20 އޮކްޓޫބަރު 2024
0
"ރަމީޒު" އަންހެންމީހާގެ ދުލުން އެނަން ބޭރުވީ ވައި އަޑަކުންނެވެ. އެހިނދު އޭނަގެ ލޮލުން ފޭބި ކަރުނަތިއްކެއް އެ ދޮން ކޯތާފަތުގައި ފިރުމާލާފައި ތިރިއަށް ފައިބައިގެން ދިޔައެވެ.
.......
މެންދުރު ކެއުމަށްފަހު އުލްފާގެ ކޮޓަރިއަށް މަލަކް ވަނީ އެވަގުތު ވެސް ބޯކޮށް ވާރޭ ވެހެމުންދިޔުމުގެ ސަބަބުން ވާރޭ ހުއްޓަންދެން އެމީހުން އެގޭގައި މަޑުކުރަން ނިންމުމުން ނެވެ. އުލްފާ ވެސް މަލަކްއާ ވާހަކައެއް ދައްކަން ވެފައި އޮތް ވާހަކަ ކުރިން ބުނެފައި އޮތުމުން އެވާހަކަ އަޑުއަހަން ވެސް މަލަކްގެ ހިތުގައި އޮތް ޝައުގުވެރިކަމުގެ ސަބަބުންނެވެ. މަލަކްއާއި ރީވާ އުލްފާގެ ކޮޓަރިއަށް ވަތް އިރު މެންދުރު އެގެއަށް ކާން އައި އައިކް އާ ވާހަކަ ދައްކަން މަލްހާން ސިޓިންރޫމްގައި އިނެވެ.
"ސޯ އޭރު ބުނީމެއްނު ވާހަކައެއް ދައްކަން ވެފަ އެބަ އޮތޭ" އުލްފާގެ ކޮޓަރިއަށް ވަދެ ހަމަޖެހިލުމާއެކު މަލަކް އެހިއެވެ. އެވަގުތު ފޯނު ކޯލެއް އައިސްގެން ރީވާ ހުރީ އެކޮޓަރީގެ ހިޔާކުރެވިފައިވި ބެލްކަންޏަށް ނިކުމެ އެވެ.
"އެވާހަކަ ދޯ. އަސްލު އަހަރެން ދައްކަން އުޅުނު ވާހަކައަކީ ރައުފަލްގެ ވާހަކަ" އެކޮޓަރީގައި ހުރި އެނދުގެ ހެޑްބޮޑުގައި ލެނގިލައިގެން އިނދެ އުލްފާ ބުނެލިއެވެ. އުލްފާ ކުއްލިއަކަށް ރައުފަލް ގެ ނަން ބުނުމުން މަލަކް ސިހުންވާ ގޮތްވި އެވެ. ކުރިންރޭ ވެސް އޭނައަށް ރައުފަލް އެނގޭހޭ އުލްފާ އެހުމުން މަލަކް ވަނީ ނޭނގޭ ކަމަށް ބުނެފަ އެވެ. އަނެއްކާ އުލްފާއަށް ކަމެއް ޝައްކު ވަނީ ހެއްޔެވެ؟ މިއަދު ރައުފަލް މެންދުރު ކެއުމަށް އަންނާނެ ވާހަކަ އުލްފާ ބުނި ނަމަވެސް ބޯކޮށް ވެހެމުންދިޔަ ވާރޭގެ ސަބަބުން ރައުފަލްއަށް ނާދެވިގެން އުޅޭ ވާހަކަ އައިކް ބުނި ވަގުތު އޭނަގެ މޫނުމައްޗަށް އެރި ކުލަވަރު އުލްފާއަށް ފެނުނީ ހެއްޔެވެ؟
"އަސްލު ރައުފަލް އަކީ އަންހެން ކުދިންނަށް އެޓެޝަންދޭ މީހެއް ނޫން. އޭނަ އަންހެންކުއްޖަކާ ސްމައިލްކުރިޔަަސް ދެޓްސް އަ ބިގް ޑީލް. ސްކޫލްގަ މިއޮށް ހުރިހާ ދުވަހު އުޅުނު އިރު އަހަރެން ނުދެކެން އޭނަ ކުރިންރޭ މަލަކް ފެނިފަ ބަލަން ހުރި ގޮތަށް އަންހެންކުއްޖަކާ ދިމާލަށް ބަލަން ހުރެފަ ސްމައިލް ކުރި ތަނެއް. އޭނަ އަހަންނަކާވެސް އިސްވެ ވާހަކައެއް ނުދައްކާނެ. ކިރިޔާވެސް އޭނަގެ ކަމެއް އެނގެނީ އެއީ އައިކްގެ އެންމެ ގާތް އެކުވެރިޔާއަށްވެފަ އައިކްއާ އަހަރެން ފްރެންޑް ވީމަ." އުލްފާ ދައްކަމުން ދިޔަ ވާހަކަތައް އިވުނު އިވުނުހެން މަލަކްގެ ހިތަށް ތަފާތު އިހުސާސުތަކެއް ކުރެވެމުން ދިޔައެވެ. ރައުފަލް ހާއްސަ ސަމާލުކަމެއް އޭނައަށް ދިންކަން އެނގުމުން މަލަކް އުންމީދު ނުކުރާ ވަރަށް އޭނަގެ ހިތް އުފާވިއެވެ. އެކަން މަލަކްގެ މޫނު މަތިން ފާޅުވީ ކަންނޭގެއެވެ. މަލަކްއަށް ބަލަހައްޓައިގެން ހުރި އުލްފާ ލާނެތް ގޮތަކަށް ހިނިތުންވެލިއެވެ.
"މަލަކް.... ޑޫ ޔޫ ލައިކް ހިމް؟" އުލްފާގެ އެސުވާލާއެކު މަލަކްގެ ކޯތާފަތަށް ހޫނުކަމެއް އިހުސާސުކުރެވުނެވެ. މިވަގުތު ޔަގީނުންވެސް އޭނާގެ މޫނެކޭ ރަތްކުލައިގެ ޓޮމާޓޯއެކޭ އެއްވެސް ތަފާތެއް ނޯންނާނެކަން ގައިމެވެ.
"ވަޓް؟ ނޯ ނޯވޭ. އަހަންނަކަށް އެއީ ކާކުކަމެއް ވެސް ރަނގަޅަކަށް ނޭނގެ. ފެނުނީ ވެސް އެންމެ ދެތިން ފަހަރު. ކިހިނެއް އެހާ އަވަހަށް ނުވެސް ދަންނަ މީހަކު ދެކެ ލައިކް ވާނީ؟" މަލަކް ވަގުތުން އޭނަގެ އަމިއްލަ ނަފުސު ދިފާއު ކުރަން މަސައްކަތް ކުރަމުން އޭނަގެ އިހުސާސްތަކުގެ މައްޗަށް ފަސްއަޅައި ފޮރުވާލިއެވެ.
"މީހުން ބުނެ އެއްނު ފުރަތަމަ ނަޒަރުން ވެސް ލޯބިވާ ވާހަކަ." ކުޑަކޮށް ހެމުން އުލްފާ ބުނެލިއެވެ. އެވަގުތު ބެލްކަނީގައި ހުރި ރީވާ ވެސް އައިސް ކޮޓަރިއަށް ވަނެވެ. ރީވާއަށް އެވާހަކަ އިވިފައި އެއްޗެކޭ ނުބުނެ ނުހުރެވެނެވެ.
"ޕްލީޒް. މަލަކް ގަބޫލެއް ނުކުރާނެ ލަވް އެޓް ފަސްޓް ސައިޓް. ލޯބި އެއީ ވާއެއްޗެއް ކަމަށްވެސް ހިޔެއް ނުވޭ ގަބޫލުކުރާ ހެނެއް" ރީވާ އެހެން ބުނަމުން އައިސް އެނދުމަތީގައި އިށީންދެ ދެ އަންހެން ކުދިންގެ ވާހަކައިގައި ރަނގަޅަށް ބައިވެރިވެރި އެވެ.
"ތެދެއް މަލަކް؟"
"ނޫނޭ. ރީވްއަށް ގޯސްކޮށް ހީވެފަ ތިއޮތީ. ލޯތްބަކީ ވާއެއްޗެއް ކަމަށް އަހަރެންވެސް ގަބޫލުކުރަން. އެކަމަކު އެއީ ކުޅޭ ކުޅޭ ކުޅިވަރެއް ނޫން. މިހާރު އެންމެން ވެސް ފަހަރަކު މީހަކާ ރައްޓެހިވެފަ ލޯބިވެޔޭ ކިޔާފަ އަހަރެއް ނުވަނީސް ބްރޭކްއަޕް ވަނީ. އެޔެއް ނޫން އަހަރެން ބޭނުންވާ ގޮތަކީ. އަހަރެން ބޭނުންވަނީ މަންމަ މެން ގޮތަށް ކައިވެނިކޮށްގެން ލޯބިން މުޅި އުމުރު އެކުގަ އުޅެން." މަލަކް ތަންކޮޅެއް ސީރިއަސް ވާހަކަ ދެއްކިއެވެ. އެވާހަކަ އަޑުއިވިފައި އުލްފާގެ މޫނުމަތީގައިވި ހިނިތުންވުން ފިލައި ދިޔައެވެ. ނަމަވެސް ރީވާ ހިނިގަނޑެއް ޖަހާލަމުން ވާހަކަ ދައްކަން ފެށީ އެއީ މަލަކްގެ ދުލުން އެތައް ފަހަރަކު އޭނައަށް އަޑުއިވިފައިވާ ބަސްތަކަކަށް ވުމުންނެވެ.
"ޝީ އިޒް ސޯ އޯލްޑް ފެޝަންޑް. ޔަގީން މަލަކް ކުރާނީ އެރޭންޖްޑް މެރިޖެއް."
"ދެން ކޮބާ މައްސަލައަކީ ދޯ އުލްފާ. ބައްޕަ ހޯދަފާނެ މާ ރީތި މީހެއްވެސް." އެވާހަކަ ސަމާސާއަކަށް ހަދައިގެން މަލަކް ބުނެލިއެވެ. އުލްފާ ވެސް ކުޑަކޮށް ހިނިތުންވެލަމުން ބޯޖަހާލިއެވެ. ނަމަވެސް އުލްފާއަށް ބަދަލެއް އަތުވެއްޖެކަން އެމީހުންގެ ވާހަކަ ކުރިއަށް ދިޔަ ވަރަކަށް މަލަކްއަށް އެނގުނެވެ. ކުރިން އެދެމީހުން ދެއްކި ވާހަކަވެސް ހަނދާން ނައްތާލާ ފައި އުލްފާ ދެން ފެށީ އެހެން ވާހަކައެކެވެ. އޮލަ ވާހަކައެއްގައި ތިން އަންހެންކުދިން ކޮޓަރިތެރޭ ތިބެފައި ވާރޭ ހުއްޓާލުމުން ކޮޓަރިން ނިކުތެވެ. އުލްފާ އޭނަގެ މަންމަގެ ފޯނުން ބޮޑުބޭބެއަށް ގުޅަން ބަދިގެއަށް ވަތް އިރު މަލަކްއާ ރީވާ ސިޓިންރޫމުގައި އިން މަލްހާން ގާތުގައި މަޑުކޮށްލިއެވެ.
އެގޭގެ ދޮރު ފެންނަ ގޮތަށް ވަކިން ހުރި ސޯފާ ގޮނޑިއެއްގައި މަލަކް އިށީން ވަގުތަކީ ދޮރުމައްޗަށް މީހަކު އަރައި ސަލާމް ގޮވާލި ވަގުތެވެ. ދަންނަ އަޑެއް އިވުމުން މަލަކް އިސްއުފުލާލި އިރު ފެނިގެން ދިޔަ މަންޒަރުން އޭނަގެ ހިތް އަވަސްވި އެވެ.
ކަޅުކުލައިގެ ދިގު ވިއްސާރަކޯޓެއްގައި ހުރި ރައުފަލް އޭނާގެ ތެމިފައި އޮތް ތުނި އިސްތަށިގަނޑުން ފެންތައް ފޮޅާލިއެވެ. ލައިގެން ހުރި ކޯޓު ބަލައި ދޮރުން ބޭރަށް ފޮޅާލައިފައި އަތް މަތީގައި ބާއްވާލަމުން ގޭތެރެއަށް ނަޒަރު ހިންގާލިއެވެ. އެވަގުތު ނުދަންނަ ފިރިހެނަކު ސަލާމްގެ ޖަވާބު ދިން އަޑު ރައުފަލްއަށް އިވުނެވެ. އެހެނަސް އޭނަގެ ސަމާލުކަން ދެވުނީ ސީދާ އޭނައާ ދިމާލަށް ބަލަހައްޓައިގެން ހުރި މަލަކް އަށެވެ.
ރައުފަލްގެ ނަޒަރު އޭނަގެ މޫނަށް އަމާޒުވުމާއެކު މަލަކް އަވަސް އަވަހަށް ދުރުބަލަން ފެށިއެވެ. އެވަގުތު ރައުފަލް އެގޭގެ ދައްތަ ކޮބާހޭ އަހާލުމުން މަލްހާން އެގޭ ދައްތަ ވީ ބަދިގޭގައި ކަމަށް ބުނެލިއެވެ. މަލަކް އިތުރަށް ރައުފަލްއަށް ނުބަލަން ވެގެން އިންދައި އުލްފާ ދެއްކި ވާހަކަތައް އޭނަގެ ހަނދާނަށް އައެވެ. އެއާއެކު މަލަކް ސިއްރު ސިއްރުން ރައުފަލްއަށް ލުއި ނަޒަރެއް ދެވުނެވެ. ރައުފަލް އަވަސް ފިޔަވަޅުތަކެއްގައި ގޮސް ބަދިގެއަށް ވަނުމުން މަލަކްއަށް އޭނަގެ ސޯފާގައި ލެނގިލެވުނެވެ.
.........
"މަންމާ..." ބަދިގެއަށް ވަތް އުލްފާގެ ފިޔަވަޅުތައް މަޑުޖެހުނީ ކާމޭޒު ދޮށުގައި އެކަނި އިން އައިކް ފެނުމުންނެވެ. އައިކްގެ ކުރިމަތީގައި ޕުޑިން ތައްޓެއް ހުރި އިރު ކުޑަ ސަމުސަލަކުން އޭނަ ދިޔައީ ޕުޑިން ކަމުންނެވެ.
"ދައްތަ ގޮއްސި ކޮޓަރިއަށް. ކެއި އިރު ޕުޑިން ތަށި ފިނިކުރަން އަލަމާރީގަ ހުރިކަން ދައްތަ ހަނދާން ނެތުނީ އޯ. ދައްތަ އެބަ އާދޭ އެންމެންނަށް ޕުޑިން ދޭން" އައިކް ވަކި އުލްފާއަށް ބެލުމެއް ނެތި ވާހަކަ ދައްކަމުން ޕުޑިން ކޮޅެއް ނަގައި އަނގަޔަށް ލިއެވެ.
އިތުރު އެއްޗެކޭ ނުބުނެ އައިކްއާ ދިމާލަށް ބަލަހައްޓައިގެން އުލްފާއަށް ހުރެވުނެވެ. އޭނަ ހުރީ އައިކް ދެކެ ރުޅި އައިސް ހިތްހަމަނުޖެހިފައި ނަމަވެސް މިއަދު މަލަކް ދެއްކި ވާހަކަތަކުން އުލްފާގެ ރުޅިވެރިކަމަށް ފިނިކަމެއް އަތުވެއްޖެ އެވެ. މިއަދު މަލަކް ސިފަކޮށްދިނީ އޭނަވެސް ބޭނުންވާ ގޮތެވެ. ލޯބިން ކުރެވޭ ކައިވެންޏެއް މަތީގައި ހުދު އޭނަގެ މައިންބަފައިން ފަދައިން އުޅުމަކީ މުސްތަގުބަލުގައި ވުމަށް އުލްފާ ވެސް އެދޭ ކަމެކެވެ. ނަމަވެސް ސްކޫލް ނިމުން އިރު އޭނައަށް ވެސް ކުއްޖަކާ ރައްޓެހިވެވިއްޖެ އެވެ. އެހެނަސް އެއީ ކައިވެންޏަކާ ހިސާބަށް ދާނެ ގުޅުމެއް ކަމެއް ޔަގީނެއް ނޫނެވެ.
އެކަން މީގެ ދުވަސްކޮޅެއް ކުރިން އުލްފާއަށް ހަނދާން ކޮށްދިނީ އައިކް އެވެ. މުނީޒް އަކީ ރަނގަޅު މީހެއް ނޫންކަމަށާއި އުލްފާ ގޮވައިގެން ރީތި ގޮތުގައި އުޅޭނެ މީހެއް ނޫންކަމަށް އައިކް ބުނުމުން އުލްފާ ހިތްހަމަނުޖެހި ރުޅި އާދެވުނީ އެވެ. އަދި ހާއްސަކޮށް މުނީޒްއާ ޒުވާބުކޮށް ކުރިން ދުވަހު ދެމީހުން ތަޅާފޮޅުން ގަނޑެއް ހިންގާލުމުން އުލްފާ ހުރީ ވަކިން ބޮޑަށް އައިކް ދެކެ ހިތްހަމަނުޖެހިފަ އެވެ. ސަބަބަކީ އެކަމަށް ފަހު އައިކް އެގޮތަށް އަމަލު ކުރީ އުލްފާގެ ވެސް ކުށުން ކަމަށް ބުނެފައި މުނީޒް އޭނައާ ވާހަކަ ނުދައްކައި ހުންނަން ފެށުމުންނެވެ. ނަމަވެސް އެކަމުގައި އޭނައަށް ބައިވެރިވެވުނީ ކޮން ހައިސިއްޔަތަކުން ކަމެއް އުލްފާއަކަށް ނުވިސްނުނެވެ. އެކަމެއް ހިނގީ އައިކްއާއި މުނީޒްގެ ދެމެދުގައެވެ. އެވެސް އޭނަގެ ދިރިއުޅުމާއި ދުރުގައި ހުރުމަށް އައިކްއާ ދިމާލަށް އުލްފާ ބުނެފައި ވަނިކޮށެވެ.
އެވަރުންވެސް މުނީޒްގެ ހިތްހަމަޖައްސައި ދިނުމުގެ އުލްފާ މަޢާފަށް އެދި އެތައް ފަހަރަކު މުނީޒްއަށް މެސެޖުކުރުމުންވެސް މުނީޒް އޭނަގެ އެއްވެސް މެސެޖަކަށް ޖަވާބެއް ނުދިނެވެ. މީގެ ކުރިންވެސް ދެމީހުންގެ މެދުގައި ޖެހުނު މައްސަލައެއްގައި މުނީޒް ކަންތައްކުރީ އެފަދަ ގޮތަކަށެވެ. މުނީޒް ބޭނުންހާ ދުވަހެއް ވަންދެން އޭނައާ ވާހަކަ ނުދައްކާ ހުރެފައި އަލުން ވާހަކަ ދައްކަން ފެށީ ނުހަނު ލޯބިންނެވެ. އެލޯބީގެ މޮޅެތި ބަސްތަކުގެ އަވާގައި ޖެހިގެން މުނީޒް ކަންތައްކުރި ގޮތުގެ މަތިން ހަނދާން ނައްތާލާފައި އުލްފާ އަލުން މުނީޒްއާ ގުޅިގެން އެކުގައި އުޅެން ފެށީއެވެ. މިފަހަރުވެސް ކަންވެގެން ދާނީ އެހެންކަން އުލްފާއަށް އެނގެވެ.
އެހިޔާލުތަކުން އުލްފާއަށް ބޭރުވެވުނީ ރައުފަލް ބަދިގެއަށް ވަދެ އައިކްއަށް ގޮވާލުމުންނެވެ. އުލްފާ އޭނަގެ ސިކުނޑީގައި އެނބުރެމުން ދިޔަ ހިޔާލުތައް ފުހެލަމުން އަވަހަށް އެތަނުން ނިކުމެގެން ދިޔައީ އޭނަގެ މަންމައަށް ގޮވާށެވެ.
.........
އެދުވަހު ހަވީރުވެގެން ދިޔަ އިރު ވިއްސާރަ އަލިވާން ފެށި ކަމުގެ ނިޝާންތައް ފެންނަން ފެށިއެވެ. ވެހެމުންދިޔަ ވާރޭ ހުއްޓުމަކަށް އައިސް ކަޅު ވިލާތައް ފޫއަޅުވާލާފައި އިރުގެ އަލިކަން ދުނިޔެމައްޗަށް ގަދަކުރަމުން ދިޔައެވެ. ސިޓިންރޫމް ސޯފާގައި ރައުފަލް އިށީންދެ އިނީ އޭނަގެ ފޯނަށް އައިކް ފޮނުވި މެސެޖު ކިޔާށެވެ. އެއީ ދާން ހަމަޖެހިފައި އޮތް ދަތުރަށް ބޭނުންވާނެ ބައެއް ސާމާނުގެ ލިސްޓެކެވެ. ޖެހިގެން އޮތް ހޮނިހިރު ދުވަހަކީ އެލިސްޓުގައި ނޯޓުކުރެވިފައިވި ތަކެތި ހަމަކުރުމުގެ މަސައްކަތައް ފަށާ ދުވަހެވެ. އެހެންކަމުން އޭގެ ކުރިން އޭނައަށް ހަވާލުވެފައިވާ ލިސްޓުގައި ވަނީ ކޮން އެއްޗެއްތޯ ރައުފަލް ބަލަން ބޭނުންވީ އެވެ.
"އޭ ބޮޑުބޭބެ ދެންމެ ގުޅި. ބުނީ މިކޮޅަށް އަންނަން ބުކްކޮށްފަ ހުރި ހުރިހާ މީހުން އަންނަ ހަފްތާގަ އަންނާނެ ކަމަށް. އެހެންވީމަ އަންނަ ހަފްތާ ނޫން އޭގެ އަނެއް ހަފްތާގަ ދަތުރު ދިޔައީމަ ރަނގަޅުވާނެ. އޭރަށް ވާއިރަށް މާ ރީއްޗަށް ވެސް ތައްޔާރުވެވޭނެ ދޯ" ސިޑިން ފައިބައިގެން އައިކް އައިސް ސޯފާގައި އިށީންނަމުން ބުނެލިއެވެ.
"އާން މާރަނގަޅެެއްނު.... އެކަމަކު ގެސްޓްހައުސްއަށް އަންނަ ހުރިހާ މީހުން ދަތުރު ދާކަމެއް ކިހިނެއް އެނގެނީ. ބައެއް މީހުން ދާން ބޭނުން ނުވެދާނެ އެއްނު." ރައުފަލް ސުވާލުކޮށްލިއެވެ.
ހަގީގަތަކީ އެދަތުރުގައި މަލަކް ބައިވެރިވޭތޯ ބަލަން އޭނަ ބޭނުންވާކަމެވެ. މެންދުރު ކާން ދިޔަ ވަގުތު މަލަކް ފެނުމުން ރައުފަލް ކިތަންމެ ބޭނުންނުވި ނަމަވެސް އޭނަގެ ހިތަށް އުފާވެރިކަމެއް ލިބުނެވެ. މަލަކްއާ ދެވަނަ ފަހަރަށް ވާހަކަ ދައްކާލާނެ ފުރުސަތެއް ލިބޭނެތޯ އޭނަގެ ހިތަށް އެރިއެވެ. ނަމަވެސް އެފަދަ ފުރުސަތެއް އެވަގުތު ރައުފަލް އަކަށް ނުލިބުނެވެ. އޭނަ ކާން ވަތް ވަގުތު މަލަކްގެ އިތުރުން މަލަކްގެ ދޮންބެ އާއި ދެބެންގެ ދެދަރި އަންހެންކުއްޖާ ވެސް ބަދިގެއަށް އައެވެ. ނަމަވެސް އެމީހުން އައީ އުލްފާގެ މަންމަ އެޅި ޕުޑިން ކާށެވެ. އޭގެ ފަހުން މާގިނަ އިރެއް ނުވެ އަނބުރާ ގެސްޓްހައުސްއަށް އެމީހުން ދިޔަކަން ރައުފަލްއަށް އެނގުނީ އުލްފާ އޭނަގެ މަންމައާއި ދެއްކި ވާހަކަތަކުން ނެވެ.
"ބޮޑުބޭބެ ބުނީ ކޮންމެ މީހެއްގެ ފޯނަށް ދަތުރުގަ ބައިވެރިވާން ބޭނުންވާކަމުގެ މެސެޖެއް ފޮނުވާނެ ކަމަަށް. ދެން އާންއެކޭ ބުނެ އެމެސެޖަށް ރިޕްލައި ކުރާ މީހުންގެ ލިސްޓެއް ހަދާފަ އެމީހުން ދަތުރުގަ އިންކްލުއިޑް ކުރާނީ. އަހަރުމެންނާއެކު ދާ މީހުންގެ ލިސްޓެއް އަހަރުމެން އަމިއްލައަށް ތައްޔާރުކުރަން ޖެހޭނީ." އައިކް ދެއްކި ވާހަކައަށް ރައުފަލް މަޑުމަޑުން ބޯޖަހާލިއެވެ. އެމެސެޖެއް ފޮނުވަނީ ކޮން އިރަކުންތޯ އައިކް ގާތު އެހުމަށް ރައުފަލް އަނގަހުޅިވާލި ނަމަވެސް އަނެއްކާވެސް އައިކް ވާހަކަ ދައްކަން ފެށިއެވެ.
"ހަނދާންވޭތަ އިއްޔެގެ މީޓިންގަ މި ދަތުރުގެ ބޭނުންހިފައިގެން މާކެޓިން ޖައްސާލެވިއްޖެއްޔާ ސަޅި ވާނެއޭ އެއްކަލަ ވިޒާމް ބުންޏެއްނު. މިއަދު އުލްފާ ގެއަށް އައިސް ހުރި ފިރިހެން މީހާ...މަލްހާން އޭނަގެ ނަމަކީ. އޭނައާ އޭނަގެ ދެ ކޮއްކޮވެސް މިރަށަށް ވެކޭޝަންއަށް އައިސް ތިބެނީ ގެސްޓްހައުސްގަ. އޭނަ ބުނީ އޭނަގެ ކޮއްކޮއަކީ ޕްރޮފެޝަނަލް ފޮޓޯގްރާފަރެކޭ. އޭނަ ހިލޭ އަހަރުމެންނަށް ރީތި ފޮޓޯ ކޮޅެއް ދަތުރުގެ ތެރޭގަ ނަގާދޭނެޔޭ. ރަނގަޅެއްނު ދޯ. ޖެހޭނެ މިވާހަކަ ވިޒާމް ކާރި ބުނަން." އައިކް އެހެން ބުނެފައި ރައުފަލްއަށް ބަލާލިއެވެ.
"އެމީހުން ދަތުރު ދާގޮތަށްތަ؟" ލިބުނު ފުރުސަތުގައި ރައުފަލް އޭނަގެ ހިތުގައިވާ ސުވާލުކޮށްލިއެވެ.
"އާން ވާހަކަ ދައްކަމުން ގޮސް ދަތުރުގެ ވާހަކަ ބުނީމަ ބުނީ އެމީހުން ވެސް ދަތުރުގަ ބައިވެރިވާނެ ކަމަށް އޭނަ ބުނީ" އެވާހަކަ އިވިފައި ރައުފަލްއަށް އައި ބަދަލެއް އައިކްއަކަށް ފާހަގައެއް ނުވިއެވެ.
"އެކުއްޖާއާ އެހެންވީމަ ޖެހޭނެ ވާހަކަ ދައްކާލަން. މަލްހާން ބުނި އޭނަ ގާތު ބުނާނަމޭ. އެކަމަކު އަހަރުމެންގެ ކަމެއްވީމަ އަހަރުމެން ޖެހޭނެ ދޯ ވާހަކަ ދައްކާލަން. ކުޑަކޮށް ޑިސްކަސް ކޮށްލަންޖެހޭ ކަންތައްތައް ވެސް ހުންނާނެ" އައިކް އޭނަގެ ފޯނަށް ނަޒަރު ހުއްޓައިގެން ހުރެ ބުނެލިއެވެ.
އެހުރިހާ ވާހަކައެއް އިވިފައި ރައުފަލް ހިމޭންކަމާއެކު ސޯފާގައި ލެނގިލިއެވެ. މިވީ ގޮތުން މަލަކްއާ ވާހަކަ ދެއްކުމުގެ ފުރުސަތެއް އޭނައަށް ލިބިދާނެ އެވެ. ނަމަވެސް ރައުފަލްގެ ހިތް ނުތަނަވަސް ވާން ފެށިއެވެ. އޭނަ ހުރީ މަލަކް މަތިން މާބޮޑަށް ނުވިސްނަން ނިންމައިގެން ނެވެ. އެހެނަސް މަލަކް ފެނުމުން މަލަކްއާ ވާހަކަ ދައްކަންވެސް އޭނަ ބޭނުންވެއެވެ. މަލަކް ދުށުމަށް އޭނަގެ ހިތް އެދެއެވެ. އެ އިހުސާސްތަކާ ދެކޮޅަށް އޭނައަށް ހަނގުރާމަކުރެވޭނަ ކަމަށް ރައުފަލް ނިންމުނެވެ. އޭނައަށް އަބަދު މަލަކް ފެންނާނީކީއެއްވެސް ނޫނެވެ. ދުވަސްކޮޅަކުން މަލަކް ރަށުންވެސް ފުރާނެއެވެ. އެހެން ހިތައި އޭނަ މަލަކްގެ ފްރެންޑް ރިކުއެސްޓް އެކްސެޕްޓް ކުރީވެސް އެއީ މާބޮޑު ކަމެއް ނޫންކަމަށް އަމިއްލަ ނަފުސަށް ވިސްނައި ދިނުމަށް ފަހު އެވެ.
ނަމަވެސް ކަން މިވީގޮތުން އޭނައަށް މަލަކް އަދިވެސް ފެންނާނެއެވެ. މަލަކްއާ ވާހަކަ ދައްކަންވެސް ޖެހިދާނެ އެވެ. އެހިޔާލުން އޭނަގެ ހިތް އުފާވި ނަމަވެސް ދެވަނަ ސިކުންތުގައި ރައުފަލް ނުތަނަވަސްވާ ގޮތްވިއެވެ. ޒިދްނާ ކަންތައްކުރި ގޮތް ހަނދާންވުމުންނެވެ. މަލަކްއަށްވެސް އޭނަގެ ފެންވަރު އެނގުމުން މިހާރު އެބަލާ ގޮތަށް އޭނައަށް ބަލާނެ ހެއްޔެވެ.؟ އޭނައާ ރީއްޗަށް ވާހަކަ ދައްކާނޭ ހެއްޔެވެ؟ އަލުން މާޒީ ތަކުރާރު ވާކަށް ރައުފަލް އެއްގޮތަކަށް ވެސް ނޭދެއެވެ.
.......
"ހަލޯ... އާން މަށޭ މީ. ދެން ތި ދައްކަން އުޅުނު ވާހަކައެއް ދައްކަބަލަ" އިރުއޮއްސެމުން ދިޔަ ވަގުތު ގޭގެ ގޯތިތެރޭގައި ހުރި ޖޯލިފަތީގައި އޮށޯވެ އޮވެ ޒަމީރާ ފޯނު ކަންފަތުގައި ޖައްސާލަމުން ބުނެލިއެވެ. އޭރު ގޯތިތެރޭގައި އޭނައާ ދުރުގައި ރާޔާ ކުޅެން އުޅެއެވެ.
"ރަމީޒެއް ނެތް ދޯ ގެއަކު" ޒަމީރާ ފޯނުން ގުޅައިގެން ހުރި މީހާ ބުނެލި އަޑު އިވުނެވެ.
"އާން އޭނަ ނެތީމަ ދޯ ގުޅާނީ." ޒަމީރާގެ މޫނުމައްޗަށް ވެރިވީ ނުލަފާ ހިނިތުންވުމެކެވެ.
"އޭނަ މާލެ ދާވާހަކަ ޒަމީ ބުނީމެއްނު؟"
"ހޫން މިއަންނަ ހަފްތާގަ ދާން އުޅެނީ. އޭނަގެ ދަރި މާލެ ކިޔަވަން ފޮނުވުމުގެ ކަންތައް ހަމަޖައްސަންށޯ. ކިހިނެއްވީ؟" ފޫހި ރާގަކަށް ޒަމީރާ ބުނެލިއެވެ.
"އަހަރެން އަޑު އެހިން މިހާރު މެހްރީން ހުރީ ހުހަށްކަމަށް. އޭނަ އިނދެގެން އުޅުނު މީހާއާ ވަރިވެއްޖެ. ޔަގީންތަ ރަމީޒު ދަނީ ހަމައެކަނި ތިބުނާ ކަމުގަ ކަން؟" އެފިރިހެންމިހާގެ ސުވާލާއެކު ޖޯލީގައި އޮށޯވެ އޮތް ޒަމީރާ ކުއްލިއަކަށް ތެދުވެ ޖޯލީގައި އިށީނެވެ. އޭނަގެ މޫނުމަތިން ހިސާބެއްގެ ނުތަނަވަސްކަމެއް ފެނިގެން ދިޔައެވެ.
"އެދެމީހުން މި ހުރިހާ އަހަރެއްވި އިރު ވާހަކައެއް ނުދައްކާ. އަހަންނަށް ޔަގީން މިފަހުން ވެސް އެދެމީހުން ވާހަކަ ނުދައްކާ ކަން. އެހެންވީމަ ތިބުނަންއުޅޭ ކަހަލަ ކަމެއް ނުވާނެ." ރަމީޒާ އަވަސް އަވަހަށް ބުނެލިއެވެ. އޭނަ އެހެން ބުނި ނަމަވެސް ހަގީގަތަކީ ރަމީޒު މެހްރީންއާ ވާހަކަ ދައްކާކަމަށް ނުވަތަ ނުދައްކާ ކަމެއް އޭނައަށް ނޭނގޭ ކަމެވެ. ކުރީގައި އޭނަ ރަމީޒު ގުޅާ މީހުންނާ ވާހަކަ ދައްކާ މީހުން ބަލާ ހަދައި އުޅުނު ނަމަވެސް އަހަރު ތަކަކަށް ފަހު އޭނަ ވަނީ އެކަންތައް ކުރުން ހުއްޓާލާފައެވެ. ރަމީޒު ވަނީ ރަނގަޅަށް އޭނާގެ މުށު ތެރޭގައި ބަނދެވިފައި ކަމަށް ހީވުމުންނެވެ. އޭނަ ކިތަންމެ ވަރަކަށް ޒުވާބުކޮށް ރައުފަލްއަށް ދިމާލަށް އެއްޗިހި ކޮންމެވެސް ރަމީޒު އޭނަ ވަރިނުކޮށް އެކުގައި އުޅޭތީ އޭނައަށް ހީވެފައި އޮތީ އެހެންނެވެ.
"ޔަގީންތަ؟ މެހްރީން މި ހުރިހާ ދުވަހު ހިމޭނުން އެހުރީ އޭނަގެ ފިރިމީހާއާ ބައްޕަގެ ނުފޫޒު ގަދަކަމުން. އެކަމަކު މިހާރު ފިރިމީހާއާ ވަރިވެއްޖެ. އޭނަގެ ބައްޕަވެސް ވަރަށް ބަދަލުވެއްޖެހެން ހީވަނީ. އެހެންވީމަ ދެން އޭނަ ހިމޭނުން ހުންނާނެ ހެނެއް ހިޔެއް ނުވޭ. މަގޭ ހިތް ބުނަނީ އޭނަ ރަމީޒާ ވާހަކަ ދައްކަން މަސައްކަތް ކުރާނެއޭ"
"ނޫން. އަހަރެން ރަމީޒުގެ އަނތްބެއްގެ ގޮތުގަ ހުރިހާ ދުވަހަކު އެ މެހްރީން އަކަށް ތިކަމެއް ނުވާނެ. މީގެ ފަހުން ރަމީޒު އުޅޭ ނޫޅޭ ގޮތްވެސް މާ ބަލާނަން. އޭނަގެ ފަހަތުން މާލެވެސް ދެވޭތޯ ބަލާނަން." ޒަމީރާ އައި ރުޅީގައި ޖޯލިފަތިންވެސް ތެދުވިއެވެ.
"ފިރިމިހާ ދެކެ ހާދަ ވަރަކަށޭ ދޯ ތި ލޯބި ވަނީ... ހެހެ އަހަރެން ހީކުރީ މިހާރު ޒަމީ އޭނަގެ މަތިން ފޫހިވީކަމަށް. އެހެންވެކަމަށް މިފަހުން މަށާ ގުޅަން ފެށީ" ފިރިހެންމީހާ ހިނިގަނޑެއް ޖަހާލާފައި ލާނެތް ރާގަކަށް ބުނެލިއެވެ. ޒަމީރާގެ ރުޅިވެސް އެ ހުނުމުގެ އަޑަށް ފިނިވި ފަދައެވެ. ޒަމީރާވެސް ނިކަން ފުޅާކޮށް ހިނިތުންވެލިއެވެ.
"އޭރު އަހަރެން ބޭނުންވީ ކޮންމެ ގޮތެއް ހަދާފަވެސް ރަމީޒާ އިންނަން. އެ މެހްރީން އަތުން އޭނަ އަތުލެވުނީމަ އިންތިހާ ދަރަޖައިގެ އުފާވެރި ކަމެއް ލިބުނު. އަނެއްކާ އޭނަ މިރަށުގަ ހުރި އިރުވެސް އޭރު އެހާ ފައިސާ އޮވޭ. އެކަމަކު މިހާރު ތެދަށް ބުނަންޏާ ފޫހި ވެއްޖެ. ފަގީރު ކަމުގަ އުޅޭތާ މިހާރު ކޮން ޒަމާނެއް. މާ ދިނީވެގެން ރިސޯޓުން ވެސް ކެނޑިގެން މި ފަގީރު ދިރިއުޅުމުގަ އެ އުޅެނީ. ޕިސްޕިސް. އެކަމަކު ކޮންމެ ގޮތެއް ވިޔަސް މެހްރީން އަކަށް ރަމީޒެއް ދެނެއް ނުލިބޭނެ. އޭނައަށް އުފަލެއް ލިބޭކަށް މަށެއް ދުވަހަކުވެސް ނޭދެން" ޒަމީރާ އޭނަގެ ހިތުގައިވި ހުރިހާ އެއްޗެއް ފިރިހެންމީހާއާ ހިއްސާކޮށްލިއެވެ.
"ހެހެ ދެން ހިނގާ ދޯ އެދެމީހުން ދުރުގަ ބެއިތިއްބޭތޯ ބަލަން." ފިރިހެން މިހާ ހިނިގަނޑެއް ޖަހާލަމުން ބުނެލިއެވެ. ޒަމީރާވެސް ހިނިތުންވުމަކާއެކު އަލުން ޖޯލިފަތީގައި އިށީނެވެ. ދެން އެދެމެދުގައި ދެކެވެން ފެށީ މުޅިން އެހެން ވާހަކައެކެވެ. މީހެއްގެ އަތްބަކަަށްވެހުރެ ދައްކަން ނުވާ އެތައް ގޯސް ވާހަކައެއް ޒަމީރާ އެ ހިލޭ ފިރިހެންމީހާއާ ދެއްކިއެވެ. ދުރުގައި ކުޅެން ހުރި ދަރިމަތިންވެސް އޭނަ ހަނދާނެއް ނެތެވެ. ރާޔާ ކުޅެން ހުރެފައި މަގުމައްްޗަށް ދުވެފައި ނިކުތް ކަމެއްވެސް ޒަމީރާ ނުދެނަ ހުއްޓެވެ.
"ޒަމީރާ" ކުއްލިއަކަށް ރަމީޒުގެ ބާރު އަޑުއިވިގެން ދިޔުމުން ތެޅިގަނެފައި ފޯނު ކަނޑާލަމުން ޒަމީރާ ޖޯލިފަތިން ތެދުވިއެވެ. އޭރު ރާޔާގެ އަތުގައި ހިފައިގެން ހުރެ ރަމީޒު ގޯތިތެރެއަށް ވަންނަނީއެވެ.
"މިހާރު ފޯނު ކޯލުތަކުގަ ހުންނަ އިރު ރާޔާ ކޮބާތޯވެސް ބަލާނުލެވެނީތަ؟ ދެންމެ ކިރިޔާ މިމަގުން ދިޔަ ސައިކަލެއް ރާޔާ ގައިގަ ނުޖެހުނީ." ރަމީޒު ހިތްހަމަނުޖެހިފައި ހުރެ ބުނެލިއެވެ.
"ބަލަ ރާޔާވެސް މިތާ މަޑުން ކުޅެން އިން ނަމަ އެހެން ނުވީހެއްނު.. މަންމަ ބުނިންތަ ގެއިން ބޭރަށް ދާށޭ؟ ދެން ދަރިފުޅު ބަސްއަހައިގެން މަންމަ ކާރީގަ އިންނަން ވާނެ އިނގޭ" ރަމީޒާ ރުންކުރު ރާގަކަށް ވާހަކަ ދައްކަން ފެށި ނަމަވެސް ރަމީޒުގެ މޫނުމަތިން ފެންނަހުރި ރުޅިވެރިކަމުގެ ސަބަބުން އޭނަގެ ރާގު ބަދަލުކޮށް ރާޔާގެ ބޮލުގައި ފިރުމާލި އެވެ.
"ދެން ހިނގާ އަވަހަށް އެތެރެއަށް ދާން.. މިހާރު ބަންގި ގޮވަން އެ އުޅެނީ" ލޯބިން ރަމީޒުގެ އަތުގައި ހިފާލަމުން ޒަމީރާ ބުނެލިއެވެ. ރަމީޒު އޭނަ ދެކެ ރުޅި އައިސްފައި ހުރެއްޖެއްޔާ އޭނަ ގޮވައިގެން މާލެ ދާށޭވެސް ބުނެވޭކަށް ނޯންނާނެއެވެ. އެހެންކަމުން ލޯބިވާ އަނތްބެއްގެ ޑްރާމާ ކުޅެން ރަމީޒާ ނިންމިއެވެ. ރައުފަލްވެސް ގޭގައި ނެތް ދުވަސްކޮޅެއްގައި އޭނައަށް ތަންކޮޅެއް ހަމަޖެހިލައިގެން ރަމީޒުގެ ބޮލަށް އެރެވޭނެއެވެ. ކޮންމެ ގޮތެއް ހަދާފައިވެސް ރަމީޒާއި މެހްރީން ދުރުގައި ބަހައްޓަން ޒަމީރާ ބޭނުންވެ އެވެ. އޭނާ ރަމީޒު ދެކެ ލޯބި ނުވި ނަމަވެސް މެއެވެ.
ނުނިމޭ
0%
0%
0%
0%
0%
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
9 އެޕްރީލު 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
22 އެޕްރީލު 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
7 މޭ 2024
0