު ވަރަށް ބޮޑު ކަމަކު އެދެންވެގެން.." ގެ ކާރި ހުރި ހޮޓަލަށް ވަދެ އެތަނުން މޭޒެއްގެ ދޮށުގައި އިށީންދެވުމާއެކު ރަމީޒު ބުންޏެވެ. އެވަގުތު ވެއިޓަރަކު އައުމުން ދުފާތަބަކެއް ގެނެސްދިނުމަށް އެދިފައި ސައީދު ވާހަކަދެއްކިއެވެ.

"ރަމީޒު ބުނި ކޮންމެ ކަމެއްވެސް އަހަރެން ކޮށްދޭނަން. އެކަމަކު އޭގެ ކުރިން އަހަރެން އެބަ އޮތް ރަމީޒު ގާތު ވަރަށް ބޮޑު ވާހަކައެއް ބުނަންވެފަ" ކެތްތެރިކަން ކުޑަ ރާގެއްގައި ސައީދު ބުނެލިއެވެ. އޭނަގެ މޫނުމަތިން އެވަގުތު ފެންނަމުން ދިޔަ ކުލަވަރުން އެވާހަކައަށް އަޑުއަހަން ރަމީޒު ވެސް ޝައުގުވެރިވިއެވެ.

"ކޮން ވާހަކައެއް؟." ރަމީޒު އެހެން އެހުމާއެކު ސައީދު ލަސްނުކޮށް ކިޔައިދޭން ފެށިއެވެ.

"އަހަރެން ކުރިން ދުވަހަކު މެހްރީން ދުށިން" ސައީދު އެހިސާބަށް ބުނުމާއެކު ރަމީޒުގެ ހަރަކާތްލަސްވެ މީހާ ހިމޭންވެގެން ދިޔައެވެ. 

"އޭނަގެ ހަގު ދަރިފުޅާއެކު ފިހާރަކައަކުން ނިކުމެގެން ދަނިކޮށް ވާފިޔާ އަހަންނަށް އޭނަ ދެއްކީ... ހަމަ އެރޭ ބޭރުގަ އުޅެނިކޮށް މަށާ ދިމާވި އެއްކަލަ ހުސޭނާ. ހަނދާންވޭތަ އަހަރުމެންނާއެކު އޭރު އޮފީހުގަ އުޅުނެއްނު ހުސޭނެއް؟ އޭނަ އަދިވެސް އުޅެނީ އެތާގަ. މަތީ މަގާމެއްގައޯ މިހާރު އުޅެނީވެސް. އޭނަ ބުނީ މިހާރު މެހްރީންއާ އެ ޖައުފަރާ ދެމީހުން ވަރިވެއްޖޭ." ސައީދުގެ ވާހަކަ އަޑުއަހަން އިން ރަމީޒު އިސްޖަހާލިއެވެ. އޭނައާއި ވަރިވުމަށްފަހު ތިން މަސްވުމާއެކު މެހްރީން ޖައުފަރާ ކައިވެނިކުރި ހަބަރު ލިބުނު ދުވަސް ވެގެންދިޔައީ އޭނަގެ ހަޔާތުގައި ދެވަނައަށް އައި އެންމެ ހިތާމަވެރި ދުވަހޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ނަމަވެސް އެދެމީހުން ވަރިވިވާހަކަ އިވުމުން އިހުސާސުކުރަންވީ ގޮތެއް ރަމީޒަކަށް ނޭނގުނެވެ. 

"ދެން.... ތިކަމުގެ އަހަރެން ބުނާނީ ކީކޭ؟" ރަމީޒު އިސްދަށަށް ޖަހައިގެން އިނދެ ބުނެލިއެވެ. 

"ބޭނުމެއް ނޫންތަ މެހްރީންއާ އެފަހަރުވެސް ބައްދަލުކޮށް އޭރު ކަންވީގޮތް އޮޅުންފިލުވާކަށް؟ އެންމެ ކުޑަމިނުން މެހްރީން ދައްކާ ވާހަކައެއްވެސް އަޑުއަހަން ބޭނުމެއް ނޫންތަ؟" ސައީދު އެހެން ބުނުމާއެކު ރަމީޒު އިސްއުފުލާލިއެވެ. 

"އޭރު ކަންތައްވީގޮތް އަހަންނަށް ސާފުކޮށް އެނގޭ. އިތުރަށް ދައްކާނެ ވާހަކައެއް އޮޅުންފިލުވާނެ ކަމެއް ނެތް" ރަމީޒު އެހެން ބުނެލި އިރު މާޒީގެ ހަނދާންތައް އޭނަގެ ސިކުނޑީގައި އެނބުރިގަތެވެ. އޭނަގެ އަލަތު ޒަވާޖީ ހަޔާތް ނިމިދިޔަ ގޮތާއި އެދެމީހުންގެ ދަރިފުޅުވެސް ދޫކޮށްފައި މެހްރީން ދިޔަ ދުވަސް މަތިން ހަނދާންވުމުން ހިތްދެވަރި ވަގުތު ރުޅިވެސް އާދެވުނެވެ.

"ރަމީޒު އަހަރެންގެ ހިތެއް ނުބުނޭ އޭރު ކަންތައްވީގޮތުގެ ހަގީގަތް ރަމީޒަށް އެނގޭހެނެއް. މަށަކަށްވެސް ނޭނގެ. އެނގޭހާވެސް އެއްޗަކީ ރަމީޒަށް ތުހުމަތުކުރި ކަންތައް ރަމީޒު ނުކުރާއިރު މެހްރީންވެސް ނުކުރާނެކަން" ރަމީޒު ދެބުމަ ކާރިކޮށްގެން އިންތަން ފެނިފައި ސައީދު ބުނެލިއެވެ. 

"ސައީދަކަށް ނޭނގޭނެ އެދުވަހު ކަންވީގޮތެއް. އެކަމަކު އަހަރެންގެ ލޮލަށް ފެނި އަތުން ހިފުނީމަ ކިހިނެއް ވާނީ؟ އަނެއްކޮޅުން ވަރިވިތާ ތިން މަސްވީރަށް އެދެމީހުން ކައިވެނިވެސްކޮށްފި.. ދެން އިތުރަށް އަހަރެން އޮޅުންފިލުވަން އޮތީ ކޮން ކަމެއް؟ މިހާރު އަހަރެންވެސް މި އުޅެނީ މީހަކާ އިނދެގެން. ދަރިއެއްވެސް އެބަ ހުރި. މެހްރީންއާމެދު ވިސްނާކަށް އަހަރެންގެ ސިކުނޑީގަ ޖާގައެއް ނެތް" ރަމީޒު ބުންޏެވެ. ރަމީޒުގެ ވާހަކަ އަޑުއަހަން އިން ސައީދު ފުންނޭވާއެއް ދޫކޮށްލިއެވެ. އޭނަގެ އެކުވެރިޔާއަށް ރަނގަޅުގޮތް ވާން އެދުނަސް ކުރެވޭނެ މާބޮޑުކަމެއް ނެތެވެ. ރަމީޒު ނުކުރަން އުޅޭ ކަމެއް ގަދަބާރުން ކުރެވޭނީ ކިހިނެއް ހެއްޔެވެ؟

"އެންމެ ރަނގަޅު... އެކަމަކު ބުނަން. ލޮލަށް ފެންނަ ކޮންމެ ކަމަކީ ހަގީގަތަކަށް ނުވެދާނެ" ސައީދު އެހެން ބުނެފައި އެހިސާބުން އެވާހަކަ ނިންމާލިއެވެ. އެވަގުތު ދުފާތަބައް ހިފައިގެން ވެއިޓަރު އައުމުން އެދެމެދުގައި އިތުރު ވާހަކައެއް ނުދެކެވުނެވެ.

ދެމީހުންގެ މެދުގައި ހިމޭންކަމުގެ މިނެޓުތަކެއް ވޭތުވުމަށްފަހު އެހިމޭންކަން ނަގާލީ ރަމީޒެވެ.

"ސައީދު... އަހަރެން މިއައީ ވަރަށް ބޮޑު ކަމަކު އެދެންވެގެން. އަހަރެންގެ ދަރިފުޅު މިހާރު އެހުރީ ގްރޭޑް ދިހައެއް ކިޔަވާ ނިމިފަ. އެއީ ކިޔެވުމަށް މޮޅު ކުއްޖެއް. އަބަދުވެސް މުޅި ސްކޫލުން އެއްވަނަ ގެންނާނީ އޭނަ. އެދަރިފުޅަށް މަތީ ތައުލީމް ހާސިލްކޮށްދޭން އަހަރެން ވަރަށް ބޭނުން. މާލޭގަ ބަހައްޓައިގެން ދަރިފުޅަށް ކިޔަވައިދޭން ބޭނުން. ސައީދުގެ ގޭގަ އެސޮރު އެގާރަ ބާރަ ނިމެންދެން ބަހައްޓައިދެވިދާނެތަ؟ އަހަރެން ސައީދަށް ކޮންމެ މަހަކު ރުފިޔާވެސް ފޮނުވާނަން." 

ރަމީޒުގެ ވާހަކަ އަޑުއަހަން އިން ސައީދު އެވާހަކަ ނިމުމުން ހިނިތުންވެލިއެވެ.

"ރަމީޒު ތީ އަހަރެންގެ އެންމެ ގާތް އެކުވެރިޔާ. އަހަރެން އެހީއަކަށް ބޭނުންވި ދުވަހު އެހީތެރިވެދިނީ ރަމީޒު. މިއަދު ރަމީޒު ތިއެދުނު ކަންތައް ކޮއްދެވޭވަރުގެ ފެންވަރު އަހަރެންގެ އެބަހުރި. އަހަރެން ތިކަން ކޮށްދޭނަން. ޗުއްޓީ ނިމެން ވާއިރަށް އެސޮރު ގެނޭ. އެކަމަކު ބުނަން އެއްވެސް ރުފިޔާއެއް އަހަރެން ރަމީޒުގެ އަތަކުން ބޭނުމެއްނޫން." 

"އެކަމަކު ސައީދު..." 

"ގޭގަ ހަތަރު ކޮޓަރި ހުހަށް ހުންނަ އިރު އެސޮރަށް ވަކިން ކޮޓަރިއެއް ވެސް ލިބޭނެ. އަނެއްކާ އަހަރެންގެ ތިބީ ދެ ފިރިހެން ކުދިން. އެސޮރު އައިސް އުޅުނަސް އެއްވެސް މައްސަލައެއް ނޯންނާނެ. ވާފިޔާވެސް ގަބޫލުވާނެކަން ޔަގީން" ރަމީޒު ދެއްކި ވާހަކަ މެދުކަނޑާލުމުން ސައީދު ބުނެލިއެވެ.

ސައީދުގެ އެޖަވާބުން ރަމީޒުގެ ހިތަށް ހަމަޖެހުމެއް ލިބުނެވެ. ސައީދު އޭގެ ހިނދުކޮޅެއް ކުރިން ދެއްކި ވާހަކަ މަތިން އޭނަ ހަނދާންނެތި އެވަގުތު ސައީދަށް ހެޔޮ ދުޢާކުރެވި ރައުފަލްގެ މުސްތަގުބަލުވެސް އުޖާލާ ވޭތޯ ދުޢާކުރެވުނެވެ. 

.......

ރޭގަނޑުގެ ވަގުތު ފަޅުރަށުގެ އަތިރިމައްޗާ ވީފަރާތުގައި ބާބަކިޔޫ ހެދުމުގައި ދަތުރު އައިސް އުޅުނު އެންމެންވެސް މަޝްއޫލުވެގެން އުޅުނެވެ. އެދުވަހު ބޭނި މަހުގެ އިތުރުން ރަށުން ގެނައި ކުކުޅުފަޔާއި ސޮސެޖުތައްވެސް ރޯކުރި ބޮޑު އަލިފާންގަނޑު މަތީގައި ދާގަނޑެއް ބާއްވައި އޭގެ މަތީގައި އެދުވަހު ބޭނި މަސްތައް ފިހަން ބަހައްޓާފައި ހުއްޓެވެ. އަލިފާންގަނޑުގެ އައްޔާއި އުޑުމަތީގައިވި ސާދަ ފަނަރައިގެ ހަނދުގެ އައްޔަށް އެންމެންގެ ދެލޯވީ ހޭނިފައެވެ.

އެންމެންވެސް ކާތަކެތީގެ އިންތިޒާރުގައި ތިބި އިރު އެތަނުގައި ރިފާހު ހުރީ މަޖާވާނެ ކަމަށް ބުނެ ބިރުވެރި ވާހަކަ ކިޔައިދޭށެވެ. ޓޯޗެއް މޫނަށް ދިއްކޮށްގެން ހުރެ ވާހަކަ ކިޔައިދެމުން ދިޔަ އިރު ރިފާހުގެ މޫނަށް ޖައްސަމުން ދިޔަ ވައްތަރުތަކުންނާއި ކުއްލި ކުއްލިއަށް ލައްވަމުން ދިޔަ ބިރުވެރި އަޑުތަކަށް އަންހެންވެރިން ދޭތެރެ ދޭތެރެއިން ހަޅޭއްލަވަމުންވެސް ދިޔައެވެ.

ރިފާހު ޖަހަމުންދިޔަ ސަކަރާތް ބަލަން ދުރުގައި ހުރި ރައުފަލް ބޯހޫރުވާލިއެވެ. ރިފާހު ކުއްލިއަކަށް ބިރުވެރި އަޑެއް ލެއްވުމުން އަންހެނަކު ހަޅޭއްލެވި އަޑުއިވިފައި ރައުފަލް ގާތުގައި ހުރި އައިކްވެސް ބޯހޫރުވާލަމުން ކަޅި މައްޗަށް ހިންގާލިއެވެ.

"މީނައާ ހެދި އަހަރުމެންނަށް މިރޭ ނިދޭނެހެނެއް ހިޔެއްނުވޭ" އައިކް ހަށަންބަދެގެން ހުރެ ބުނެލިއެވެ.

"ކިހިނެއްވީ؟ ބްރޯވެސަ ބިރުގަތީތަ؟" ލާނެތް ހިނިތުންވުމަކާއެކު ރައުފަލް ސުވާލުކޮށްލިއެވެ.

"މަ ކޮން ބިރެއް ގަންނާކަށް. މިތިބަ އަންހެންވެރިންނަށް ނުނިދިގެން ބިރުން މިރޭ އަހަރުމެން ހޭލައްވާނެ ވާހަކަ މިބުނަނީ..." ރައުފަލްއާއި ދިމާލަށް ކަޅި އަޅާލަމުން އައިކް ބުނެލިއެވެ. އެމަންޒަރު ފެނިފައި ރައުފަލް ހެމުންހެމުން އައިކްގެ ކޮނޑުގައި ޖަހާލިއެވެ. 

"އޯކޭ އޯކޭ... ބަޔަކު ބިރުން މިރޭ ހޭލައިފިއްޔާ ރިފާހު ފޮނުވީމަ ނިމުނީނު. އޭނަ ވިއްޔަ އެންމެން ބިރުދައްކަން ގޮސް އެހުރީ" ރައުފަލް އެހެން ބުނެފައި ކުރިމަތީގައި ހުރި އަލިފާންގަނޑާ ގާތަށް ޖެހިލިއެވެ. އަދި ފިހެވެމުންދިޔަ ކުކުޅުފައިތައް ފުށުން ޖެހިއެވެ. އޭނައާއި ހަވާލުވެފައި ހުރީ ކުކުޅުފައިތައް ފިހުމަށެވެ. އައިކް ހަވާލުވެ ހުރީ ސޮސެޖުތައް ފިހުމަށެވެ. އެތަނުގައި މަސްފިހުމާއި ހަވާލުވެ ހުރީ ރޫހީންއާއި އޭނަގެ ދެ އަންހެން އެކުވެރިންނެވެ.

އޭގެ ވިހިވަރަކަށް މިނެޓުފަހުން ކައްކާނިމި އެންމެންވެސް ކާންފެށިއެވެ. ކެއުމުގެ ތެރެއިން ދަތުރު މަތީގައި އެދުވަހު ދިމާވި މަޖާ ވާހަކަތައް ހިއްސާކުރެވެމުން ދިޔައިރު މާހައުލުގައި ހިފާފައިވީ މީހުންގެ ހުނުމުގެ އަޑެވެ. އެންމެންގެ މޫނުމަތިން ފެންނަމުންދިޔައީ އުފާވެރިކަމާއި ހިތްހަމަޖެހުމެވެ.

ކެއުން ނިންމާފައި ބާބަކިޔޫ ހެދި ސަރަހައްދު ސާފުކުރުމުގައި ގިނަ ބަޔަކު މަޝްއޫލުވިއިރު ބައެއް މީހުން މާވަރުބަލިކަމަށް ބުނެފައި ޓެންޓުތަކަށް ނިދަން ވަނެވެ. ދިގު ދުވަހަކަށް ފަހު ވެފައިހުރި ވަރުބައްޔާއެކު އެތަން ސާފުކޮށް ނިމުންތަނާ އެންމެން ކަހަލަ ގޮތަކަށް ޓެންޓުތަކަށް ނިދަން ވަންނަން ފެށިއެވެ. ނަމަވެސް ޖެހިގެން އޮތް ދުވަހު ކުރިއަށް ގެންދަން ރާވާފައިވާ ހަރަކާތްތަކާއި މެދު މަޝްވަރާކުރުމަށްފަހު އެންމެ ފަހުން ނިދަން ވަނީ ރައުފަލްއާއި އޭނަގެ އެކުވެރިންނެވެ.

ޓެންޓުތެރޭގައި އޭނަގެ ބެކްޕެކް ބާލީހަކަށް ހަދައިގެން ސްލީޕިން ބޭގެއް މަތީގައި ނިދަން އޮށޯވެ އޮތް ރައުފަލްގެ ދެލޮލުގައި ނިދީގެ އެއްވެސް އަސަރެއްނެތެވެ. އެދިގު ދުވަހުގެ ވަރުބަލިކަން ހަށިގަނޑަށް އިހުސާސުވަމުން ދިޔަ ނަމަވެސް އޭނަ ނިދާކަށް ބޭނުމެއް ނުވިއެވެ. ދެއަތް މޭމަތީގައި ހުރަސްކޮށްލައިގެން ރައުފަލް އޮތީ އޭނަގެ ވާތް ފަރާތުގައި އޮށޯވެ އޮތް އައިކް ނިދާނެ އިރެއްގެ އިންތިޒާރުގައެވެ. ޓެންޓުގަައި އެހެން އެންމެން ނިދާފައި ތިބި އިރު ބައެއް މީހުން ގުގުރާއަޑުވެސް އޭރު އިވެމުންދިޔައެވެ. 

އެންމެ ފަހުން ދެފަރާތަށް ފުރޮޅި ފުރޮޅިފައި އައިކްވެސް ނިދައިފިއެވެ. އައިކް ނިދިކަން ޔަގީންވަންދެން ރައުފަލް އިރުކޮޅަކު މަޑުކޮށްގެން އޮތުމަށްފަހު މަޑުމަޑުން ތެދުވެ ޓެންޓުގެ ދޮރު ހުޅުވާފައި ބޭރަށް ނިކުތެވެ. އެވަގުތު ފިނި ވައިރޯޅިއެއް ރައުފަލްގެ މޫނުގައި ބީހިލިއެވެ. އެސަރަހައްދުގައި ސާދަ ފަނަރައިގެ ހަނދުގެ އަލިކަން ފިޔަވައި އިތުރު އަލިކަމެއް ފެންނާކަށްނެތެވެ. ޓެންޓުތައް ޖަހާފައި ހުރީ ނިކަގަހުގެ ހިޔަލެއްގައި ކަމުން އެހިސާބަށް ހަނދުގެ އަލިކަންވެސް ފޯރަނީ ކުޑަކޮށެވެ. އެހެންކަމުން ރައުފަލް އޭނަގެ ފޯނު ނަގައި ފްލޭޝް ދިއްލާލިއެވެ. އަދި ލަސްފިޔަވަޅު ތަކެއްގައި އަންހެނުންގެ ޓެންޓު ކުރިމަތިން ތަންކޮޅެއް ދުރުގައި މަޑުކޮށްލިއެވެ. 

ރައުފަލް އެތާ ހުންނަތާ މިނެޓެއް ފަހުން އަންހެނުންގެ ޓެންޓުގެ ޒިބު ކެހުނު އަޑާއެކު މީހަކު ޓެންޓުން ނިކުތް އަޑު އިވުނެވެ. ފަހަތަށް އެނބުރި ބަލާލުމުގެ ކުރިންވެސް އެއީ ކާކުކަން ރައުފަލްއަށް ޔަގީންވިއެވެ. އޭނަ ހިނިތުންވުމަކާއެކު ފަހަތަށް އެނބުރުނު އިރު ނޫކުލައިގެ އަތްދިގު ކުރުތާއަކާއި ކަޅުކުލައިގެ ފުޅާ ހަރުވާޅެއްގައި ހުރި މަލަކް އޭނައާއި ދިމާލަށް އަންނަމުން ދިޔައެވެ. 

"އަހަރެން ހީކުރީ ރައުފަލްއަށް ނިދުނީކަމަށް. ދެތިން ފަހަރު ދޮރު ހުޅުވާފަ ބަލާލީމޭ" މަލަކް އައިސް އޭނަ ގާތު ހުއްޓެމުން މަޑު އަޑަކުން ބުނެލިއެވެ. އެވަގުތު ޖެހިލި ވައިރޯޅިއާއެކު މަލަކް ޖަހައިގެން ހުރި އަންހެން ސެންޓުން ދުވަމުން ދިޔަ މީރުވަސް ރައުފަލްގެ ނޭފަތުއި ޖެހުނެވެ. 

"އެންމެން ނިދަންދެން އަހަރެން މަޑުކުރީ. އެންމެން ނިދިކަން ޔަގީންވީހާ އަވަހަށް މިނިކުތީ.." ރައުފަލް އެހެން ބުނުމުން މަލަކް ހިނިތުންވުމަކާއެކު އަވަހަށް ހިނގާށޭ ބުނެ ކުރިއަށް ހިނގައިގަތެވެ.

ފަޅުރަށުގެ އަނދިރިކަމުގެ ތެރޭގައިވެސް މަލަކްގެ ޖެހިލުންވުން ކުޑަކަން ރައުފަލްއަށް ފާހަގަ ކުރެވުމުން ހިނިތުންވެވުނެވެ. އެރޭ ރިފާހު އެންމެން ބިރުދައްކާފައި އުޅުނު އިރު އެއްފަހަރުވެސް މަލަކް ބިރުން އުޅުނު މަންޒަރެއް އޭނައަކަށް ނުފެނުނެވެ. އެކަންވެސް ހަނދާންވުމުން ހެވިފައި ހުރެ ރައުފަލް މަލަކްގެ ފަހަތުން ހިނގައިގަތެވެ.

ރައުފަލްއާއި މަލަކް އެކީގައި ގޮނޑުދޮށަށް ފޭބި ވަގުތު ދެމީހުން އާށޯހުކުރުވީ ރާޅުޖަހާ ހިސާބުގައި ނޫކުލައިން ދިއްލިފައިވި ރެދަން ފެނުމުންނެވެ. ރައުފަލްއަށް މީގެ ކުރިން ރެދަންލާފައި ހުރި މަންޒަރު ފެނިފައިވި ނަމަވެސް އެރޭ މުޅި ގޮނޑުދޮށް އެކީ ރެދަނުން ދިއްލާލެވިފައިވި މަންޒަރު ފެނުމުން ހައިރާންވެފައި ބަލަން ހުރެވުނެވެ. އޭނަ ހައިރާންވެފައި ހުރެ އެއްޗެކޭ ބުނަން އުޅުނުތަނާ މަލަކް ކުއްލިއަކަށް ދިގު ފިޔަވަޅުތަކެއްގައި ގޮސް ރާޅުޖަހާ ހިސާބުގައި މަޑުކޮށްލިއެވެ. އަދި ލަސްކުރުމެއްނެތި އޭނަގެ ކެމެރާދަބަސް ތެރެއިން ކެމެރާ ނަގައި ކަރުގައި އަޅުވާލިއެވެ.

"ދިސް އިޒް ގްރޭޓް." މަލަކްގެ ކެމެރާއިން ދެތިން ފޮޓޯ ނަގާލުމަށްފަހު ދެލޮލާއި ކެމެރާ ދުރުކޮށް ނެގުނު ފޮޓޯތަކަށް ބަލަމުން ބުނެލިއެވެ. 

"މަލަކް ދުވަހަކުވެސް ނުދެކެންތަ ރެދަންލާފަ ހުއްޓައެއް؟" މަޑު ފިޔަވަޅުތަކެއްގައި ކުރިއަށް ދަމުން ރައުފަލް އަހާލިއެވެ. މަލަކްގެ މޫނުމަތިން އެވަގުތު ފެންނަމުން ދިޔަ އުފާވެރިކަމުން ރައުފަލްގެ ހިތްވެސް އުފާވިއެވެ. ސާދަ ވިލޭރޭގެ ހަނދުގެ އަލީގައި މަލަކް ފެންނަމުން ދިޔަލެއް ރީތިކަމުން އެނޫން ދިމާލެއް ރައުފަލްއަކަށް ނުބެލުނެވެ. އެލޯބި މޫނުމަތިން ފެންނަމުންދިޔަ ރީތި ހިނިތުންވުމާއެކު ބޭއިޙްތިޔާރުގައިވެސް މަލަކްއާއި ގާތަށް އޭނައަށް ފިޔަވަޅު އެޅެން ފެށީ މަލަކްއާއި ވީހާވެސް ގާތުގައި ހުރުމަށް ހިތްއެދުނު ވަރުންނެވެ.

"އާން ނުދެކެން. ރައުފަލް އަހަރެން ބޭނުން ވަރަށް ވަރަށް ރީތި ފޮޓޯކޮޅެއް ނަގަން... ކޭން ޔޫ ހެލްޕްމީ؟" މަލަކް ކުއްލިއަކަށް އޭނައާއި ދިމާލަށް އެނބުރިފައި އެހެން ބުނުމުން ރައުފަލްގެ ވަގުތުން ބޯޖަހާލިއެވެ. އެރޭ ނިދިނަގާލާފައި އޭނަ ނިކުމެ އެހުރީ މަލަކްގެ އެދުމުގެ މަތިން މަލަކްއަށް ފޮޓޯނެގުމުގައި އެހީތެރިވުމަށެވެ. އެހެންކަމުން މަލަކްގެ އިރުށާދުގެ ދަށުން ރައުފަލް މަސައްކަތް ފެށިއެވެ.

އޭގެ މިނެޓުތަކެއް ފަހުން މަލަކް ބޭނުންވިފަދަ ހުރިހާ ފޮޓޮއެއް ނަގާ ނިމުމުން މަލަކްއާއި ރައުފަލް އަތިރިމަތީގެ ދޮންވެލިގަނޑުގައި އިށީންދެގެން ތިއްބެވެ. މަލަކްގެ ކެމެރާއިން އޭނަ ނަގާފައި ހުރި ފޮޓޯތައް ބަލަމުން ދިޔަ ވަގުތު ރައުފަލްވެސް އެފޮޓޯތައް ބަލަމުން މަލަކަށް ތައުރީފުކޮށްލިއެވެ.

"ހާދަ ރީއްޗޭ މަލަކް ނަގާ ފޮޓޯތައް. ތީ އަބަދުވެސް މަލަކް ކުރާހިތްވާ ކަމެއްތަ؟" ރައުފަލް ސުވާލުކުރުމާއެކު މަލަކް ކެމެރާގެ ސްކްރީނުން ނަޒަރު ވަކިކޮށްލިއެވެ.

"ހޫމް. އަބަދުވެސް ކުރާހިތްވާ ކަމެއްމީ. މަންމަންމެން މި ކެމެރާ ގަތްދިންފަހުން އަސްލު ބޮޑަށް މިކަމުގެ ތެރެއަށް ވަދެވުނީ... އަހަރެން ބޭނުމީ ބޮޑުވެގެންވެސް މި ދާއިރާއިން ކުރިއަށް ދާން. ޑްރީމްއަކީ އަހަރެންގެ އަމިއްލަ ފޮޓޯ ސްޓޫޑިއޯއެއް ހުޅުވުން.." މަލަކް ހިނިތުންވުމަކާއެކު ކުރިމަގުގައި އޭނަގެ ހިޔާލުހުރި ގޮތް ރައުފަލްއާއި ހިއްސާކުރިއެވެ.

"ރައުފަލް ކުރިއަށް ދާންބޭނުންވަނީ ކޮންދާއިރާއަކުން؟" މަލަކް އަހާލިއެވެ. އޭނާގެ ކެމެރާވެސް ނިވާލާފައި އުނގުމަތީ ބާއްވަމުން ރައުފަލްގެ ވާހަކަ އަޑުއަހަން ތައްޔާރުވެލިއެވެ. މަލަކް ހުރީ ދަތުރުމަތީގައި ސާދަ ފަނަރައިގެ ހަނދާއި ތަރިތަކުގެ ފޮޓޯނަގަން އިންތިހާއަށް ބޭނުންވެފައެވެ. ނަމަވެސް އުލްފާގާތުގައި ބުނިނަމަވެސް އޭނައާއި އެކު ފޮޓޯނަގަން ދަންވަރުގެ ވަގުތުވެސް ނިކުންނާނެކަން މަލަކަށް ޔަގީނެވެ. ކަންއެހެން އޮތެއްކަމަކު އޭނަ ރައުފަލް ގާތުގައި އެކަމަށް އެދުނީ ރައުފަލްއާއި އެކު ވަގުތު ހޭދަކުރުމަށް ހިތް އެދެމުން ދިޔަ ވަރުންނެވެ.

އެވަގުތު ދެމީހުންނަށް އިށީންދެގެން ތިބެވުނީ ދާދި ގާތުގައި ކަން މަލަކްގެ ސިކުނޑި ހަނދާންކޮށްދިން ނަމަވެސް އެއީ މާބޮޑުކަމަކަށް އޭނަ ނުހެދިއެވެ. ރައުފަލްގެ މޫނު ގާތުން ފެނުމުން އޭނަގެ ހިތަށް ކުރަނީ ތަފާތު އިހުސާސެކެވެ. އެމޫނާއި ޖެހެމުންދިޔަ ވައިރޯޅިއާއެކު ކުރު އިސްތަށިތައް ރައިފަލްގެ ނިތްކުރީގައި ބީހެމުން ދިޔަ މަންޒަރު ވެގެންދިޔައީ މަލަކް ބަލަބަލާ ފޫހި ނުވި ކަމަކަށެވެ. 

"އަހަރެން ދޯ.... އަހަރެން ވާންބޭނުމީ ޑޮކްޓަރަކަށް" އަތިރިމައްޗަށް ރާޅުޖަހަމުން ދިޔަ މަންޒަރު ބަލަން އިނދެ ރައުފަލް ބުންޏެވެ. އޭނަ ގާތުގައި ބައްޕަގެ އިތުރުން ޓީޗަރުންނާއި އެކުވެރިންވެސް ކިތަންމެ ފަހަރަކު އެސުވާލު ކޮށްފައިވެއެވެ. ނަމަވެސް އެމީހުންގެ ސުވާލުތަކަށް ރައުފަލް ދުވަހަކުވެސް ޖަވާބެއް ނުދެއެވެ. ޑޮކްޓަރަކަށް ވުމަކީ އޭނަ ދެކޭ ހުވަފެނެވެ. އެ ހުވަފެނުގައި ކުލަޖެހޭނެ ކަމުގެ އެއްވެސް އުންމީދެއް ނެތެވެ. އެއީ ވުމަށްވުރެ ނުވުން ގާތުގައިވާ ކަމެކެވެ. އެކަން އޭނަގެ ބައްޕައާއި ޓީޗަރުންނާއި އެކުވެރިންނަށް ވެސް އެނގޭނެއެވެ. ނަމަވެސް އޭނަގެ ފެންވަރު ނޭނގޭ މަލަކް ގާތުގައި އެވާހަކަ ބުނުމަކުން ވާނެ ގެއްލުމެއް ނެތެވެ.

"އެއީ ކީއްވެ ޑޮކްޓަރަކަށް ވާން ބޭނުމީ؟ މިހެން މިއެހީ ތިކަހަލަ ކަންކަމުގަ ކޮންމެ މީހެއްގެވެސް ރީޒަންއެއް އޮންނާނެ. ކޮބާ ރައުފަލްގެ ރީޒަންއަކީ؟"  މަލަކް ޝައުގުވެރިކަމާއެކު ސުވާލުކުރިއެވެ. ރައުފަލްގެ މޫނުމަތިން އެވަގުތު ހިތާމަވެރިކަމެއް ފެންނަމުން ދިޔަހެން ހީވުމުން އިތުރަށް އެކަން އޮޅުންފިލުވަން މަލަކް ބޭނުންވިއެވެ. 

"ކުޑައިރު މަންމަ އަހަންނަށް ޑޮކްޓަރުން ލާކަހަލަ ކޯޓެއް ފަހާދިން. އެދުވަހު އޭތި ލައްވާފަ މަންމަ ބުނި އިރާދަކުރެއްވިޔާ މަންމަގެ ދަރިފުޅު ބޮޑުވެގެން ވަނީ މީހުންނަށް އެހީވާ މޮޅު ޑޮކްޓަރަކަށޭ. މަންމަ އެހެން ބުނި ފަހުން އަސްލު ޑޮކްޓަރަކަށް ވާން ބޭނުންވީ" ރައުފަލް މިފަހަރު ޖަވާބު ދޭންޖެހުނީ އިސްދަށަށް ޖަހައިގެން އިނދެއެވެ. އޭނަގެ މޫނުމައްޗަށް އަރާފައިބަމުން ދިޔަ ކުލަވަރު މަލަކްއަށް ފެންނަން ބޭނުންނުވުމުންނެވެ. އޭނަ މަލަކްއާއި ހިއްސާކުރީ ހިތުގެ އަޑީގައި ފޮރުވިފައިވާ ހަނދާނެކެވެ. އިތުރުމީހެއް ގާތުގައި ނުބުނާ ސިއްރެކެވެ. ނޭނގޭ ސަބަބަކާއިހުރެ އޭނަގެ ހިތަށް އެންމެ އުނދަގޫކުރާ ކަންކަންވެސް  މަލަކްއާއި ހިއްސާކުރަން ރައުފަލްއަށް ފަސޭހަވިއެވެ.

ރައުފަލް އިސްޖަހައިގެން އަނެއްކަމަކު މަލަކަށް އެމޫނުމަތިން ފާޅުވަމުން ދިޔަ އިހުސާސްތައް ދެނެގަނެވުނެވެ. ނަމަވެސް އެވާހަކަ ބުނެފައި ރައުފަލް ދެރަވާންވީ ސަބަބެއް އޭނައަކަށް ނުވިސްނުނެވެ. އަނެއްކާ ރައުފަލްގެ މަންމަ ވަނީ މަރުވެފައި ހެއްޔެވެ؟ އެސުވާލު ހިތަށް ވެރިވުމުން މަލަކް އެކަން އޮޅުންފިލުވަން ބޭނުންވި ނަމަވެސް އެފަދަ ސުވާލެއް ކުރާކަށް ނުކެރުނެވެ. 

"އެހެންވީމަ ޑޮކްޓަރަކަށް ވާދުވަހަކުން ރައުފަލްވެސް ވަރަށް އުފާވާނެދޯ ރައުފަލްގެ މަންމަގެ އުންމީދެއް ފުރިހަމަކުރެވުނީމަ..." މަލަކް އެހެން ބުނީ ރައުފަލްގެ ހިތްހަމަޖައްސައި ދިނުމުގެ ބޭނުމުގައެވެ. ނަމަވެސް އެވަގުތު އިސްއުފުލާލަމުން ރައުފަލް އޭނައަށް ބަލާލީ ފޭދިފައިވި ހިނިތުންވުމެއްގައެވެ.

"މަންމަ އެހެން ބުނެފަ އޮތަސް މިހާރު އަހަރެން ޑޮކްޓަރަކަށް ވާން ބޭނުންވާ ބައިވަރު ސަބަބުތަކެއް އެބަ ހުރި. އެކަމަކު ނޭނގެ އަދި ޑޮކްޓަރަކަށް ވެވޭނެ ކަމެއް" ރައިފަލް އެހެންބުނެފައި އަނެއްކާވެސް ދުރުބަލަން ފެށިއެވެ. އިތުރަށް އެވާހަކަ ކުރިއަށް ގެންދަން އޭނަ ބޭނުމެއް ނުވިއެވެ. އެކަމާއި ގުޅޭގޮތުން މަލަކް އިތުރު ސުވާލެއް ނުކުރުމުން ރައުފަލް ހިތްހަމަޖެހުނެވެ. 

"ދެން މަލަކް ފޮޓޯގްރަފަރަކަށް ވަންޏާ އިތުރަށް ކިޔަވާނަންތަ؟" މައުލޫބަދަލުމުގެ ގޮތުން ރައުފަލް އަހާލިއެވެ.

"އަދި ނޭނގެ. ފޮޓޯގްރާފަރުން ކޮންމެހެން ކިޔަވާކަށް މަޖުބޫރެއް ނޫން. އެހެންވީމަ ހިޔެއް ނުވޭ. އެކަމަކު ފިއުޗާގަ ވާނެ ގޮތެއް ބުނާކަށްވެސް ނޭނގެ" މަލަކް ޖަވާބުދިނީ ރައުފަލް މައުލޫބަދަލުކުރުމުން އެކަމާއި ބެހޭގޮތުން އިތުރު އެއްޗެއް އެވަގުތު ނުބުނަން ނިންމައިގެންނެވެ.

 އެތައް އިރެއް ވަންދެން މަލަކްއާއި ރައުފަލް އެތަނުގައި ތިއްބެވެ. އަމިއްލަ ނަފްސާއި ބެހޭގޮތުން އެތައް ވާހަކައެއް އެކަކު އަނެކަކާއި ހިއްސާކުރަމުން ދިޔައިރު އޮމާންކަމާއެކު އެއްވާހަކަ އިން އަނެއްވާހަކައިގެ ކުރި ފަޅައި ހެދެމުން ދިޔައެވެ. ފަޅުރަށެއްގެ ގޮނޑުދޮށުގައި ހަނދުވަރުގެ އަލީގައި ތިބި އިރު ދެމީހުންގެ މޫނުމަތިންވެސް ފެންނަމުން ދިޔައީ ނުފިލާ ހިނިތުންވުންތަކެވެ.

އެވަގުތު އަންހެންކުދިންނާއިއެކު އެކަހެރިނުވުމަށް ބައްޕަ ކުރި ޝަރުތުގެ މަތިން ރައުފަލް ހިނދުކޮޅަކަށް ހަނދާންވި ނަމަވެސް އޭނަ ގޯސް ކަމެއް ނުކުރާކަމަށް އަމިއްލަ ނަފްސުގާތު ބުނެ ހަމަޖައްސާލިއެވެ. ރައުފަލްއާއިއެކު އެހާ އެކަހެރިގޮތަކަށް ހުރެވުމުން މަލަކްގެ ހިތުގައިވެސް އުފެދުނު ޖެހިލުންވުން ފިލުވާލީ ރައުފަލްއަކީ އޭނައަށް އިތުބާރު ކުރެވޭވަރުގެ މީހެއްކަމަށް ބުނަމުންނެވެ. އެހެންނޫނަސް އެދެމީހުން ހަމައެކަނި އެތާނގައި ތިބީ ވާހަކަ ދައްކާލަން ނޫންހެއްޔެވެ؟ 

ދެމީހުންވެސް އެގޮތުގައި ގަޑިއިރަކަށް ވުރެ ގިނައިރު ވަންދެން ވާހަކަދައްކަން ތިބުމަށްފަހު ނިދަން ޓެންޓަށް ވަނީ ހިތާއި ދެކޮޅަށެވެ. ނަމަވެސް އަނެއްދުވަހުގެ އިރު އެރުމުގެ ކުރިން ނިދާލަން ޖެހޭނެތީ ގޮތް ދޫކޮށްފައި ދެމީހުންވެސް ދިޔައީއެވެ.

މަލަކް ޓެންޓަށް ވަދެ އޭނައަށް ޚާއްސަކުރެވިފައިވި ސްލީޕިން ބޭގުމަތީގައި އޮށޯތްއިރު ތުންފަތްމަތީގައިވީ ނުފިލާ ހިނިތުންވުމެކެވެ. އޭނަގެ ދެލޮލުގައި ނިދީގެ އެއްވެސް އަސަރެއް ނެތްފަދައެވެ. މަލަކް އެހެން އޮތް އިރު އޭނައަށް ޔަގީންވި ކަމަކީ އެހިތުގައި ރައުފަލްއަށް ހާއްސަ މަގާމެއް ދެވިއްޖެ ކަމެވެ. އެންމެ ފުރަތަމަ ރައުފަލް ފެނުނު ދުވަހު އޭނަ ދަންނަ މީހެއް ކަމަށް ހީކުރެވުމުން ދެވުނު ސަމާލުކަން މިހާ ހިސާބަށް އަތުވެދާނެއެކޭ އޭނަގެ ހިތަކަށް ނާރައެވެ. ނަމަވެސް އެކަންވެސް ވެއްޖެއެވެ. ކުރިއަށް އޮތް ތަނުގައި ވާނެ ގޮތެއް ނޭނގުނު ނަމަވެސް މަލަކަށް އެނގޭހާވެސް އެއްޗަކީ އޭނަގެ ހަޔާތުގައި ރައުފަލް ބަހައްޓަން ބޭނުންވާކަމެވެ.

ނުނިމޭ 

 

 

 

ލިޔުން ޙިއްސާ ކުރައްވާ

0 ކޮމެންޓްސް, 0 ރިއެކްޝަންސް

Smile
Smile

0%

Love
Love

0%

Sad
Sad

0%

Like
Like

0%

Dislike
Dislike

0%

މަގުބޫލް ލިޔުންތައް

Anehkaaves MDP ghe membarunthakeh raa fulhi genghulhey vedio eh leak vejje

އަނެއްކާވެސް އެމްޑީޕީ ގެ މެމްބަރުންތަކެއް ރާ ފުޅި ގެންގުޅޭ ވީޑިއޯއެއް ލީކުވެއްޖެ

0

ibrahim Wins Parliamentary Seat for Mahchangolhi Uthuru in the 20th Maldivian Parliament

މައްޗަންގޮޅީ އުތުރަށް އިއްބެ ޖަނާބު އިންތިޚާބު ވެއްޖެ.

0

Baby walker, kudakudhinna huri nurahkaleh.

ބޭބީ ވޯކަރ، ކުޑަކުދިންނަށް ހުރިނުރައްކަލެ.

0