ގެއްލުނު ހަޔާތް (3)

Gehlunu hayaaiy (3)

"ޕްލީސް އުލްފާއަށް ހީވޭތަ އަހަރެން އެކަހަލަ ވިޔާނުދާ ވާހަކައެއް ދައްކަފާނެހެން. އޭނަ އެހަދަނީ ހުސްދޮގު. އެކަންވެސް ގަބޫލު ނުކުރެވިގެން ތި އުޅެނީ އޭނަ ކޮންމެވެސް އެއްޗެކޭ ކިޔައިގެން އުޅޭތީ ދޯ. ލުކް އެކުވެރިއެއްގެ ހައިސިއްޔަތުން މި ބުނަނީ ހީ އިޒް ނޮޓް ވޯތް އިޓް އުލްފާ.. އޭނަ ދޫކޮއްލިއްޔާ މާރަނގަޅުވާނެ.." އެމީހުން ތިބި ހިސާބާއި ކާރި ވަމުންދިޔަ ވަގުތު އައިކްގެ އަޑު ސާފުކޮށް ރައުފަލްއަށް އިވުނެވެ.

"އެކުވެރިއަކަސް އައިކްއަކަށް ނޫން އެނގޭނީ އަހަރެން ގުޅެންވީ މީހުންނާ ދޫކުރަންވީ މީހުންނެއް. އަހަރެންގެ ޒާތީ ކަންތައްތަކާ ބެހުން ހުއްޓާލާ އައިކް. ސްޓޭ އަވޭ ފްރޮމް މީ އެންޑް ހިމް" ރުޅިވެރި އަޑުން ބުނެލި ބަސްތަކާއެކު އުލްފާ އެނބުރި ގެއަށް ވަދެ ދޮރޯށި ލައްޕާލިއެވެ. 

އެމަންޒަރު ފެނުމުން ރައުފަލް ހައިރާންވެފައި ހުރެ އައިކް ގާތަށް ދިޔުމަށްޓަކައި ފިޔަވަޅުތައް އަވަސްކޮށްލިއެވެ. ނަމަވެސް އިސްއުފުލާލި އައިކްއަށް އޭނަ ފެނުމުން ވަގުތުން މޫނުމަތީގައިވި ކުލަވަރު ބަދަލުކޮއްލަމުން ހިނިތުންވުމަކާއެކު އޭނައަށް ގޮވާލިއެވެ.

"އޭތް ރިފާހުއާ ސާޖިދުވެސް އެބަ އިން. އިޝާ ނަމާދުން އަންނަމުން މި އައީ އެމީހުންވެސް ގޮވައިގެން. ހިނގާ އަވަހަށް ދާން އެތެރެއަށް" އައިކްގެ ރާގު ހުރިގޮތުން ދެންމެ ވެގެންދިޔަ ކަންތަކާމެދު ވާހަކަ ދައްކަން ބޭނުންނުވަނީކަން ރައުފަލްއަށް އެނގުނެވެ. އެހެންކަމުން އެކަމާގުޅޭ ގޮތުން ސުވާލެއް ކުރާކަށް ރައުފަލް ގަސްތެއް ނުކުރިއެވެ. ވަގުތު ޖެހުމުން އައިކް ވެސް ބުނަން ބޭނުންވާ ވާހަކައެއް ބުނާނެކަން އެނގޭތީއެވެ.

"އާން. މަންމަ މެން މިހާރު ފުރީތަ؟" އައިކްގެ ފަހަތުން ގޭތެރެއަށް ވަންނަން ހިނގައި ގަނެފައި ރައުފަލް އަހާލިއެވެ. 

"މަޢްރިބް ނަމާދުކޮށްގެން ފުރަން ގޮއްސި. ހީވަނީ މިހާރު ފްލައިޓް ނައްޓާލަފާނެހެން." އައިކް ބުނެލިއެވެ. އޭރު ދެމީހުންނަށް ވެސް ތިބެވުނީ ހިޔާކޮށްފައިވި ގޭގެ ފެންޑާގައެވެ. އައިކް ގޭގެ ދޮރު ހުޅުވައި އެތެރެއަށް ވަނުމުން ފަހަތުން ރައުފަލް ވެސް ވަދެގެން ދިޔައެވެ.

އެގޭގެ ތަނަވަސް ސިޓިންރޫމްގެ ބޮޑު ސޯފާގައި އެމީހުންގެ އެކުވެރި ރިފާހުއާއި ސާޖިދު ޕީއެސްއިން ގޭމެއް ކުޅެން ތިއްބެވެ. ދެމީހުން ގޭމު އަތްގަނޑުތަކެއް އަތަށް ލައިގެން ފޯރީގައި ގޭމު ކުޅެމުން ދިޔަ އިރު އިރުއިރުކޮޅުން އަރާ ފޯރީގައި ހަޅޭއްވެސް ލަވައިން ދިޔައެވެ. ރައުފަލް ގޮސް އެމީހުންނާ ޖެހިގެން ވަކިން ހުރި ސޯފާގައި އިށީންނަމުން އޭނަގެ ބެކްޕެކް ކޮނޑުން ނަގައި ބިންމަތީގައި ބޭންދިއެވެ.

"އޭތް ކަލޭމެން ކޯންޗެއް ތި ކުޅެނީ؟" ކުރިމަތީގައި ހުރި ބޮޑު ފަތި ޓީވީއަށް ނަޒަރެއް ދެމުން ރައުފަލް އަހާލިއެވެ.

"އޭ މި ނިމެނީ މީތި. ނިމުނީމަ ހަތަރު މީހުން ކުޅޭނީ. އިހަށް މަޑުކުރޭ މި ރިފާހު އެބަ ޖެހޭ ބަލިކުރަން" ކުޅެވެމުން ދިޔަ ގޭމުން ނަޒަރު ވަކިކުރުމެއް ނެތި ސާޖިދު ބުނެލިއެވެ.

"އައްޗި ހީވާގޮތް. މަ ބަލިކޮށްފިއްޔާ މިރޭ މިތާ އެކޮޅުކޮޅުން ހިނގާނީ" ނިކަން ޔަގީންކަމާއެކު ރިފާހު ބުނެލިއެވެ. 

ރައުފަލް ހެވިފައި އެމީހުން ޖަހާ ސަކަރާތެއް ބަލަން އިނެވެ. އެހެން އިންދައި ބަދިގެއަށް ވަތް އައިކް ދަޅުތަކެއް ހިފައިގެން އައިސް ސޯފާގެ ކުރިމަތީގައި ހުރި މާބްލް ކޮފީ މޭޒުމަތީގައި ބެހެއްޓިއެވެ.

"އޭ ރައުފަލް މި އޮތީ މަންމަ ދިން އެއްޗެއް." އައިކް އެ ދަޅުތައް ބަހައްޓާފައި ކޮފީ މޭޒުމަތިން ނެގި ފެހިކުލައިގެ ޕާރުސަލް ފޮއްޓެއް ދިއްކޮށްލިއެވެ. ހައިރާންވެފައި ހުރެ ރައުފަލް އެ ފޮށީގައި ހިފީ އައިކްގެ މަންމަ އޭނައަށް ހަދިޔާއެއް ދޭންޖެހޭ ސަބަބެއް ނުވިސްނުމުންނެވެ.

"ތީ މަށަށް އޯލެވެލްގަ އެހީތެރި ވީމަ މަންމަގެ ފަރާތުން ދޭ ގިފްޓެކޯ. އެޕައަރެންޓްލީ އޯލެވެލްގަ އަހަންނަށް ރައުފަލް އެހީ ނުވިނަމަ އަހަރެން އެކައްޗަކުންވެސް ފާހެއް ނުވާނެއޯ. އޭމް އައި ރިއަލީ ދެޓް ހޯޕްލެސް؟" އައިކް އެސުވާލު ކޮށްލުން ގޭމު ކުޅެން ތިބި ދެމީހުން އެކުއެކީގައި އާންއެކޭ ބުނެލިއެވެ. ރައުފަލް ހެވިފައި އިނދެ ކޮނޑު އަރުވާލަމުން އޭނަގެ އަތުގައި އޮތް ޕާރުސަލް ކަނޑަން ފެށީ އޭގައި އޮތީ ކޮން އެއްޗެއްތޯ ބެލުމުގެ ޝައުގުވެރިކަން ހިތުގައި އުފެދުމުންނެވެ.

ޔަގީނުންވެސް އެއީ އަގު ބޮޑު ހަދިޔާއެއްކަން ރައުފަލް އަށް އެނގެއެވެ. މިހާތަނަށް އައިކްގެ މައިންބަފައިން އޭނާއަށް މުޅިންވެސް ހަދިޔާކޮށްފައި ވަނީ އަގު ބޮޑު ބްރޭންޑެޑް ހަދިޔާތަކެވެ. ގިނަ ފަހަރު އެމީހުން ދޭ އެއްޗިހި ގަބޫލުކުރަންވެސް އޭނައަށް ފަސްޖެހެވެއެވެ. ނަމަވެސް އެމީހުންގެ ހިތްހެޔޮކަމުން އެތައް ވާހަކައެއް ދައްކައިގެން އޭނަ ލައްވާ އެހަދިޔާތައް ގަބޫލުކުރުވައެވެ. 

ޕާރުސަލް ކަރުދާސް ކަނޑާ ނިއުޅުވާލަމުން އެތެރޭގައި އޮތް ހަދިޔާ ފެނިފައި ރައުފަލްގެ ދެލޯ ބޮޑުވިއެވެ. މިއީ ޔަގީނުންވެސް މިހާތަނަށް އޭނައަށް ލިބުނު އެންމެ އަގުބޮޑު ހަދިޔާއެވެ. އޯލެވެލް ފެށުމުގެ ކުރިން އައިކް އޭނައަށް ލިބުނު އެންމެ ފަހުގެ އައިފޯނު ހިފައިގެން އައިސް ރައުފަލްއަށް ދެއްކުމުން އެފަދަ ފޯނެއް އޭނަވެސް ބޭނުންވިއެވެ. ނަމަވެސް އޭނަ ޖެހޭނީ ބޮޑު މުސާރައެއް ލިބޭ ވަޒީފާއެއް ލިބެންދެން ބާ ބައްތި ފޯނެއް އަތައް ލައިގެން އުޅެންކަމަށް ރައުފަލްއަށް އޮތީ ނިންމިފައެވެ. ކަންމިހެން އޮތް އިރު އެންމެ ފަހުގެ އައިފޯނަށް އޭނައަށް ލިބުމުން އިހުސާސުކުރަންވީ ކިހިނެއްކަން ވެސް ހަނދާން ނެތިފައި ރައުފަލްއަށް އިނދެވުނެވެ.

"ދެން މާ އަގުބޮޑޭ ކިޔާފަ ތީތި ގަބޫލު ނުކުރާނީއެއް ނޫން. މަންމަ ވަރަށް ދެރަވާނެ ތީތި އެކްސެޕްޓް ނުކޮށްފިއްޔާ" ރައުފަލް އެއްޗެކޭ ނުބުނެ އިނުމުން އައިކް އަވަސް އަވަހަށް ބުނެލިއެވެ.

"އޭތް އެއީ ގަމާރެެއްތަ ހަދިޔާއެއްގެ ގޮތުގަ އައިފޯނެއް ގަބޫލުނުކުރަން؟" ގޭމު ކުޅެން އިން ރިފާހުއަށް ރައުފަލްގެ އަތުގައި އޮތް ފޯނު ފެނު ފެނުމާއެކު ދެލޯ ބޮޑުކޮށްފައި ބުނެލިއެވެ. އެއާއެކު ސާޖިދުވެސް ގޭމު އަތްގަނޑު ބާއްވާފައި އެދިމާ ބަލާލިއެވެ.

"އޭ ރައުފަލް ތިކަހަލަ ނަސީބެއް އަތުން ދޫނުކުރާތި" ސާޖިދުވެސް ބާރު އެޅީ ރައުފަލް އެހަދިޔާ ގަބޫލުކުރުމަށެވެ. 

ރައުފަލް ހަދިޔާ ފޮށީގައި އޮތް ކަޅުކުލައިގެ އޮފު އަރާ އައިފޯނު ނަގައި އަތަށް ހެޔޮވަރުކޮށްލިއެވެ. މި ހަދިޔާއަކީ އޭނައަށް އެކަށީގެންވާ ހަދިޔާއެއް ނޫންކަން އޭނައަށް އެނގެއެވެ. ނަމަވެސް މި ހަދިޔާ ގަބޫލުކޮށްގެން އޭނައަށް ވާނީ ކޮން ގެއްލުމެއް ހެއްޔެވެ؟ އެފޯނު ހިފައިގެން ގެއަށް ދާކަށްވެސް ނުޖެހޭނެއެވެ. އެފަދަ އަގު ބޮޑު ފޯނެއް އޭނާގެ އަތުގައި އޮތްތަން ފެނިފައި ދޮންމަންމަގެ ޒީލަ ގަދަ އަޑެއްވެސް ނީވޭނެއެވެ. އަނެއްކޮޅުން ސްމާޓް ފޯނުގެ ޒަމާނުގައި ބައްތި ފޯނެއް ގެންގުޅުމުގެ ލަދުންވެސް ސަލާމަތްވީ އެވެ. އެހެންކަމުން ފައުފަލް އެހަދިޔާ ގަބޫލުކުރަން ނިންމީ އެއްފަހަރު އޭނަވެސް ހިތް އެދޭ ގޮތަށް ކަންތައް ކުރުމަކުން ގެއްލުމެއް ނުވާނެކަމަށް އަމިއްލަ ނަފްސަށް ވިސްނައި ދެމުންނެވެ.

ރައުފަލް އެހަދިޔާ ގަބޫލުކުރުމުން އެންމެ އުފާވީ އައިކް އެވެ. އައިކް ވަގުތުން ރައުފަލް ގެ ބައްތި ފޯނުގައި އޮތް ސިމްކާޑު ނަގައި އަނެއް ފޯނަށް ބަދަލުކޮށްދިނެވެ. އަދި ފޯނު ހުޅުވައި ފޯނުގެ ސެޓިން ހެދުމުގައި މަޝްއޫލުވިއެވެ.

އެރޭ ދެން ކުރިއަށް ދިޔައީ ރައުފަލްގެ ފޯނަށް ސޯޝަލް މީޑިއާގެ އެޕްތައް އަޅައި އެއިން ކޮންމެ އެޕަކަައ އައިޑީއެއް ހެއްދުމެވެ. އޭގެ ކުރިން އީމެއިލް އައިޑީ އެއްވެސް ހަދަން ޖެހުނެވެ. އެހުރިހާ ކަމެއް އައިކްއާ ރިފާހުގެ އިތުރުން ސާޖިދު ކުރަމުން ދިޔަ އިރު ރައުފަލް އިނީ ބޯ ގޮވާވަރުވެފަ އެވެ. އޭނައަށް އައިކްގެ އިތުރުން އެހެން އެކުވެރިންގެ ފޯނުންވެސް އެފްބީއާ އިންސްޓަގްރާމް ފެނި އެއީ ކޮން އެއްޗެއްކަން ވަނީ އެނގިފަ އެވެ. އޭގެއިން އަންހެން ކުދިންނަށް ފޮލޯކުރަން ވާނެ ކަމަށް ރިފާހު ބުނުމުން ވަގުތުން ރައުފަލް ނޫނެކޭ ބުނެވުނެވެ. 

"ކިހިނެއްވީ؟ ބިޓެއް ސެޓުވާނީ މަސައްކަތްކޮށްގެން ދޯ. މިރަށު ކުއްޖެއް ނޫނަސް އޯކޭ އެއްނު" ރިފާހު އެހެން ބުނެފައި އެފްބީއިން ކޮންމެވެސް އަންހެން ކުއްޖަކަށް ރައުފަލްގެ އައިޑީއިން ފްރެންޑް ރިކުއެސްޓް ފޮނުވާލައިފިއެވެ. އެމަންޒަރު ފެނިފައި ރައުފަލްގެ ބޮލުގައި ރިއްސާލިއެވެ. އޭނަގެ އުމުރުގެ އެހެން ކުދިންހެން އަންހެން ކުދިންނާ ރައްޓެހިވުމަކީ އަދި އޭނަގެ ވިސްނުމުގައި އޮތް ކަމެއް ނޫނެވެ. އަނެއްކޮޅުން ބައްޕަ ދޭ ނަސޭހަތްތަކުގެ ސަބަބުން އެފަދަ ގޮތަކަށް އަންހެން ކުއްޖަކާއި ގުޅުން ބޭއްވުމަކީ އޭނަ ގަޔާވާކަމެއްވެސް ނޫނެވެ. 

"އޭތް ރައުފަލް ނޫޅޭ މޮޔަވެގެނާ ބިޓެއް ސެޓުކުރާކަށް" އައިކްއަށް ބުނެލިއެވެ. 

"ހޫން ދެން އޯކޭ ބިޓުންނެއް ނޫން އެކަމަކު ސެލެބްރިޓީންނަށް ފޮލޯ ކުރަންވާނެ އެއްނު" ސާޖިދު އެހެން ބުނެފައި މަޝްހޫރު ފުޓުބޯޅަ ތަރިންނަށް އިންސްޓަގްރާމްއިން ފޮލޯ ކުރަން ފެށިއެވެ. 

އެސަކަރާތުގައި ގަޑިއިރެއް ވަރު ހޭދަކުރުމަށް ފަހު ހަތަރު މީހުން ގޭމު ކުޅެން ފެށިއެވެ. ރައުފަލްވެސް އޭނަގެ އާ ފޯނު ޗާޖަށް ޖަހާފައި ގޭމުގައި މަޝްއޫލުވެގެން ދިޔައެވެ. އެއައްފަހު ވަގުތު ދިޔަ ގޮތެއް އެކަކަށް ވެސް އިހުސާސެއް ނުކުރެވުނެވެ. ގޭމުގެ ފޯރީގައި އެމީހުންނަށް ބައެއްފަހަރު އިންތަނުން ކޮޅަށް ތެދުވެވޭ ވަރުވެސް ވެއެވެ. އިރުއިރުކޮޅުން އަރާ ފޯރީގައި ހަޅޭއް ލަވަތީ އެންމެ ފަހުން ގޭގައި އުޅޭ މަސައްކަތު މީހާވެސް އެމީހާގެ ކޮޓަރިން ބޯ ދިއްކޮށް ބަލާލި އެވެ. ކުދިން ގޭމަށް ގޮސް ހުސްވެފައި ތިބި މަންޒަރު ފެނިފައި އެމީހާ ބޯ ހޫރުވާލާފައި އަނެއްކާވެސް ކޮޓަރިއަށް ވަދެއްޖެ އެވެ.

އޭގެ އެތަށް އިރެއް ފަހުން ސާޖިދުގެ ފޯނު ރިންގުވާންފެށި އަޑަށް އެންމެންވެސް ގޭމު މެދުކަނޑާލި އެވެ. ސާޖިދު ފޯނު ނަގައި ކަންފަތުގައި ޖަހާލި ވަގުތު ސޯފާގައި ހަމަޖެހިލި ރައުފަލްއަށް ފާރުގައި ހުރި ގަޑި ފެނުނެވެ. 

"އޭތް ހިނގާ މިރެއަށް ނިންމާލަން" ކުއްލިއަކަށް ފޯނު ކަނޑާލި ސާޖިދު ބުނެލިއެވެ.

"އެބުނާހެން މިހާރު އެއޮށް ބާރަ ޖެހީ. ނަސީބެއްނު ތިމީހުންގެ މަންމަ މެން ލަސްވެގެން ނުގުޅާކަން" ރައުފަލްއަށް ބުނެވުނެވެ. 

"މަންމައޭ އެގުޅީ. ގޭމުކުޅުނަސް ބޮޑުވަރޯ. މަންމަ މާ ރުޅިގަދަ ނުވަނީސް އަވަހަށް ހިނގާ ގެއަށްދާން" ސާޖިދު އިންތަނުން ތެދުވެފައި ރިފާހަށް ބުނެލިއެވެ. 

"މަގޭ މަންމަ ޗިލްވާނެ. މަ ބުނިން އެކެއް ޖަހަން ވާއިރަށް އަންނާނަމޭ." ރިފާހު ފޮނިވަައްތަރެއް މޫނަށް ޖައްސާލަމުން ބުނެލިއެވެ. 

"އެކަމަކުވެސް ދެން އަވަހަށް ދޭ. މާލަސްވެއްޖެ" 

"ތެދެއް. ދެން މާދަން ރޭ ކުޅޭނީ. އަހަރުމެން ގުޅާނަން" އައިކް އެހެން ބުނުމުން ސާޖިދާއި ރިފާހު އެގެއިން ނިކުންނަން ހިނގައިގަތެވެ. އެދެމީހުން ނިކުތުމުން ގޭމުކުޅުނު ވަގުތު އެމީހުން ބުއި ފަޅުތަކާއި ކެއި ޗިޕްސްޕެކެޓުތައް ޑަސްޓްބިން އަށް ކައި ސިޓިންރޫމް ހަމައަކަށް އެޅުވުމުގައި އައިކްއަށް ރައުފަލް އެހީތެރިވިއެވެ. އެމަސައްކަތުގައި އުޅެނިކޮށް އައިކްގެ ފޯނަށް މެސެޖެއް އައިކަމުގެ އިއުލާނުކުރެވިގެން ދިޔައެވެ. އައިކް ޖީބުން ފޯނު ނަގައި ލިބުނު މެސެޖު ކިޔާލިއެވެ. އެއާއެކު އޭނަގެ މޫނުމަތި އުޖާލާވެގެން ދިޔައެވެ.

"ބޮޑުބޭބެ މެސެޖުކުރީ. ބުނީ މާދަމާ މެންދުރު ގެސްޓްހައުސްގެ ރެސްޓޯރެންޓަށް ކާން އަންނާށޯ. ވާހަކައެއް ދައްކާލަން އެބަ އޮތީ. ރައުފަލްވެސް ގޮވައިގެންނޯ އަންނާނީ" 

"އަނެއްކާ މަސައްކަތެއް ހަވާލުކުރަންތަ؟" އުންމީދީ ރާގަކަށް ރައުފަލްއަށް އަހާލެވުނެވެ. ރަށުގައި ފެންވަރުގެ ބޮޑު ގެސްޓްހައުސްއެއް ހިންގާ އައިކްގެ ބޮޑުބޭބެ ހާޝިމަކީ ދޭތެރެ ދޭތެރެއިން އެމީހުންނަށް ކުދިކުދި މަސައްކަތްތައް ހަވާލުކުރާ ހިތްހެޔޮ މީހެކެވެ. ރައުފަލް އެންމެ ހިތްހަމަ ޖެހެނީ މަސައްކަތުގެ އަގާ އެއްވަރަށް ހާޝިމް އުޖޫރަވެސް ދޭތީއެވެ.

"ހީވަނީ އެހެންހެން. ދެން މާދަން އެނގިދާނެތާ" އައިކް ބުނެލިއެވެ. 

ރައުފަލް ހިތްހަމަޖެހިފައި ހުރެ އޭނަގެ ބެކްޕެކާއި ސިޓިންރޫމްގައި ޗާޖެއް ޖަހާފައި އޮތް އޭނާގެ ފޯނު ހިފައިގެން އައިކްގެ ފަހަތުން ގޭގެ ދެވަނަ ފަންގިފިލާއަށް ދިޔުމަށް ހިނގައިގަތެވެ. ޔަގީނުންވެސް މާދަމާ ވެގެންދާނީ ބޮލަށް ފަސޭހަ ހަމަޖެހޭ ދުވަހަކަށް ކަން ރައުފަލް އަށް ޔަގީންކުރެވުނެވެ.

......

ހެނދުނު ދިހައެއް ޖެހި ވަގުތު މަލަކް އިނީ ތިރިކުރެވެމުން ދިޔަ ފްލައިޓެއްގެ ކުޑަދޮރު ސީޓުގައެވެ. ކުޑަދޮރުން ބޭރުން ފެންނަމުން ދިޔަ މަންޒަރަށް ބަލަހައްޓައިގެން ގެއްލިފައި އިން މަލަކްގެ ތުންފަތްމަތީގައިވީ ހިނިތުންވުމެކެވެ. އޭނާ ދާން ބޭނުންވާ މަންޒިލާ ނުހަނު ގާތްވެފައިވާ ކަން އެނގޭތީއެވެ.

ފްލައިޓް ތިރިކޮށް ރަންވޭ މަތީގައި ދުއްވާލުމާއެކު މަލަކް އޭނަގެ އަތްދަބަހުން ފޯނު ނެގިއެވެ. އަދި ޑޭޓާ އޮން ކޮށްފައި އިންސްޓަގްރާމް ހުޅުވާލަމުން އޭނައަށް ރޭގައި ލިބުނު އާ އެކުވެރިޔާއަށް މެސެޖުކޮށްލިއެވެ.

ރޭގައި އޭނަގެ ޕޯސްޓަށް ކޮމެންޓު ކުރި އަންހެން ކުއްޖާއަށް ވަކިން މަލަކް މެސެޖެއް ފޮނުވައި މަލަކް އެރަށަށް ދާން އުޅޭ ވާހަކަ ހިއްސާކުރިއެވެ. އެއާއެކު އެކުއްޖާ އެކަމާ އުފާފާޅުކޮށް ވާހަކަ ދެއްކިއެވެ. އެވާހަކަތަކުން ވާހަކަ އެއީ ހިތްހެޔޮ ރަނގަޅު ކުއްޖެއް ކަން މަލަކަށް އެނގުނެވެ. 

އެ އަތޮޅުގައި އެއާޕޯޓު އޮންނަ ރަށަށް އާދެވުނު ވާހަކަ މަލަކް ބުނުމުން އެކުއްޖާ ވަގުތުން އެމެސެޖަށް ރިޕްލައި ދިނެވެ. އެރަށަށް އަންނަ ވަގުތު މަލަކް ބަލާ ފާލަން ދޮށަށް ދާންވީތޯ ސުވާލު ކުރުމުން ހެވިފައި އިނދެ މަލަކް ނޫނެކޭ ޖަހާފައި މެސެޖުކުރިއެވެ. އެރަށަށް އެމީހުން ގޮސް އެންމެ ފުރަތަމަ ދިޔުމަށް ހަމަޖެހިފައި ވަނީ ގެސްޓްހައުސް އަށް ކަމަށް މަލަކް ބުނަމުންނެވެ.

އެވަގުތު ފްލައިޓުން މީހުން ފައިބަން އަވަސްވެގަތް މަންޒަރު ފެނުމުން މަލަކް އޭނައާ ޖެހިގެން އިން ސީޓުގައި ހެޑްސެޓް ކަންފަތަށް ޖަހައިގެން ފޯނަށް ގެއްލިފައި އިން ރީވާގެ ކޮނޑުގައި ކޮށްޓާލިއެވެ. ފޯނުން ފިލްމެއް ބަލަން އިން ރީވާގެ ސަމާލުކަން މަލަކަށް ލިބުނީ ދެތިން ފަހަރު އޭނާގެ ކޮނޑުގައި ޖަހާލުމުން ނެވެ. 

"ކިހިނެއްވީ؟ އާދެވުނީތަ؟" ކަންފަތަށް ޖަހައިގެން އިން ހެޑްސެޓް ނައްޓާލަމުން ރީވާ އަހާލިއެވެ. 

"ވެލް ޓެކްނިކަލީ މި އާދެވުނީ އެއާޕޯޓު އޮންނަ ރަށަށް. އަހަރުމެން ތިބޭ ރަށަށް ދާންޖެހޭނީ ލޯންޗެއްގަ. ސޯ އަދި އިރު ގަނޑެއްވާނެ" މަލަކް ކިޔައިދިނުން ރީވާގެ މޫނުމަތިން ފެނުނީ ފޫހިކަމެވެ. އެފަދަ ދިގު ދަތުރެއް ކުރަން މަލަކް ނިންމީތީ ރީވާ އެވަގުތުވެސް ޝަކުވާފައްޗެއް އަމުނާލިއެވެ. ނަމަވެސް މަލަކް އެކަމަށް މާބޮޑު ސަމާލުކަމެއް ނުދީ ފްލައިޓުން ފައިބަން ތެދުވިއެވެ. އޭރު ކުރީ ސީޓެއްގައި އިން މަލްހާންވެސް ތެދުވިތަން މަލަކަށް ފެނުނެވެ.

ފްލައިޓުން ފައިބައިގެން އެއާޕޯޓަށް ވަދެފައި އެމީހުންގެ ފޮށިތައް ޓްރޯލީއަށް ލައިގެން ތިން މީހުން މިސްރާބު ޖެހީ އެއާޕޯޓުގައި ހުރި ރެސްޓޯރެންޓަކަށެވެ. ލޯންޗު އަންނަން އިރުކޮޅެއް ވާނެތީ އޭގެ ކުރިން އެއްޗެއް ކާލުމަށް މަލްހާން އެދުމުންނެވެ. މަލަކްއާ ރީވާއާ ދެމީހުންވެސް ހެނދުނު ސައިނުބޯ ތިބުމުން ވަގުތުން އެކަމަށް އެއްބަސްވިއެވެ.

ތިން މީހުން ރެސްޓޯރެންޓަށް ވަދެ އިށީނުމާއެކު ހެން މަލްހާންގެ ފޯނު ރިންގުވާން ފެށިއެވެ. މޭޒުމަތީގައި ބާއްވާފައި އޮތް ފޯނުގެ ސްކްރީނުން "ލޯންޗު މީހާ" އޭ ޖަހާފައި އޮތް މަންޒަރު މަލަކްއަށް ފެނުނެވެ. 

"ހަލޯ... އާން ކީކޭ ފަޒީލް" މަލްހާން ފޯނު ނަގައި ވާހަކަ ދައްކަން ފެށުމުން މަލަކްގެ ސަމާލުކަން އޭނަގެ ދޮންބެ އަށް ދެވުނެވެ.

"އަސްލުވެސްތަ؟ އާން... އަންނަންދެން އަހަރުމެން މިކޮޅުގަ މަޑުކޮށްލާނަން. އާން އޯކޭ" މަލްހާން ފޯނު ބޭއްވުމުން ސުވާލުގެ ނަޒަރަކުން މަލަކް އޭނަގެ ދޮންބެއަށް ބަލާލިއެވެ. މަލްހާން މަލަކްއާއި ރީވާއާ ދެމީހުންނަށް ނަޒަރެއް ދީފައި ފުން ނޭވާއެއް ދޫކުރިއެވެ.

"ކުޑަ މައްސަލައެއް ޖެހިގެން ލޯންޗަށް އާދެވޭނީ ގަޑިއިރެއްވަރު ފަހުން" ލޯންޗު ލަސްވާނެ ވާހަކަ އިވުމުން އެކަމާ ނުރުހުންތެރިކަން ފާޅުކުރީ ރީވާއެވެ. ނަމަވެސް މަލަކްއަށް އެކަން މާބޮޑު ކަމަކަށް ނުވިއެވެ. ރީވާ ހިތްހަމަޖައްސައި ދިނުމުގެ ގޮތުން މަލްހާން ވާހަކަ ދައްކަން ފެށުމުން މަލަކް އޭނަގެ ކެމެރާ ލާފައި އޮތް ދަބަސް ނެގިއެވެ. އެއާޕޯޓު އޮންނަ ރަށުގައި ވެސް ރީތި ފޮޓޯކޮޅެއް ނެގުމުގެ ހިޔާލު އައުމުންނެވެ.

ރެސްޓޯރެންޓުން ކައިގެން ނިކުމެ މަލަކް މެން ދިޔައީ އެއާޕޯޓު ކާރީގައި އޮތް ބޮޑު ޕާކަށެވެ. ބޮޑެތި ގަސްގަހުގެ ހިޔާ އެޅިފައިވި އެޕާކުތެރޭގައި އެމީހުން ހޭދަކުރި ވަގުތުކޮޅު މަލަކްގެ ކެމެރާ ގައި ރައްކާކުރެވުނެވެ. ރީވާގެ ނިކަން ރީތި ފޮޓޯގަނޑެއް ބެންޗެއްގައި އިންދާ ނަގައިދިނުމުން ރީވާވެސް ކުޑަކޮށް ހަމައަކަށް އެޅުނެވެ. އޭނާގެ ޝަކުވާގެ އަޑު މަޑުވަމުން މަލަކްގެ ބޮލަށްވެސް ތަސައްލީއެއް ލިބިގެން ދިޔައެވެ.

އޭގެ ގަޑިއިރަކަށް ވުރެ ގިނަ އިރުވިފަހުން މަލްހާން ހިފި ޕްރައިވެޓް ލޯންޗު ރަށުގެ ބަނދަރާ ގާތްކޮށްލި މަންޒަރު މަލަކްގެ ކެމެރާއަށް އެރިއެވެ. އެވަގުތު އެމީހުން ތިބީ ބަނދަރުމަތީގައި ހިޔާކޮށްފައިވި ބެންޗެއްގައެވެ. މަލަކް ވަގުތުން ކެމެރާ އޭނަގެ ކަރުގައި އަޅުވާލަމުން ފޯނަށް ގެއްލިފައި ތިބި މަލްހާނާއި ރީވާއަށް ގޮވިއެވެ.

"ލޯންޗު އެއައީ" މަލަކް ބުނެލިއެވެ. އެއާއެކު ފޮށިތައް ލޯންޗަށް އެރުވުމަށް މަލްހާން އަވަސްވެގަތެވެ. ރީވާ ވެސް ތެދުވެ މަލަކްއާއެކު ލޯންޗަށް އެރުމަށް ހިނގައިގަތެވެ.

ލޯންޗުން ނައްޓާލިތާ ވިއްސަކަށް މިނެޓު ފަހުން މަލަކްއަށް ވަރުބަލިކަމެއް އިހުސާސުކުރެވެން ފެށިއެވެ. އުންމީދުކުރި ގޮތާއި ހިލާފަށް ކަނޑު ފުދޭވަރަކަށް ގަދަވަމުން އޭނަ މޭނުބައި ކުރާގޮތް ވިއެވެ. އުޑުމަތި ރީއްޗަށް އޮތުމުން އޭނާ ހީކުރީ ލޯންޗު ދަތުރުވެސް އަމާން ވާނެ ކަމަށެވެ. ކަނޑު އެހާ ގަދަކަން އެނގޭ ނަމަ އޭނަ ރެސްޓޯރެންޓުގައި ނުވެސް ކެއީ ހެވެ.

"މަލްކޮ ބޭސް ގެނައިންތަ؟" މަލަކް ފާޑަކަށް އިން މަންޒަރު ފެނުމުން މަލްހާން ކަންބޮޑުވިއެވެ.

"ނޫން... ހިޔެއް ނުކުރަން ކަނޑުގަދަ ވާނެ ކަމަކަށް. ވިއްސާރަ އެއް ވެސް ނޫނެއްނު" މަލަކްއަށް ބުނެވުނެވެ. މޭނުބައި ކޮށް ބޯއަނބުރާ ގޮތްވުމުން މަލަކަށް އޭނަގެ ބޮލުގައި ހިފަހައްޓާލެވުނެވެ.

"މިހިސާބު ގަނޑުމީ ކުޑަކޮށް ގަދަ ކަނޑެއް އޮންނަ ސަރަހައްދެއް. އެހެންވެ ވިއްސާރަ ނޫނަސް ކަނޑު ގަދަވާނެ. މަލްކޮ އަބަދުވެސް ބޭސް ގެންނާތީ ދޮންބެ ނުބުނީ. ހީކުރި ގެންނާނެ ކަމަށް. މަޑުކުރޭ ދޮންބެ އެބަ ބަލަން ކަރަންފުއްކޮޅެއް ލިބޭތޯ" މަލްހާން އެހެން ބުނެފައި ތެދުވީ ލޯންޗު ދުއްވަން ހުރި މީހާގާތަށް ދިޔުމަށެވެ. އެވަގުތު ރީވާ މަލަކް ގާތަށް ޖެހި ފެން ބޭނުންތޯ އަހާއި ފެންފުޅިއެއް ދިއްކޮށްލިއެވެ. މަލަކް ނޫނެކޭ ބުނެ ބޯހޫރުވާލީ އެވަގުތު ފެން ބޯންވެސް ބޭނުން ނުވުމުންނެވެ.

މަލަކްގެ ބަދުނަސީބު ކަންނޭގެއެވެ. ލޯންޗުކައްޕިއާއި ފަޅުވެރިމީހާ އަކީ ވަރަށް ދުފާ ބަޔަކަށް ވި ނަމަވެސް އެމީހުން ކަރަންފުލެއް ބޭނުމެއް ނުކުރެއެވެ. އެހެންކަމުން ފަންސާހަކަށް މިނެޓުގެ ދަތުރަކަށް ފަހު ރަށާ ލޯންޗު ގާތްކުރި އިރު މަލަކަށް ދެފަހަރަކު ހޮޑުލެވިއްޖެ އެވެ. އޭނާ ވަރުބަލިވެގެން އޮތީ މަލްހާންގެ ކޮނޑުގައި ބޯއަޅާލައިގެން ނެވެ.

"ދެރައެއްނު މަލް އެންމެ އަންނަން ބޭނުންވި ރަށަށް އައި އިރު ބަލިވީމަ" ރީވާ އެހެން ބުނި އިރު އޭނާގެ މޫނުމަތިންވެސް ހިސާބެއްގެ މާޔޫސްކަމެއް ފެންނަމުން ދިޔައެވެ. އޭނަ އަންނަން ބޭނުންނުވި މަންޒިލަކަސް މަލަކް އެހާ ދާހިތުން ހުރި ތަނަކަށް ދެވުނު އިރު ކަން ދިމާވެފައިވީ ގޮތުންނެވެ.

"މީ އެއްވެސް ކަމެއް ނޫންދޯ މަލްކޯ. ގެސްޓް ހައުސްއަށް ގޮސް ރެސްޓްކޮށްލީމަ ރަނގަޅު ވާނެ. މިއަދު ހަވީރު މަލްކޮ އަށް ނިކުމެވޭނެ ރަށުތެރެ ބަލާލަން." މަލްހާން ހިނިތުންވުމަކާއެކު މަލަކްގެ ހިތްހަމަޖައްސައި ދިނުމުގެ ގޮތުން ބުނެލިއެވެ. މަލަކް ބަލި ގޮތަކަށް ދެލޯ ހުޅުވާލަމުން މަލްހާންއާ ދުރަށް ޖެހިލީ އެމީހުން ލޯންޗުން ފައިބަންވި ވަގުތު ޖެހުމުންނެވެ. ރީވާ އޭނާގެ އަތުގައި ހިފައި ދިޔަ އިރު މަލްހާން އޭގެ މާކުރިން ލޯންޗުން ފޭބީ މަލަކް ބަނދަރަށް އެރުވުމަށް އަތެއް ދިއްކޮށްލުމަށެވެ. 

މީހާ ބަލިވެފައި ހުރުމުން މަލަކަށް ރަނގަޅަށް އެރަށަށް ނަޒަރެއް ވެސް ނުދެވުނެވެ. ގެސްޓްހައުސް އިން ފޮނުވާފައި އޮތް ބަގީއަށް އަރާފައިވެސް އޭނާ ދެލޯ މަރާލި އެވެ. މަލަކް ދެލޯ ހުޅުވަން ނިންމީ ދިހަވަރަކަށް މިނެޓުގެ ދަތުރަކަށް ފަހު ގެސްޓްހައުސް ކުރިމައްޗަށް ބަގީ މަޑުކުރުމުންނެވެ.

"މަލްކޮ ގޮވައިގެން ރީވް ގޮސް ލޮބީގަ މަޑުކޮށްލާ އިނގޭ. ދޮންބެ އެބަ އަންނަން ފޮށިތައް ހިފައިގެން." މަލްހާން އެހެން ބުނުމާއެކު ރީވާ މަލަކްގެ އަތުގައި ހިފައިގެން ހިނގައިގަތެވެ. 

"ތި ނަގަންވީނު ކަރުން" މަލަކްގެ ކަރުގައި އަޅުވާފައި އޮތް ކެމެރާއަށް އިށާރާތް ކުރަމުން ރީވާ ބުނެލިއެވެ. އެހުރިހާ އިރުވެސް މަލަކް ކެމެރާ ކަރުން ނުނަގާކަމަށްޓަކައި ރީވާ ބޯހޫރުވާލިއެވެ.

"ކެމެރާ ބޭގް ގެނެސްދީބަ" މަލަކް އެދުނެވެ. އޭރު ދެމީހުންނަށް ތިބެވުނީ ގެސްޓްހައުސްއަށް ވަންނަ ދޮރުމަތީގައި އެވެ.

"މަލްދޭ އެތެރެއަށް. މި އަންނަނީ ބޭގް ހިފައިގެން." ރީވާ އެހެންބުނެ ފައި ދިޔައީ މަލްހާން ހުރި ދިމާލަށެވެ.

ވަރުބަލިކަމުގެ ނޭވާއެއް ދޫކުރަމުން މަލަކް ގެސްޓްހައުސް ތެރެއަށް ވަދެގެން ދިޔައެވެ. އޭނަ ގައިގައި މާބޮޑު ވަރެއް ނެތުމުން މަލަކްއަށް ހިނގެމުން ދިޔައީ މާ މަޑުނެވެ. އެހެން ދަނިކޮށް ލޮބީގައި ބެހެއްޓިފައިވި ތިރި މޭޒެއްގައި ފައި އަޅައިގަނެފައި އޭނަ ނުވެއްޓުނީ ވެސް ކިރިޔާއެވެ.

އަމިއްލަ ހަށިގަނޑު ސީދާ ކޮށްލަމުން ތަންކޮޅެއް ރަނގަޅަށް ހިނގޭތޯ މަލަކް ފިޔަވަޅެއް އަޅާލިއެވެ. އެހިނދު އޭނާގެ ކުރިމަތިން މ ނިކަން ބާރު ހިނގުމެއްގައި އައި މީހަކު އޭނާގެ ގައިގައި ޖެހިއްޖެއެވެ. ގައިގައި ވަރެއް ނެތް މަލަކްގެ ގައިގައި އެމީހާ އެހާ ބާރަށް ޖެހި ގަތުމުން އޭނާ ވަގުތުން އަރި އަޅާލިއެވެ. އެއާއެކު ވެއްޓެން ދިޔަ މަލަކަށް ލިބުނު ސިހުމާއެކު ކަރުން މަޑު ހަޅޭކެއް ބޭރުވިއެވެ. ވެއްޓި ކަރުގައި އޮތް ކެމެރާއަށް ގެއްލުމެއް ވެދާނެތީ އެވަގުތު އިންތިހާ ދަރަޖައަށް ހިތް ބިރުގަތް މަލަކް ދެލޯ މަރާ ބާރުކޮށްލަމުން ކެމެރާ ގައި ދެއަތް ވަށާލިއެވެ.

ނަމަވެސް މަލަކް ވެއްޓި ބިންމަތީގައި ޖެހުމުގެ ކުރިން ބާރުހުރި ދެއަތް އޭނަގެ އުނަގަނޑުގައި ވަށާލެވިގެން ދިޔައެވެ. އެއާއެކު ޒުވާން އަޑަކުން މީހަކު ސޮރީއޭ ބުނެލިއެވެ. އަދި އެމީހަކު މަލަކްގެ ހަށިގަނޑު ސީދާކުރަމުން އޭނަ ބިންމަތީގައި ބެހެއްޓިއެވެ. އެހިނދު މަޑުމަޑުން އެސްފިޔަތައް ދުރުކޮށް މަލަކް ދެލޯ ހުޅުވާލިއެވެ. އޭނައާ އިންޗިއެއްހާ ދުރުމިނުގައި ހުރި ޒުވާނާގެ މޫނު މަލަކަށް ފެނުނީ ދެނެވެ. އެ މޫނާއި އަސަރުގަދަ މަޑުމުށިކުލައިގެ ދެލޯ އެހާ ގާތުން ފެނިފައި ލާން އުޅުނު ނޭވާވެސް ކަރުގައި ތާށިވިހެން މަލަކްއަށް ހީވިއެވެ.

ނުނިމޭ

 

 

ލިޔުން ޙިއްސާ ކުރައްވާ

0 ކޮމެންޓްސް, 0 ރިއެކްޝަންސް

Smile
Smile

0%

Love
Love

0%

Sad
Sad

0%

Like
Like

0%

Dislike
Dislike

0%

މަގުބޫލް ލިޔުންތައް

Anehkaaves MDP ghe membarunthakeh raa fulhi genghulhey vedio eh leak vejje

އަނެއްކާވެސް އެމްޑީޕީ ގެ މެމްބަރުންތަކެއް ރާ ފުޅި ގެންގުޅޭ ވީޑިއޯއެއް ލީކުވެއްޖެ

0

ibrahim Wins Parliamentary Seat for Mahchangolhi Uthuru in the 20th Maldivian Parliament

މައްޗަންގޮޅީ އުތުރަށް އިއްބެ ޖަނާބު އިންތިޚާބު ވެއްޖެ.

0

Baby walker, kudakudhinna huri nurahkaleh.

ބޭބީ ވޯކަރ، ކުޑަކުދިންނަށް ހުރިނުރައްކަލެ.

0