24 ސެޕްޓެންބަރު 2024
0
"ގެއިން ނިކުމެގެން ގޮސް މާ އާސުމާނުގަ ހުރި ގެއެއްގަ އެއްރޭ ނިދުނީމަ ހީކުރަނީތަ އަހަރުމެން މީ ނެތްބައެކޭ؟ ކަލޭގެ ބައްޕަ އެބަ އޮތް ހޮސްޕިޓަލުގަ އެޑްމިޓްކޮށްފަ. ދެންވެސް އަވަހަށް އަންނަންވީ މިތަނަށް" ފޯނު ނެގުމާއެކު އިވިގެން ދިޔައީ ދޮންމަންމަގެ ރުޅިވެރި އަޑެވެ.
ބައްޕަ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި އޮތް ވާހަކަ އިވުމާއެކު ރައުފަލްއަށް އިން ތަނުން ތެދުވެވުނެވެ. އެވަގުތު ވެސް ދޮންމަންމަ ފޯނުގެ އަނެއްކޮޅުން ވާހަކަ ދައްކާ އަޑުއިވިއިވި ހުއްޓެވެ. ނަމަވެސް އެކަމަށް ސަމާލުކަމެއް ދިނުމެއް ނެތި ރައުފަލް ފޯނު ކަނޑާލީ ވަގުތުން ވަގުތަށް ބައްޕައަށް ވީގޮތެއް އޮޅުންފިލުވައި ބައްޕަ ގާތަށް ދާން އޭނަގެ ހިތް އަވަސްވެފައި ހުރިވަރުންނެވެ.
އައިކްއަށް ވީގޮތް ކިޔާދީފައި ރައުފަލް ހަލުވި ފިޔަވަޅުތަކެއްގައި ރެސްޓޯރެންޓުން ނިކުމެ ލިފްޓަށް އެރިއެވެ. އައިކް ކާރުގައި ދާން މަޑުކުރާށޭ ބުނި ނަމަވެސް ރައުފަލް މަޑެއް ނުކުރިއެވެ. ހާސްވެފައި ހުރި ވަރުން އޭނައަށް ހިނގާފައި ގެސްޓްހައުސްއާ މާ ދުރުގައި ހުރި ހޮސްޕިޓަލަށް ދިޔުމަކީ ކިހާ އުނދަގޫވާނެ ކަމެއް ކަންވެެސް ރައުފަލް ހަނދާނެއް ނެތް ފަދައެވެ.
ފައިމަގުގައި ރައުފަލްއަށް ހޮސްޕިޓަލާ ހަމައަށް ދެވުނީ ގެސްޓްހައުސްއިން ނިކުތްތާ ވިހި މިނެޓު ފަހުންނެވެ. ގަދަ އަވީގައި ހިނގުމުގެ އިތުރުން ހިތް އަވަސްވެފައި ހުރުމުގެ ސަބަބުން ރައުފަލްގެ ނިތުން ދާކިތިތައް ވިދަމުން ދިޔައެވެ. ހޮސްޕިޓަލުގެ ދޮރުން އެތެރެއަށް ވަދެގެން ދިޔަ ދިޔަހެން ފިނިކަމެއް އިހުސާސު ވެގެން ދިޔައީ ހޮސްޕިޓަލުގެ ތެރޭގައި ހަރުކުރެވިފަައިވި އޭސީތަކުންނެވެ. ރައުފަލް އަވަސް ފިޔަވަޅުތަކެއްގައި ހޮސްޕިޓަލުގެ އެމެޖެންސީ ރޫމް ދިމާލަށް ދިޔައެވެ. ނަމަވެސް ރައުފަލް އެމެޖެންސީ ރޫމާ އަރާ ހަމަވި ތަނާ އެމަޖެންސީ ރޫމްގެ ކުރިމަތީގައި ހުރި ގޮނޑިބަރިއެއްގައި އިށީންދެގެން އިން ތަން ފެނުނީ އޭނަގެ ބައްޕަ އެވެ. ބައްޕައާ ޖެހިގެން ހުރި ގޮނޑީގައި ދޮންމަންމަވެސް އިނެވެ.
ބައްޕަގެ ގޮނޑި ކާރިއަށް ހުއްޓެމުން ރައުފަލް ބައްޕާއޭ ކިޔާ ގޮވާލުމުން ބައްޕައާ އެކުއެކީގައި ދޮންމަންމަވެސް ފަހަތަށް އެނބުރުނެއެވެ.
"ދަރިފުޅު މިތާ ކީއްތި ކުރަނީ؟" ރައުފަލް ފެނުމުން ހައިރާންވެފައި ހުރި ބައްޕަ އަހާލިއެވެ.
"ބައްޕަ އެޑްމިޓްކޮށްފަ އޮތް ވާހަކަ އިވުނީމަ މި އައީ. ބައްޕައަށް ކިހިނެއްވީ؟ މިހާރު ދޫކޮށްލީތަ؟" ރައުފަލް ވެސް އޭނަގެ ހިތުގައިވި ސުވާލު ކުރިއެވެ. ހަމައެއާއެކު އޭނައަށް ގުޅައި ބައްޕަ އެޑްމިޓްކޮށްފައި އޮތް ވާހަކަ ބުނި ދޮންމަންމަ އަށް ނަޒަރެއް ދެވުނެވެ. އެހިނދު އާދައިގެ މަތިން އެމޫނުމަތިން ފެންނަމުން ދިޔައީ ނުރުހުންތެރިކަމެވެ.
"ކާކު ބުނީ ބައްޕަ އެޑްމިޓްކޮށްފައޭ؟" ބައްޕަ އެހެން ބުނެފައި ކަމަކާ ވިސްނާފަދައަކުން ދެބުމަ ކާރިކޮށްލިއެވެ. އޭގެ ދެވަނަ ސިކުންތުގައި ދޮންމަންމައާ ދިމާލަށް ބައްޕަ އެނބުރުނެވެ.
"ޒަމީރާ ކީއްކުރަން އެހެން ބުނީ؟ އަހަރެން ބުނިން ދޯ އެސޮރަށް ގުޅާނެ ކަމެއް ނެތޭ." ވީގޮތް އޮޅުންފިލުމުން ބައްޕަ އެހެން ބުނެލީ ނުރުހުންތެރިކަމާއެކު އެވެ.
"ބަލަ ރަމީޒަށް ކަމެއް ވީމަ ރަމީޒުގެ ދަރިން އަންނަން ޖެހޭނެއޭ. ރަމީޒަށް ކޮންމެ ހާލެއް ޖެހުނަސް އޭނަ ކުޅެ މަޖާނަގާ ސަކަރާތްޖެހުމުގަ އުޅޭކަށް ނުޖެހޭނެ" ދޮންމަންމަގެ އަޑު ބާރުވެގެން ދިޔައެވެ.
"އަހަންނަކަށް މާ ބޮޑު ކަމެއް ނުވެއެއްނު. ދަރިފުޅާ ބައްޕަ ފައި މައްޗަށް ބަރު ފިލާގަނޑެއް ވެއްޓިގެން ބޭސް އަޅަން ހޮސްޕިޓަލަށް އައީ. އެހާ ބޮޑުކަމެއް ނުވޭ. ދަރިފުޅު ދިޔަސް ރަނގަޅުވާނެ.. ބޮޑުބޭބެ ވެސް އެބަ އުޅޭ. ވެއްޖެ ބޭސްނަގަން ގޮސް." ދޮންމަންމައާ ދިމާލަށް ހިތްހަމަނުޖެހުމުގެ ރާގަކަށް އެހެން ބުނުމަށް ފަހު ކަންވީ ގޮތް ރައުފަލް އަށް ބައްޕަ އޮޅުންފިލުވައި ދިނެވެ.
ރައުފަލް އަށް ހަމަޖެހުމުގެ ނޭވާއެއް ލެވުނީ ދެނެވެ. އޭނަ ހުރީ ބައްޕައަށް ބޮޑު ކަމެއް ވީކަމަށް ހިތައި އިންތިހާއަށް ހިތް ބިރުގަނެފައެވެ. ނަމަވެސް ބައްޕަ ސައްހަސަލާމަތުން ހުރިކަން އެނގުމުން އޭނަގެ ހިތަށް ތަސައްލީއެއް ލިބުނެއެވެ.
"އާން އޭނަ ބަހައްޓާ ދޮންފުތު ކޮށްފަ" ދޮންމަންމަ ރުޅިވެރިކަމާއެކު އެހެން ބުނުމުން ބައްޕަ ދޮންމަންމަގެ ނަމުން ބާރަށް ގޮވާލިއެވެ.
"މިތާ އަޑުގަދަ ކުރަން ނަހަދަބަލަ. މީހަކު ރުޅި އަންނަންޏާ އަންނަން ޖެހޭނެ މީހަކީ އަހަރެން. ޒަމީރާ ތި ހުރީ މާ ރަނގަޅު ކަމެއް ކޮށްގެންނެން ނޫނޭ.." ބައްޕަ އެހެން ބުނީ މަޑު އަޑަކުން ނަމަވެސް ރައުފަލް އަށް އެ އަޑު އިވުނެވެ. ބައްޕަ ހިތްހަމަނުޖެހުމުން ދޮންމަންމަ އިތުރު އެއްޗެއް ނުބުނެ މޫނުކުނިކޮށްގެން ހުރެ އަނެއް ފަރާތަށް އެނބުރުނެވެ.
"ދަރިފުޅު ދިޔަސް ބައްޕަގެ އެއްވެސް މައްސަލައެއް ނެތް. ކަމެއް ކުރަން ހުރެފަތަ ތި އައީ؟" ބައްޕަ އަނެއްކާވެސް ރައުފަލްއާ ދިމާލަށް އެނބުރެމުން ބުނެލިއެވެ.
"ނޫން. އަޅުގަނޑު ދާނީ ބައްޕައާ އެއްކޮށް ގެއަށް ވަދެލާފަ. އެންމެ ރަނގަޅުތަ؟" ރައުފަލް އޭނަ ބޭނުންވާ ގޮތް ހާމަކުރިއެވެ. ބައްޕަ އެކަމާ ދެކޮޅުހެދުމެެއް ނެތި ބޯޖަހާލަމުން ރައުފަލް އެތަނުން ބައްޕައާ ޖެހިގެން ހުރި ގޮނޑިއެއްގައި އިށީނެވެ. ރައުފަލް ބައްޕަ ގާތުން ބައްޕަގެ ފަޔަށް ވީގޮތް އޮޅުންފިލުވަން ފެށި ވަގުތު ބޮޑުބޭބެ ރިޒާ ބޭސްކޮތަޅެެއް ހިފައިގެން އައެވެ. ބޮޑުބޭބެއާ އެއްކޮށް ހުރި ރާޔާއަށް ރައުފަލް ފެނުމުން ދުވެފައި ރައުފަލް ގާތަށް ދިޔައެވެ.
ރައުފަލް ބައްޕަ މެންނާއެކި ގެއަށް ދިޔަ މަގުމަތީގައި އައިކް ގުޅިއެވެ. ރައުފަލް ވެގެން އުޅޭގޮތް ކިޔައި ދިނުމަށް ފަހު އޭނަ ފަހުން އެގެއަށް ދާނެކަމަށް ބުނެލިއެވެ. ރައުފަލް އެފޯނުކޯލަށް ފަހު ފޯނު ޖީބަށް ލީވަގުތު ދޮންމަންމަގެ ނަޒަރު އޭނައަށް އަމާޒުވެފައި ހުރި ތަނެއް ނުފެނުނެވެ.
އެމީހުންނާއެކު ގެއާ ހަމައަށް އައި ބޮޑުބޭބެވެސް އައެވެ. ކޮރެއް ޖަހަމުން ހިނގަމުން ދިޔަ ބައްޕައަށް ހިނގަށް ފަސޭހަކޮށް ދިނުމަށްޓަކައި ބޮޑުބޭބެ ބައްޕައަަށް އެހީތެެރިވަމުން ދިޔައެވެ. ނަމަވެސް ގެއާ ހަމައަށް އާދެވުމުން ބޮޑުބޭބެ ތަނަކަށް ދާން ލަސްވެފައި ހުރި ވާހަކަ ބުނެފައި ދިޔުމުން ގޭތެރެއަށް ވަންނަން ބައްޕައަށް އެހީތެރިވީ ރައުފަލް އެވެ. ބައްޕަ ގޮސް ކޮޓަރިއަށް ވަދެ އެނދުމަތީގައި އިށީނުމުން ބައްޕައާ ޖެހިގެން ރާޔާވެސް އިށީނެވެ. ބައްޕައާ އިރުކޮޅަކު ވާހަކަ ދައްކަން ހުރެފައި ރައުފަލް ވެސް އައިކްގެ ގެއަށް ދިޔުމަށްޓަކައި ނިކުތީ ކަމަކު ޖެހިއްޖެ ނަމަ އޭނައަށް ގުޅުމަށް ބައްޕަ ގާތު އެދިފައެވެ.
ރައުފަލް އެކޮޓަރިން ނިކުމެ ގެއިން ނިކުންނަން ހިނގައިގަތް ތަނާ ބަދިގެތެރޭގައި ހުރި ދޮންމަންމަ ބަދިގޭގެ ދޮރުން ބޯ ދިއްކޮށްލިއެވެ.
"އަނެއްކާވެސް ދަނީ ދޯ؟ މިހާރު އަގު ބޮޑު ފޯނަކާ ރީތި ހެދުންވެސް ލިބޭދޯ؟ ކަލޭގެ މަންމަ ކާރީގަ އުޅެބޮޑުވި ނަމަ އެހުރިހާކަމެއް އަބަދުވެސް ވާނެ. އެކަމަކު ކީއްކުރާނީ. ތީ އޭނަ ބޭނުންނުވެގެން އެއްލާލި ދަރި ވިއްޔަ" ހަމައެކަނި ރައުފަލްއަށް އަޑުއިވޭވަރަށް ދޮންމަންމަ ބުނެލި ވާހަކަ އިވިފައި ގެއިން ނިކުމެ ނިކުމެ ހުރި ރައުފަލްގެ ދެފައިގައި ތަޅުއެޅުވުނެއެވެ. ލަސްލަހުން ދޮންމަންމައާ ދިމާލަށް ރައުފަލް އެނބުރުނީ ސުވާލުގެ ނަޒަރަކުން ނެވެ.
"ކޯންޗެއް މަންމައާ ބެހޭގޮތުން އެނގެނީ؟" ރައުފަލްއަށް އެހެން އަހާލެވުނީ ހިސާބެއްގެ ނުރުހުންތެރިކަމާ އެކު އެވެ. ދޮންމަންމަ އޭނައަށް ހެޔޮ އެދިގެން އެއްވެސް ވާހަކައެއް ނުދައްކާނެކަން އެނގުނު ނަމަވެސް އޭނަގެ މަންމައާ ބެހޭގޮތުން ދޮންމަންމައަށް އެނގެނީ ކިހާ މިންވަރަކަށްތޯ ބަލަން ރައުފަލް ބޭނުންވިއެވެ.
"މަށަށް ނޭނގި ހުންނާނެތަ؟ ބަލަ ކަލޭގެ ބައްޕަ ކިޔާނުދިނަސް މަށަށްވެސް ކަންކަން ކިޔާދޭނެ މީހުން ވެޔޭ. އޭރު ކަލޭގެ ބައްޕައާ ގާތް މީހަކު ބުނީ އެއީ މުއްސަނދި އާއިލާއެއްގެ އަންހެނެކޭ. އަދި އެނގޭތަ. އޭނަ ކަލޭ ބައްޕަ ކާރިން ވަރިވީ އެހެން މުއްސަންޖަކާ ހިތާވެގެން." ދޮންމަންމަގެ މޫނުމަތީގައިވީ ނުލަފާ ހިނިތުންވުމެކެވެ. ރައުފަލްއަށް އޭނަގެ މަންމައާ ބެހޭ ގޮތުން ދޮންމަންމަ ދެއްކި ވާހަކަތައް އެއްގޮތަކަށް ވެސް ގަބޫލުކުރެވޭ ގޮތެއް ނުވިއެވެ. އޭނަގެ މަންމައަކީ އެފަދަ ގޯސް މީހަކަށް ނުވާނެ ކަމަށް އެވަގުތު ތަކުރާރުކޮށް ރައުފަލް ގެ ހިތް ބުންޏެވެ. އެހެނަސް މަންމަ ދިފާއުކުރަން ބޭނުންވި ނަމަވެސް ދޮންމަންމަ ކުރިމަތީގައި ބުނާނެ އެއްޗެއް ރައުފަލް އަށް ނޭނގުނީ ހުދު އޭނައަށް ވެސް މަންމައާ ބެހޭ ގޮތުން މާބޮޑު އެއްޗެއް އެނގިފައި ނުވާތީއެވެ.
"ގަބޫލެއް ނުކުރެވޭދޯ؟ ގަބޫލުނުކުރިޔަސް މަށަށް ކޮން ކަމެއް. މަށަށް އެނގޭ އެއްޗެއް މަ މި ބުނީ. އަދި ބުނަން އެ އައިކްގެ ގޭގަ އުޅުނަސް ކަލޭގެ ފެންވަރު ހަނދާންނައްތާ ނުލާތި. އަގުބޮޑެތި ފޯނާ ރީތި ހެދުން ލިބުނަސް އެންމެންނަށްވެސް ކަލޭ ތީ ކާކުކަން އެނގޭ. ޗުއްޓީ ހަމަވާއިރަަށް ކަލޭ އަންނަން ޖެހޭނީ ހަމަ މިގެއަށް." ދޮންމަންމަ ރުޅިވެރިކަމާއެކު އެހެން ބުނެފައި ބަދިގެތެރެއަށް ވަދެގެން ދިޔައެވެ.
ދޮންމަންމަ ދިޔުމުން ވެސް ރައުފަލްއަށް އިރުކޮޅެއް ވަންދެން ގޭގެ ދޮރުމަތީގައި ހުރެވުނެވެ. ދޮންމަންމަ އެވާހަކަތައް ދެއްކީ އޭނަ މިދުވަސްކޮޅު އައިކްގެ ގޭގައި އުޅޭތީކަން ރައުފަލްއަށް އެނގެއެވެ. އޭނައަށް ރަނގަޅު ކަމެއް ވެއްޖެ ނަމަ އެކަމާ ހަސަދަލުމަކީ ދޮންމަންމަގެ އާދައެވެ. އެކަން އެނގިހުރެވެސް ރައުފަލް އަށް ދޮންމަންމަ ދެއްކި ވާހަކަ ތަކާއި މެދު ވިސްނުނެވެ. އެއީ ތެދަކަށް ވެދާނެތޯ އެމަދު ސިކުންތުކޮޅުގައި ހާސް ފަހަރު އޭނާގެ ހިތް ސުވާލުކުރިއެވެ.
ނަމަވެސް އޭގެ ދެވަނަ ސިކުންތުގައި ރައުފަލް ބޯ ހޫރުވާލީ އޭނަގެ ސިކުނޑީގައި އެނބުރެމުން ދިޔަ ހިޔާލުތައް ވެސް ފޮޅާލާފަދައަކުންނެވެ. މާޒީގައި ކޮންމެ ގޮތަކަށް ކަންތައްވެފައި ހުއްޓަސް އޭނައަށް ކޮންކަމެއްހޭ ބުނެ ރައުފަލް އަމިއްލަ ނަފްސަށް ވިސްނައިދިނެވެ. އޭނައަށް އަޅާނުލާ މި ހުރިހާ އަހަރުދުވަހު ހުރި މަންމައަކާ ބެހޭގޮތުން ވިސްނައި ބޯގޮއްވުމަކީ ބޭކާރު ކަމެކެވެ. އަނެއްކާ ދޮންމަންމަ ދައްކާހާ ވާހަކައަކާއި މެދު ވިސްނަން ވެއްޖެ ނަމަ އޭނަގެ ސިކުނޑި ވެސް ގޮވާފާނެއެވެ. އެއަށްވުރެ މުހިންމު ކަންކަން އޭނަ ކުރަން އެބަހުއްޓެވެ. ދޮންމަންމަ ބުނިފަދައިން ޗުއްޓީ ނިމުމުން އޭނަ އެނބުރި އަންނަން ޖެހޭނީ އެގެއަށެވެ. އަނެއްކާވެސް ދޮންމަންމަގެ ނުރުހުންތެރި ބަސްތަކާއި ގޭތެރޭގެ ހަމަޖެހުން ނަގާލާ ޒުވާބުތައް އިވި އިވި އޭނަގެ ބޮލަށް އުނދަގޫވާނެއެވެ. އެހެންކަމުން އޭނައަށް ލިބިފައިވި މި ބޮލަށް ފަސޭހަ ހަމަޖެހޭ ދުވަސްކޮޅުގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފޭނީ ބޭކާރު ކަންކަމާ ވިސްނުމުން ދުރުވެގެން ކަމަށް ރައުފަލް އަމިއްލަ ނަފްސަށް ވިސްނައި ދެމުން ގެއިން ނިކުމެގެން ހިނގައިގަތީ ވަރުގަދަ އަޒުމަކާ އެކުގައިއެވެ.
........
އެދުވަހުގެ ހަވީރު ހަތަރުގަޑި ބައި ވަމުންދިޔަ ވަގުތު މަލަކް ހުރީ ގެސްޓްހައުސްގެ ކުރިމަތީގައި ހުރި ބިޔަ ގަހެއްގެ ދޮށުގައެވެ. ގަދަ ފިޔާތޮށި ކުލައިގެ އަތްދިގު ކަކުލާ ހަމައަށް އޮތް ހެދުމަކާއި ޖިންސެއްގައި ހުރި އިރު މަލަކްގެ ފަން އިސްތަށިގަނޑު އޮތީ މިނިވަންކަމާއެކު ފަހަތަށް ދޫކޮށްފައެވެ. ބޭރަށްދާން ތައްޔާރުވެގެން ހުރި މަލަކްގެ ކަރުގައި އޭނަގެ ކެމެރާ ވެސް އަޅުވާލެވިފައި އޮތެވެ. މަލަކް އެހެން ހުރި އިރު އޭނަގެ އަތުގައި އޮތް ފޯނަށް އިރުއިރުކޮޅާ ބަލަމުން އެމަގުގެ ދެފަރާތަށް ނަޒަރެއް ދެމުން ދިޔައީ މީހެއްގެ އިންތިޒާރުގައި ހުރި ފަދައަކުންނެވެ.
މަލަކް އަނެއްކާވެސް ފޯނަށް ނަޒަރެއް ދީފައި މަގުގެ ކަނާތްފަރާތަށް ނަޒަރެއް ދިން ވަގުތަކީ އެމަގަށް އަންހެން ކުއްޖަކު ލަނބާލި ވަގުތެވެ. ކަޅުކުލައިގެ ކަކުލާ ހަމައަށް އޮތް ހެދުމަކާއި ޝޯލްއެއްގައި ހުރި އެކުއްޖާ ފެނުމުން މަލަކަށް ހިނިތުންވެވުނެވެ. ފޮޓޯގަނޑަކުން މީގެ ކުރިންވެސް އޭނައަށް ފެނިފައިވާ އޭނަގެ އާއެކުވެރިޔާއަށް މަލަކް އަތުން ހަނާއަޅާލިއެވެ.
"މަލަކް. ސޮރީ އިނގޭ ލަސްވީމަ. ވަރަށް ގިނައިރު ވަންދެން މަޑުކުރަން ޖެހިއްޖެ ދޯ" މަލަކްގެ އާ އެކުވެރިޔާ ކަމަށްވާ އުލްފާ އައިސް އޭނަގެ ކުރިމަތީގައި ހުއްޓެމުން ހިނިތުންވުމަކާއެކު އަހާލިއެވެ. އެއަޑުގައިވި އެކުވެރިކަމާއި ހިތްހެޔޮ ރާގުން އުލްފާއާ ގާތް ކަމެއް މަލަކަށް އިހުސާސު ކުރެވުނެވެ.
"ނޫނޭ އެހާ ގިނަ އިރެއް ނުވޭ އަދި. ތުނޑިއަށް ދާހިތުން މާއަވަހަށް ވިއްޔަ ނިކުމެ މި ހުރެވުނީ" މަލަކް ފުރިހަމަ ހިނިތުންވުމެއްގައި ބުނެލިއެވެ.
"އެހެންވިއްޔާ ލަސްނުކޮށް ހިނގާ އަވަހަށް" އުލްފާ އެހެން ބުނެފައި ހިނގައިގަންނަން އުޅުމުން ރީވާގެ މަތިން މަލަކް ހަނދާންވިއެވެ. އަވީގައި ތިމަންނަ އަކަށް ނުހުރެވޭނެ ކަމަށް ބުނެފައި ރީވާ މަޑުކޮށްގެން ހުރީ ގެސްޓްހައުސް ގެ ލޮބީގައެވެ. އަނބުރާ ގެސްޓްހައުސްއަށް ވަނުމެއް ނެތި މަލަކް ފޯނު ނަގައި ރީވާއަށް ގުޅާފައި ބޭރަށް ނިކުތުމަށް އެދުނެވެ. އޭގެ ދެތިން މިނެޓުފަހުން ރީވާ އައުމުން މަލަކް ރީވާއާއި އުލްފާ އެކަކު އަނެކަކަށް ތައާރަފްކޮށްދިނެވެ.
"މީ އަހަރެންގެ ކަޒިން ރީވާ. އަބަދުވެސް ޗުއްޓީގަ އަހަރުމެން އެކީގަ ތަންތަނަށް ދަނީ. އަސްލު އަހަރެންގެ ދޮންބެ ވެސް އައިސް އެބަ އުޅޭ އެކަމަކު މާ ވަރުބައްޔޭ ކިޔާފަ ދޮންބެ އެބަ އޮތް ނިދަން... ރީވް މީ އުލްފާ މައި ނިއު ފްރެންޑް" މަލަކް އޭނަގެ ކުރިމަތީގައި ތިބި ދެ އަންހެން ކުދިން އެކަކު އަނެކަކަށް ތައާރަފްކޮށްދިނުމުން އުލްފާ ހިނިތުންވެލިއެވެ. ނަމަވެސް ރީވާ މަސްނޫއީ ހިނިތުންވުމެއްގައި ހުރިތަނަ ފެނިފައި މަލަކް އަށް މަޑުމަޑުން ބޯހޫރުވާލެވުނެވެ. ރީވާ އަކީ އެހާ ފަސޭހައިން އަލަށް ބައްދަލުވާ މީހަކާއި އެކުވެރިވާ މިޒާޖުގެ މީހެއް ނޫނެވެ.
"އޯކޭ ހިނގާ ދާން ދޯ" އުލްފާ ކިތަންމެ އިރަކު ހުއްޓަސް ރީވާ އުލްފާ އަކާ އަނގައިން ނުބުނާނެކަން އެނގޭތީ މަލަކް ބުނެލިއެވެ. އުލްފާ އަށް ރީވާގެ ފަރާތުން މާބޮޑަށް ބީރައްޓެހިކަން އިހުސާސުކުރުވަން މަލަކް ބޭނުމެއް ނުވިއެވެ.
އެހެން ކަމުން ތުނޑިއަށް ދާން ތިން މީހުން އެކުގައި މިސްރާބުޖެހި އިރު އެންމެ ގިނައިން ވާހަކަ ދެއްކީ މަލަކްއެވެ. ރަށުގެ އެކިމަގުތަކުން ހިނގާފައި ދިޔަ އިރު އެރަށާއި ބެހޭގޮތުން މަލަކް އެކިއެކި ސުވާލު ކުރަމުންދިޔައެވެ. އުލްފާ އޭނަގެ ސުވާލުތަކަށް ޖަވާބުދިނުން ދިޔަ އިރު ދެތިން ފަހަރަކު ރީވާވެސް އެވާހަކައިގައި ބައިވެރިވި އެވެ. ނަމަވެސް ގިނަ ވަގުތު ރީވާގެ ސަމާލުކަން ހުއްޓިފައިވާ އޭނަގެ އަތުގައި އޮތް ފޯނަށެވެ. ދޭތެރެ ދޭތެރެއިން ފޯނާ ކުޅެމުން ހިނިތުންވަމުން ދިޔަ ގޮތުން ރީވާ މެސެޖުކުރަނީ ކާކަށް ކަން މަލަކްއަށް ފަހުމްވި އެވެ.
އެމީހުންނަށް ތުނޑިއާ ހަމައަށް ދެވުނު އިރު ފަހެއް ޖަހަން މާގިނަ ވަގުތެއް ނެތެވެ. ހުދުކުލައިގެ ކިރުކޮޅެއް ފަދަ ދޮންވެލިގަނޑާއި ބިއްލޫރިކޮޅެއް ހާ ސާފު މޫދު ފެނިފައި މަލަކް ވަގުތުން އޭނަގެ ކެމެރާގައި އެމަންޒަރުތައް ރައްކާކުރަން ފެށިއެވެ. ތުނޑީގައި އެވަގުތު ގިނައިން ފެންނަމުން ދިޔައީ ޒުވާން ޖޯޑުތަކެވެ. އަތުގުޅާލައިގެން އެއްބަޔަކު ރާޅުޖަހާ ހިސާބުގައި ހިނގަމުން ދިޔަ އިރު ކުނާ އަޅައިގެން ބިންމަތީގައި ބައެއް މީހުން ޕިކްނިކް ހަދައިގެން ވެސް ތިއްބެވެ.
"މީ މިރަށުގެ ކަޕްލް ސްޕޮޓްތަ؟" ދުރުގައި ތިބި ޒުވާން ޖޯޑަކަށް ބަލަހައްޓައިގެން ހުރެ ރީވާ ސުވާލުކޮށްލިއެވެ.
"ކައިންޑް އޮފް. ހަވީރު ގަޑީގަ މިތަނުން އާންމުކޮށް ފެންނަނީ ކަޕްލްސް. އެކަމަކު ވީކެންޑްތަކުގަ މެންދުރާ ހެނދުނު ފެމެލީތައް މިތަނަށް ދަތުރު ހަދައިގެން އަންނާނެ" އުލްފާ ކިޔައިދި ނެވެ. އެ ވާހަކަ ދެކެވެމުން ދިޔަ އިރު ޖިންސުގެ ދެފައިކުރި އޮޅާލައިގެން މަލަކް ހުރީ ކަކޫތާ ފެނަށް މޫދަށް އެރިއެވެ. އޭނަގެ ކެމެރާ ލޮލުގައި ޖައްސައިގެން ހުރެ މަލަކް ދިޔައީ އެ ރީތި މޫދުގެ ފޮޓޯގަނޑެއް ނެގޭތޯ މަސައްކަތްކުރަމުންނެވެ.
"އޯހް. ވަރަށް ސަޅި ވާނެދޯ މިތަނަށް ޑޭޓަކަށް އަންނަން؟" ހުވަފެނީ ދުނިޔެއެއްގައި ހުރި މީހެއް ފަދައިން ރީވާ އަހާލިއެވެ.
"ފެންނަ ފެނުމަށް ހީވަނީ އެހެންހެން." އުލްފާ ބުނެލިއެވެ. އޭނަ ވެސް ދުރުން ފެންނަމުން ދިޔަ ޒުވާން ޖޯޑަކަށް ބަލަހައްޓައިގެން ހުރި އިރު އެމޫނުމަތީގައިވީ ތަފާތު ހިނިތުންވުމެކެވެ.
ރީވާއާއި އުލްފާ ތިބި ގޮތް ފެނިފައި މަލަކަށް ބޯހޫރާލެވުނެވެ. އަނެއްކާ އުލްފާ އަކީވެސް ރީވާ ފަދައިން މާބޮޑަށް ލޯބީގެ ކަންކަމަށް ޝައުގުވެރިވާ ކުއްޖެއް ހެއްޔެވެ؟ އެއީ މަލަކް އެހާ ގަޔާވާކަމެއް ނޫނެވެ. ސްކޫލްގައި އޭނަގެ އުމުރުގެ ހުރިހާ ކުދިން ކަހަލަ ގޮތަކަށް ލޯބީގެ ގޮތުން ކުދިންނާ ގުޅިގެން އުޅޭ މަންޒަރު އަބަދުމެ މަލަކަށް ފެނިފައި ވެއެވެ. ހުދު މަލަކަށް ވެސް ދެތިން ކުއްޖަކު ވަނީ ލޯބި ހުށަހެޅުމަށް ފަހު ރައްޓެހިވާން ވެސް އެދިފައެވެ. ނަމަވެސް އެފަދަ ކޮންމެ ދައުވަތަކަށް ނޫނެކޭ މަލަކް ބުނަނީ ކިޔެވުމަށް އިސްކަންދޭން ބޭނުންވާކަމުގެ ބަހަނާ ދައްކަމުންނެވެ. ހަގީގަތަކީ އޭނައަށް ކަމުދާ ފިރިހެން ކުއްޖަކާ ދިމާ ނުވާކަމެވެ. ސްކޫލްގައި އުޅޭ ގިނަ ފިރިހެން ކުދިންގެ އަހުލާގު އޭނައަކަށް ކަމަކު ނުދެއެވެ. އަދި އަމުދުން ބައިވަރު ކުދިންތަކަކާއި ރައްޓެހިވާކަށް ވެސް މަލަކް ބޭނުމެއް ނޫނެވެ. އެފަދަ ގޮތަކަށް އޭނަ މީހަކާ ގުޅޭނީ އުމުރު ދުވަހު އެކީ އުޅުމުގެ ވިސްނުމާ އެކުގައި ކަމަށް މަލަކް ވަނީ މާކުރިން ނިންމާފައެވެ.
"އުލްފާ، ރީވް ބޭނުންތަ ރީތި ފޮޓޯކޮޅެއް ނަގަން؟" މަލަކް ވަކިވަކިން އެދެމީހުންނަށް ގޮވާފައި އެހުމާއެކު ވަގުތުން އެދެމީހުންގެ ސަމާލުކަން އޭނައަށް ލިބުނެވެ.
އެދުވަހު އިރުއޮއްސިގެން ދިޔަ އިރު މަލަކް ބޭނުންވި ފަދަ ރީތި މަންޒަރު ތަކުގެ ހިތްގައިމު ފޮޓޯ ނެގުނެވެ. ރީވާއާއި އުލްފާގެ ރީތި ފޮޓޯކޮޅެއްވެސް އޭނަ ނަގާދިނެވެ. އެމީހުން ފޮޓޯ ނަގާ ނިންމާފައި އަނބުރާ ގެސްޓްހައުސްއަށް ދާން ހިނގައިގަތް އިރު މަޢްރިބް ނަމާދަށް ބަންގި ގޮވަނީއެވެ.
މަލަކް މެންނަށް ގެސްޓްހައުސްއާ ހަމައަށް އާދެވުނު އިރު ދުނިޔެމަތި އަނދިރިވެ ޖެހެމުންދިޔަ ވައިރޯޅިތައް ފިނިވެލައިފިއެވެ. އުޑުމަތީގައި ކުދިކުދި ތަރިތައް ވިދަމުން ދިޔަ މަންޒަރު ފެނިފައި ދަންވަރުގެ ހަމަހިމޭން ވަގުތު އަނދިރިކަމުގެ ތެރެއިން އެތައް ހާސް ތަރިތައް އުޑުގައި ފިޔަޖަހަމުންދާ މަންޒަރު ބެލުމަށް މަލަކްގެ ހިތް އެދެން ފެށިއެވެ. ހާއްސަކޮށް ސާދަ ފަނަރައިގެ ފުރިހަމަ ވަށް ހަނދެއް ފެނުމުގެ ނަސީބުވެސް ލިބޭނެ ނަމައޭ އޭނަގެ ހިތަށް އެރިއެވެ. އެފަދަ މަންޒަރެއްގެ ފޮޓޯ އޭނައަށް ނެގިއްޖެ ނަމަ ހާދަހާ ފުރިހަމަވާނެ އެވެ. ނަމަވެސް ދަންވަރުގެ ވަގުތު މި ބީރައްޓެހި ރަށުގައި އޭނައާއެކު އެފަދަ ކަމެއް ކުރަން ނިކުންނާނީ ވަކި ކާކުހެއްޔެވެ؟ ދޮންބެ ގާތު އަހައިފި ނަމަ އެކަމަށް އެއްބަސް ވާނެބާއެވެ؟ ހަމަގައިމުވެސް އަރާމު ނިދި ނަގާލާފައި ރީވާ އޭނައާ އެކު ނުދާނެކަން މަލަކަށް ޔަގީނެވެ.
މަލަކް އާއި ރީވާ ގެސްޓްހައުސްއަށް ވަނުމުގެ ކުރިން ރޭގަނޑު ކެއުމަށް އުލްފާގެ ގެއަށް އައުމަށް އޭނަ ދައުވަތު ދިނެވެ. މަލަކް ވަގުތުން އުފަލާއެކީ އެދައުވަތު ގަބޫލުކުރި އެވެ. އިޝާ ނަމާދަށް ފަހު އެމީހުން ބަލާ ކާރެއްގައި އަންނާނެ ކަމަށް ބުނެފައި އުލްފާ ދިޔުމުން މަލަކް އާއި ރީވާ އެމީހުންގެ ކޮޓަރިތަކަށް ދިޔުމަށް ހިނގައިގަތެވެ.
"މަލްއާ ދޮންބެއާ ދެމީހުން ދޭ އިނގޭ އެގެއަށް ކާން އަހަރެން ރޫމް ސާވިސްއަށް އޯޑަރ ކޮށްގެން ކޮޓަރީގަ ކާނީ" ދެމީހުން އެކުގައި ގޮސް ކޮޓަރިއަށް ވަދެވުމާއެކު ރީވާ ބުނެލިއެވެ. ކަރުގައި އޮތް ކެމެރާ ނަގައި މޭޒުމަތީގައި ބާއްވަން ދިޔަ މަލަކް ފަސްއެނބުރި ރީވާއާ ދިމާލަށް ބަލާލެވުނީ ހިސާބަކަށް ހިތްހަމަނުޖެހިފައި ހުރެއެވެ.
"ކީއްވެ ރީވް ނުދާންތިއުޅެނީ؟" މަލަކަށް ވާހަކަ ދެއްކުނީ ހިތްހަމަނުޖެހުމުގެ ރާގަކަށެވެ.
"އައިމް ޖަސްޓް ޓަޔަޑް އެހެންނޫނަސް އައި ހޭވް ޕްލޭންސް ފޯ ޓުނައިޓް" އަތުގައި އޮތް ފޯނަށް އިޝާރާތްކޮށްފައި ރީވާ ބުނެލިއެވެ. ރީވާ ގޮސް ކޮޓަރީގެ އެއްފަރާތުގައި ހުރި އޭނަގެ އެނދުމައްޗަށް އަރައި ދެފައި ވަށްކޮގެން އިށީންނަމުން ފޯނު ހުޅުވާލީ މަލަކް ބުނާނެ އެއްޗަކަށް އިންތިޒާރު ކުރުމެއް ނެތިއެވެ. މަލަކަށް ފުން ނޭވާއެއް ދޫކުރެވުނެވެ. ރީވާ އެބުނަނީ ކީކޭކަން މަލަކަށް ފަހުން ވުމުން އޭނަގެ ހިތަށް ވަކި ހިތްހަމަޖެހުމެއް ނުލިބުނެވެ.
"އެންމެ ރަނގަޅު އަހަރެން ދޮންބެ ގޮވައިގެން ދާނީ." ނަމަވެސް މަލަކް އިތުރަށް ރީވާގެ ހިޔާލު ބަދަލުކުރާކަށް ގަސްތެއް ނުކުރިއެވެ. ރީވާ އަކީ އެހާ ފަސޭހައިން ގޮތެއް ދުލެއް ނުކުރާނެ އެވެ. އެހެންނޫނަސް އޭނައާއެކު ދޮންބެ ދާނެ ނޫންހެއްޔެވެ؟
އެރޭ އިޝާ ނަމާދަށް ފަހު އުލްފާ ގެ އިންތިޒާރުގައި މަލަކް ގެސްޓްހައުސްގެ ދޮރުމަތީގައި މަޑުކޮށްގެން ހުރީ އެކަނިމާއެކަންޏެވެ. އޭނަ އުންމީދުކުރި ގޮތާއި ހިލާފަށް ދޮންބެވެސް އުލްފާގެ ގެއަށް ރޭގަނޑު ކެއުމަަށް ދާން އެއްބަހެއް ނުވިއެވެ. ސަބަބަކަށް ވީ ދަތުރު ވަރުބަލިވުމާއި ދޮންބެގެ ބޮލުގައި ރިއްސުމެވެ. ރީވާ ވެސް ތިމަންނަ ކުޑަކޮށް ދަތުރު ވަރުބަލިވެ ބޮލުގައި ރިއްސާތީ ނުދެވުނީކަމަށް ބުނުމަށް މަލަކް ގާތު އެދުނެވެ. އެކަމާ ހިތްހަމަނުޖެހިފައި ހުރެ މަލަކް ހިތާހިތުން ދޮންބެއާ ރީވާއަށް ކުދިކިޔަމުން ދިޔައެވެ. އޭނައަށް ލިބުނު އެ ހިތްހެޔޮ އެކުވެރިޔާގެ ދައުވަތަށް އެކަނި ދާންޖެހުމުން މަލަކް ލަދުގަންނަ ގޮތްވިއެވެ. އުލްފާ ދައުވަތު ދިނީ އެތިން މީހުންނަށެވެ. ނަމަވެސް އޭނަ އެކަނި ދިޔުމުން އުލްފާ އާއި އެގޭގެ މީހުން ހީކުރާނީ ކީކޭ ހެއްޔެވެ؟
މަލަކް އެފަދަ ހިޔާލުތަކެެއްގައި ހުއްޓައި އަޅިކުލައިގެ އާދައިގެ ކާރެއް އައިސް އޭނާގެ ކުރިމައްޗަށް މަޑުކޮށްލިއެވެ. ހަމަ އެވަގުތު އުލްފާގެ ކޯލެއް އައުމުން އެ ކާރަކީ އުލްފާ ފޮނުވި ކާރެއް ކަން މަލަކަށް ޔަގީންވިއެވެ.
މަލަކް ކާރަށް އަރައި ހަމަޖެހިލުމުން ކާރު ޑްރައިވަރު ތިމަންނާއަކީ އުލްފާގެ ބޮޑުބޭބެ ކަމަށް ބުނެލިއެވެ. އުލްފާގެ ބޮޑުބޭބެ އޭނައާ ކުޑަގޮތަކަށް ވާހަކަ ދައްކާލުމަށް ފަހު ދެން މުޅި ދަތުރު ވޭތުވެގެންދިޔައީ ހިމޭންކަންމަތީގައެވެ. ފަނަރަ ވަރަކަށް މިނެޓުގެ ދަތުރަކަށް ފަހު ކާރު މަޑުކޮށްލުމުން މަލަކް ކާރުން ފޭބިއެވެ. އެހިނދު އޭނަގެ ކަނާތްފަރާތުން ފެންނަމުން ދިޔައީ ދެބުރިއަށް ހިއްލާލެވިފައިވި ރީތި ގެއެކެވެ. އެންމެ ފަހުގެ ޒަމާނީ ގޭޓެއް ލެވިފައިވާ އެގެ އަކީ އުލްފާގެ ގެ ތޯ އޭނަގެ ހިތަށް އެރި ވަގުތު އުލްފާގެ އަޑު އިވިގެން ދިޔައެވެ.
"މަލަކް" މަލަކް އޭނަގެ މޫނު އަނބުރާލަމުން އުލްފާގެ އަޑު އައި ދިމާލަށް ބަލާލިއެވެ. އެހިނދު މަލަކްގެ ވާތް ފަރާތުން ފެންނަމުން ދިޔަ ގޭގެ ދޮރާށި ކުރިމަތީގައި އުލްފާ ހެވިފައި ހުއްޓެވެ. މަލަކްވެސް ހިނިތުންވުމަކާއެކު އުލްފާއާ ދިމާލަށް ހިނގައިގަތެވެ.
"މަލަކް އެކަނިތަ؟ ކޮބާ ރީވާ؟ މަލަކްގެ ދޮންބެ ވެސް އަންނާނެކަމަށް ހީކުރީ؟" މަލަކް އެކަނި ހުރިތަނަ ފެނިފައި އުލްފާގެ ސުވާލުތައް ކުރިމަތިވިއެވެ.
"އެދެމީހުން ކުޑަކޮށް ދަތުރު ވަރުބަލި ކޮށް އުޅެނީ. ދޮންބެ ވެސް ބޮލުގަ ރިއްސާތީ މިކޮޅަށް އައި ގޮތަށް ހަމަ ނިދަނީހެން ހީވަނީ. މިގެއަށް އަންނަ ވާހަކަ ބުނަން ދިޔަ އިރުވެސް ނިދާފަ އޮތީ." މަލަކް ޖެހިލުންވެ ހުރެ ޖަވާބު ދިނެވެ.
"އޯހް. އަހަރެން އޭރުވެސް ބުނީމޭ މަންމަ ގާތު އެމީހުން އަދި ރަށަށް އައި ފުރަތަމަ ދުވަހު ދަތުރު ވަރުބަލި ވާނެއޭ. މަލަކް އަނެއްކާ އޯކޭތަ؟ އަނެއްކާ މިއަދު ތުނޑިއަށް ގޮސް އެހާ ގިނަ އިރު ހިނގީމަ ވަރުބައްޔެއް ނޫންތަ؟" އުލްފާ އިތުރު އެއްޗެއް ހީނުކޮށް އޭނަ ދެއްކި ވާހަކަ ގަބޫލުކުރުމުން މަލަކްގެ ހިތަށް ކުޑަވަރެއްގެ ހިތްހަމަޖެހުމެއް ލިބުނެވެ. އަދި އޭނައާ ބެހޭގޮތުން ކަންބޮޑުވެފައި ސުވާލުކުރި ގޮތުން މަލަކަށް ލުއި ހިނިތުންވުމަކާއެކު ޖަވާބު ދިނެވެ.
"އަހަރެން ވަރުބައްޔެއް ނުވޭ. ރަށަށް އައިސް ހަވީރު ވަންދެން ރެސްޓްކުރީމަ އެނާރޖީ ގިނަވެގެން މި އުޅެނީ"
"މާރަނގަޅެެއްނު އެހެންވީމަ" އުލްފާ ވެސް ހިނިތުންވުމަކާއެކު އެހެން ބުނެލި ވަގުތު އެދެމީހުންނަށް ތިބެވުނީ އެގޭގެ ހިޔާކުރެވިފައިވި ފެންޑާގައެވެ. މަލަކަށް ކުރިން ފެނުނު ގެހާ ފުރިހަމަ ނުވި ނަމަވެސް އުލްފާގެ ގެ އަކީ ވެސް ޒަމާނީ ފެންވަރަކަށް ހެދިފައިވި ބޮޑު ގެއެކެވެ. ގޭތެރެއަށް ވަނުމާއެކު މަލަކަށް އެކަން ސާފުވިއެވެ. ގޭގެ ސިޓިންރޫމްގައި ސޯފާސެޓަކާއި ބޮޑު ޓީވީއެއް ހުރި އިރު ބަލާލި ކޮންމެ ދިމާލަކުން ފެންނަމުން ދިޔައީ ސާފުތާހިރު ކަމާއި ތަރުތީބުކަމެވެ.
އުލްފާގެ ފަހަތުން މަލަކް އެގޭތެރެއަށް ވަދެގެން ގޮސް ބަދިގެއާ އަރާ ހަމަވި ވަގުތު ބަދިގެ ތެރެއިން އަންހެނަކު ނިކުތެވެ. ކަޅުކުލައިގެ ދިގު ހެދުމަކާއެކު ވަށް ބުރުގަލެއް އަޅައިގެން ހުރި އެ އަންހެން މީހާއާ ދިމާލަށް އުލްފާ މަންމައޭ ކިޔާ ގޮވާލިއެވެ.
"ދަރިފުޅާ އެހަށް ކާން ފެށުމުގަ ކުރިން މި ތަށިބަރި ގެންގޮސް އެގެއަށް ލާދީބަލަ. ފިޒާރާގެ ކުޑަސޮރު ހޮސްޕިޓަލުގަ ބާއްވައިގެން އުޅޭތީ އޭނައަށް އެކުދިންނާ ލައިގެން މިރޭ ނުކެއްކުނު." އުލްފާގެ މަންމަ ކޮތަޅަކަށް ލާފައި އޮތް ބޮޑު ތަށިބަރިއެއް އުލްފާގެ އަތަށް ދެމުން ބުނެލިއެވެ. އޭނަގެ ނަޒަރު އުލްފާ ގާތުގައި ހުރި މަލަކަށް ހުއްޓުނީ ދެނެވެ.
"އަހަ މީތަ މަލަކް؟ ދަރިފުޅު ދާއިރު މަލަކްވެސް ގޮވައިގެން ދޭ އިނގޭ. މަލަކް އެކަނި އިންނަން ޖެހުނީމަ ފޫހި ވާނެ. މަންމަ މި ދަނީ ނަމާދަށް." އުލްފާގެ މަންމަ މަލަކްއަށް ހިނިތުންވެލުމަށް ފަހު އަވަސް އަވަހަށް އެހެން ބުނެފައި ގޭތެރޭގެ އެއްފަރާތުގައި ހުރި ކޮޓަރިއަކާ ދިމާލަށް ހިނގައިގަތެވެ.
"ހިނގާ މަލަކް. އެހާ ދުރެއް ނޫން މިގޭ ކުރިމަތީގަ ހުރި ގެ އެއީ. އެކަމަކު މަލަކް މަޑުކުރަން ބޭނުމިއްޔާ އޯކޭ އިނގޭ މިތާ މައުކޮށްލިޔަސް. އަހަރެން އެހާ ލަހެއް ނުވެ އަންނާނަން." ސިޓިންރޫމްގައި ހުރި ސޯފާއަށް އިށާރާތް ކުރަމުން އުލްފާ ބުނެލިއެވެ.
"ނޫނޭ އަހަރެންވެސް ދާނަން" މަލަކް އެހެން ބުނެފައި އުލްފާގެ ފަހަތުން ހިނގައިގަތެވެ.
އުލްފާއާއެކު މަލަކް އެގޭގެ ކުރިމަތީގައި ހުރި ގެއަށް ވަދެގެން ދިޔަ އިރު ވަށައިގެން ބަލާލެވުނެވެ. އެގެއަކީ އެންމެ ފަހުގެ ޒަމާނީ ފެންވަރަށް ހަދާފައިވާ ރީތި ގެއެކެވެ. މާލޭގައި ހުންނަ އޭނަގެ އަމިއްލަ ގެހާ ފުރިހަމައަށް އެގެ ހުރުމުން މަލަކް ހައިރާންވިއެވެ. ރަށްރަށުގައި ވެސް އެހާ މުއްސަނދި މީހުން ދިރިއުޅޭ ހެއްޔެވެ؟ އެހާ ތަނަވަސް ނަމަ އެމީހުން މާލެ ބަދަލުނުވަނީ ކީއްވެ ހެއްޔެވެ؟ މަލަކް އެހިޔާލުތަކުގައި ހުރެ އެގޭގެ ފެންޑާ މައްޗަށް އެރި ވަގުތު އުލްފާ އެގޭގެ ދޮރު ހުޅުވަން މަސައްކަތްކުރި އެވެ. ނަމަވެސް ތަޅުލާފައި ހުރުމުން އެއްފަރާތަކުން ފެންނަމުން ދިޔަ ގޭގެ ބެލަށް އުލްފާ ފިތާލިއެވެ.
"ބޭރު ގޭޓު ހުޅުވާފަ ގޭގެ ދޮރު ލޮކްކޮށްގެން މި މީހުން ނޭނގެ ކީއްކަމެއްކަން ވެސް މި ކުރަނީ" އުލްފާ ދެބުމަ ކާރިކޮށްގެން ހުރެ އަމިއްލަ ނަފުސަށް ކަހަލަ ގޮތަކަށް ބުނެލިއެވެ. އެހެންކަމުން މަލަކް ވަކި އެއްޗެކޭ ބުނުމެއް ނެތި އުލްފާއެކޭ އެއްފަދައިން ގޭގެ ދޮރު ހުޅުވެންދެން މަޑުކޮށްގެން ހުއްޓެވެ.
އުލްފާ ބެލް ޖެހިތާ މިނެޓެއް ފަހުން ދޮރުގެ ތަޅު ހުޅުވުނު އަޑާއެކު ދޮރުވެސް ހުޅުވިގެން ދިޔައެވެ. ހުޅުވިގެން ދިޔަ ދޮރު މަތީގައި ކަޅުކުލައިގެ އަތްދިގު ގަމީހަކާއި ނޫކުލައިގެ ޖިންސެއްގައި ހުރި ޒުވާނާ ފެނުމުން މަލަކް ގެ އަތްފައި ފިނިވެގެން ދިޔައެވެ. އެޒުވާނާ ކުއްލި ގޮތަކަށް އަލުން ފެނިދާނެ ކަމަށް އުންމީދުކޮށްގެން ނެތް ވަގުތެއްގައި ފެނުމުން އެ ހިތް ނުތަނަވަސް ގޮތަކަށް ތެޅިލިއެވެ. އެޒުވާނާއަށް ވެސް އޭނަ ފެނިފައި ބަލަހައްޓައިގެން ހުރި ގޮތުން އެހިތުގެ ތެޅުން އަވަސްވެގެން ދިޔަ އެވެ.
ނުނިމޭ
0%
0%
0%
0%
0%
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
9 އެޕްރީލު 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
22 އެޕްރީލު 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
7 މޭ 2024
0