ގެއްލުނު ހަޔާތް (9)

Gehlunu hayaaiy (9)

"ދެން ހިނގާ އަވަހަށް އެތެރެއަށް ދާން.. މިހާރު ބަންގި ގޮވަން އެ އުޅެނީ" ލޯބިން ރަމީޒުގެ އަތުގައި ހިފާލަމުން ޒަމީރާ ބުނެލިއެވެ. ރަމީޒު އޭނަ ދެކެ ރުޅި އައިސްފައި ހުރެއްޖެއްޔާ އޭނަ ގޮވައިގެން މާލެ ދާށޭވެސް ބުނެވޭކަށް ނޯންނާނެއެވެ. އެހެންކަމުން ލޯބިވާ އަނތްބެއްގެ ޑްރާމާ ކުޅެން ރަމީޒާ ނިންމިއެވެ. ރައުފަލްވެސް ގޭގައި ނެތް ދުވަސްކޮޅެއްގައި އޭނައަށް ތަންކޮޅެއް ހަމަޖެހިލައިގެން ރަމީޒުގެ ބޮލަށް އެރެވޭނެއެވެ. ކޮންމެ ގޮތެއް ހަދާފައިވެސް ރަމީޒާއި މެހްރީން ދުރުގައި ބަހައްޓަން ޒަމީރާ ބޭނުންވެ އެވެ. އޭނާ ރަމީޒު ދެކެ ލޯބި ނުވި ނަމަވެސް މެއެވެ.

.........

އާދިއްތަ ދުވަހު ގަޑިން ނުވައެއް ޖަހަމުން ދިޔަ ވަގުތު މަލަކް ލިފްޓަށް އަރައި ގެސްޓްހައުސްގެ ތިންވަނަ ފަންގިފިލާއަށް ދެވޭ ބަޓަނަށް ފިތާލިއެވެ. ލިފްޓުގެ ދޮރު ލެއްޕުމުން މަލަކް ހަމަޖެހިލިއެވެ. ހުކުރު ދުވަހު އުލްފާގެ ގެއަށް ކާން ގޮސްފައި އަނބުރާ ގެސްޓްހައުސްއަށް އައުމަށް ފަހު މަލްހާން ވަނީ ގެސްޓްހައުސްގެ ފަރާތުން ރަށް ކާރި އޮތް ފަޅުރަށަކަށް ދާން އުޅޭ ދަތުރުގެ ވާހަކަ މަލަކްއާ ހިއްސާކޮށްފައެވެ. އަދި ގެސްޓްހައުސްގެ ފަރާތުން އެދަތުރު އިންތިޒާމްކުރާ މީހުންނަށް އެދަތުރުގައި ރީތި ފޮޓޯކޮޅެއް ނަގައި ދިނުމަށް މަލަކް ގާތު މަލްހާން އެދުނެވެ. 

މަލަކް އެކަމަށް އާންއެކޭ ބުނުމުން ދަތުރު ހަމަޖައްސާ ކުދިން އޭނައާއި ވާހަކަ ދައްކަން ކޮންޓެންޓް ކުރާނެ ކަމަށް ބުނުމުން އެކަމުގެ އިންތިޒާރުގައި ހުއްޓައި މަލަކް އެންމެ ހައިރާންވީ ރައުފަލް ރޭގައި އޭނައަށް މެސެޖުކުރުމުންނެވެ.

މަލަކް އޭނަގެ އަތްދަބަހުން ފޯނު ނަގައި ރައުފަލް އޭނައަށް ރޭގައި ކޮށްފައި އޮތް މެސެޖު ހުޅުވާލިއެވެ. އެމެސެޖުގައި ރައުފަލް އެދިފައި އޮތީ އާދިއްތަ ދުވަހު ހެނދުނު ނުވައެއް ޖަހާއިރު ގެސްޓްހައުސްގެ އިދާރީބަޔަށް އައުމަށެވެ. 

މަލަކް އެމެސެޖަށް ބަލަހައްޓައިގެން ހުއްޓައި ލިފްޓުގެ ދޮރު ހުޅުވުނެވެ. މަލަކް ލިފްޓުން ފޭބުމުގެ ކުރިން އޭނަގެ ކޮނޑުގައި އަޅުވާލާފައި އޮތް ކުޑަ އަތްދަބަހަށް ފޯނު ވައްޓާލިއެވެ. މަކަލް ލިފްޓުން ފޭބި ވަގުތު ދިމާ ކުރިމަތިން ދެތިން ފިޔަވަޅު ދުރުގައި ހުރީ ރައުފަލް އެވެ.

"މަލަކްގެ އިންތިޒާރުގަ އެންމެ ވެސް އެބަ ތިބި." މަލަކް ފެނުމުން ލުއި ހިނިތުންވުމަކާއެކު ރައުފަލް ބުނެލިއެވެ. މަލަކްވެސް ރައުފަލް އަށް ހިނިތުންވުމެއް ހަދިޔާ ކުރަމުން ކުރިއަށް ހިނގައިގަތެވެ. ރައުފަލް އޭނަގެ އިންތިޒާރުގަ ލިފްޓުދޮށަަށް އައިސް ހުރުމުން މަލަކް ހައިރާންވާ ގޮތްވިއެވެ. އުލްފާ ދެއްކި ވާހަކަތަކަށް ފަހު ރައުފަލް އޭނައާ މެދު ތަފާތުކޮށް ކަންތައްކުރާކަން މަލަކްއަަށް ގަބޫލުކުރެވުނެވެ. ނަމަވެސް އެއީ ކީއްވެ ހެއްޔެވެ؟ އަނެއްކާ ރައުފަލްއަށް އޭނަ ކަމުދަނީ ހެއްޔެވެ؟

އެހިޔާލާއެކު މަލަކް ސިއްރުސިއްރުން ރައުފަލްއަށް ބަލާލިއެވެ. ކަޅުކުލައިގެ އަތްދިގު ޓީޝާޓަކާއި ޖިންސެއްގައި ރައުފަލް ފެންނަލެއް ނިކަން ފުރިހަމަ އެވެ. އޭނައަށް ވުރެ ފިޔަވަޅެއް ފަހަތުން ހިނގަމުން އައި އިރު ޖިންސުގެ ޖީބަށް ދެއަތް ޖަހާލައިގެން ހުރިގޮތް ވެސް މަލަކްއަށް ކަމުދިޔައެވެ. ބަލާބެލުމަށް ރައުފަލް ދައްކަނީ އުމުރުންވެސް ބޮޑުކޮށެވެ. 

ރައުފަލްގެ ރީތިކަން އޭނައަށް ފާހަގަވާނީ މާބޮޑަށްކަން އެނގުމުން މަލަކް އަވަސް އަވަހަށް ދުރުބަލަން ފެށިއެވެ. މޫނުމަތިން އަމިއްލަ އިހުސާސްތައް ބޭޒާރުވެދާނެ ކަމުގެ ބިރަށް ރައުފަލްއަށް އޭނަގެ މޫނު ނުފެންނާނެހެން ކުޑަކޮށް މޫނު އަނބުރާލިއެވެ. މީގެ ކުރިން ފިރިހެންކުއްޖަކާ ފެނިފައި ނުކުރެވޭ ތަފާތު  އިހުސާސްތަކެއްގެ ސަބަބުން މަލަކްގެ އަތްފައި ފިނިވިއެވެ.

މަލަކް އިހުނަށްވުރެ ބޮޑަށް އަތްފައި ފިނިވެ ނުތަނަވަސްވީ އެފަންގިފިލާގައި ހުރި މީޓިން ރޫމަށް ވަދެވުމުންނެވެ. އެމީޓިން ރޫމުގެ މޭޒު ދޮށުގައި ތިބީ ހުސް ފިރިހެނުންނެވެ. ބަލާބެލުމަށް އޭނައާއި އެއްއުމުރެއްގެ ހަތަރު ފިރިހެންކުދިންގެ އިތުރުން އޭނަގެ ދޮންބެއާ އެއްއުމުރު ކަމަށް ދައްކާ ދެ ފިރިހެނުންނެވެ. އެންމެންގެ ނަޒަރު އޭނައަށް ހުއްޓިފައި ހުރިގޮތުން ކުރިއަށް ފިޔަވަޅެއް އަޅަންވެސް މަލަކް ޖެހިލުންވިއެވެ.

"މަލަކް އަވަހަށް އިށީންދޭ" މަލަކް ހުރި ގޮތް ފެނިފައި ރައުފަލް އެތަނުން އެންމެންނާ ދުރުގައި ހުރި ގޮނޑިއެއް ފަހަތަށް ދަމާލަމުން ބުނެލިއެވެ. މަލަކް ގޮސް ރައުފަލް ދެއްކި ގޮނޑީގައި އިށީނުމުން ރައުފަލް ވެސް އެތަނުން ގޮނޑިއެއް ދަމާލާފައި އިށީނެވެ.

"ހައި މަލަކް ދޯ. އަހަރެންގެ ނަމަކީ އައިކް. މަލަކް އަހަރުމެންނަށް ތި ކޮށްދޭން އުޅޭ ކަންތަކަށް އެންމެ ފުރަތަމަވެސް ޝުކުރިއްޔާއޭ ބުނެލަން." މަލަކް ގޮނޑީގައި އިށީންދެ ހަމަޖެހިލުމުން އައިކް ވާހަކަ ދެއްކިއެވެ. ކުރިން މަލަކްއަށް އައިކް ފެނިފައިވި ނަމަވެސް އެވެސް ބީރައްޓެއްސެކެވެ. ދެންވެސް ތިބީ ހުސް ބީރައްޓެހިންނެވެ އޭނައާއެކު ދޮންބެވެސް އެބައްދަލުވުމަށް އައިނަމައޭ އެވަގުތު މަލަކްގެ ހިތަށް އެރިއެވެ. ނަމަވެސް ރީވާއާއެކި ދޮންބެ ބޭރަށް ނިކުތީ ބައްދަލުވުން ނިމެންވާއިރަށް މީރު ކާއެއްޗެއް ގަނެގެން އަންނާނަމޭ ބުނެފައެވެ.

"ދަތުރު ތެރޭ ފޮޓޯކޮޅެއް ނަގާލުމަކީ އަޅުގަނޑަށް އެއްވެސް އުނދަގޫކަމެއް ނޫން. އެކަމަކު އަޅުގަނޑު އަހާލަން ބޭނުން ސީދާ ކޮންކޮން ކަހަލަ ފޮޓޯއެއްތޯ ނަގަން ބޭނުމީ" ޖެހިލުންވެފައި ހުރި ވަރުން މަލަކްއަށް ވާހަކަވެސް ދެއްކުނީ މާތް ބަހުންނެވެ.

"ދަތުރު ތެރޭގަ މީހުން އެންޖޯއިކުރާތަން ފޮޓޯތަކުން ފެންނަން ބޭނުންވަނީ. ދެން މޫދު ކުޅިވަރުތަކާ ދަތުރުތެރޭގަ ކުޅޭ ކުޅިވަރުތައް. ހާއްސަކޮށް ރޭގަނޑު އޮންނާނެ ބޮޑު ބާބަކިޔޫއެއް. އޭގެ ސަޅި ފޮޓޯކޮޅެއް ނަގާލަދެވިއްޖެއްވާ ވަރަށް ރަނގަޅުވާނެ." އައިކް ބުންޏެވެ.

މަލަކް އެހުރިހާ ވާހަކައަކަށް މަޑުމަޑުން ބޯޖަހާލިއެވެ.  އެބައްދަލުވުމުގައި ދެންވެސް ދެކެވުނީ އެފަދަ ވާހަކަތަކެކެވެ. ދެކެވެމުންދިޔަ ވާހަކަތަކުގެ ތެރެއިން އެތަނުގައި ބޮޑަށް ތިބި ތިން ފިރިހެނުންނަކީ ގެސްޓްހައުސްގެ މުވައްޒަފުންކަން މަލަކްއަށް އެނގުނެވެ. ދެން އެތަނުގައި ތިބީ ރައުފަލްއާއި އައިކްގެ އެކުވެރިން ކަންވެސް އެމީހުން ދެއްކި ވާހަކަތަކުން މަލަކްއަށް ޔަގީންވި އެވެ. ނަމަވެސް ރައުފަލްމެން އެދަތުރު ރާވައި ހަމަޖެއްސުމުގައި އުޅެންވީ ކީއްވެ ކަމެއް މަލަކްއަށް ނުވިސްނުނެވެ. އެހެނަސް މަލަކް އެކަމާ ބެހޭގޮތުން ސުވާލެއް ނުކުރެއެވެ. މުޅި ބައްދަލުވުމުގައި ވެސް މަލަކް ވާހަކަ ދެއްކީ އެންމެ ދެތިން ފަހަރަކުއެވެ.

އޭގެ ތިރީސްވަރަކަށް މިނެޓު ފަހުން މަލަކްވެސް އޮޅުންފިލުވަން ބޭނުންވި ހުރިހާކަމެއް އޮޅުން ފިލުވައި ދައްކަން އޮތް ހުރިހާ ވާހަކައެއް ދައްކައި ނިމުމުން އެބައްދަލުވުން ނިމުމަކަށް އައެވެ. މަލަކް މީޓިން ރޫމްއިން ނިކުމެގެން ކުޑަތަންކޮޅަކަށް ގޮސްފައި މަޑުކޮށްލީ އޭނަގެ ފޯނު ރިންގުވާން ފެށުމުންނެވެ. އަތްދަބަސް ހުޅުވައި ފޯނު ނެގި ވަގުތު އޭނަގެ ނަމުން ގޮވާލި އަޑުއިވިފައި މަލަކް ފަހަތަށް އެނބުރުނެވެ.

މަލަކް ބަލާލުމުން މީޓިން ރޫމްގެ ދޮރުމަތީގައި ހުރި ރައުފަލް އޭނައާ ދިމާލަށް ދެތިން ފިޔަވަޅު އަޅާލިއެވެ. ރައުފަލް ވާހަކައެއް ބުނަން އުޅޭހެން ހީވުމުން މަލަކް އޭނަގެ ރިންގުވަމުން ދިޔަ ފޯނު ސައިލެންޓަށް ލިއެވެ. 

"މަލަކް...އަސްލު އަހަރެން ހީކުރީ މަލަކް އަންނާނީ މަލަކްގެ ބޭބެއާ އެއްކޮށްކަމަށް. އެހެންނޫންނަމަ އުލްފާ ވެސް މިބައްދަލުވުމަށް ގެނައީސް. އައިނޯ ވަރަށް އަންކޮމްފޮޓަބަލް ވާނެކަން ހުސް ފިރިހެނުން ތިބީމަ." ރައުފަލްގެ މޫނުމަތިން ފެންނަމުން ދިޔަ ކުލަވަރުތައް  މަލަކްއަށް ދޭހަކުރަން އުނދަގޫވިއެވެ. އެހެނަސް އޭނަގެ އިހުސާސްތަކާއި މެދު ރައުފަލް ފިކުރުކުރިކަން އެނގުމުން މަލަކްގެ ތުންފަތްމައްޗަށް ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ. ރައުފަލް އޭނައަށް މެސެޖު ކުރި އިރުވެސް ބޭބެ ގޮވައިގެން ބައްދަލުވުމަށް އަޔަސް މައްސަލައެއް ނެތޭ ބުނެފައި އޮތްކަންވެސް ހަނދާންވީ ދެނެވެ.

"ވަރަށް ބޮޑަށް ސޮރީ." މަލަކްއަށް ބަލަމުން ނުބަލަމުން ކަހަލަ ގޮތަކަށް ރައުފަލް މައާފަށްއެދުނެވެ.

"ސޮރީ ބުނާވަރުގެ ކަމެއް ނުވެއެއްނު. އަހަރެން އެކަނި އައުން އެއީ ރައުފަލްގެ ކުށެއް ނޫނެއްނު." މަލަކަށް ވާހަކަ ދެއްކުނީވެސް އެހިނިތުންވުންމަތީގައި ހުރެއެވެ.

"އެކަމަކު ވެސް.... މި ދަތުރުގަ މަލަކް ބޭނުންތަ އުލްފާ ވެސް ބައިވެރިކުރަން؟ މަލަކް ބޭނުމިއްޔާ އަހަރެން އެކަން ހަމަޖައްސާލަދޭނަން." ރައުފަލް އަވަސް އަވަހަށް ބުނެލިއެވެ.

"އަސްލުވެސް؟ އަހަރެން ހީކުރީ މިދަތުރަކީ ހަމައެކަނި ގެސްޓްހައުސްއަށް އައިސް އުޅޭ މީހުންނަށް އެކަނި ދަތުރެއްކަމަށް. ބަޓް އުލްފާއަށް ދެވެންޏާ އަހަރެން ބޭނުން އުލްފާވެސް ގެންދަން." ވީއުފަލާއެކު މަލަކް ބުނެލިއެވެ. 

ރައުފަލް އޭނައަށްޓަކައި ކަމެއް ކޮށްދޭން އުޅޭތީ މަލަކްގެ ހިތުގައިވީ ތަފާތު އުފާވެރިކަމެކެވެ. މަލަކްގެ ޖަވާބު އިވުމުން ރައުފަލް އިސްއުފުލައި އޭނައާއި ހަތަރުކަޅި ހަމަކޮށްލަމުން ހިނިތުންވެލިއެވެ.

"މަސަލައެއްނެތް. އުލްފާ މިދަތުރުގަ ބައިވެރިކޮށްދޭނަން. އިތުރު އެއްވެސް ކަމެއް ބޭނުންތަ؟ އައި މީން ޔޫ އާ ޑުއިންގް ދިސް ފޯ ފްރީ. އެހެންވީމަ ދަތުރަށް މަލަކް ބޭނުންވާ އިތުރުކަމެއް އޮވެއްޖެއްޔާ ފަހުން ވެސް ލެޓް މީ ނޯ އިނގޭ" 

ރައުފަލް އެހެން ބުނެފައި އެނބުރި މީޓިން ރޫމްގެ ދޮރު ހުޅުވާލިއެވެ. 

"ޝުކުރިއްޔާ ރައުފަލް..." ރައުފަލް މީޓިންރޫމަށް އަނބުރާ ވަނުމުގެ ކުރިން މަލަކް ބުނެލިއެވެ. ރައުފަލް މަލަކްއާ ދިމާލަށް މޫނު އަނބުރާލަމުން ހިނިތުންވުމަކާއެކު ބޯޖަހާލިއެވެ.

ރައުފަލް މީޓިންރޫމަށް ވަދެ ދޮރުލައްޕާލި ހިނދު މަލަކްގެ ފޯނު އަނެއްކާވެސް ރިންގުވާން ފެށިއެވެ. އަތުގައި އޮތް ފޯނު ނަގައި ކަންފަތުގައި ޖައްސާލަމުން މަލަކް ލިފްޓް ދިމާލަށް ހިނގައިގަތެވެ.

"ހަލޯ މަލަކް" ފޯނު ނެގުމާއެކު އެކޮޅުން ރީވާގެ އަޑުއިވިގެން ދިޔައެވެ.

"ކީކޭ ރީވް؟ ދެންމެ މީޓިން ނިމުނީ. ކޮންތާކު ތި ތިބީ؟" 

"މަލަކް ދޮންބެ ގެއްލިއްޖެ" ރީވާގެ އަޑުގައިވީ ހާސްކަމެވެ.

"ވަޓް؟ ކިހިނެއް ދޮންބެ ގެއްލެންވީ؟" މަލަކް ދެލޯ ބޮޑުކޮށްލަމުން ސުވާލުކުރިއެވެ. އަދި ފިޔަވަޅުތައް އަވަސްކޮށްލަމުން ބާރަށް ގޮސް ލިފްޓުގެ ބަޓަނަށް ފިތާލިއެވެ.

"މިތަނުން ފިހާރައަކަށް ވަދެފަ ނޭނގެ ހެދި ނުހެދި ގޮތެއް. އަހަރެން އެނބުރުނުއިރު ނެތް. ހޯދާހޯދާވެސް ނުފެނުނު. ފޯނުވެސް ނިއްވާލާފަ. ފިހާރަ ބޭރު މަގުމަތީގަވެސް ނެތް. މަލަކް އަވަހަށް އާދެބަލަ. މިތާ ގެސްޓްހައުސް ފަހަތުގަ އޮތް މަގުގަ މި ހުރީ" ރީވާގެ ވާހަކައިގެ މެދުތެރެއިން ލިފްޓު އައުމުން މަލަކް އަވަސް އަވަހަށް ލިފްޓަށް އެރިއެވެ.

"އޯކޭ ތިތާ މަޑުކުރޭ މި ދަނީ." މަލަކް އެހެން ބުނެފައި ފޯނު ކަނޑާލިއެވެ. ދޮންބެއަށް ވީގޮތަކާއި މެދު ހާސްވެ ކަންބޮޑުވެފައި ހުރެ ގްރައުންޑް ފްލޯއަށް ދެވޭ ބަޓަނަށް މަލަކް ފިތާލިއެވެ.

.....

"އޭތް ރައުފަލް ދެން ބުނެބަލަ ކަލެއަށް ކިހިނެއް އެކުއްޖާ އެނގެނީ" މީޓިން ރޫމްގައި އިން ރައުފަލް ގާތުގައި ރިފާހު ދެވަނަ ފަހަރަށް އަހާލިއެވެ. އޭނަގެ މޫނުމަތީގައިވީ ޝައުގުވެރިކަމެވެ. ރައުފަލް ދޭނެ ޖަވާބަކަށް ކެތްމަދުވެފައި އޭނައަށް ހިމޭނުން ހުރެވެނީ އެއްވެސް ނޫނެވެ. ރިފާހުގެ އިތުރުން ދެންތިބި އެންމެންވެސް ރައުފަލްގެ ޖަވާބަކަށް އިންތިޒާރުކުރަމުން ދިޔައެވެ. އެވަގުތު މީޓިން ރޫމްގައި އެފަސްމީހުން ފިޔަވައި އިތުރު މީހަކު ނެތެވެ.

"މަށަކަށް ނޭނގެޔޭ..." އެންމެން ބަލަހައްޓައިގެން ތިބި ގޮތުން ރައުފަލް ހުރީ އުނދަގޫވެފައެވެ. 

"ދެން ކީއްވެ ކަލޭ އޭނައަށް މެސެޖުކުރަންޖެހުނީ؟. ކީއްވެ އޭނަ ރިސީވްކުރަން ލިފްޓު ދޮށަށް ދިޔައީ؟ އޭނަ ނިކުތީމަވެސް ފަހަތުން ދިޔައީމެއްނު؟" ފަތިފައްޗަށް ރިފާހު ސުވާލުތައް އަމުނާލިއެވެ.

"ރައުފަލް އޭނައަށް މެސެޖުކުރަން ޖެހުނީ މަށާހެދި. އެކަމަކު ދެންހުރި އެއްވެސް ކަމެއް ކުރާކަށް މަށެއްވެސް ނުބުނަން... ސޯ އެކަންތައް އެކްސްޕްލޭން ކޮށްދީބަލަ" ލާނެތް ހިނިތުންވުމަކާއެކު އައިކް ބުނެލިއެވެ. ރައުފަލް އައިކްއާއި ދިމާލަށް ކަޅި އަޅާލާފައި ފުން ނޭވާއެއް ދޫކޮށްލިއެވެ. އޭނަ ޖަވާބެއް ނުދެނީސް އެމީހުން ނުހުއްޓާނެކަން އެނގުމުން އެންމެ ފަހުން ޖަވާބު ދިނުމަށް ރައުފަލް ނިންމިއެވެ.

"މި އައިކް އުލްފާއާ ވާހަކަ ނުދައްކަންވެގެން މަ ގާތު ބުނީމަ މަ އުލްފާ ގާތު ބުނީ މަލަކް ކާރި މި މީޓިންގެ ވާހަކަ ބުނަން. އެކަމަކު އޭނަ ބުނެފި އަމިއްލައަށް މަލަކް ކާރި ބުނާށޭ. ދެން އުލްފާ މަލަކްގެ އިންސްޓަ އައިޑީ ދިނީމަ އަހަރެން މެސެޖުކުރީ..." ރައުފަލް ތެދުތެދަށް ކިޔައިދިނެވެ. ނަމަވެސް އުލްފާ އޭނައަށް މަލަކްގެ އައިޑީ ދިން އިރު އޭނައަށް މަލަކްގެ އައިޑީ ކުރިން އެނގޭ ވާހަކަ ރައުފަލް ސިއްރުކުރިއެވެ.

"ދެން..... އަހަރެން ހީކުރީ މަލަކްގެ ބޭބެވެސް ގޮވައިގެން ކަމަށް އަންނާނީ. އެހެންވެ ދިޔައީ...އަހަރުމެން ހުސް ފިރިހެނުންގެ ތެރޭގަ އިންނަން ޖެހުނީމަ ކިހާ އުނދަގޫވާނެ މަލަކަށް... ދެން މަލަކް އަހަރުމެންނަށް ފްރީކޮށް މިކަން ކޮށްދޭއިރު މަލަކްވެސް ބޭނުންވާކަމެއް ކޮށްދޭން ވާނެ ދޯ. އަހަރެން އޭރު ނިކުތީ މަލަކް ބޭނުންވަނީ ކޮންކަމެއްތޯ އަހަންވެގެން." ރައުފަލްގެ ވާހަކަތައް އަޑުއަހަން ތިބި އެންމެންގެ މޫނުމަތިން ހައިރާންކަން ފާޅުވެވެހުއްޓެވެ. ރިފާހު ގަސްތުގައި އަނގަ ފުޅާކޮށް ދެލޯ ބޮޑުކޮށްލި މަންޒަރު ފެނިފައި ރައުފަލް ކަޅި މައްޗަށް ހިންގާލިއެވެ.

"މިހާރު ކިހިނެއްވީ؟" ރައުފަލް އަހާލުމާއެކު ރިފާހު އަނގަ ތަޅުވައިގަތެވެ. 

"ކިހިނެއްހޯ ވީ؟ ހަމަ ރައުފަލްގެ ދުލުންތަ ތި ހުރިހާ ވާހަކައެއް ތިބުނީ؟ ތިވަރަށް އަންހެންކުއްޖަކާ މެދު އަޅާލާ ވިސްނާ ހަދަންފެށީ ކޮންއިރަކު" ރިފާހު އަޖައިބުވެފައި ހުރެ ސުވާލުކުރިއެވެ. ދެން ތިބި އެންމެންވެސް އޭނައަށް ބަލަހައްޓައިގެން ތިބީ އެފަދަ ގޮތަކަށެވެ.

"އޭތް މަށަށް ހީވަނީ އެންމެ ފަހުން ރައުފަލްއަށް ވެސް ކަމުދާ ކުއްޖަކު ފެނުނީހެން" އެތަނުގައި އެންމެ މަޑުން ހުރި ޒާދިން ބުންޏެއެވެ. 

"އެއީ ދޯ މި ވެގެންއުޅޭ ގޮތަކީ"

"އާން މަ އޭރުވެސް ބުނީމެއްނު މީނައަށް ވެސް ކަމުދާ އަންހެންކުއްޖަކު މިދުނިޔެމަތީގަ އުޅޭނެޔޭ. އެންމެ ފަހުން މިއޮތީ އެކުއްޖަކުވެސް ފެނިފަ" 

"ރައުފަލް ހެލްޕެއް ބޭނުންތަ އޭނަ ސެޓުކުރަން." 

" އޭ ތެދެއް އަހަރުމެން އެހީވާނަން. މި ދަތުރު ތެރޭ އެކަމާއިގެން އުޅެންވީނު؟" 

ޒާދިންގެ ސަބަބުން އެތަނުގައި ދެން ދެކެވެންފެށީ އެޒާތުގެ ވާހަކަތަކެވެ. ރިފާހަށް ޖަވާބު ދެވުނު ކަމުގެ މޮޔަ ހިތަށް އަރާފައި ރައުފަލް އިން އިރު ދެން ތިބި މީހުން ހެމުންހެމުން އޭނައާއި ދިމާކުރަމުން ދިޔައެވެ. ނަމަވެސް އެއީ މާބޮޑު ކަމަކަށް އޭނަ ނުހެދިއެވެ. މަލަކްއާމެދު އެގޮތަށް އޭނަ ކަންތައް ކުރީ ވަކި އޭނައަަށް މަލަކް ކަމުގޮސްގެން ނޫންކަމަށް ރައުފަލް އަމިއްލަ ނަފުސަށް ވިސްނައިދިނެވެ. މީހަކާއި މެދު ރަނގަޅަށް ކަންތައްކުރުމަކީ ގޯސް ސިފައެއް ނޫނެވެ.

"އޯކޭ އޯކޭ ދެން ނިންމާލަންވީނު" ރައުފަލް އެންމެ ފަހުން އެމީހުންގެ ކުޅިވަރު އަވަހަށް ނުނިމޭނެތީ ބުނެލިއެވެ. "މި ދަތުރުގަ އިތުރު މީހަކުވެސް އެޑްކުރަން އެބަ ޖެހޭ" 

"ކާކު؟" ހުނުން ހުއްޓާލާފައި ހިސާބަކަށް ސީރިއަސް ވެލަމުން އައިކް އަހާލިއެވެ. ރައުފަލް އޭނަގެ އެކުވެރިޔާއަށް ލުއި ގޮތަކަށް ހިނިތުންވެލިއެވެ.

"އުލްފާ" ރައުފަލްގެ ޖަވާބު އިވިފައި އައިކްގެ މޫނުމަތިން އިހުނަށްވުރެ ބޮޑަށް ސީރިއަސްކަމުގެ ކުލަވަރު ފާޅުވެގެން ދިޔައެވެ. އޭނަ އެއްޗެކޭ ނުބުނެ އިނދެ ބޯޖަހާލިއެވެ. 

"އެއީ ދޯ މަލަކް ބޭނުންވާ ކަމަކީ؟ އެންމެ ރަނގަޅު. އަހަރުމެންގެ ފޮޓޯގްރާފަރ ބުނީމަ މިކަންތައް ޖެހޭނީކޮށްދޭން" އިރުކޮޅެއް ފަހުން އައިކް އެކަމަށް އެއްބަސްވިއެވެ. އުލްފާވެސް ދަތުރުގައި ބައިވެރިކޮށްގެން އެދަތުރު ދިޔުމަށް އެމީހުން ކަނޑައެޅީ ދެން އަންނަ ހަފްތާގެ ބުރާސްފަތި ދުވަހެވެ.

..........

މަގުގެ ދެފަރާތުން ޒަމާނީ ފެންވަރުގެ ބޮޑެތި ގެތަށް ފެންނަމުން ދިޔަ ނަމަވެސް އެންމެ ފަސޭހައިން ލޮލުގައި އަޅައިގަންނަ ހުރީ ފާރުމަތިން އެކިކުލަކުކައިގެ ރީތި މާތަކުން ބަރާވެފައިވި މާގަސްތަކުގެ ގޮފިތައް ފެންނަމުން ދިޔަ ގެއެވެ. މުޅި މާހައުލުގައި ލުއި މީރު ވަހެއް ހިފާފައި ވަނީ އެގޭގެ މާތަކުގެ ސަބަބުންނެވެ. ކޮކާތަކާއި މާބުރުތަކުގެ މަންޒިލަކަށް އެމާތައް ވަނީ ވެފައެވެ. އެމަގުން ހިނގާފައިދާ މިހުންގެ ލޯތައްވެސް އަމާޒުވަނީ އެމާތަކަށެވެ. މަލްހާން ފިޔަވައެވެ.

ފިހާރައިގެ ތެރެއަށް ރީވާ ދޫކޮށްފައި މަލްހާނަށް އާދެވިފައި ހުރީ ދުރު މަންޒިލަކަށެވެ. އަމިއްލަ އިޚްތިޔާރުން ބޭރުގައި އޭނައަށް ދެވުނީ ހިތް ދެއްކި މިސްރާބަށެވެ. މާޒީގެ ސަފުހާތައް ލޯކުރިމަތީގައި އުކެމުންދިޔަ އިރު އޭނަގެ ދެލޯ އަމާޒުވެފައި ވަނީ އެންމެ މޫނަކަށެވެ.

"ރޫހީ" މަލްހާންގެ ދުލުން އެނަން ބޭރުވީ ވައިއަޑަކުންނެވެ. އޭނަގެ ނަޒަރު އަމާޒުވެފައި ހުރި އަންހެންކުއްޖާ އަށް އެއަޑު ނީވޭނެކަން ގައިމެވެ. ކަޅުކުލައިގެ ދިގު ހެދުމަކާއެކު ވަށް ބުރުގަލެއް އަޅައިގެން ހުރި އެކުއްޖާގެ ސަމާލުކަން ދެވިފައިވީ މަގުމައްްޗަށް ވެރިފައި ހުރި ކުދިކުދި މާތަކެއް ހޮވުމަށެވެ. އޭނަ ގާތުގައި ކުޑަ އަންހެން ކުއްޖަކުވެސް އެމަސައްކަތުގައި ބައިވެރިވެގެން އުޅެއެވެ.

ދުރުގައި އެމަންޒަރު ބަލަން ހުއްޓުން އަރާފައި މަލްހާނަށް ހުރެވުނެވެ. ކުރިއަށް ދާންވީކަމެއް ނުވަތަ އަނބުރާލާފައި އައި ކޮޅަށް ދާންވީކަމެއް ހިޔާރުކުރަން ނޭނގިފައި ހުރެވުނެވެ.

"ރޫހީން ދަރިފުޅާ އާދެބަލަ މަންމައަށް މި ފިޔާކޮޅު ކޮށާލަދޭން." ހަރާކާތެއް ގެންނަން ނޭނގިފައި މަލްހާން ހުއްޓައި އަންހެނެއްގެ އަޑު އެގޭތެރެއިން އިވުނެވެ. އެ އަޑަށް ގާތުގައި ހުރި ކުޑަކުއްޖާ އުރާލައިގެން ރޫހީން ގޭތެރެއަށް ވަދެ ގޭގެ ދޮރާށި ލައްޕާލިއެވެ. 

މަލްހާނަށް ދެންވެސް އެތަނުގައި ހުރެވުނީ އަމިއްލަ ހިޔާލުތަކެއްގެ ތެރޭގައެވެ. ހަނދާންނައްތާލާފައިވާ މާޒީގެ ދުވަސްތައް ހަލުވި ކަމާއެކު އޭނަގެ ލޯކުރިމަތީގައި ނިއުޅެމުން ދިޔައެވެ. ނަމަވެސް އެ މަންޒަރުތައް ވިއްސިވިހާލިވެގެން ދިޔައީ އޭނަގެ ކޮއްކޮގެ އަޑުންނެވެ.

"ދޮންބޭ. ދޮންބެ ހޯދާތާ ކޮން އިރެއް މިހާރު. ކީއްވެ ފޯނު ނިއްވާލާފަ ތި އޮތީ؟" މަލަކް ސުވާލުކުރުމާއެކު މަލްހާން އޭނަގެ ޖީބުގައި އޮތް ފޯނު ނެގިއެވެ. ފިހާރަތެރެއިން ރޫހީން ފެނިފައި އެހެން ހުރިހާ ކަމެއްގެ މަތިން އޭނަ ހަނދާންނެތުނީއެވެ. ރޫހީންގެ ފަހަތުން ދެވުނު އިރު ފިހާރަތެރޭގައި ހުރި ރީވާގެ މަތިންވެސް އޭނަ ހަނދާނެއް ނެތެވެ. އޭނަގެ ފޯނު ތަކުރާރުކޮށް ރިންގުވާންފެށުމުން އެންމެ ފަހުން އައިރުޅީގައި ގުޅަނީ ކާކުތޯ ވެސް ބަލާނުލައި ފޯނު ނިއްވާލީ އެވަގުތު އޭނަގެ ހުރިހާ ސަމާލުކަމެއް ރޫހީންއަަށް ދޭން ބޭނުންވި ވަރުންނެވެ.

"އޮޅިގެން ނިވާލެވުނީ.. ސޮރީ ރީވް. ހިނގާ ދެން ދާން ދޯ" މަލްހާން އަވަސް އަވަހަށް އެހެން ބުނެފައި ރޫހީންގެ ގެއަށް ފަސްދީފައި ހިނގައިގަތެވެ. މަލަކްއާއި ރީވާ އިތުުރު ސުވާލުތަކެއް ކުރަމުން އޭނަގެ ފަހަތުން އައި ނަމަވެސް މަލްހާން އެއިން އެއްވެސް ސުވާލަކަށް ޖަވާބެއް ނުދިނެވެ. މިނެޓުތަކަކަށްފަހު އޭނަގެ ހިމޭންކަން އެދެމީހުންނަށް ވެސް ނަގައިގަނެވުނީ ކަންނޭގެއެވެ. މަލަކްއާއި ރީވާ ސުވާލުކުރުން ހުއްޓާލުމުން މަލްހާނަށް ހަމަޖެހިލައިގެން އޭނަގެ ސިކުނޑީގައި އެނބުރެމުން ދިޔަ ސުވާލުތަކާ މެދު ފިކުރުކުރެވެން ފެށިއެވެ. 

ގެސްޓްހައުސްއަށް ވަދެފައިވެސް މަލްހާން އަވަސް އަރުވާލާފައި އޭނަގެ ރޫމަށް ވަދެ ދޮރުލައްޕާލި އެވެ.

"ދޮންބެއަށް ކިހިނެއްވެފަ އެ ހުރީ؟" މަލްހާންގެ ކޮޓަރީގެ ދޮރުމަތީގައި ހުރި ރީވާ މަލަކްއަށް ބަލާލިއެވެ. މަލަކް ދެފަރާތަށް ބޯހޫރުވާލި އިރު އޭނަގެ މޫނުމަތީގައި ކަންބޮޑުވުމުގެ އަސަރު ފެންނަން ހުއްޓެވެ. ކުއްލިއަކަށް މަލްހާންއަށް އައީ އާދައިގެ ބަދަލެއް ނޫންކަން މަލަކްއަށް އެނގުނެވެ. އެގޮތަށް ހުރެބަހައްޓާފައި މޫޑު އޮފްވުމަކީ މަލްހާންގެ މިޒާޖުގައި ވާކަމެއް ނޫނެވެ. 

"ނޭނގެ. ކޮންމެވެސް ކަމެއް ވީހެން ހީވަނީ..." ހިޔާލަށް ގެއްލެމުން މަލަކް ބުނެލިއެވެ. އޭނަ އެތަނުގައި އިތުރަށް މަޑުކުރުމެއް ނެތި ގޮސް އެމީހުންގެ ރޫމަށް ވަނުމުން ފަހަތުން ރީވާވެސް ގޮސް ވަނެވެ.

..........

"ކޮބާ އެކުދިންގެ ހަބަރެއްވިތަ މިއަދު" ތަނަވަސް ސްޓަޑީ ރޫމެއްގެ އޮފީސް މޭޒުދޮށުގައި އިން ފިރާގު އޭނަގެ އަނބިމީހާ ޝިފާނާ ގާތު އަހާލިއެވެ. ހުދު ގަމީހަކާއި ފަޓުލޫނެއްގައި ބެގީކޮށް ޓައީ އަޅައިގެން ހުރި އިރު ފިރާގު ފެންނަމުން ދިޔައީ ނުހަނު ރަސްމީކޮށެވެ. ބޮލުގައި ނުރަ މަދުން ނަމަވެސް ފެންނަމުން ދިޔަ އިރު ހަށިގަނޑުން އެއީ ބަރާބަރަށް ކަސްރަތުކޮށް ސިއްހަތައް ބަލައިގެން އުޅޭ މީހެއްކަން ޔަގީނެވެ. އެހެންކަމުން ބަލާބެލުމަށް އޭނައަކީ ފަންސާހުގެ އަހަރުތައް ގުނަމުންދާ ފިރިހެނެކޭ ނުބުނާނެއެވެ.  

އޭނާގެ އަންހެނުން ޝިފާނާ ވެސް ހަމަ އެފަދައެވެ. އެ ޢުމުރުގައި ދިގު ހެދުމަކާއި ބުރުގާގައި ވެސް އޭނާ ފެންނަނީ ނުހަނު ޒުވާން ކޮށެވެ. މޫނުގައި ރޫތައް މަދުވެފައި އޮމާނެވެ. ލޫޅާފަތި ހަށިގަނޑެކެވެ. ރީތި ކަމަށް ލޯބިކުރާ ފާޑުވެރި އަންހެނެކެވެ. އެވަގުތުވެސް އެތަން އެއްވަސްވެފައިވީ އޭނަ ޖަހައިގެން ހުރި އަގުބޮޑު ސެންޓުގެ ވަހުންނެވެ.

"މަލަކް ހެނދުނު ގުޅާލި. މަލްހާނެއް އަދި ނުގުޅާ. މަލަކް ގުޅާފަ ބުނި އެންމެންވެސް ރަނގަޅޭ. ކޮންމެވެސް ދަތުރެއް ދާން އުޅޭ ވާހަކަވެސް ބުނި" ޝިފާނާ އެތަނުގައި ހުރި ސޯފާގައި އިށީންނަމުން އޭނާގެ ފިރިމީހާއަށް ޖަވާބުދިނެވެ. ފިރާގު އަޅައިގެން ހުރި ނަންބަރު އައިނު ނަގައި މޭޒުމަތީގައި އޭނަ ކިޔަމުން ދިޔަ ފައިލް މަތީގައި ބާއްވާފައި ގޮނޑިން ތެދުވެ އޭނާގެ އަނބިމީހާ ގާތުގައި ސޯފާގައި ގޮސް އިށީނެވެ. އަދި ޝިފާނާ ގެނައި ޖޫސްތަށި ސޯފާ ކުރިމަތީގައި ހުރި ކޮފީ މޭޒުމަތިން ނަގައި ތުނބުގައި ޖައްސާލިއެވެ.

"އެކުދިން އުޅޭ ނޫޅޭ ގޮތެއް ބެލުން މުހިންމު. ހާއްސަކޮށް ރަށަކަށް ގޮސް އުޅޭއިރު. އަހަރެން ހީކުރީ އެމީހުން ދާނީ މިފަހަރުވެސް ބޭރުގައުމަކަށް ކަމަށް. އެކަމަކު އެހެނެއް ނުވިތާ" ޖޫސްތަށިން ކޯވަރެއް ދަމާލާފައި ފިރާގު ބުނެލިއެވެ.

"އެހާ ހާސްވާއެއްޗެއް ނޫން. އެރަށުގަ އެކުދިންނަށް ގެއްލުމެއް ނެތް." ޝިފާނާ އިނީ ނުހަނު ހަމަޖެހިލައިގެންނެވެ.

"ޝިފާނާ ހަނދާންނެތުނަސް އަހަރެން ހަނދާން އެބަހުރި. ރާއްޖެތެރޭ ރަށަކަށް އެކުދިންދާ ކޮންމެ ފަހަރަކު އަހަރެން ޖެހިލުންވޭ. އަލުން އެދެކުދިން ބައްދަލުވެއްޖެއްޔާ....." ފިރާގު ފުން ނޭވާއެއް ދޫކޮށްލިއެވެ. ޝިފާނާ އޭނާގެ ފިރިމީހާގެ އަތުގައި މަޑުމަޑުން ހިފާލިއެވެ. އަދި ލޯތްބާއެކު ފިރުމާލިއެވެ.

"ހާސްނުވޭ. އެހެންވާނެ ހެނެއް ހިޔެއްނުވޭ. އޭނަ ދިޔައީ ކޮން ރަށަކަށް ކަމެއްވެސް ނޭނގެއެއްނު. ރާއްޖޭގަ ކިތައް ރަށް އެބަ އޮތް." ފިރިމިހާ ހިތްހަމަޖައްސައި ދިނުމުގެ ގޮތުން ޝިފާނާ ބުންޏެވެ.

"އެކަމަކު މިހާރު އަހަންނަށް އެކަމާ މެދު ވަރަށް ވިސްނޭ. މެހްރީންއަށް ވީގޮތް އެންމެ ގާތުން ދުށީ އަހަރުމެން. އަހަރުމެންގެ ދަރިފުޅަށް އެފަދަ ގޮތެއް ވާކަށް އަހަރެން ނޭދެން." ފިރާގު އަތުގައި އިން ޖޫސްތަށި މޭޒު މަތީގައި ބަހައްޓާފައި ޝިފާނާއާ ދިމާލަށް އެނބުރުނެވެ. އޭނާގެ މޫނުމަތިން ފެންނަމުން ދިޔައީ ކަންބޮޑުވުމުގެ އަސަރެވެ.

"ފިރާގު. އަހަރުމެން ކުރި ކޮންމެ ކަމެއް ކުރީ ދަރިންގެ މުސްތަގުބަލް އުޖާލާކުރަން. ޒުވާން ހިތްތައް ވަރަށް ފަސޭހައިން އަތުން ދޫވެގެންދާނެ. އޭރުވެސްވީ އެފަދަ ކަމެއް. އަނދަވަޅަކަށް ވެއްޓުމުގެ ކުރިން އަހަރުމެން އަހަރުމެންގެ ދަރިފުޅު ސަލާމަތްކުރީ." ޝިފާނާގެ މޫނުމަތިން ފެންނަމުން ދިޔައީ ސާބިތުކަމެވެ. 

"އެކަމަކު އަހަރުމެން ކުރީ ރަނގަޅުކަމެއް ނޫން..."

"ތިހެން ނުބުނޭ ފިރާގު. އެދުވަހު އެގޮތަށް ކަންތައް ނުކުރިނަމަ އަހަރުމެންގެ ދަރިފުޅު މިހާރު އެހުރި ހިސާބަށް އަންނާނެތަ؟ އަހަރުމެންގެ މި އާއިލާގެ އަގާ ރީތި ނަން މިގޮތަށް އޮންނާނެތަ؟" ޝިފާނާ ކުއްލިއަކަށް އިންތަނުން ތެދުވިއެވެ. އޭނަގެ މޫނުމަތިން ހިތްހަމަނުޖެހުމުގެ އަސަރު ފާޅުވިއެވެ.

"ދެން ކުރެވުނުކަމެއް އަނބުރާ ނުގެނެވޭނެ. އެކަމަކު އެސިއްރު އެދަރިފުޅަށް އެނގޭ ދުވަހަކުން...."

"ދެން މިވާހަކަ ދެއްކުމުގެ ބޭނުމެއް ނެތް." ފިރާގަށް ފަސްދީފައި އެތަނުން ނިކުންނަށް ހިނގައިގަތުމުގެ ކުރިން ޝިފާނާ ބުނެލިއެވެ. 

ޝިފާނާ ނިކުމެ ސްޓަޑީގެ ދޮރު ލައްޕާލަމުން ފިރާގު ފިރާގު ނޭވާއެއްދޫކޮށް ސޯފާގައި ލެނގިލިއެވެ. އެތައް މަސައްކަތަކުން ސިއްރުކުރި ނަމަވެސް ހަގީގަތް އެނގޭނެ ދުވަހެެއް އަންނާނެކަން ފިރާގަށް މިހާރު ވިސްނެއެވެ. މި ދުނިޔެމަތީގައި ނޫންނަމަ އާޚިރަތުގައިވެސް އެކަމެއް އެނގޭނެއެވެ. ފިރާގު އެންމެ ކަންބޮޑުވަނީ އެސަބަބާއި ހެދިއެވެ. އޭނަގެ މަންމަ މީގެ ދެއަހަރު ކުރިން ދުނިޔެ ދޫކޮށް ދިޔުމުން މަރުވުމާއި އާހިރަތާއި މިނޫން ދުނިޔެއެއް ވާކަން ފިރާގަށް އިހުސާސުވިއެވެ. ހެއްދެވި ފަރާތް މަތިން ހަނދުމަކޮށް ރަނގަޅަށް އުޅެން އޭނައަށް މަސައްކަތް ފެށުނީ ދެނެވެ. އޭނައަށް ކުރެވިފައިވި ހުރިހާ ކަމަކަށް ތައުބާވި ނަމަވެސް އޭނަގެ ހިތަށް އުނދަގޫކުރާ އެއްކަމެއްވެއެވެ. އެއީ މިއަދާހަމައަށް އޭނައަށް ކުރެވުނު އެންމެ ބޮޑުކުށެވެ. 

ވަރުބަލިކަމާއެކު ފިރާގު ސޯފާއިން ތެދުވެ އަނބުރާ މަސައްކަތަށް ދިޔައީ ހިތަށް އުނދަގޫ ކުރަމުން ދިޔަ ފިކުރުތަކުން ދުރުވުމުގެ ނިޔަތުގައެވެ.

.......

ރޭގަނޑުގެ ކެއުމަށްފަހު ގެއިން ނިކުތް އައިކްގެ މިސްރާބު ހުރީ ކުރިމަތީގައި ހުރި ގެއާ ދިމާލަށެވެ. އައިކް ގޮސް ހުޅުވާފައި ހުރި ދޮރާށިން އެތެރެއަށް ވަދެ އާދައިގެ ފިޔަވަޅުތަކެއްގައި ގޮސް އެގޭގެ ދޮރުމައްޗަށް އަރައި ސަލާމް ގޮވާލިއެވެ.

"ވާލައިކުމްސަލާމް. އަހަ އައިކް. އަވަހަށް ވަދޭ އެތެރެއަށް.." ގޭގެ ސިޓިންރޫމްގެ ސޯފާގައި އިން ހަލްމާ ތެދުވަމުން ބުނެލިއެވެ. ގޭތެރެއަށް ވަދެ އައިކް ދެފަރާތް ހޯދާލިއެވެ.

"ދައްތާ ކޮބާތަ އުލްފާ.؟ އަޅުގަނޑު ވާހަކައެއް ބުނަންވެގެން މި އައީ" 

"އައިކް މިތާ މަޑުކޮށްލާ ދައްތަ މި ގޮވާލަނީ" ސޯފާއަށް އިށާރާތްކުރަމުން އެހެން ބުނެފައި ހަލްމާ ގޮސް އުލްފާގެ ކޮޓަރީގައި ޓަކިދިނެވެ.

އައިކް ގޮސް ސޯފާގައި އިށީނެވެ. އަތުގެ އިނގިލިތަކުގެ ސޯފާގެ އަތްގަނޑުގައި މަޑުމަޑުން ތަޅަމުން ދިޔައިރު ކުރެވެން އުޅޭ ކަމާއި މެދު އޭނައަށް ވިސްނެމުން ދިޔައެވެ. ގޭގައި ހުރެ ފޯނުން ގުޅާފައި ނުވަތަ މެސެޖަކުން ވެސް އޭނައަށް މިކަން ކުރެވުނީހެނެވެ. ނަމަވެސް އޭނަ ހިޔާރުކުރީ އެގެއަށް އައުމަށެވެ. އުލްފާ ދުށުމަށް އޭނަގެ ހިތް އެދޭކަމަކީ ސިއްރެއް ނޫނެވެ. 

އުލްފާ ބުނިނަމަވެސް ދުރުގައި އަޅާނުލައި އޭނަ ހުންނާނީ ކިހިނެއް ހެއްޔެވެ؟ ދިމާ ކުރިމަތީގައި ދިރިއުޅޭއިރު ބަލަން ބޭނުންނުވި ނަމަވެސް އޭނައަށް ބެލޭނެއެވެ. އަޅާނުލާން ހުއްޓަސް އަޅާލެވޭނެއެވެ. ހަނދާންނައްތާލަން އުޅުނަސް ހަނދާންވާނެއެވެ. 

"އައިކް؟" އުލްފާގެ އަޑަށް އައިކް އިސްއުފުލައި ބަލާލިއެވެ. ދަނބުކުލައިގެ ހެދުމަކާއި އާދައިގެ ކަޅު ބުރުގާ އެއްގައި ވެސް އުލްފާ ފެންނަލެއް ނިކަން ރީއްޗެވެ. އޭނަ ދުރުބަލަން ޖެހުނީ ގަދަކަމުންނެވެ. 

"މިއައީ ދަތުރުގަ އުލްފާ ބައިވެރިކުރަން މަލަކް ބޭނުންވާތީ އެވާހަކަ ބުނަންވެގެން. އަންނަ ހަފްތާގެ ބުރާސްފަތި ދުވަހު ދަތުރުދާން އޮތީ..." އުލްފާއަށް ނުބަލަން ގަދައަޅައި މަސައްކަތްކުރަމުން އައިކް ބުނެލިއެވެ. އެންމެ ފަހުން އެދެމީހުންގެ މެދުގައި ބަދަލުކުރެވުނު ހޫނު ބަސްތަކަށް ފަހު އޭނަ ބަލަނީ އުލްފާއާއި ވީހާވެސް ދުރުގައި އުޅެވޭތޯއެވެ. 

"އާން މަލަކް ބުންޏޭ... އެކަމަކު.. އަހަރެން ދަންޏާ ބޭނުން އިތުރު މީހެއްވެސް ގެންދަން...." 

"އުލްފާ ބުންޏަސް މުނީޒެއް ނުގެންދެވޭނެ. ނުގެންދާނަން." އައިކްގެ އަޑުގައިވީ ރުޅިވެރިކަމެވެ. 

"މުނީޒްއެއް ނޫން..." ރުޅި އައުމުގެ ބަދަލުގައި ހިތާމަވެރި ގޮތަކަށް އުލްފާ އިސްޖަހާލި މަންޒަރު ފެނިފައި އައިކްގެ ހިތް ކަފަކޮޅެއްހާ މަޑުވިއެވެ. އުލްފާ ގާތަށް އޭނަ ފިޔަވަޅެއް އަޅާލާފައިވެސް މަޑުކޮށްލިއެވެ.

"ކުޑާއްތަ ގެންދަން ބޭނުން. ކުޑާ ދިޔައިއްޔާ ތިމިހުންނަށް ވަރަށް ފަސޭހަވާނެ. ކެއްކުމާ ކާންހެދުމުގެ ހުރިހާ ކަމެއްގަ އުޅެދޭނެ." އުލްފާ އިސްއުފުލައި އައިކްއާ ހަތަރުކަޅި ހަމަކޮށްލަމުން ބުނެލިއެވެ. އައިކް އެވާހަކައަށް ބޯޖަހާލިއެވެ.

"ކެއްކުމުގެ ކަންތަކަށް ހަދާނެގޮތަކާމެދު އަހަރުމެން ވެސް ޑިސްކަސްކުރަން މި އުޅެނީ.. ތީ ރަނގަޅު ހިޔާލެއް. ދައްތަ އޯކޭވާނެދޯ؟ އިތުރު މީހެއް ވާނެތަ މިކަމުގަ އުޅެދޭނެ؟" 

"ކުޑާ އޯކޭވާނެ. އެކަހަލަ ކަމެއް ނުފެނިގަ ހުންނާނީ... ކުޑާ ގާތު އަހާލާނަން ކުޑާގއ ދެތިން ފްރެންޑެއްވެސް މިކަންކުރަން އެއްބަސްވާނެތޯ.."

"އޯކޭ ތިކަންތައް އޮޅުންފިލުވާލާފަ އަހަންނަށް ހަބަރެއް ވައްޗޭ.." އައިކް ބުނެލިއެވެ. އެހިސާބުން ދައްކަން ހުރި ވާހަކަ ދައްކައި ނިމުނީއެވެ. ދެން އޭނަ އެތާ ހުރުމުގެ އެއްވެސް ބޭނުމެއްނެތެވެ. ނަމަވެސް އެތަނުން ދިޔުމަށްޓަކައި އޭނަގެ ދެފައި ހަރަކާތެއްނުކުރިއެވެ. އުލްފާގެ ކުރިމަތީގައި މަޑުކޮށްގެން ހިނދުކޮޅަކު ހުރެލުމަށް ހިތް އާދޭސްކުރަމުން ދިޔައެވެ. އުލްފާވެސް ވަކި އެއްޗެކޭ ނުބުނެ ހުރުމުން އައިކްއަށް އިތުރު ހިތްވަރެއް ލިބުނެވެ. އޭނަ އުލްފާއަށް ބަލަހައްޓައިގެން ހުރި އިރު އެހިތުގައި ޝަކުވާތައް ފުނިޖެހެމުން ދިޔައެވެ. އޭނަގެ ހިތުގައިވާ އެއްޗެއް އުލްފާއަށް ހަމަ ނޭނގެނީ ހެއްޔެވެ؟ ހިތުގައިވާ ލޯބި ހާމަކުރުމަށް އޭނަ ނުކުރަނީ ކޮންކަމެއް ހެއްޔެވެ؟ އެންމެ ފަހުން އެވާހަކަ ދުލުން ބުނަންވީ ދުވަސް އައިސް ޖެހުނު އިރު އުލްފާ ވަނީ އެހެން މީހެއް ގާތުގައެވެ. 

"އައިކް..."

"އަ.. އަހަރެން މިދަނީ." އައިކް އަވަސް އަވަހަށް ހިނގައިގަތެވެ. ބުންނަންނުވާ އެއްޗެއް އޭނައަށް ބުނެވިދާނެ ކަމުގެ ބިރު ހިތުގައި އުފެދުމުންނެވެ. އޭނައާއި މެދު އުލްފާ އެފަދަ ނަޒަރަކުން ނުދެކޭ އިރު އެފަދަވާހަކައެއް ބުނުމުގެ ބޭނުމެއް ނެތެވެ. އެހެން މީހަކާއި ރައްޓެހިވެގެން އުޅޭއިރު އޭނަ ލޯބި ހުށަހަޅަންވީ ކީއްކުރަން ހެއްޔެވެ؟

........

"އާން އޯކޭ ބައްޕާ ފަހުން ގުޅާލާނަން؟" ކޮޓަރިތެރޭގައި ހުރި ރައުފަލް ކަނޑާލުމަށްފަހު ފޯނު ކަންފަތާ ދުރުކޮށްލިއެވެ. އެނދުގެ ހެޑްބޯޑުގައި ލެނގިލައިގެން އިނދެ އެނދާއި ޖެހިގެން ހުރި މޭޒުމަތީގައި އޭނަ ފޯނު ބޭއްވިއެވެ. 

ބައްޕަ އެންމެ ފަހުން މާލެ ދަނީ ދޮންމަންމަމަވެސް ގޮވައިގެންކަން އެނގުމުން ރައުފަލް ހުރީ ހިތްހަމަނުޖެހިފައެވެ. ނެތް ފެންވަރުން ވެސް ބައްޕަގެ އަތުން ހަރަދުކުރުވަން ދޮންމަންމަ އުޅޭތީ އޭނަ އަބަދުވެސް ރުޅި އާދެއެވެ. ދިރިއުޅުމުގެ ހާލަތައް ވިސްނާފައި ބޭކާރު ހަރަދު ކުރުމަކީ ވިސްނޭމިހުން ކަންކޮށް އުޅޭގޮތް ނޫންހެއްޔެވެ؟

ނަމަވެސް ދޮންމަންމަ އަބަދުވެސް ބަލާނީ އިތުރަށް ފައިސާ ބަދަލުކުރެވޭ ގޮތެކެވެ. މިފަހަރުވެސް ޑޮކްޓަރަށް ދެއްކުމުގެ ބަހަނާ ގައި މާލެ ދާއިރު ބޮޑުބޭބެގެ އަތުން ބައްޕަ ރުފިޔާ ނަގަން ޖެހޭނެކަން ބައްޕަ ނުބުނިކަމުގައިވިޔަސް  ރައުފަލްއަށް އެނގެއެވެ. ބޮޑުބޭބެގެ އަކީވެސް އަތްމަތި ތަނަވަސް މީހަކަށް ނުވާއިރު އެފަދަ ކަމަކު އެދެން ބައްޕަ ލަދުގަންނާނެ މިންވަރުވެސް އިހުސާސުކުރެވެނީ އޭނައަށް އެކަންޏެވެ.

އަނެއްކޮޅުން ބައްޕަމެން މާލެ ދާއިރު ދަނީ ދޮންމަންމަގެ ކޮއްކޮއެއްގެ ގޭގައި ރާޔާވެސް ބަހައްޓާފައެވެ. އެކަމުގައި ރައުފަލް ހިތްހަމަނުޖެހުނު ކަމުގައިވި ނަމަވެސް ކުރާނެކަމެއް ނެތެވެ. އިތުބާރު. ނުކުރެވޭ މީހެއް ގާތު ބައްޕަ ކޮއްކޮ ނުބަހައްޓާނެކަން ރައުފަލްއަށް ޔަގީނެވެ. ނަމަވެސް އޭގެތެރޭގައި އުޅެގެން ކޮއްކޮއަށް ގޯސް އާދަތަކެއް ދަސްވުމަކީ ގާތުގައިވާ ކަމެކެވެ. އެހެންކަމުން ދަތުރު ދިޔުމުގެ ކުރިން ކޮއްކޮ ގާތަށް ދިޔުމަށް ރައުފަލް ނިންމިއެވެ.

ރައުފަލް އެހެން އިންދައި އޭނަގެ ފޯނަށް މެސެޖެއް އައެވެ. ފޯނު ނަގައި ބަލާލި އިރު އެގޭދޮށަށް އައިސް ދިނުމަށް އެދި ރިފާހު މެސެޖުކޮށްފައި އޮތް ތަން ފެނުމުން ރައުފަލް ކިހިނެއްވީތޯ ސުވާލުކުރިއެވެ. އެމަޖެންސީއެއްކަމަށް ބުނެފައި އަވަހަށް އައިސް ދިނުމަށް އެދި ރިފާހު އަނެއްކާވެސް މެސެޖުކުރުމުން ރައުފަލް އަވަސް އަވަހަށް އެނދުން ތެދުވިއެވެ. އަދި މި ދަނީކަމަށް ބުނެ ކުރު މެސެޖެއް ފޮނުވާލުމަށްފަހު ހަލުވި ފިޔަވަޅުތަކެއްގައި ކޮޓަރިން ނިކުތެވެ.

އެރޭ އައިކްވެސް ގޭމު ކުޅުން ކެންސަލްކޮށްފައި ކޮޓަރިއަށް ވަނީ އަވަހަށް ނިދަންކަމަށް ބުނެފައެވެ. ސާޖިދުވެސް އޭނަގެ މަންމަ ބުނެގެން އެރޭ ގޭގައި މަޑުކުރަން ޖެހުމުން ދެންތިބި މީހުންވެސް ގޭމުކުޅުން ކެންސަލް ކުރުމަށް ދާދި ފަސޭހައިން އެއްބަސްވެފައި އެމީހުންވެސް ތިބީ އެމީހުންގެ ގެތަކުގައެވެ. އެހެންކަމުން ރިފާހުގެ ގެއާ ދިމާލަށް ރައުފަލް ދިޔައީ އެކަނިމާއެކަންޏެވެ. 

އައިކްގެ ގެއާއި މާދުރުނޫން ހިސާބެއްގައި ހުރި ރިފާހުގެ ގޭދޮރުމަށްޗަށް ރައުފަލް އެރި ހިނދު ރިފާހު އޭނަގެ އިންތިޒާރުގައި ހުއްޓެވެ. އޭނަ ފެނުމާއެކު ފުޅާ ހިނިތުންވުމެއްގައި ހުރެ ރިފާހު ގޭތެރެއަށް ބޯދިއްކޮށްލިއެވެ.

"މަންމާ އަޅުގަނޑު ދެން މި ދަނީ.. ރައުފަލްވެސް މިހިރީ އައިސް." ރިފާހު އެހެން ބުނެފައި ރައުފަލްއާއި ދިމާލަށް އެނބުރި އެއްލޯމަރާލިއެވެ.

"އާން އެންމެ ރަނގަޅު އެކަމަކު މިރޭ ބާރަޖެހުމުގެ ކުރިން ގެއަށް އަންނާތި" ރިފާހުގެ މަންމަ ދޮރުމައްޗަށް އައިސް ރައުފަލްއަށް ލުއި ހިނިތުންވުމެއް ހަދިޔާކުރަމުން ބުނެލިއެވެ. ވާނުވާ ނޭނގިފައި ހުރި ރައުފަލްވެސް އެހިނިތުންވުން ރައްދުކުރަމުން ގެއިން ނިކުމެގެން ހިނގައިގަތް ރިފާހުގެ ފަހަތުން ދިޔައެވެ.

"އޭ ކިހިނެއްވީ ކޮން އެމަޖެންސީއެއް" އޭރުވެސް ރިފާހުގެ މަންމަ އެގޭގެ ދޮރުމަތީގައި ބަލަން ހުރުމުން ރިފާހުގެ ކަންފަތްދޮށުގައި ސިއްރުސިއްރުން ރައުފަލް އެހިއެވެ. ނަމަވެސް އަތުގެ އިޝާރާތުން މަޑުކުރުމަށް ރިފާހު އޭނައަށް އެންގީ މަޑުކުރުމަށެވެ. އެދެމީހުން ގެއިން ނިކުމެ މަގުގެ ވަކި ހިސާބަކަށް ދެވުމުން ރިފާހު ވާހަކަ ދައްކަންފެށިއެވެ. 

"ތެންކިއު ބްރޯ. މަންމަ ހުރީ މާ ބޭރަށް ނުފޮނުވަން މިރޭ ގަދަހަދާލާފަ. އެހެންވެ ބްރޯ ގެންނަން ޖެހުނީ. ބަސްއަހާ ރައުފަލްގެ ނަން ބުނާއިރަށް މަންމަ އެއްބަސްވާނެ." ރިފާހު ހެވިފައި ހުރެ ކިޔައިދިނެވެ. 

"ޕިސް އެކަމަކު ކީއްކުރަން ދޮގު ހެދީ. ރީއްޗަށް ބުނިނަމަވެސް މަ އަންނާނެކަން އެނގެއެއްނު." ރައުފަލް ހިތްހަމަނުޖެހުނެވެ. ދޮގު ހެދުމަކީ އެއްގޮތަކަށްވެސް އޭނަ ގަޔާވާކަމެއް ނޫނެވެ. 

"މަ ދޮގެއް ނަހަދަމޭ. ސީރިއަސްކޮށް މީ އެމަޖެންސީއެއް..... މިއުޅެނީ ބިޓު ރުޅިއައިސްގެން." 

"ބިޓޭ؟ ކޮންއިރަކު ބިޓެއް ނެގީ؟" 

"ޕިސް ކޮން ޒަމާނެއް މިހާރު... ބްރޯ އެކަންޏޭ ސިންގަލްކޮށް ތި ހުންނަނީ.. ސާޖިދުވެސް އެ ޒިދާން ވެސް އުޅެނީ ބިޓުން ޖައްސައިގެން... ދެން ހުރި އައިކްގެ ހާލު ބްރޯއަށް އެންމެ ރަނގަޅަށް އެނގޭނީ.. ނޭނގި ހުއްޓާ ތެށޮނާށި ކާޅު ޖަހައިގަތީ" ރިފާހު ދެފަރާތަށް ބޯހޫރުވާލަމުން ބުނެލިއެވެ. 

"ހޫން ދެން... މަޑުކޮށްބަލަ ކާކާ ރައްޓެހިވެގެން ތި އުޅެނީ؟" ރައުފަލް އެހެން އަހާލި އިރު އެމީހުން ޖެހިގެން ހުރި މަގަށް ލަނބާލަނީއެވެ.

"ދިޔައީމަ އެނގޭނެ" ރިފާހު ހެވިފައި ހުރެ ބުންޏެވެ. އިތުރު ވާހަކައެއް ދެއްކުމެއް ނެތި ރިފާހުގެ ފަހަތުން ރައުފަލް ހިނގަމުން ދިޔައެވެ. އޭގެ ދިހަ މިނެޓު ފަހުން ވަށާ ފާރު އުސްކޮށް ހަދާފައި ހުރި ގެއެއްގެ ކުރިމަތީގައި ރިފާހު މަޑުކުރިއެވެ. 

"ލަމްޔާ؟؟؟؟ އާދަންސަރގެ ހުރި ހަމައެކަނި އަންހެން ދަރިފުޅުތަ ބްރޯއަށް ފެނުނީ ރައްޓެހިވާން؟" ރައުފަލް ދެލޯ ބޮޑުވެފައި ހުރެ ގަބޫލުކުރަން ދަރި ނަޒަރަކުން ރިފާހާއި ދިމާލަށް ބަލާލެވުނެވެ. އެމީހުންނާ އެއް އުމުރުގެ ލަމްޔާއަކީ ސްކޫލްގެ ޕްރިންސިޕަލް އާދަންސަރގެ ހުރި ހަމައެކަނި އަންހެން ދަރިފުޅެވެ. ޕްރިންސިޕަލްއަކީ ގަދަރުވެރި މީހުންގެ އިހުތިރާމް ލިބިގެންވާ ހަރުއުމުރުގެ މީހެއް ކަމުން ސްކޫލްގެ އެއްވެސް ފިރިހެންކުއްޖަކު ލަމްޔާއާއި ގާތްވާން ހިތަށްވެސް ނާރުވައެވެ. ޕްރިންސިޕަލްއަކީ ކިތަންމެ ރަނގަަޅު މީހަކަށް އޭނާގެ އަންހެން ދަރިފުޅާ ގާތުގައި ފިރިހެންޖުއްޖަކު ހެވިފައި ވާހަކަދައްކަން ހުރިތަން ފެނުނަސް އެކުއްޖާ ދިމާލަށް ބަލާލަނީ އަނގުރު އަލިފާނުގެ ބެލުމަކުންނެވެ. 

"ޝްޝްޝް... މާބާރަށް ވާހަކަ ނުދައްކަބަލަ." ރިފާހު ވަށައިގެން ހޯދާލުމަށްފަހު ރައުފަލްގާތަށް ޖެހިލިއެވެ.

"އެއްވެސް މީހެއް ގާތު ނުބުނައްޗޭ.. އަހަރުމެން ވަރަށް ސިއްރުން މި އުޅެނީ." ރިފާހު ވައިއަޑަކުން ބުނެލިއެވެ.

"ސިއްރުންނެއްނު އުޅެންޖެހޭނީ. ސަރ އަށް އެނގިއްޖިއްޔާ ބްރޯ ކަތިލާނެ" ރައުފަލްވެސް ވާހަކަ ދެއްކީ ވައި އަޑަކުންނެވެ.

"ތި ދެމީހުން މާ ސިއްރުން ކޮންވާހަކައެއް ތިދައްކަނީ؟" ކުއްލިއަކަށް އެގޭ ދޮރޯށިން ނިކުތް ލަމްޔާ ފެނިފައި ރައުފަލް ސިހުނެވެ. ލަމްޔާ އައިސް ހަށަންބަނދެލަމުން ރިފާހު ކުރިމަތީގައި ހުއްޓިފައި ދެލޯހަނިކޮށްލިއެވެ.

"އަދިކިރިޔާ ތި އާދެވުނީ. ބައްޕަ މާލެ ދިޔަތާ ދެދުވަސް ވެއްޖެ. ފްރީކޮށް މީޓުކޮށްލެވެން އޮތްއިރުވެސް ކޮންމެ ރެއަކުން ގޭމެއް ކުޅެން ގޭމެއް ކުޅެން. މިރޭ ގޭމު ކުޅުން ކެންސަލްވީމަ މަންމަ މީނަ ގެއިން ބޭރަށްވެސް ނުފޮނުވާ ހިފެހެއްޓީއޯ" ލަމްޔާގެ އަޑުގައިވީ ހިތްހަމަނުޖެހުމެވެ.

"ލަމް ޕްލީޒް އަހަރެން ދައްކާ ވާހަކަ އަޑުއަހާބަލަ" ރިފާހު އާދޭހުގެ ރާގަކަށް ބުނެލިއެވެ. ރިފާހު އެހެން ބުނެފައި ލަމްޔާގެ އަތުގައި ހިފައިގެން ދުރުގައި ހުރި ޖޯއްޔެއްގައި އިށީންނަން ދިޔުމުން ރައުފަލްވެސް އެތަނުން ދުރަށް ޖެހިލިއެވެ. 

ކުރާނެކަމެއް ނެތުމުން ރައުފަލް އޭނަގެ ފޯނު ނެގިއެވެ. ނަމަވެސް ވައިފައި ލިބެންނެތް ތާނގައި ޑޭޓާވެސް  ނެތުމުން ފޯނުން ކުރާނެ ކަމެއްވެސް ނެތެވެ. ފުން ނޭވާއެއް ދޫކޮށްފައި ރައުފަލް އަނބުރައި ފޯނު ޖީބަށް ލިއެވެ. ފާރުގައި ލެނގިލައިގެން ހަށަންބަދެލުމަށްފަހު ރައުފަލް ދެލޯ މަރާލިއެވެ. ގެއަށް ދާން ބޭނުންވެފައި ހުރި ނަމަވެސް އޭނައަށް ދެވޭނީ ރިފާހު ގެއަށްލުމަށް ފަހުއެވެ. ރިފާހު ގެއަށް ވަންނަވަގުތު ރިފާހުގެ މަންމަ އެގޭ ދޮރުމަތީގައި ހުންނާނެތީއެވެ.

ރައުފަލް ދެލޯ މަރައިގެން އަމިއްލަ ފިކުރު ތަކުގައި ހުންނަތާ ފަސްވަރަކަށް މިނެޓުފަހުން ލަމްޔާއާއި ރިފާހު ހޭއަޑަަށް އޭނަ ދެލޯ ހުޅުވާލިއެވެ. އޭރު އެދެމީހުން ހެމުން ސަކރާތްހަމުން ދިޔައެވެ. މީގެ ކުރިން ލަމްޔާ އައިސްފައި ހުރި ރުޅީގެ ކަންފުޅެއްވެސް އެމޫނުމަތިން ފެންނާކަށް ނެތެވެ. ރިފާހުވެސް ހުރީ ނިކަން ހަމަޖެހިލައިގެންނެވެ. އެހާ އަވަހަށް އެތަނުގައި ޖެހުނު މައްސަލަ ހައްލުވީ ހެއްޔެވެ؟ 

އެމަންޒަރު ބަލަން ހުރި ރައުފަލް ވެސް އެފަދަ އުފާވެރި ގުޅުމަކަށް އެދެވެންފެށިއެވެ. އެންމެންވެސް ބުނާ ލޯތްބަކީ ކޮބާކަން ތަޖުރިބާކޮށްލަން ރައުފަލްވެސް ބޭނުންވިއެވެ. ފެންނަ ފެނުމުގައި ދެފަރާތުންވެސް ލޯބިވާނަމަ އެއީ އުފާވެރި ގުޅުމެކެވެ. ސްކޫލުގައި ވެސް އޭނައަށް ފެންނަނީ އެފަދަ މަންޒަރުތަކެވެ. ހިތާމަކުރަން ޖެހެނީ ލޯބިވާ މީހާ ލޯބިނުވާ ބަދުނަސީބުވެެރިންނެވެ. އެލިސްޓުގައި އޭނަގެ ނަންވެސް ހިމެނޭކަން ރައުފަލް ހަނދާން ހުއްޓެވެ. ނަމަވެސް ހުރިހާ އަންހެން ކުދިންނަކީ ޒިދްނާއެއް ނޫނެވެ. އޭނަގެ ހަގީގަތް އެނގިހުރެވެސް އޭނަ ބަލައިގަންނާނެ މީހަކު ހަމަ ހުރެދާނެ ނޫންހެއްޔެވެ؟ ކޮންމެ މަހަކަށްވެސް ގަލެއް ވެޔޭ މީހުން ބުނެ އުޅެނީވެސް ސަބަބެއް ނެތިއެއް ނޫނެވެ. އެއާއެކު ރައުފަލްގެ ހިތަށް ވެރިވީ އެންމެ ނަމެކެވެ.

"މަލަކް" 

ނުނިމޭ

ލިޔުން ޙިއްސާ ކުރައްވާ

0 ކޮމެންޓްސް, 0 ރިއެކްޝަންސް

Smile
Smile

0%

Love
Love

0%

Sad
Sad

0%

Like
Like

0%

Dislike
Dislike

0%

މަގުބޫލް ލިޔުންތައް

Anehkaaves MDP ghe membarunthakeh raa fulhi genghulhey vedio eh leak vejje

އަނެއްކާވެސް އެމްޑީޕީ ގެ މެމްބަރުންތަކެއް ރާ ފުޅި ގެންގުޅޭ ވީޑިއޯއެއް ލީކުވެއްޖެ

0

ibrahim Wins Parliamentary Seat for Mahchangolhi Uthuru in the 20th Maldivian Parliament

މައްޗަންގޮޅީ އުތުރަށް އިއްބެ ޖަނާބު އިންތިޚާބު ވެއްޖެ.

0

Baby walker, kudakudhinna huri nurahkaleh.

ބޭބީ ވޯކަރ، ކުޑަކުދިންނަށް ހުރިނުރައްކަލެ.

0