18 ސެޕްޓެންބަރު 2024
0
އާންމުކޮށް ފަތިސް ނަމާދަށް ގަވާއިދުން ހޭލާ ރައުފަލްއަށް ޖެހިގެން އައި ދުވަހު ހޭލެވުނީ އިރުވެސް އަރާދިޔަ ފަހުން ނެވެ. ނިދި ބަރުވެފައިވާ ދެލޯ ހުޅުވާލުމަށްފަހު އޭނައަށް އޮވެވުނުތަން ޔަގީންކުރަން ވަގުތުކޮޅެއް ނެގިއެވެ. އެއާއެކު ލުތްކެއް ޖަހާފައި ރައުފަލް ތެދުވެ އެނދުމަތީގައި އިށީނެވެ. ކުޑަދޮރުގެ ފަރުދާ އިން ފުރޭނިގެން ކޮޓަރިތެރެއަށް އިރުގެ ރަން ދޯދިތައް އެޅިފައިވުމުން ގަޑިން ވީއިރެއް ބެލުމަށް ރައުފަލް އަވަސްވެ ގަތެވެ. ސައިޑް ޓޭބަލް މަތީގައި އޮތް ފޯނު ހުޅުވާލުމުން ގަޑިން ދިހައެއް ޖަހާބޮޑުވެފައިވި މަންޒަރު ފެނިފައި ރައުފަލްގެ ދެލޯ ބޮޑުވެގެން ދިޔައެވެ. ގައިމަތީގައި އޮތް އަރާމު ކުއިލްޓު އެއްލާލާފައި ރައުފަލް ވަގުތުން ތެދުވީ އޭނައަށް ފަތިސް ނަމާދަށް ވެސް ނުހޭލެވުނުކަން ރޭކާލުމުންނެވެ.
ވަގުތުން ފާހާނައަށް ވަދެ ފެންވަރާ މޫނު ދޮވެގެން ނިކުމެ ރައުފަލް އެންމެ ފުރަތަމަ ކަމަކަށް ފަތިސް ނަމާދު ކުރިއެވެ. އެއައްފަހު އާދައިގެ މަތިން އޭނާ ނިދި ތަންމަތި ރީތިކުރަން ފެށިއެވެ. ރޫޖެހިފައިވި ބެޑްޝީޓް ރަނގަޅުކުރުމަށް ފަހު ބާލީސްތައް ވެސް ރީތިކޮށްފައި އޭނައަށް ފެނުނު އިރު ކުއިލްޓު އޮތް ގޮތަށް އެނދުމަތީގައި އެޅިއެވެ. އެއައްފަހު ކޮޓަރިން ނިކުތުމުގެ ކުރިން އަލަމާރީގައި ހަރުކޮށްފައި ހުރި ލޯގަނޑު ކުރިމަތީގައި ހުއްޓުނެވެ.
ރޭ ބެކްޕެކްގައި ހުރި ހެދުންތައް އަލަމާރިއަށް ލުމުގެ ބޭނުމުގައި އެކޮޓަރީގައި ހުރި އަލަމާރި ހުޅުވާލި އިރު ރައުފަލް ހައިރާންވީ މުޅި އަލަމާރި އޮތީ ފުރިފައި އޮތުމުންނެވެ. ބްރޭންޑެޑް ގަމީސްތަކާއި ޓީޝާޓުތަކާއި ޖިންސުތައް ފެނިފައި އޭނަ އައިކްއަށް ގޮވިއެވެ. އައިކްއާ ސުވާލުކުރުމުން ޖަވާބަކަށްވީ އެއީ އައިކްގެ އަލަމާރި ފުރިގެން ބާކީވެފައިހުރި ހެދުންތައް ކަމަށެވެ. ރައުފަލް އެގޭގައި ހުންނަ ދުވަސްކޮޅު އެއެއްޗިހި ބޭނުން ކޮށްލުމަށް އައިކް އެދުނެވެ. އެހެންނޫނީ އެހެދުންތައް ބޭކާރު ވެގެންދާނީ ކަމަށް އައިކް ބުންޏެވެ.
ރައުފަލް އެވަގުތު ލައިގެން ހުރި ކަޅުކުލައިގެ އަތްކުރު ޓީޝާޓާއި ޖިންސަކީ އޭގެ ތެރޭގައި ހިމެނޭ އަންނައުނު ތަކެވެ. އެފަދަ ބްރޭންޑެޑް ރީތި ޓީޝާޓާއި ޖިންސާ އަތުގައި އޮތް އެންމެ ފަހުގެ އައިފޯނާ އެކީގައި އޭނަ ފެނުމުން ބަލާ މީހަކަށް އޭނަ ވައްތަރުވާނީ މުއްސަންޖެއްގެ ދަރިއަކާ އެވެ. އެހެނަ ހިތަށް އެރުމުން ރައުފަލްއަށް ހިނިއައިސްފައި ހުރެ ބޯހޫރާލެވުނެވެ. ނަމަވެސް އޭގެ ދެވަނަ ސިކުންތުގައި އޭނަގެ ހިނިތުންވުން ފިލާ ދިޔައީ އޭނައަކީ މުއްސަނދި އަންހެނެއްގެ ދަރިއެއް ނޫންތޯ ހިތް ބުނެލުމުންނެވެ.
އޭނަގެ މަންމަ ގާތުގައި އުޅެބޮޑުވި ނަމަ އޭނަ ލައި އުޅޭނީ މިފަދަ ރީތި އަގުބޮޑެތި ހެދުން ނޫންތޯ އެވަގުތު ރައުފަލްގެ ހިތަށް އެރިއެވެ. އޭނަ އަތުގައި އޭރުން މާކުރިން ސުރެ އަގުބޮޑު ފޯނެއްވެސް އޮންނާނެ ނޫންހެއްޔެވެ؟ ބޭނުންވާ ކޮންމެ އެއްޗެއް ލިބޭނެ ނޫންހެއްޔެވެ؟ ދުވަސް ކޮޅަކަށް އޭނައަށް ލިބިފައިވި ތަނަވަސް ކޮޓަރިއާއި އަރާމު ދިރިއުޅުން އޭރުން އަބަދުވެސް ލިބޭނެ ނޫންހެއްޔެވެ؟ ނަމަވެސް އެފަދަ ނަސީބަކުން އޭނަ ވަނީ މަހުރޫމު ވެފައެވެ. އޭނަގެ މަންމަ އެސީބުން އޭނަ މަހުރޫމު ކުރީ ކީއްވެ ހެއްޔެވެ؟
އެސުވާލާއެކު ރައުފަލްގެ ހިތްދެރަވި ވަގުތު މަންމައަށް ނުރުހުންވެސް ވެވުނެވެ. ބައްޕައާއެކު އޭނަ ފޮނުވާލި އިރު ދޮންމަންމަައެއް އޭނަ އަށް ލިބޭނެކަން ވެސް މަންމައަށް އެނގޭނެ ނޫންހެއްޔެވެ؟ ބައެއް ދޮންމަންމައިންނަކީ އަމިއްލަ ދަރިންނާ އެއްވަރަށް ދޮންދަރިންނަށް ވެސް އަޅާލާ ބައެއްކަންކަމީ ހަގީގަތެކެވެ. ނަމަވެސް އޭނައަށް ލިބުނު އެފަދަ ރަނގަޅު ދޮންމަންމަައެއް ނޫނެވެ. މަންމަ އޭނަގެ ހާލު އެއްފަހަރުވެސް ބަލާލި ނަމަ އެކަން އެނގުނީހެވެ. ނަަމަވެސް އެތަނަވަސްކަން ލިބިފައި ހުރެމެ މަންމަ އޭނަ ގާތަށް ނައުމުން ރައުފަލްގެ ހިތް ޝަކުވާކުރަން ފެށިއެވެ.
އެއާއެކު އަމިއްލަ މީހާގެ މޫޑު ހަރާބުވަނީކަން ރައުފަލް އަށް އެނގުނެވެ. އަވަސް އަވަހަށް އޭނަގެ ފޯނު ހިފައިގެން ރައުފަލް ކޮޓަރިން ނިކުތީ ޗުއްޓީގެ އެންމެ ފުރަތަމަ ދުވަހު މޫޑު އޮފްވެފައި އިންނަން ބޭނުންނުވުމުންނެވެ. އޭނަ ކޮޓަރިން ނިކުމެ ސިޑިން ފައިބައިގެން ތިރިއަށް ދިޔަ އިރު ގޭގެ މަސައްކަތު މީހާ ސިޓިންރޫމު ފޮޅާ ސާފުކުރުމުގައި އުޅެއެވެ. ނަމަވެސް އޭނަ ފެނުމާއެކު އެމީހާ ވާހަކަދައްކަން ފެށިއެވެ.
"ދައްތަ ބްރެކްފަސްޓް ގެނެސްފަ ހުންނަނީ. އެކަމަކު މިހާރު ލަންޗުގަޑިވެސް ޖެހެނީ. އައިކް ކަނީ ބަދިގޭގަ. އަވަހަށް ކާން ދޭ" މަސައްކަތު މީހާ އުބޭދު ބުނެލިއެވެ. އުބޭދަށް ލުއި ހިނިތުންވުމެއް ދީފައި ރައުފަލް ބަދިގެއަށް ވަތް އިރު ކާމޭޒުދޮށުގައި ނިދިބަރު ދެލޮލާއެކު ރޫޖެހިފައި ހުރި ޓީޝާޓަކާއި ސޯޓެއްގައި އައިކް ސައިތަށްޓެއް ބޯން އިނެވެ.
ރައުފަލް ވެސް ގޮސް އެތަނުން ގޮނޑިއެއްގައި އިށީނެވެ. އެވަގުތު މޭޒުމަތީގައި ހުނިރޮށްޓާއި ދެ ވައްތަރެއްގެ މަސްހުނި ހުއްޓެވެ.
"އުބޭދު ބުނީ ފިޒާދައްތަ ހެނދުނު ހެނދުނާ ސައި ގެނަކަމަށް. އަހަރެން ބުނެފިން މެންދުރު ކެއުން ނުގެންނާށޭ ބުނާށޭ. އަހަރުމެން ކާނީ ގެއަކުން ނޫނެއްނު ދޯ" އައިކް އޭނަގެ ސައިތަށިން ކޯވަރެއް ދަމާލާފައި ބުނެލިއެވެ. "ބައިދަވޭ މި ކާއެއްޗިހި ޖެހޭނެ ހުސްކުރަން އެހެންނޫނީ ހަމަ ވޭސްޓަށް ދާނީ"
"ބަލަބަލާ ހުއްޓާ މި ހުސްވާތަން އިރުކޮޅަކުން ފެންނާނީ. ބްރޯ ރަނގަޅަށް ކައިގެންތަ ތި ހުރީ؟" ރައުފަލް ހިނިތުންވުމަކާއެކު އަހާލިއެވެ. ހެނދުނު ސަޔަށް އޭނައަށް އެންމެ މީރީ ހުނިރޮށްޓާއި މަސްހުންޏެވެ. ނަމަވެސް އަމިއްލަ ގޭގައި އެކެއުމުގެ ނަސީބެއް މިހާރު އޭނައަކަށް ނުލިބެއެވެ. ރާޔާއަށް ކަމުދަނީ ތެޔޮ ރޮށިކަމަށް ބުނެ ދޮންމަންމަ މިހާރު އަބަދުވެސް ފިހަނީ ތެޔޮ ރޮއްޓެވެ. އެކަމަކު ބައްޕަ ހުނިރޮށްޓެއް ފިހާ ދުވަހަކު ހުނިރޮށިކާން ރާޔާ ފޯރި ދައްކާތަންވެސް ރައުފަލްއަށް ވަނީ ފެނިފައެވެ.
"މަ މި ނިމުނީ. ސައިތަ ޖޫސްތަ؟" އައިކް މޭޒުމަތީގައި ހުރި ކުޑަ ދެ ޖަގަށް އިށާރާތްކޮށްލިއެވެ.
ރައުފަލް ސައި ބޮއި ނިމިގެން ކާގެއިން ނިކުތް އިރު އޭނަ ސައިބޯން އިންދައި ފެންވަރައި ތައްޔާރުވާން ދިޔަ އައިކް ވެސް ސިޑިން ފައިބަނީއެވެ.
އައިކް ފޭބުމުން ދެމީހުން އެކީގައި މިސްރާބު ޖެހީ ގެއިން ނިކުތުމަށެވެ. މެންދުރު ވަމުން ދިޔަ އެވަގުތު އަވިން ދިއްލާލެވިފައިވި މަގު ފެނިފައި އެމީހުން ބަލާ ކާރު އަންނަ ކަމާމެދު ރައުފަލްއަށް ހިތާއި ހިތުން ހަމްދުކުރެވުނެވެ. އައިކްގެ ބައްޕަގެ ކާރު ބައްޕަ ރަށުގައި ނޫޅޭ ދުވަސްތަކުގައި ދުއްވަނީ ތިމާގެ މީހެކެވެ. ނަމަވެސް އައިކް ތަނަކަށް ދާން ބޭނުންވެއްޖެ ނަމަ ވަގުތުން އެމީހާ ކާރުގައި އައިސް އައިކް ބުނާތަނަކަށް ގެންގޮސްދޭނެ އެވެ. މިއަދު ވެސް އައިކް ގުޅާލުމާއެކު ފަނަރަ މިނެޓު ތެރޭގައި ވާފިރުބެ ކާރުގައި އެދެމީހުން ބަލާއައެވެ.
އާދައިގެ ދުވެއްޔެއްގައި ކާރު ރަށުގެ މަގުތަކުން ދުއްވާފައި ދިޔަ އިރު ރައުފަލް ގެ ނަޒަރު ހުއްޓިފައިވާ ކުޑަދޮރުން ބޭރަށެވެ. މަގުމަތީގައި އެކި މީހުން އެކި ކަންކަމުގައި އުޅެމުންދިޔަ އެވެ. ކާރު ދުއްވަމުން ގޮސް ރަށުގެ ބަނދަރު މަގަށް އެޅިތަނާ ބަނދަރާ ގާތްކުރެވިފައިވި ލޯންޗެއް ރައުފަލްގެ ލޮލުގައި އަޅައިގަތެވެ. އާންމުކޮށް ލޯންޗެއް އެގޮތަށް ފެންނަން އޮވެއްޖެ ނަމަ އޭގެ މާނަ އަކީ ރަށަށް ޓޫރިސްޓުން ގެ ބައިގަނޑެއް އައީ ކަމަށެވެ. ރަށާއި މާލެއާ ދެމެދު ދަތުރުކުރާ ލޯންޗު ރަށަށް އަންނާނީ ހަވީރުގެ ވަގުތެއްގަ ކަމުންނެވެ.
ނަމަވެސް ރައުފަލް ހައިރާންވީ ގެސްޓްހައުސްގެ ބަގީއެއް ވެސް ބަނދަރު މަތިން ފެންނަން އޮވެފައި ގެސްޓަކު ފެންނަން ނެތުމުންނެވެ. އޭނައަށް ބަނދަރުމަތިން އެވަގުތު ފެނުނީ ހުސް ދިވެހިންނެވެ. އެހާ ދުރުން އެމީހުންގެ މޫނެއް އޭނައަކަށް ނުފެނުނެވެ. އެވާނީ އާއިލާގެ ބަޔަކަށް ޒިޔާރަތް ކުރަން އެހެން ރަށަކުން އައި ބަޔަކަށް ކަމަށް ރައުފަލް އަށް ނިންމުނެވެ.
ކާރު ގޮސް ގެސްޓްހައުސް ކުރިމަތީގައި މަޑުކޮށްލި ވަގުތު ރައުފަލްއަށް ހުރެވުނީ މުޅިން އެހެން ހިޔާލެއްގައެވެ. އޭނަ ކާރުން ފައިބައިގެން އައިކްއާ އެކު ގެސްޓްހައުސް އަށް ވަދެގެން ދިޔަ އިރު ފޯނުން ހާޝިމަށް ގުޅޭތޯ އައިކް މަސައްކަތް ކުރަމުން ދިޔައެވެ.
"ފޯނެއް ނުނަގާ. ބިޒީ ވީ ކަންނޭގެ ހިނގާބަ ކައުންޓަރު ކާރި އަހާލަން. އާންމުކޮށް އެމީހުންނަށް އެނގޭނެ ބޮޑުބޭބެ ކުރާ ކަމެެއް" އައިކް އެހެން ބުނެފައި ގެސްޓްހައުސްގެ ބޮޑު ލޮބީ ހުރަސްކޮށް ކައުންޓަރާ ދިމާލަށް ދިޔައެވެ. ފަހަތުން ރައުފަލްވެސް ގޮސް ކައުންޓަރު ގައި އަތް އަޅުވާލިއެވެ. އޭރު ކައުންޓަރު ގައި ތިބި ދެ ޒުވާން ފިރިހެނުންނަކީ ވެސް އެމީހުން ދަންނަ ދެކެފަރިތަ އެރަށަށް ނިސްބަތްވާ ދެޒުވާނުންނެވެ.
"ބޮޑުބޭބެ އެބަ އުޅޭތަ؟" އައިކް އަހާލިއެވެ.
"ދެންމެ މީޓިންއަކަށް ދުރުވީ. މަޑުކޮށްލަން ވީނު އިރުކޮޅަކުން މީޓިން ނިމޭނެހެން ހީވަނީ" އެތަނުން އެކަކު ބުނެލިއެވެ.
"ދެން މިތާ މަޑުކޮށްލާނީ ދޯ" އައިކް އެނބުރި ކައުންޓަރު ގައި ލެނގިލަމުން ރައުފަލް އަށް ބުނެލިއެވެ. ރައުފަލް ވެސް ފަހަތަށް އެނބުރި ލޮބީތެރެއަށް ނަޒަރު ހިންގާލިއެވެ.
ހާޝިމް ހިންގާ ގެސްޓްހައުސް ފަރުމާކޮށްފައި ވަނީ އެންމެ ޒަމާނީ ގޮތްގަނޑަށެވެ. އެތަނަކީ ޓިވީތަކުން ފެންނަ ފައިވް ސްޓާ ހޮޓަލްތަކާ މާބޮޑު ތަފާތެއް ހުރި ތަނެއް ނޫނެވެ. ރައުފަލް އެތަނަށް އަންނަ ކޮންމެ ފަހަރަކު އެތަނުގެ ރީތިކަމަށް ހިތާއި ހިތުން ތައުރީފު ކުރެވެއެވެ.
"އަހަ އައިކް ރައުފަލް ދެމީހުން މިތާ ކީއްކޮށްލަނީ" ކުއްލިއަކަށް އިވިގެންދިޔަ އަޑާއެކު ރައުފަލް އެދިމާލަށް ބަލާލިއެވެ. އެހިނދު ފެނުނު މީހެއްގެ ސަބަބުން އޭނަގެ ދެބުމަ ކައިރިވެގެން ދިޔައެވެ.
"އަހަރުމެން މިތާ ކޮންމެ ކަމެއް ކުރިއަސް މުނީޒަށް ކޮން ކަމެއް" ރައުފަލްއަށް ވާހަކަ ދެއްކުނީ ވެސް ނުރުހުންތެރިކަމާ އެކުއެވެ. ސަބަބަކަށްވީ ހުދު ގަމީހަކާއި ޖިންސެއްގައި އެންމެ ފަހުގެ ބްރޭންޑެޑް ސްނީކާސްއަށް އަރައިގެން ހުރި މުނީޒްގެ މޫނުމަތީގައިވި ނުފިލާ ބޮޑާވެރިކަމެކެވެ.
"އޭ އެހާ އަވަހަށް ރުޅި ނާދެބަލަ. އައިކް ވެސް މަ ދެކެ މާ އަވަހަށޭ ރުޅި އަންނަނީ. އެކަމަކު މިހާރު އައިކްއަށްވެސް އެނގޭނެ ކަންނޭގެ ރުޅިއައިސްގެން ކުރާނެ މާބޮޑު ފައިދާއެއް ނޯންނާނެ ކަން. އައިކް ކޮންމެ ވާހަކައެއް ދެއްކިޔަސް، ތެދު ހެދިޔަސް އޭނަ ގަބޫލެއް ނުކުރާނެ އައިކް ދައްކާވާހަކައެއް" މުނީޒް މަލާމާތުގެ ހިނިތުންވުމަކާއެކު އައިކްއަށް ބުނެލިއެވެ. އެހިނދު މުނީޒް ފެނުނީއްސުރެ ބަނަވެފައިވާ މޫނަކާއެކު ހުރި އައިކްގެ ދެއަތް ވަނީ މުށްކެވިފައެވެ. އެދެލޮލުން ފާޅުގައި ރުޅިވެރިކަން ފެންނަމުން ދިޔަ މަންޒަރު ކާރީގައި ހުރި ރައުފަލްއަށް ފެނުނެވެ.
"އޭނަ އަހަރެން ދައްކާ ވާހަކަ އެކަނި ގަބޫލު ކުރާނީ. އެވަރަށް ބޯކާލާފަ ހުންނާނީ. މިހާރުވެސް ގޮސް އަހަރެން ބުނީ މިހެންނޭ ބުނެބަލަ. ހެހެ ގަބޫލެއް ނުކުރާނެ." މުނީޒް މަލާމާތުގެ ހިނިގަނޑެއް ޖަހާލިއެވެ. އޭނާ ގަސްތުގައި އައިކް ރުޅިއަރުވަން މަސައްކަތް ކުރަނީކަން ރައުފަލްއަށް އެނގުނެވެ. އެއީ އަބަދުވެސް މުނީޒްގެ އާދައެވެ. އޭނަ އައިކްއާ ޖައްސާލާފައި ހުންނަނީ ކީއްވެ ކަމެއް އަދި އަދަށް ދާންދެންވެސް ރައުފަލްއަކަށް ނުވިސްނެއެވެ. މިފަހުން މުނީޒް އައިކްގެ އަވައްޓެރި އަދި ދުވަސްވީ އެކުވެރި އުލްފާއާ ރައްޓެހިވީވެސް އެމަގުސަދުގައި ކަން އޭނަ ދައްކާ ވާހަކަތަކުން ޔަގީންވެއެވެ.
މުނީޒް އެހެން ބުނެފައި އެތަނުގައި މަޑުކުރުމެއް ނެތި ދިޔައީއެވެ. އެއާއެކު ރުޅިން އަނދައަނދާހުރި އައިކް އަވަސް ފިޔަވަޅުތަކެއްގައި މުނީޒްގެ ފަހަތުން ނައްޓާލުމުން ރައުފަލްވެސް އޭނަގެ ފަހަތުން ހިނގައިގަނެވުނީ އައިކް އަތުން ފައިން ގޯހެއް ހަދައިފާނެކަމުގެ ރަތް ސިގުނަލް ސިކުނޑި ދިނުމުންނެވެ.
އެހެންކަމުން ރައުފަލް ވެސް ކުރިއަށް ދިޔައީ ހަލުވި ފިޔަވަޅުތަކެއްގައި އެވެ. ނަމަވެސް މާބާރަށް ގެސްޓްހައުސް އިން ނިކުންނަން ދިޔަ މުނީޒްއާއި އޭނަގެ ފަހަތުން ވައިރޯޅިއެއްހާ ބާރުމިނުގައި ދިޔަ އައިކް އަތުވާނެ ކަމުގެ ޔަގީންކަމެއް ނެތެވެ. އިތުރަށް ފިޔަވަޅުތައް އަވަސް ކޮށްލި އިރު އޭނަގެ ހުރިހާ ސަމާލުކަމެއް ދެވިފައިވީ މުނީޒްއާ އެއްވަރު ކުރަމުން ދިޔަ އައިކްއަށެވެ. އެހެންކަމަކަށް ސަމާލުކަން ނުދެވި އެދިޔަ ބާރުމިނުގައި ރައުފަލް ގޮސް އޭނަގެ ކުރިމަތިން އައި މީހެއްގެ ގައިގައި ޖެހުނެވެ. އެއާއެކު އެމީހަކު ވެއްޓެން ދިޔަތަން ފެނުމުން ރައުފަލްގެ ދެލޯ ބޮޑުކޮށްލެވުނެވެ.
އިސާހިތަކު ގެނެވުނު ކުއްލި ހަރަކާތަކާއެކު ރައުފަލް އޭނަގެ ކުރިމަތީގައި އަރިއަޅާލައިގެން ވެއްޓެން ދިޔަ އަންހެން ކުއްޖާގެ އުނަގަނޑުގައި ބާރަށް ހިފަހައްޓާލެވުނެވެ. އަދި އެކުއްޖާ ވެއްޓުނަ ނުދީ އޭނަގެ ގަޔާކާރިކޮށްލަމުން އެކުއްޖާގެ ހަށިގަނޑު ސީދާ ކޮށްދިނެވެ. އެވަގުތަކީ އެ އަންހެން ކުއްޖާގެ މޫނު ސާފުކޮށް ރައުފަލްއަށް ފެނުނު ވަގުތެވެ.
އެއީ ހަމުގެ ކުލަ އަލި ވަށް މޫނެކެވެ. ދިގު އެސަފިޔަތަކަކާއި ހިމަ ބުމައެއްގެ ވެރިއެކެވެ. ދެލޯ މަރާ ތަގުޅިކޮށްގެން ސިކުންތުކޮޅަކު ހުރެފައި އެދިގު އެސްފިޔަތައް ތަޅުވާލާފައި އެކުއްޖާ ދެލޯ ހުޅުވާލިއެވެ. އެއާއެކު ހާމަވެގެންދިޔައީ ޗޮކުލެޓު ކުލައިގެ ދެލޮލެވެ. ވަކި އޭނައާ ދުރުވުމެއް ނެތި އެދެލޮލުން އެކުއްޖާ އޭނައަށް ބަލަހައްޓައިގެން ހުންނަން ފެށުމުން އޭނާ ކުރަން އުޅުކަންތައް މަތިން ވެސް ހަނދާންނެތިފައި ރައުފަލް އަށް ހައިރާންވެފައި ހުރެވުނެވެ. އެހާ ރީތި ކުއްޖަކު އޭނައާ ނުހަނު ގާތުގައި ހުރުމުން އޭނަގެ ހިތްވެސް ނޭނގޭ ގޮތަކަށް ތެޅިލިއެވެ.
"ހޭ ކިހިނެއްވީ؟ މަލަކް އާޔޫއޯކޭ؟" ކުއްލިއަކަށް އަންހެން ކުއްޖެއްގެ އަޑުއިވުމުން ސިހިފައި ރައުފަލްއަށް އޭނަ ހިފަހައްޓައިގެން ހުރި ކުއްޖާގެ ގައިން ދޫކޮށްލެވުނެވެ. އޭނާ ދޫކޮށްލުމާއެކު އެކުއްޖާ އަނެއްކާވެސް ކުޑަކޮށް އަރިއަޅާލުމުން ރައުފަލްއަށް އެކުއްޖާގެ ދެކޮނޑުގައި ހިފަހައްޓާލެވުނެވެ.
"އާ ޔޫ އޯކޭ؟" ރައުފަލްއަށް އަހާލެވުނެވެ. އެކުއްޖާގެ މޫނުމަތިން ވަރުބަލިކަމެއް ފާޅުވަމުން ދިޔަ ހެން ހީވުމުންނެވެ.
"ތެދެއް މަލް. ބޯ އަނބުރަނީތަ؟" އޭގެ އިރުކޮޅެއް ކުރިން ވާހަކަ ދެއްކި ކުއްޖާ އެހެންބުނެފައި އެކުއްޖާ ގާތަށް ޖެހިލުމުން ރައުފަލް އެ އަންހެން ކުއްޖާގެ ކޮނޑުން އަތް ދޫކޮށްލިއެވެ.
"އައިމް ފައިން. ކުޑަކޮށް އަރިއަޅާލީ" އަންހެން ކުއްޖާ އޭނައަށް ބަލަމުން ނުބަލަމުން ކަހަލަ ގޮތަކަށް ޖަވާބު ދިނެވެ. އެވަގުތު ދުރުން އަޑުގަދަވެގެން ދިޔުމުން ރައުފަލްއަށް އެދިމާ ބަލާލެވުނެވެ. އޭރު އައިކް މުނީޒްގެ މޫނު މައްޗަށް އެތިފަހަރެއް ވީއްލާލާފައި މުނީޒްގެ ގިރުވާނުގައި ހިފާ ބާރުކޮށްލަމުން ފާރާ ދިމާލަށް ކޮށްޕާލަނީއެވެ. އެމަންޒަރު ފެނުމުން އެއަންހެނާ ކުއްޖާ މަތިންވެސް ހަނދާންނައްތާލާފައި ރައުފަލް އެދިމާލަށް ދުއްވައިގަނެވުނެވެ.
ރައުފަލް ދިޔަ ގޮތަށް ގޮސް އައިކްއާ މުނީޒް ދުރުކުރުވޭތޯ މަސައްކަތް ކުރިއެވެ. އެވަގުތު ގެސްޓްހައުސްގެ ދެތިން މުވައްޒަފަކުވެސް އައިސް އޭނައަށް އެހީވާނެ ފެށިއެވެ. ގަދަކަމުން އެދެމީހުން ދުރުކުރެވުނު އިރު އައިކްގެ ތުންފަތް ވަނީ ފަޅައިގެން ގޮސްފައެވެ. ނަމަވެސް ބޮޑުވަރު ވެފައިވީ މުނިޒްއަށެވެ. އޭނާގެ ނޭފަތުން ލޭފައިބަމުން ދިޔަ އިރު ނޭފަތް ފަޅައިގެން ދިޔައީކަން ރައުފަލް އަށް ޔަގީންވިއެވެ.
"މިތާ ކިހިނެއް ވެގެން މި އުޅެނީ" އައިކްއާ މުނީޒް ދުރުކުރެވުނު ވަގުތު އެތަނަށް އައިސް ހުއްޓުނީ އައިކްގެ ބޮޑުބޭބެ ހާޝިމެވެ. ހާޝިމްގެ އަޑުގައިވީ ހަރުކަށިކަމާއި ހިތްހަމަނުޖެހުމެވެ.
ހާޝިމް ފެނުމުން އޭރުވެސް މުނީޒް އަށް ހަމަލާއެއް ދޭން ގަދަހަދަމުން ދިޔަ އައިކް ވެސް މައިތިރި ވިއެވެ. އިސްދަށަށް ޖަހާލި ގޮތަށް އޭނާ އެއްޗެކޭ ނުބުނެ ހުންނަން ފެށުމުން ރައުފަލް ވާހަކަ ދައްކަން އުޅުނެވެ. ނަމަވެސް އޭގެ ކުރިން ވާހަކަދެއްކީ މުނީޒް އެވެ.
"ބައްލަވާ އަޅުގަނޑުގެ ނޭފަތް ތިބޭފުޅާގެ ކޮއްކޮ އެ ފަޅާލީ. އަޅުގަނޑު މި ގެސްޓްހައުސްއަށް އައީ ތިމާގެ މީހަކު ބަލާ. އެކަމަކު އެކަން ނުކުރެވެނީސް އައިކް އަޅުގަނޑުގެ ގައިގަ ޖެހީ. އަމިއްލަ ނަފްސުގެ ދިފާއުގަ އަޅުގަނޑަށް ވެސް އައިކްގެ ގައިގަ ޖެހުނު" މުނީޒް ބުނެލިއެވެ. މުނީޒްގެ އެ ދޮގު ވާހަކައާއި އޭނަގެ ރާގުގައި ހުރި އޮމާންކަމުން ރައުފަލްއަށް އެއްޗެކޭ ނުބުނެ ނުހުރެވެނެވެ.
"ހާޝިމްބޭ އައިކްއަކީ ތަނަކުން މީހަކު ފެންނައިރަށް ގަޔަށް ބޮލަށް އަރާ މީހެއް ނޫން. މުނީޒްގެ ސަބަބުން މިހެން މިވީ." ރައުފަލް އޭނަގެ އެކުވެރިޔާ ދިފާއުކުރި އެވެ. އޭރުވެސް އިސްދަށަށް ޖަހާލި ގޮތަށް އައިކް ހުރީއެވެ. ނަމަވެސް އޭނާގެ ދެއަތްތިލަ އަދިވެސް ހުރީ މުށްކެވިފައެވެ.
"ހޫން ދެން އެންމެ ރަނގަޅު. މުނީޒް ވެސް ދެން ތި ނޭފަތަށް ބޭސްކުރަން ދިޔުން ރަނގަޅުވާނީ. މިތަނުން މުވައްޒަފަކު އެހީވާނެ ހޮސްޕިޓަލަށް ގެންގޮސްދޭން. އައިކްއާ ރައުފަލް އާދޭ އަހަންނާއެކު" ހާޝިމް އެހެންބުނެފައި ހިނގައިގަތުމުން ބަހެއް ނުބުނެ ހުރި އައިކް އޭނަގެ ފަހަތުން ދިޔައެވެ. ރައުފަލްވެސް އެމީހުންގެ ފަހަތުން ހިނގައިގަތް އިރު ދަތްކުނޑިވިކާލާފައި މުނީޒް ނުބައި ބަހެއް ކިޔާލި އަޑު އިވުނެވެ. މުނީޒް ބޭނުންވި ގޮތަށް ކަންތައް ނުވުމުން ރުޅި އައީކަން ރައުފަލްއަށް އެނގުނެވެ. ނަމަވެސް އެކަމާ އަޅާނުލާ ހާޝިމް ގެ ފަހަތުން ލޮބީގައި ހުރި ލިފްޓަކަށް ރައުފަލް އެރިއެވެ.
އެމަންޒަރު ބަލަން ދުރުގައި ހުރި މަލަކްއަށް ރީވާ ދައްކަމުން ދިޔަ ވާހަކައަކަށް ސަމާލުކަމެއް ނުދެވުނެވެ. އޭނައަށް ބެލެމުން ދިޔައީ އޭނަ ވެއްޓެން އުޅުނު ހިނދު ސަލާމަތްކޮށްދިން ޒުވާނާއަށެވެ. އެޒުވާނާ ގޮސް އެތަނުގައި ފެށުނު ތަޅާލުމެއް ހުއްޓުވަން އުޅުނުގޮތާއި އެތަނަށް އައި ބޮޑު ފިރިހެން މީހާގެ ކުރިމަތީގައި އޭނާގެ އެކުވެރިޔާ ދިފާއުކުރަން ދެއްކި ވާހަކަވެސް މަލަކަށް އިވުނެވެ. މަލަކް މެން ތިބީ އެމީހުންނާ މާދުގައި ނޫންކަމުން އެމީހުން ދެއްކި ވާހަކައާއެކު އެ ފިރިހެން މީހާ އެޒުވާނާގެ ނަންބުނި އަޑުވެސް މަލަކްއަށް ރީއްޗަށް އިވުނެވެ.
"ރައުފަލް" ހިތާ ހިތުން މަލަކްއަށް އެނަން ކިޔާލެވުނެވެ. އެނަމާއި އެސޫރައިގައި ވެސް ދަންނަ ގޮތެއް އެބަ ހުއްޓެވެ. ފެނުނީއްސުރެ އޭނައަށް އެޒުވާނާ އާ ދިމާލަށް ބެލެމުންދިޔައީ އެސަބަބާއި ހުރެ އެވެ. މީގެ ކުރިން އެދެމީހުން ބައްދަލުވެފައި ވަނީ ހެއްޔެވެ؟ ނޫނީ މާލޭގެ މަގެއް މަތިން ވެސް ފެނިފައި ހުރީ ހެއްޔެވެ؟ ޗުއްޓީއެއްގައި އެޒުވާނާވެސް މާލެ ގޮސްދާނެ އެވެ. އެހެން ގޮސް އުޅުނު އިރު ފެނިފައި ހުރުމަކީވެސް އެކަށީގެންވާ ކަމެކެވެ. ނަމަވެސް ވިސްނާ ވިސްނާވެސް އެފަދަ ކަމެއްގެ މަތިން އޭނަ ހަނދާންވާ ގޮތެއް ނުވިއެވެ.
މަލަކް އަމިއްލަ ހިޔާލުތަކެެއްގައި ހުއްޓައި ކައުންޓަރުން އެމީހުންގެ ކޮޓަރިތަކުގެ މައުލޫމާތު ހޯދައިގެން މަލްހާން އައެވެ. އޭނަގެ އަތުގައި އެވަގުތު ދެ ތަޅުދަނޑި އޮތެވެ.
"ކޮޓަރިއަށް ގޮސް ރެސްޓުކޮށްލާފަ ފްރެޝް ވެގެން ތަންކޮޅެއް ފަހުން ދޯ ލަންޗް ނަގަން ދާނީ؟" މަލްހާން ސުވާލުކުރިއެވެ. އެއާއެކު މަލަކް އޭނަގެ ހިޔާލުތަކުން ބޭރުވެވުނެވެ. އޭރު މަލްހާން ދިއްކޮށްލި ތަޅުދަނޑީ ގައި ރީވާ ހިފައިފި އެވެ. އެމީހުންގެ ފޮށިތައް ކޮޓަރިތަކާ ހަމައަށް ގެންގޮސްދިނުމަށް ދެ މުވައްޒަފަކު އައުމުން ތިން މީހުން އެކުގައި ލިފްޓަށް އަރަން ދިޔައެވެ.
ތިން ބުރިއަށް ހިއްލާލެވިފައިވި އެ ބޮޑު ގެސްޓް ހައުސްގެ ދެވަނަ ފަންގިފިލާ ގައި ހުރި ކޮޓަރިއަށް ވަދެވުމާއެކު މަލަކަށް ވަށައިގެން ބަލާލެވުނެވެ. ފެންވަރު ރަނގަޅު ތަނަވަސް ކޮޓަރިއެކެވެ. ސާފުތާހިރު ކަމާއި ތަރުތީބުކަން މުޅި ކޮޓަރިތެރެއިން ވެސް ފެންނަމުން ދިޔައެވެ. ދެ ސިންގަލް އެނދު ކޮޓަރީގެ ދެފަރާތުގައި ހުރި އިރު ދެ އެނދުގެ މެދުގައި ސޯފާ އެއް ހުއްޓެވެ. ސޯފާއާ ދިމާ ކުރިމަތިން ޓީވީއެއްވެސް ހުއްޓެވެ. މަލަކް އެންމެ ހިތްހަމަޖެހުނީ ކޮޓަރީގެ ވާތް ފަރާތުން ނިކުމެވެން ހުރި ބޮޑު ބެލްކަނި ފެނުމުންނެވެ.
ކޮޓަރިއަށް ވަތް ގޮތަށް ރީވާ ގޮސް ސޯފާގައި ޖައްސާލައިފި އެވެ. އަދި އޭނާގެ ފޯނު ނަގައިގެން ފޮޓޯ ނަގާފައި ތިމަންނަ ސްނެޕް ކުރަނިކަމަށް ބުނެލިއެވެ. މަލަކް ވެސް އޭނަގެ ކެމެރާ ބޭގަށް ލާފައި އޭތި ރައްކާތެރި ކަމާއެކު ކޮޓަރީގައި ހުރި މޭޒެއް މަތީ ބޭއްވުމަށް ފަހު ގޮސް އެތަނުން ބެލްކަންޏާ އެންމެ ގާތުގައި ހުރި އެނދުގައި އިށީނެވެ. އެއާއެކު ވެފައި ހުރި ވަރުބައްޔާއެކު މަލަކް އެނދުގައި އޮށޯވެ ދެލޯ މަރާލެވުނެވެ.
"އޭ ކާކުތަ އެއީ މިއަދު މަލް ގައިގަ ހިފަހައްޓައިގެން ހުރީ. ޑޫ ޔޫ ނޯ ހިމް؟" ރީވާ ސުވާލުކޮށްލިއެވެ. އެއާއެކު ކުއްލިއަކަށް ދެލޯ ހުޅުވާލަމުން މަލަކް ލުތްކެއް ޖަހާފައި ތެދުވެ އެނދުގައި އިށީންދެވުނެވެ. އޭރު ރީވާ ނިކަން ޝައުގުވެރިކަމާއެކު އޭނައާ ދިމާލަށް ބަލަހައްޓައިގެން ސޯފާގައި އޮތެވެ.
"ނޫން. ނޭނގެ އެއީ ކާކުކަމެއް. އޭނަ އަހަރެން ވެއްޓެން އުޅުނީމަ ހިފެހެއްޓީ. ދެޓްސް އިޓް." މަލަކް އަވަސް އަވަހަށް ޖަވާބުދިނެވެ. ސަބަބަކީ އޭރު ރީވާ ގެ ތުންފަތްމަތީގައިވި ލާނެތް ހިނިތުންވުމެވެ. ރީވާ ހުންނާނީ އޭނައާ ފިރިހެންކުއްޖަކާ އެކުގައި ނުފެނިގެންނެވެ. އެއީ މިހާތަނަށް މަލަކް އެއުމުރުގެ އެހެން ކުދިން ފަދައިން ކުއްޖަކާ ރައްޓެހި ނުވާތީ އެވެ. އޭނައަށް ކަމުދާ ކަހަލަ ކުއްޖަކު ހޯދައިދޭން ވެސް ރީވާ ވަނީ މީގެ ކުރިން މަސައްކަތްކޮށްފަ އެވެ. ނަމަވެސް އެއީ މަލަކް ގަޔާވާ ކަމެެއް ނޫނެވެ. އޭނަގެ މާމަ ދުނިޔޭގައި ހުރި އިރު ދިން ނަސޭހަތްތަކުގެ ސަބަބުން ކަމަށްވެސއ ވެދާނެއެވެ. އަބަދުވެސް އެފަދަ ވާހަކައެއް ދެކެވެމުން އޭނަ ހަނދާންވަނީ މާމަގެ ނަސޭހަތް ތަކެވެ.
"އެހެންތަ؟ ދެން ކީއްވެ މަލް އެވަރަކަށް އޭނައަށް ބެލީ؟" ރީވާ ލާނެތް ހިނިތުންވުމަކާއެކު ސުވާލުކޮށްލިއެވެ. "ޑޯންޓް ޓެލް މީ.... މަލަކަށް ރީތި ވީތަ އޭނަ؟"
"ވަޓް؟ ނޯ އެއީ އޭނަ ހަމަ ދަންނަ މީހަކާ ވައްތަރުވިހެން ހީވީމަ. ޕްލީޒް ތި ހީކުރާކަހަލަ ކަމެއް ނޫނޭ..." ރީވާ ބަލަން ހުރި ގޮތުން މަލަކަށް އަވަސް އަވަހަށް ޖަވާބު ދެވުނެވެ. މިވީ ގޮތުން އޭނައާ ދިމާކުރަން ރީވާއަށް ރަނގަޅު ފުރުސަތެއް ލިބުނީއެވެ.
"ހޫން ދެން ތިހެން ކިޔާ. ހީ ލުކްޑް ޑީސެންޓް އިނަފް. މަލްއާ ގުޅޭނެ. މިރަށުގަ އުޅޭ މަލްގެ ފްރެންޑާ ވާހަކަ ދައްކައިގެން އެކަމާ އުޅެން ވީނު. އޭރުން ޔަގީން މިދަތުރު ފޫއްސެއް ނުވާނެ." ރީވާ ބުނެލިއެވެ. އެއާއެކު މަލަކް ވަގުތުން ބޯހޫރުވާލިއެވެ.
"ނޯ ރީވް ޕްލީޒް. އަހަރެން މިރަށަށް އައީ އެކަހަލަ ކަމެއްގައެއް ނޫން. އެކަހަލަ ކަމެއް ކުރީމަތަ ފޫހި ފިލަނީ؟ ވީ ހޭވް އަދާރ ވޭޒް ޓު އެންޖޯއި. ރީވް ވެސް މިއަދު މިރަށުގެ ތުނޑި ބަލަން ގޮއްސަ އުޅޭނެ މަޖާވެގެން ބަލައްޗޭ" ދެކެވެމުން ދިޔަ ވާހަކައިގެ މިސްރާބު ބަދަލުކޮއްލަމުން މަލަކް ބުނެލިއެވެ.
"މިއަދު ތަ ތުނޑިއަށް ދަނީ. މަލް އޯކޭ ވާނެތަ އޭރަށް ވާއިރަށް؟" ރީވާ އަހާލިއެވެ.
"ހޫމް. މިގަޑީ ރެސްޓްކޮށްލީމަ އޯކޭވާނެ." މަލަކް އެހެން ބުނެފައި އަނބުރާ އެނދުގައި އޮށޯތެވެ. ރީވާ ވެސް އިތުރު ވާހަކައެއް ދެއްކުމެއް ނެތި ސޯފާގައި ފޯނާ ކުޅެން އޮތުމުން މަލަކް ވެސް އަރާމުކޮށްލުމުގެ ބޭނުމުގައި ދެލޯ މަރާލި އެވެ. އެއާއެކު އޭނާ ހައިރާންވީ އެޒުވާނާގެ ތަސްވީރު ލޮލަށް ސިފަވުމުންނެވެ.
"ރައުފަލް" މަލަކަށް ހިތާއި ހިތުން ކިޔާލެވުނެވެ. ހާދަ ދަންނަ ނަމެކެވެ. ހާދަ ދަންނަ ގޮތެއް މޫނެކެވެ. ނަމަވެސް ކޮންތާކުން ހެއްޔެވެ؟ ކޮން އިރަކު ހެއްޔެވެ؟ ރައުފަލް އަކީ ކާކުކަން ހޯދުމުގެ ޝައުޤުވެރިކަމެއް މަލަކްގެ ހިތުގައި އުފެދުނެވެ.
.......
"އަތް އިސްކުރުމެއް ނޫން ހައްލަކީ. އޭނަ ދުލުން ކޮންމެ އެއްޗެކޭ ބުންޏަސް އޭނަ އައިކްއަށް ހަމަލާއެއް ނުދޭހާ ހިނދަކު އައިކް ވެސް ނުވާނެ އަތް އިސްކޮށްގެން. އައިކް ދަރިފުޅު ކުއްވެރި ކުރަނީ އެއް ނޫން. މީ ބޮޑުބެ ދޭ ނަސޭހަތެއް" ގެސްޓް ހައުސްގެ އިދާރީ ބައިގައި ހުރި ތަނަވަސް ކެބިންތެރޭ ހުރި ހާޝިމް ބުނެލިއެވެ. އޭނާގެ ކުރިމަތީގައި ހުރި ސޯފާގައި އައިކްގެ އިތުރުން ރައުފަލްވެސް އިނެވެ. އޭރު ހަމައަކަށް އެޅިފައި އިން އައިކް ހާޝިމް ދައްކަމުން ދިޔަ ވާހަކައަށް މަޑުމަޑުން ބޯޖަހާލިއެވެ.
"އެންމެ ރަނގަޅު ދެން. އަސްލު ތިދެކުދިން މިއަދު މި ގެނައީ ވަރަށް ބޮޑު ކަމެއް ތިކުދިންނާ ހަވާލުކުރަނީ ވެގެން" ހާޝިމް މައުލޫ ބަދަލުކޮށްލަމުން ބުނެލިއެވެ.
"މި އަހަރު ވަންދެއް ވަރަށް ގިނަ އަދަދެއްގެ މީހުން އެބަ އާދޭ މި ގެސްޓް ހައުސްއަށް. ގެސްޓުންނަށް ވުރެ ދިވެހިން ގިނައީ. އެމީހުންނަށް ހާއްސަކޮށް މިފަހަރު ޖެހިގެން އޮތް ފަޅުރަށަށް ދަތުރެއް ގެސްޓްހައުސްގެ ފަރާތުން ރާވާގޮތަށް ކުރިންވެސް ބޭބެ ޕްލޭން ކުރީ. އެކަމަކު އެކަހަލަ އިވެންޓް ކަންކަމުގަ އިސްކޮށް އުޅޭ ޒަރީރު މިވަގުތު ހުރީ ޗުއްޓީގަ. އެހެންވީމަ މިކަންތައް ރާވާ ކުރިއަށް ގެންދަން ތިކުދިންނާ ހަވާލުކުރަން ބޭބެ މި ވިސްނަނީ.. ވާނެތަ؟" ހާޝިމް އެހުރިހާ ވާހަކައެއް ދެއްކުމަށްފަހު ހިނިތުން ވުމާއެކު އެހިއެވެ.
"އާން ކީއްވެ ނުވާންވީ ދޯ އައިކް؟" އައި ޖޯޝުގައި ރައުފަލް އަށް ބުނެވުނެވެ.
"އާން އަހަރުމެންނަށް ވާނެ. އަސްލު އުޅުނީ މިކޮޅުގަ ތިބި ރައްޓެހިންނާއިއެކު ދަތުރެއް ރާވަން ކަމަށް. އެކަމަކު މިވީ މާ ރަނގަޅު ގޮތެއްނު." އައިކް ބުނެލިއެވެ. އޭނާވެސް ހުރީ ދެކެވެމުންދިޔަ ވާހަކައިގެ ޒާތުން މޫޑު ރަނގަޅުވެ ފައެވެ.
"އެންމެ ރަނގަޅު މި ވަގުތުން ވަގުތަށް ހަމަ ޕްލޭންކުރަންވީ އިނގޭނީ. ދަތުރު ދާން އަދި ހަފްތާއެއްހާ ދުވަސް އެބަ އޮތް. އޭރަށް ވާއިރަށް ހުރިހާކަމެއް ހަމަޖެއްސޭނެއެއްނު ދޯ؟ ފައިނޭންސްގަ މަސައްކަތްކުރާ މަރީ ކާރި ދަތުރަށް ބޭނުންވާ ބަޖެޓްގެ ވާހަކަ ބުނެލީމަ އެކަންތައް ހަމަޖެހޭނެ. ދެން ހުންނާނެ ފައިސަލް. އޭނައަށް ހުރިހާ ކަމެއް ކިޔާދީ. އޭރުން މިކޮޅުން ހަމަޖައްސަން ޖެހޭ ކަންކަން އޭނަ މުވައްޒަފުންނާ ވާހަކަ ދައްކައިގެން ހަމަޖައްސާނެ." ހާޝިމް އެހެން ބުނެފައި އިން ތަނުން ތެދުވެ އަތުކުރީގައި އޮތް ގަޑިއަށް ނަޒަރެއް ދިނެވެ.
"ތިކުދިން ބޭނުން އެކުވެރިން ވެސް މި ޕްރޮޖެކްޓްގެ ހިމަނަންވީ އިނގޭ. މިކަންތައް ނިމުނީމަ ރަނގަޅު އެއްޗެއް ވެސް ހުރިހާ ކުދިންނަށް ލިބޭނެ." ހާޝިމް ގެ އެޖުމުލަ ވެގެންދިޔައީ އެމީހުންނަށް ލިބުނު އިތުރު ހިތްވަރަކަށެވެ. ރައުފަލްއާ އައިކްވެސް ނިކަން އަވަހަށް ބޯޖަހާލިއެވެ.
"ބޭބެ މިގަޑީގަ ކުޑަކޮށް ބިޒީ. ތިކުދިން މިތާ ތިބެ މަސައްކަތް ފެށިޔަސް މައްސަލައެއް ނެތް. މެންދުރު ކެއުން ރެސްޓޯރެންޓުން ލިބޭނެ. ބޭބެ އެމީހުންގާތު ބުނެފަ އޮންނާނީ އައިކްއާ ރައުފަލް އަންނާނެ ވާހަކަ. ދެން ބޭބެ ދިޔައީ އިނގޭ." ހާޝިމް އެހެން ބުނެފައި އިތުރަށް މަޑުކުރުމެއް ނެތި ކެބިން އިން ނުކުމެގެން ދިޔައީއެވެ.
"އޭތް ހިނގާ އަވަހަށް މިކަމާއިގެން އުޅެން. ރިފާހުއާ ސާޖިދަށްވެސް ގުޅާ." ހާޝިމް ދިޔުމާއެކު ރައުފަލް ޖެހިގެން ހުރި އައިކްއަށް ބުނެލިއެވެ.
އޭގެ ތިރީހަކަށް މިނެޓުފަހުން މެންދުރު ނަމާދުން ފައިބައިގެން ރައުފަލް އާއި އައިކް ގެސްޓްހައުސްގެ ހާމަ ޓެރަހުގައި ހުރި ރެސްޓޯރެންޓަށް ވަދެގެން ދިޔައެވެ. މެންދުރުގެ ކެއުމަށް އިންސާފު ކުރުމަށްޓަކާ އެދެމީހުން ބޮޑު ކުޑައަކުން ހިޔާކޮށްފައި ހުރި މޭޒެއް ދޮށުގައި އިށީނެވެ. އިށީނުމާއެކު ވަގުތުން ވެއިޓަރަކު އައިސް ދެ މެނޫ މޭޒުމަތީގައި ބޭއްވި އެވެ.
"ރިފާހުއާ ސާޖިދު އަންނާނެ ގެއަށް ދޭއް ޖަހާކަން ހާއިރު. އޭރުން ހުރިހާ ކަމެއް ފެށީމަ ރަނގަޅުވާނެ." އައިކް އޭނަގެ ކުރިމަތީގައި އޮތް މެނޫ ނަގަމުން ބުނެލިއެވެ.
"އެ ޒާދިން މިފަހަރު ރަށުގައޯ ހުންނަނީ. އޭނަވެސް އަންނާނެ. މިދަތުރު ވާނެ މަޖާ ދަތުރަކަށް" ރައުފަލް ހެވިފައި އިނދެ ބުނެލިއެވެ.
މެންދުރުގެ ކެއުމަށް އޯޑަރުކޮށްފައި ވެސް އެކަމުގައި ދެކެވުނީ ދަތުރުގެ ވާހަކައެވެ. އެމީހުން ރާވަން ނިންމާފައިވާ ކަންކަމުގެ ވާހަކައެވެ. ނަމަވެސް އެ ވާހަކައިގައި މާގިނައިރަކު އެދެމީހުންނަކަށް ނުތިބެވުނެވެ. ރައުފަލް ގެ ފޯނު ރިންގުވާން ފެށި ވަގުތު އެމީހުން އޯޑަރު ކުރި ކާއެއްޗިހި ވެސް އަތުވެއްޖެ އެވެ.
"ބައްޕަ އެ ގުޅަނީ" ރައުފަލް ޖީބު ނަގައި ފޯނުގެ ސްކްރީނަށް ނަޒަރު ހިންގާލަމުން ބުނެލިއެވެ. ބައްޕަ ގުޅާނީ މުހިންމު ކަމެއްގައި ކަން އެނގިހުރެ ރައުފަލް އަވަހަށް ފޯނު ނަގައި ކަންފަތުގައި ޖައްސާލިއެވެ.
"ގެއިން ނިކުމެގެން ގޮސް މާ އާސުމާނުގަ ހުރި ގެއެއްގަ އެއްރޭ ނިދުނީމަ ހީކުރަނީތަ އަހަރުމެން މީ ނެތްބައެކޭ؟ ކަލޭގެ ބައްޕަ އެބަ އޮތް ހޮސްޕިޓަލުގަ އެޑްމިޓްކޮށްފަ. ދެންވެސް އަވަހަށް އަންނަންވީ މިތަނަށް" ފޯނު ނެގުމާއެކު އިވިގެން ދިޔައީ ދޮންމަންމަގެ ރުޅިވެރި އަޑެވެ.
ނުނިމޭ
0%
0%
0%
0%
0%
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
9 އެޕްރީލު 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
22 އެޕްރީލު 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
7 މޭ 2024
0