6 ސެޕްޓެންބަރު 2024
0
ޓެސްޓު ޕޭޕަރު ހަދާ ނިމުމާއެކު ސްކޫލް ހޯލުން ބޭރަށް ނިކުތް ކުދިންގެ އަޑުން މުޅި މާހައުލު އަޑުގަދަވެގެން ދިޔައެވެ. އެއްބައި ކުދިން ޓެސްޓު ޕޭޕަރުގެ ސުވާލުތަކުގެ ޖަވާބުތަކާ މެދު ސައްލާ ކުރަމުން ދިޔަ އިރު އަނެއްބައި ކުދިން ޗުއްޓީ ފެށުނީތީ އެކަމާ އުފާފާޅުކޮށް ޗުއްޓީގައި ކުރާނެ ކަންތަކުގެ ވާހަކަ ދައްކަމުން ދިޔައެވެ. އަދި އެހެން ކުދިން އޭލެވެލް އިމްތިހާން ނިމުމުން ހިތަށް ހަމަޖެހުން ލިބިއްޖެ ކަމަށް ބުނަމުން ދިޔައެވެ.
ސްކޫލްގެ ގޭޓުން ނިކުންނަން ދިޔަ ކުދިބަޔަކު ސުވާލު ޕޭޕަރުގެ އެންމެ އުނދަގޫ ސުވާލާއި މެދު ސައްލާކުރަން ފެށިއެވެ. އެކަކު މިވެނި ސުވާލަކަށް ތިމަންނައަށް ލިބުނީ މިވެނި ޖަވާބެކޭ ބުނާއިރު އަނެއްކުއްޖާ ބުނަނީ އޭނައަށް ލިބުނީ މުޅިން އެހެން ޖަވާބެއް ކަމެވެ. އެކަކު ތިމަންނަ އެސުވާލުހެދީ މިވެނި ގޮތަކަށޭ ބުނާއިރު އަނެއްކުއްޖާ ކަންބޮޑުވުމާއެކު ތިމަންނައަށް ބޭނުންކުރެވުނީ ތަފާތު ފޯމިއުލާއެއް ކަމަށް ބުނިއެވެ.
އެވާހަކަތައް އަޑުއިވިފައި އެކުދިންގެ ފަހަތުން ކަހަލަ ގޮތަކަށް ހިނގަމުން ދިޔަ ރައުފަލްގެ ހިތުގެ ހަމަޖެހުން ނެތިގެން ދިޔައެވެ. އެހެނީ އެބުނާ ސުވާލަކަށް އޭނަ ދިނީ އެކުދިންނާ މުޅިން ތަފާތު ޖަވާބެކެވެ. އެސުވާލަކީ ޕޭޕަރުގެ އެންމެ ގިނައިން މާރކްސް ލިބޭ ސުވާލަށްވެފައި އެސުވާލު ނުބައިވެއްޖެ ނަމަ އޭނަ އުންމީދުކުރާ ފަދަ ނަތީޖާއެއް ނުލިބޭނެހެން ހީވީތީ ރައުފަލް ވަގުތުން އޭނައަށް އެސުވާލު ހެދުނީ ރަނގަޅަށްތޯ ބަލަން ބޭނުންވިއެވެ. އެހެންކަމުން ސްކޫލްގެ ގޭޓާ ދިމާލަށް ހިނގަމުންދިޔަ ރައުފަލް މިސްރާބު ބަދަލުކޮއްލަމުން ސްކޫލް ގޯތިތެރޭގައި ކުދިބަޔަކާ ވާހަކަ ދައްކަން ހުރި އޭނަގެ ފިޒިކްސް މުދައްރިސާ ދިމާލަށް ހިނގައި ގަތެވެ. ނަމަވެސް މާދުރަށް ނުދެވެނީސް ފަހަތުން މީހަކު އައިސް އޭނަގެ ކޮނޑަށް އަތް ވައްޓާލިއެވެ
”ބްރޯ، ދޮރާ ދިމާ އިނދިކޮޅަށް ތި ދަނީއޯ؟“ ރައުފަލް އަޑު އައި ދިމާލަށް އެނބުރުނު ހިނދު ފެނިގެން ދިޔައީ އުފާވެރި ހިނިތުންވުމެއްގައި ހުރި އޭނަގެ އެންމެ ގާތް އެކުވެރިޔާ އައިކްއެވެ.
”އޭ މަ އަންނާނަން ސަރ ގާތުން އެއްޗެއް އޮޅުންފިލުވާލައިގެން.“ ރައުފަލް އެހެންބުނުމާއެކު އައިކް އޭނަގެ ކޮނޑުން އަތް ނަގަމުން ޗޮކެއްކަނޑާލިއެވެ.
”ދެން މިގަޑީގަ ކޯންޗެއް އޮޅުންފިލުވަން އޮންނާނީ. ޓެސްޓުވެސް އެނިމުނީނު. ސުވާލު ހެދުނީ ރަނގަޅައްތޯ ނޫނީ ނޫންތޯ ބެލުމުގެ ފައިދާއެއް ނެތް. ޕޭޕަރު އަލުން ހަދާކަށް ނުލިބޭނެ. ދެން؟" ރައުފަލްއަށް ވިސްނައިދޭން އުޅޭ ފަދައަކުން އައިކް ވާހާކަ ދެއްކި އެވެ.
”އެކަމަކު މަށަށް ހަމަޖެހިލައިގެން މިރޭ ނުނިދޭނެ މިކަން އޮޅުން ނުފިލުވަނީސް“ ރައުފަލް އާދޭހުގެ ރާގަކަށް އެހެން ބުނުމުން އައިކް ކަޅި މައްޗަށް ހިންގާލިއެވެ.
”ކީއްކުރާނީ ސްކޫލް ޓޮޕަރުން އުޅޭނީ މިހެން.“ދެފަރާތަށް ބޯހޫރުވާލަމުން އައިކް ބުނެލިއެވެ. އެކުވެރިޔާއަށް ހިނިތުންވުމެއް ދީފައި ރައުފަލް އަނެއްކާވެސް ހިނގައިގަތެވެ.
ކަންދިމާކުރިގޮތުން ރައުފަލް ދިޔަ އިރު އެހެންކުއްޖަކު އޭނަ ކުރަން ގަސްތުކޮއްގެން ހުރި ސުވާލުކުރުމުން ފިޒިކްސް މުދައްރިސް ދިޔައީ އެސުވާލުގެ ހަދާގޮތް ކިޔާދެމުންނެވެ. މުދައްރިސް ކިޔާދީ ނިމެންދެން ރައުފަލް އެތާ މަޑުކޮށްގެން ހުއްޓެވެ. އެސުވާލު ހަދާ ގޮތް މުދައްރިސް ކިޔާދެމުން ދިޔަ ވަރަކަށް ރައުފަލްގެ ހިތުގައި ގެއްލުނު ހަމަޖެހުން އަނބުރާ އައެވެ. ސަބަބަކީ މުދައްރިސް ކިޔާދިނީ ޙުދު އޭނަވެސް އެސުވާލު ހެދި ގޮތެވެ.
”ދެން މިނޫން އެހެން ގޮތްގޮތަށްވެސް އެސުވާލު ހެދޭނެ. އެހެންވީމަ ހާސްވާއެއްޗެއް ނޫން އިނގޭ. މިނޫން އެހެން ގޮތަކަށް ހެދިފަ ހުއްޓަސް ރަނގަޅު ޖަވާބު ދެވިފަ ހުރެދާނެ.“ ސުވާލު ހަދާގޮތް ކިޔާ ދިނުމައްފަހު އެންމެ ފަހުން ކުދިންގެ ހިތްހަމަޖައްސައި ދިނުމުގެ ގޮތުން މުދައްރިސް ބުނެލިއެވެ. އެއާއެކު އެއްވެތިބި ކުދިން މުދައްރިސަށް ޝުކުރުއަދާކުރުމަށް ފަހު އެތަނުން ދާން ހިނގައިގަތެވެ. އެކުދިންގެ ފަހަތުން ރައުފަލްވެސް ހިނގައިގަތެވެ. ނަމަވެސް މުދައްރިސް އޭނާގެ ނަމުން ގޮވާލިއަޑަށް ރައުފަލް ފިޔަވަޅުތައް މަޑުޖައްސާލަމުން ފަހަތަށް އެނބުރުނެވެ.
”ލައްބަ ސަރ“ ރައުފަލް ފަހަތަށް އެނބުރި އޭނަގެ ފިޒިކްސް މުދައްރިސް ނިމާލްއާއި ކުރިމަތިލިއެވެ.
”ކޮބާ ކިހިނެއްވަނީ ޕޭޕަރު؟ ފަސޭހަތަ؟“ ހިތްހެޔޮ ހިނިތުންވުމަކާއެކު ނިމާލް ސަރ އަހާލިއެވެ.
”އަސްލު ހީކުރިވަރަށް ވުރެ ފަސޭހަ. ދެންމެ ސަރ ބުނެދިން ސުވާލު ކިރިޔާވެސް ޑައުޓް ވެފަ ހުރެވުނީ. އެކަމަކު ނަސީބަކުން އެސުވާލު ހެދުނީ ސަރ ކިޔާދިން ގޮތަށް.“
”އެހެންވިއްޔާ ރަނގަޅުވާނެ. ދެން ރިޒަލްޓާ ދޭތެރޭ މާ ފިކުރުބޮޑުނުކުރައްޗޭ ޗުއްޓީގަ. އިރާދަކުރެއްވިއްޔާ ރައުފަލްއަށް ރަނގަޅު ނަތީޖާއެއް ލިބޭނެ.“
ނަމަވެސް ރައުފަލް ބޭނުންވަނީ ރަނގަޅު ނަތީޖާއެއް ނޫނެވެ. އޭނަ ބޭނުންވަނީ އެންމެ ރަނގަޅު ނަތީޖާ އެވެ. އޯލެވެލް އިމްތިހާނުގެ ގަދަ ދިހައަކުން 1 ވަނަ އެވެ. އަދި ދުނިޔޭގެ ފެންވަރުގައިވެސް ވަކިވަކި މާއްދާތަކުންވެސް 1 ވަނަ ހާސިލްކުރުމެވެ. އޭނަ ފަދަ ތަނަވަސް އާއިލާއަކަށް ނިސްބަތް ނުވާ މީހަކަށް ކިޔެވުމުގައި ކުރިއަށް ދެވެން އޮތް ގޮތަކީ ހަމައެކަނި އެގޮތެވެ. އެންމެ މޮޅު ވަނަތައް ހޯދައި ސަރުކާރުގެ ސްކޮލާރޝިޕްއެއް ހާސިލް ކުރުމެވެ. އެވަރަށް ގަދައަޅައި ކިޔަވަން ރައުފަލް މަސައްކަތް ކުރާ ސަބަބަކީ އެސަބަބެވެ.
އެހެންކަމުން އޯލެވެލްގެ އެންމެ ފަހު ޕޭޕަރު ހެދުމަށްފަހު ކުރިއައް އޮތް ޗުއްޓީގައި ޕޭޕަރުތަކުގެ ނަތީޖާއާއިނެދު ނުވިސްނާ ހުރެވޭނީ ކިހިނަކުން ހެއްޔެވެ؟ ނަމަވެސް އެހެން ބުނުމެއް ނެތި ނިމާލް ސަރ ދެއްކިވާހަކައަށް ބޯޖަހާލަމުން ރައުފަލް ހިނގައިގަތެވެ. ރައުފަލް ސްކޫލް ގޭޓާ އަރާ ހަމަވި އިރު ގޭޓު ދޮށުގައި އޭނަގެ އިންތިޒާރުގައި އައިކް ހުއްޓެވެ.
"ކޮބާ މިހާރު މިރޭ ހަމަޖެހިލައިގެން ނިދާލެވޭނެ ވަރު ވެއްޖެތަ؟" ރައުފަލް ފެނުމާއެކު އައިކް އަހާލިއެވެ.
"އާން ނަސީބަކުން ސަރ ބުނިގޮތަށް ހެދުނީ. އަކޫ ކިހިނެއްތަ ކުއެޝަން ފޯ ހެދީ؟ ކޮން ފޯމިއުލާއެއް ޔޫސްކުރީ އެތާ؟" ރައުފަލް އެސުވާލުތައް އަމުނާލީ އައިކްއާ ދެމީހުން ސްކޫލުން ނިކުމެ ގެއާ ދިމާލަށް ހިނގައިގަންނަމުންނެވެ.
އެވަގުތު ސްކޫލުން ނިކުންނަމުންދިޔަ އެހެން ކުދިންވެސް އެކުދިންގެ ގެތަކާ ދިމާލަށް ހިނގަމުން ދިޔައެވެ. އޭގެ ތެރެއިން ބައެއް ކުދިން އެކުދިންގެ ބެލެނިވެރިންނާއެކު ސައިކަލުގައި ދިޔަ އިރު އަނެއްބައި ކުދިން ބައިސްކަލުތަކުގައި ވެސް މަގުމަތިން ފެންނަމުން ދިޔައެވެ.
"ނޭނގެ މިހާރު ހަނދާނެއްވެސް ނެތް. މަށަށް ހެޔޮ ކޮންމެ ގޮތަކަށް ހެދިފަ ހުއްޓަސް. ފާސްވަންޏާ މަގޭ މައްސަލައެއް ނެތް" އައިކްގެ ޖަވާބު އިވިފައި ރައުފަލް ހައިރާނެއް ނުވިއެވެ.
އައިކް ފަދަ ތަނަވަސް މުއްސަނދި އާއިލާގެ މީހުންނަށް ކިރިޔާ ފާސްވެގެންވެސް ކުރިއައް އޮތް ތަނުގައި ކިޔެވިދާނެއެވެ. އައިކްގެ ބައްޕައަކީ ރަށާ ކައިރި ރިސޯޓެއްގެ ވެރިއެކެވެ. އެހެންކަމުން އެއާއިލާއަކީ މުޅި ރަށުގައިވެސް އޮތް އެންމެ މުއްސަނދި އާއިލާއެވެ. ރައުފަލް ދެކޭ ގޮތުގައި އެހާ ބުރަކޮށް މަސައްކަތް ނުކޮށް ބޭރުގައުމަކަށްވެސް ކިޔަވަން ދިޔުމުގެ ފުރުސަތު އައިކްއަށް ފަސޭހައިން ލިބޭނެއެވެ. އެކަމަށް އޭނަ ފަދައިން އެންމެ ފުރިހަމަ ނަތީޖާއެއް އައިކްއަށް ބޭނުމެއް ނުވާނެއެވެ.
"އޭ ދެން ތިޔެއް ނޫނޭ މިރޭ މަންމަ މެން ފުރާނެ. ބްރޯ ބައްޕަ ގާތުން ހުއްދަ ހޯދައްޗޭ މިއަދު" އައިކް ކުއްލިއަކަށް މައުލޫ ބަދަލުކޮށްލަމުން ރައުފަލްއާ ދިމާލަށް އެނބުރުނީ ހުރިހާ ދަތްތަކެއް ސޭލު އަޅުވައިގެން ހުރެއެވެ.
"ކޮން.... އޯހް އޭ ހަނދާންވެސް ނެތިފަ މި ހުރެވުނީ. މިއަދު ބައްޕަ ގާތު އަހާނަން." އައިކް އެދައްކަނީ ކޮން ވާހަކައެއްކަން ރޭކާލުމުން ރައުފަލްގެ މޫނުމަތިވެސް އުޖާލާވެގެން ދިޔައެވެ. އެހެން އަހަރުތަކާ ހިލާފަށް މިއަހަރުގެ ބޮޑު ޗުއްޓީ އެދެމީހުން ހޭދަކުރަން ނިންމާފައިވާ ގޮތް ހަނދާންވުމުންނެވެ.
މީގެ ކުރިން ބަންދުތަކުގައި އައިކް އަބަދުވެސް ޗުއްޓީ ހޭދަކުރަނީ އޭނަގެ އާއިލާއާއެކު ބޭރު ގައުމުތަކުގައެވެ. ނަމަވެސް މިފަހަރު ޗުއްޓީގައި އައިކް ބޭނުންވީ ރަށުގައި ހުންނާށެވެ. އައިކްގެ މަންމަ މެން ދިޔުމުން އެގެއަށް ރައުފަލްވެސް ގެނެސްގެން މުޅި ޗުއްޓީގައި ގޭމު ކުޅުމާއި ފުޓުބޯޅަ ކުޅުމާއި މޫދަށް ދިޔުން ފަދަ ކަންކަން އައިކްވީ ދުރާލާ ރާވާފައެވެ. އެވާހަކަ އިމްތިހާން ފެށުމުގެ ކުރިން އައިކް ރައުފަލްއާ ހިއްސާކޮއްފައި އައިކްގެ ގޭގައި އުޅުމުގެ ހުއްދަ ރައުފަލްގެ ބައްޕަ ގާތުން ހޯދުމަށް އައިކް އެދުނެވެ. ނަމަވެސް އިމްތިހާނަށް ތައްޔާރުވާން އުޅުމުގެ ތެރޭގައި ރައުފަލް އެކަން މަތިން ހަނދާންނެތޭ ގޮތްވިއެވެ. އެހެންއަހަރު ތަކާ ހިލާފަށް މިއަހަރުގެ ޗުއްޓީ އެތައް ގޮތަކުން މަޖާވާނެތީ ރައުފަލްގެ މޫނުމަތީގައި އެވަގުތުވީ ހިނިތުންވުމެކެވެ.
"ނަސީބެއްނު ހަނދާންކޮއްދެވުނު ކަން. އޭ ދެން ދަނީ އިނގޭ. މިއަދު ހަވީރު އޮންނާނެ މެޗުވެސް. ހަނދާންނައްތާނުލާތި." އައިކް އެހެން ބުނި އިރު ދެމީހުންނަށް ތިބެވުނީ ސްކޫލާ މާދުރުނޫން ހިސާބުގައި ހުރި އައިކްގެ ގޭގެ ކުރިމަތީއެވެ. ދެބުރިއަށް ހިއްލާލެވިފައިވާ އެގެއަކީ ވަށާ ފާރުވެސް އުސްކޮށް ރާނާފައި ބޮޑު ގޭޓެއްވެސް ލާފައި ހުރި ގެއެކެވެ. ގޭގެ ބޭރުންވެސް ފެންނަމުން ދިޔަ ޒަމާނީ ކުޑަދޮރުތަކާއި ބެލްކަނިތަކުގެ ސަބަބުން ގޭގެ އެތެރެ އެއައްވުރެވެސް ފުރިހަމަވާނެކަން ގައިމެވެ.
އައިކް ގެއަށް ވަދެގެން ދިޔަ އިރު ރަތް ދައްކާ އަވީގައި ރައުފަލް އޭނަގެ ގެއަށް ދިޔުމަށް ހިނގައިގަތެވެ. އޭނަގެ ގެއަކީ ސްކޫލާ ދުރުގައި މީހުންވެސް މަދު ހިސާބެއްގައި ހުންނަ ގެއެއްކަމުން އޭނަ ހިނގަންޖެހޭ ރާސްތާ ފުދޭވަރަކަށް ދިގެވެ. ނަމަވެސް އެކަމަށް އާދަވެފައި ހުރި ރައުފަލްއަށް އެކަން މައްސަލައަކަށް ނުވިއެވެ. މައްސަލައަކަށްވީ ހޫނުގަދަ އަވީގައި ހިނގާފައި ދިޔަ އިރު ދަލުން ފޯވަމުން ދިޔަކަމެވެ. ރައުފަލްއަށް ގެއާ ހަމައަށް ދެވުނު އިރު އޭނަ ލައިގެން ހުރި ހުދުކުލައިގެ ޔުނީފޯމްވެސް ހުރީ ދަލުން ފޯވެ ބުރަކައްޓާދިމާލުން ގައިގައި ތަތްލަވާފައެވެ. ނިތުންވެސް ދާއްހިއްލައި މޫނުމަތިންވެސް ދާތިކިތަކުގެ އަސަރު ފެންނަމުން ދިޔައެވެ. އެވަގުތު އަވަހަށް ގެއަށް ވަދެ ފެންވަރާ ތާޒާ ވެލަން ރައުފަލްގެ ހިތް އެދެމުން ދިޔައެވެ. އެހެންކަމުން އަވަސް ފިޔަވަޅު ތަކެއްގައި އާދައިގެ ގޮތަކަށް ތިރި ވަށާފާރެއް ލައި ހަދާފައިވި ގޭގެ ވަކަރު ދޮރާށިން އެތެރެއަށް ރައުފަލް ވަނެވެ.
އެގޭގެ ގޯތިތެރެ ފުދޭވަރަކަށް ބޮޑުނަމަވެސް އެގެ އަކީ އާދައިގެ ކުޑަގެއެކެވެ. ގިނަދުވަސް ވުމުގެ ސަބަބުން ގޭގެ ފާރުގައި ލެވިފައިވި ކުލަވެސް ވަނީ ގެއްލެން ފަށާފައެވެ. އޭނަގެ ބައްޕައަކީ ރަށު އޮފީހުގައި މަސައްކަތްކުރާ މީހެކެވެ. އެވަޒީފާއިން ލިބޭ ކުޑަ މުސާރައިން ގޭގެ ހަރަދުތައްކޮއްފައި އޭނަ އާއި އޭނަގެ ކޮއްކޮއަށް ހަރަދުކޮއްފައި ހޭދަކުރާނެ އިތުރު ފައިސާއެއް ނޯވެއެވެ. އެހެންކަމުން ބާވެހަފުސް ވަމުން ދާއިރުވެސް އެގެ ހުރީ އެންމެ ފުރަތަމަ ރައުފަލް ދެކުނު ގޮތަށެވެ.
ރައުފަލް ގޭގެ ދޮރާށިން އެތެރެއަށް އަޅާލި ފުރަތަމަ ފިޔަވަޅާއެކު ހުޅުވިފައި ހުރި ގޭގެ ދޮރުން އަންހެނެއްގެ ހަރުއަޑު އިވިގެން ދިޔައެވެ.
"މަށަކަށް ނޭނގެ. ރުފިޔާ ހޯދާތަނަކުން ހޯދައިގެން ހަރަދުކުރުމަކީ ރަމީޒުގެ ޒިންމާއެއް. އަބަދު ފަގީރުކޮއި ހައްދާފަ ދަރިއެއް ނުބެހެއްޓޭނެ." ދޮންމަންމަގެ އަޑާއެކު ރައުފަލްގެ މޫނުމަތި ބަނެވެގެން ދިޔައެވެ.
ނުނިމޭ
0%
0%
0%
0%
0%
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
9 އެޕްރީލު 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
22 އެޕްރީލު 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
7 މޭ 2024
0