ގެއްލުނު ހަޔާތް (6)

Gehlunu hayaaiy (6)

އުލްފާ ބެލް ޖެހިތާ މިނެޓެއް ފަހުން ދޮރުގެ ތަޅު ހުޅުވުނު އަޑާއެކު ދޮރުވެސް ހުޅުވިގެން ދިޔައެވެ. ހުޅުވިގެން ދިޔަ ދޮރު މަތީގައި ކަޅުކުލައިގެ އަތްދިގު ގަމީހަކާއި ނޫކުލައިގެ ޖިންސެއްގައި ހުރި ޒުވާނާ ފެނުމުން މަލަކް ގެ އަތްފައި ފިނިވެގެން ދިޔައެވެ. އެޒުވާނާ ކުއްލި ގޮތަކަށް އަލުން ފެނިދާނެ ކަމަށް އުންމީދުކޮށްގެން ނެތް ވަގުތެއްގައި ފެނުމުން އެ ހިތް ނުތަނަވަސް ގޮތަކަށް ތެޅިލިއެވެ. އެޒުވާނާއަށް ވެސް އޭނަ ފެނިފައި ބަލަހައްޓައިގެން ހުރި ގޮތުން އެހިތުގެ ތެޅުން އަވަސްވެގެން ދިޔަ އެވެ.

ދޮރުމަތީގައި ހުރި ރައުފަލްއަށް ވެސް ވީ ހުދު މަލަކަށް ވެސް ވީ ގޮތެވެ. ހަނދާންވެސް ނެތިފައި ހުއްޓާ އެ އަންހެންކުއްޖާ ދެވަނަ ފަހަރަށް ފެނުމުން އޭނަވެސް ހުއްޓުން އަރާފައި ހުރެވުނެވެ. މަލަކް ގާތުގައި ހުރި އުލްފާ ވެސް ރައުފަލްއަށް ފެނުނީ އޭގެ ހިނދުކޮޅެއް ފަހުންނެވެ.

"އުލްފާ ކިހިނެއް ވީ؟" މަލަކްގެ މޫނުން ނަޒަރު ވަކިކުރުމުން ރައުފަލް އަހާލިއެވެ. 

"އަން ރައުފަލް މީ މަންމަ ދިން ތަށިބަރިއެއް. ތިމީހުން ރޭގަނޑުގެ ކެއުން މީ" ތަށިބަރި ލާފައި އޮތް ކޮތަޅު ދިއްކޮށްލަމުން އުލްފާ ބުނެލިއެވެ. ރައުފަލް އެކޮތަޅުގައި ހިފަމުން އުލްފާއާ ޖެހިގެން ހުރި  އަންހެން ކުއްޖާއަށް ސިއްރު ނަޒަރެއް ދިނެވެ. އެހިނދު އެކުއްޖާ ވެސް އޭނައަށް ބަލަން ހުރެފައި އަވަސް އަވަހަށް ދުރުބަލަން ފެށިތަން ރައުފަލްއަށް ފެނުނެވެ. އެމަންޒަރު ފެނިފައި ނޭގުމެއްގެ ތެރެއިން ރައުފަލް އަށް ހިނިތުންވެވުނީ އެންމެ ފުރަތަމަ އެކުއްޖާއާ ބައްދަލުވި ވަގުތުވެސް ކަޅިޖަހާ ނުލާ އެކުއްޖާ އޭނައަށް ބަލަން ހުރި ގޮތް ހަނދާންވެފައެވެ. އެކަމުގެ ފަހަތުގައި ވަނީ ކޮން ސަބަބެއް ކަން ނޭނގުނު ނަމަވެސް އެކުއްޖާގެ ފަރާތުން ތަފާތު ސަމާލުކަމެއް ލިބޭހެން ރައުފަލްއަށް ހީވިއެވެ.

މަލަކް ދެވަނަ ފަހަރަށް ރައުފަލް އަށް ބަލާލި ހިނދު ރައުފަލް އޭނައަށް ބަލަހައްޓައިގެން ހިނިތުންވެފައި ހުރި މަންޒަރު ފެނުމުން ލަދުގަންނަ ގޮތްވިއެވެ. އޭނަ ބަލަހައްޓައިގެން ހުރިތަން ރައުފަލް އަށް ފެނުނުކަން ޔަގީނެވެ. އޭނަ ސިއްރުން ބަލަން ހުރިތަން ފެނިފައި ރައުފަލް ހީކުރާނީވެސް ކީކޭ ހެއްޔެވެ؟ އެހެނަސް މީގެ ކުރިން އޭނައަށް ރައުފަލް ފެނިފައިވާ ކަމުގެ ފަނޑު ހަނދާނެއް ސިކުނޑީގައި ވާހެން ހީވާތީ އެކަން ޔަގީންކުރަން މަލަކް ބޭނުންވިއެވެ. ނަމަވެސް އުލްފާ ވެސް ހުއްޓައި ނުވެސްދަންނަ ފިރިހެން ކުއްޖަކާ އޭނަ ވާހަކަ ދައްކާނީ ކިހިނަކުން ހެއްޔެވެ؟ މަލަކްގެ ހިޔާލުތައް އެކި ދިމަދިމާއަށް މިސްރާބު ޖަހަން ފެށި ހިނދު ގޭތެރެއިން އިތުރު މީހެއްގެ އަޑު އިވިގެން ދިޔައެވެ. އެހާއިރު ވަންދެން މަލަކްއާ ރައުފަލްގެ ދެމެދުގައި ބަދަލުކުރެވިގެން ދިޔަ ބެލުންތަކަށް ނަޒަރެއް ދީގެން ހައިރާންވެފައި ހުރި އުލްފާ ވެސް އަޑު އައި ދިމާލަށް ބަލާލިއެވެ. 

"އޭ ރައުފަލް ކާކު އައިސްގެން...." ރައުފަލްގެ ފަހަތުން އައިސް ގޭގެ ދޮރުމައްޗަށް އެރި އައިކްއަށް އުލްފާ ފެނުމުން އޭނަގެ ދުލުގައި ތަޅެއް އެޅުވުނު ފަދައެވެ. 

އައިކްއާއި އުލްފާ އެކަކު އަނެކަކަށް ސީރިއަސް ނަޒަރެއް ދީގެން ތިބެންފެށުމުން ރައުފަލްއާއި މަލަކަށް ވެސް އެދެމީހުންގެ ސަމާލުކަން އެމީހުންގެ އެކުވެރިންނަށް ދެވުނެވެ. ރައުފަލްއަށް ވެގެން އުޅޭގޮތުގެ ކުޑަ މިންވަރެއް އެނގުނު ނަމަވެސް ފެންނަމުން ދިޔަ މަންޒަރުން އެކައްޗެއްވެސް ދޭހަކުރަން ނޭނގިފައި މަލަކަށް ހުރެވުނެވެ. މަލަކް އެންމެ ހައިރާންވީ އަބަދުމެ ހިތްހެޔޮ ހިނިތުންވުމެއްގައި ހުރި އުލްފާގެ މޫނުމަތިން ރުޅިވެރިކަން ފާޅުވަމުން ދިޔުމުންނެވެ. މަލަކްގެ ހައިރާންކަން އިތުރުވީ ކުއްލިއަކަށް އުލްފާ އެނބުރި އޭނައާ ދިމާލަށް ބަލާލަމުން ދާން ހިނގާށޭ ބުނެފައި މަލަކަށް މަޑުކުރުމެއް ނެތި ބާރު ފިޔަވަޅުތަކެއްގައި ހިނގައިގަތުމުންނެވެ. އަވަސް އަވަހަށް އުލްފާގެ ފަހަތުން ހިނގައިގަނެފައި ވެސް މަލަކް ފަހަތަށް އެނބުރެވުނެވެ. އެހިނދު ގޭގެ ދޮރުމަތީގައި ހުރި ރައުފަލް ގޭތެރެއަށް ފިޔަވަޅެއް އަޅާލަމުން ދޮރު ލައްޕާލަނީއެވެ.

އަތުގައި އޮތް ތަށިބަރި ހިފައިގެން ރައުފަލް ބަދިގެއަށް ވަތް އިރު ފްރިޖުން ފެންފުޅިއެއް ނަގައިގެން އައިކް ކާމޭޒު ގާތަށް ޖެހި އެތަނުން ގޮނޑިއެއް ދަމާލާފައި އިށީންނަނީއެވެ. ރައުފަލް ތަށިބަރި ނަގާ މޭޒުމަތީ ބެހެއްޓުމަށް ފަހު ތަށިތައް ވަކިވަކިން ނަގައި މޭޒުމަތީގައި އަތުރާލިއެވެ. އަދި ތަށިތަކުގެ މަތިތައް ނަގާފައި އޭނަވެސް ގޮނޑިއެއްގައި އިށީނެވެ.

"ފިޒާދައްތައަށް ދެން ކާއެއްޗިހި ނުގެނެވޭނެ ވާހަކަ މިރޭ މަންމަ ގުޅާފަ ބުނި. ފިޒާދައްތަ ދަރިފުޅު ވަރަށް ބަލިކޮށް އުޅޭތީ. އަހަރެން ބުނިން ރެސްޓޯރެންޓުން ކެއުން ހަމަޖައްސަން. އެކަމަކު މަންމަ ބުނީ ހަލްމާ ދައްތަ ބުންޏޯ ދައްތަ އެކަންތައް ކުރާނަމޭ. ދައްތަ އެހާ ކޮށްދޭ ހިތުން ހުރީމަ ނޫނެކޭ ބުނާކަށް ނުވާނެޔޯ. އެހެންވީމަ ކޮންމެ ދުވަހަކު އުލްފާ ކަންނޭގެ ކާއެއްޗިހި ހިފައިގެން އަންނާނީ" އައިކް ކިޔައިދިނެވެ. އޭނައަށް އެންމެ ފަހު ޖުމުލަ ބުނެވުނީ ދެބުމަ ގާތްކޮށް  ހިސާބެއްގެ ހިތްހަމަނުޖެހުމަކާއެކު އެވެ.

"ތި ދެމީހުން ހާދަ މައްސަލަ ބޮޑުވެގެން ތި އުޅެނީ" ތަށިބަރިން ތައްޓަކަށް ކާއެއްޗިހި އަޅައި ނިންމާލި ރައުފަލް ކާން ފަށަމުން ބުނެލިއެވެ. 

"އެވާހަކަ ދައްކާނެ ކަމެއް ނެތް. ބޭކާރު ކަމަކަށް ވާނީ" އައިކް ދެފަރާތަށް ބޯހޫރުވާލިއެވެ. އޭނަ ފުންނޭވާއެއް ދޫކޮށްފައި ކެއުމަށް ސަމާލުކަން ދިނުމުން ރައުފަލް ވެސް އިތުރު އެއްޗެކޭ ބުނާކަށް ގަސްތެއް ނުކުރިއެވެ. އެހެންނޫނަސް އައިކްއާ އުލްފާ އަށް ވެގެން އުޅޭގޮތަކާއި މެދު ވިސްނާވަރަށް ވުރެ އޭނަގެ ސިކުނޑި މާބުރައެވެ. ސަބަބަކީ އެ އަންހެން ކުއްޖާއެވެ.

ރައުފަލް ކެއުމާއިގެން ކުރިއަށް ގެންދިޔަ އިރުވެސް ސިކުނޑީގައި އެނބުރެމުން ދިޔައީ މަލަކްއެވެ. އުލްފާގެ ފަރާތުން އެކުއްޖާގެ ނަން އިވުމުން ރައުފަލް އަށް ހިތާއި ހިތުން އެނަން ތަކުރާރުކުރެވުނެވެ. އެއީ އޭނައަށް މުޅިން އާނަމަކެވެ. އާ މޫނެކެވެ. ނަމަވެސް މަލަކަށް އޭނަ ފެނިފައި ބަލަނީ ދަންނަ މީހަކަށް ބަލާ އުސޫލަކުން އެވެ. އެންމެ ފުރަތަމަ އެދެމީހުން ބައްދަލުވި ގޮތުން އެހެން ކުއްޖެއް ނަމަ ލަދުންވެސް އަވަހަށް ދުރަށް ޖެހޭނެއެވެ. ނަމަވެސް މަލަކް ހުއްޓުން އަރާފައި ކަހަލަ ގޮތަކަށް އޭނައަށް ބަލަން ހުރިގޮތް ހަނދާންވެފަައި ރައުފަލްގެ ހިތުގައި ސުވާލު މާކެއް ޖެހުނެވެ.

އެރޭގެ ކެއުމަށް ފަހު ގޭމުކުޅެން އެކުވެެރިން އަންނާނެ އިރެއްގެ އިންތިޒާރުގައި ސިޓިންރޫމްގައި ރައުފަލް އިން އިރުވެސް އޭނަގެ ހިޔާލުތަކުގައިވީ މަލަކެވެ. އެއީ އަނެއްކާ އުލްފާގެ އާއިލާގެ ކުއްޖެއް ހެއްޔެވެ؟ އެސުވާލަށް ޖަވާބެއް ލިބިދާނެ ކަމުގެ އުންމީދުގައި ޖެހިގެން އިން އައިކްއާ ރައުފަލް ސުވާލުކުރަން ނިންމިއެވެ.

"މިރޭ އުލްފާއާ އެކު ހުއްޓެއްނު ކުއްޖެއް. އެއީ އުލްފާގެ ކަޒިންއެއްތަ؟" ސޯފާގައި ފޯނާ ކުޅެން އިން އައިކް އިސްއުފުލައި ރައުފަލްއާ ދިމާލަށް ބަލާލިއެވެ. އަދީ ކުޑަކޮށް ވިސްނާލުމަށްފަހު ބޯހޫރުވާލިއެވެ.

"އެއުމުރުގެ ކަޒިންއެއް ހިޔެއް ނުވޭ އެހެން ރަށެއްގަ ވެސް އުޅޭ ހެނެއް. ކިހިނެއްވީ؟" ރައުފަލް ކުއްލިއަކަށް އެފަދަ ސުވާލެއް ކުރުމުން އައިކް އަހާލިއެވެ.

"ކަމެއް ނުވޭ ހަމަ އަހާލީ. މިއަދު ގެސްޓްހައުސް އިންވެސް އެކުއްޖާ ފެނުނީމަ އެހެންވެ" ރައުފަލް އިތުރު ތަފްސީލެއް ނުދިނެވެ. އޭނަވެސް އަމިއްލަ ފޯނު ނަގައި ހުޅުވާލުމުން އައިކްވެސް އެކަމާ ގުޅޭގޮތުން އިތުރު ސުވާލެއް ނުކުރިއެވެ.

ރައުފަލް ފޯނުން އެފްބީ ހުޅުވައި ކުޑަކޮށް ސްކްރޯލް ކޮށްލާފައި ކަމުދާ ކަހަލަ އެއްޗެއް ނުފެނުމުން  އިންސްޓަގްރާމް ހުޅުވި އެވެ. އޭނަގެ އިންސްޓަގްރާމް އައިޑީ ހެދުމަށް ފަހު ރިފާހު ވަނީ އެމީހުންގެ ކުލާހުގައި އުޅޭ ހުރިހާ ކުދިންނަށް އޭނަގެ އައިޑީއިން ފްރެންޑް ރިކުއެސްޓް ފޮނުވާފައެވެ. އޭގެ ސައުވީސް ގަޑިއިރު ފަހުން ހުރިހާ ކުދިން ކަހަލަ ގޮތަކަށް ވަނީ އޭނަގެ ރިކުއެސްޓް އެކްސެޕްޓް ކޮށްފައެވެ. އެހެންކަމުން އެމީހުން ކުރާ ޕޯސްޓުތަކާއި ސްޓޯރީއަށްލާ ހުރިހާ އެއްޗެއް ރައުފަލްއަށް ފެންނަން ހުއްޓެވެ. އެއްބަޔަކު ޗުއްޓީގައި މާލެ ގޮސް ނަގާފައިވާ ފޮޓޯތަކެއް ސްކްރޯލް ކުރަމުން ތިރިއަށް ދިޔަ ހިނދު އުލްފާގެ އައިޑީއިން ޕޯސްޓުކޮށްފައި އޮތް ފޮޓޯގަނޑެއް ރައުފަލްގެ ލޮލުގައި އަޅައިގަތެވެ.

އުލްފާ ނަގާފައިވާ ސެލްފީއެއްގައި އުލްފާގެ އިތުރުން ދެ އަންހެން ކުދިން ތިބި އިރު އެތަނުން އެކަކީ މަލަކެވެ. ރައުފަލް އެޕޯސްޓުގެ ތިރިން ފެންނަމުން ދިޔަ ކެޕްޝަން ކިޔާލިއެވެ. އޭގައި މަލަކްގެ ނަމާއެކު މަލަކްގެ އައިޑީ ޓެގުކޮށްފައި ހުރުމުން ނޫކުލައިން ފެންނަމުން ދިޔަ މަލަކްގެ ނަމަށް ރައުފަލް ފިތާލިއެވެ. އެހިނދު ހުޅުވިގެން ދިޔައީ މަލަކްގެ ޕަބްލިކް ޕްރޮފައިލެވެ. 

މަލަކްގެ ޕްރޮފައިލުން ރައުފަލް އަށް މުޅިންހެން ފެނިގެން ދިޔައީ ރީތި މަންޒަރުތަކާއި ރީތި ތަންތަނުގެ ފޮޓޯތަކެވެ. އެއިން ކޮންމެ ޕޯސްޓެއްގެ ކެޕްޝަނަކަަށް "ފޮޓޯގްރަފީ ބައި މަލަކް" އޭ ލިޔެފައިވި ގޮތުން އެއީ މަލަކް އަމިއްލައަށް ނަގާފައިވާ ފޮޓޯތަކެއް ކަން ރައުފަލް އަށް އެނގުނެވެ. މަލަކް ކޮށްފައިވާ ކޮންމެ ޕޯސްޓަކަށް ވެސް އެތައް ބައިވަރު ލައިކްތަކާއި ކޮމެންޓުތައް ހުރުމުން މަލަކްގެ މަޝްހޫރުކަން ހާމަވަމުން ދިޔައެވެ. ރައުފަލް ތަންކޮޅެއް ބޮޑަށް ސްކްރޯލް ކުރުމުން މަލަކްގެ އަމިއްލަ ފޮޓޯ ގަނޑެއް ފެނިގެން ދިޔައެވެ. އެފޮޓޯގައި ކެމެރާއެއް ހިފައިގެން ހެވިފައި މަލަކް ހުރިތަން ފެނުމުން އެފޮޓޯގަނޑަށް ބަލަހައްޓައިގެން ރައުފަލް އަށް ހުރެވުނެވެ. އޭނައަށް މި ދިމާވީ ފުދޭވަރަކަށް މަޝްހޫރު ކުޅަދާނަ ފޮޓޯގްރަފަރަކައްތާއެވެ. ރައުފަލްގެ ތުންފަތުގައި ހިނިތުންވުމެއް ކުރެހިގެން ދިޔައެވެ.

ރައުފަލް އެފޮޓޯގަނޑަށް ބަލަހައްޓައިގެން އަމިއްލަ ދުނިޔެއަކަށް ގެއްލިފައި އިންދާ ކުއްލިއަކަށް މީހަކު ގޭގެ ބެލް ދެތިން ފަހަރު އަޅާލިއެވެ. އެހިނދު ހިސާބަކަށް ސިއްސައިގެން ދިޔަ ރައުފަލްގެ އިނގިލިކުރި އޮޅުމަކުން މަލަކްގެ ފޮޓޯ ލެވިފައިވި ޕޯސްޓުގެ ލައިކް ބަޓަނުގައި ޖެހުނެވެ. އިސާހިތަކު މީގެ ދެވަރަކަށް މަސްކުރިން މަލަކް ލާފައިވި އެޕޯސްޓަށް ރައުފަލްގެ ފަރާތުން ލައިކެއް ދެވުނެވެ. އޭގެ ސިކުންތެއް ފަހުން ކަން ވީގޮތް ރޭކާލި ރައުފަލްގެ ދެލޯ ބޮޑުވެގެން ދިޔަ އެވެ.

"ވަޓް ނޯ ނޯ..." ރައުފަލް ފުންމައިގެން ސޯފާއިން ތެދުވެފައި ދެވުނު ލައިކް އަނބުރާ ގެންނަން މަސައްކަތް ކުރިއެވެ. ނަމަވެސް އެޕޯސްޓަށް އޭނަ ލައިކެއް ދިން ކަމުގެ ނޯޓިފިކޭޝަން މިހާރު މަލަކަށް ވާނީ ލިބިފައެވެ. މަލަކަށް އެ ފެނިފައި ހިތަށް އަރާނީ ކީކޭ ބާއެވެ؟ އޭނަ މަލަކްގެ ޕްރޮފައިލް ހޭވިކަން މިހާރު މަލަކަށް އޮންނާނީ އެނގިފައެވެ. ގަތް ލަދާއެކު ރައުފަލްއަށް ދެލޯ މަރާ ބާރުކޮށްލެވުނެވެ. 

"އޭ މީނައަށް ކިހިނެއް ވެފަ މި ހުރީ؟" ގޭތެރެއަށް ވަދެގެން އައި ރިފާހަށް ރައުފަލް ހުރި ގޮތް ފެނިފައި އައިކް ގާތު އަހާލިއެވެ. ނަމަވެސް ގޭގެ ބެލް އެޅި އަޑަށް ރައުފަލްއަށް ސަމާލުކަމެއް ދިނުމެއް ނެތި ގޮސް ދޮރު ހުޅުވި އައިކްއަަކަަށް ވެސް ވީގޮތެއް ނޭނގުނެވެ. 

"ނޭނގެ. ތެދެއް ކިހިނެއްވީ؟" ރައުފަލް ކުރެން އައިކް އަހާލިއެވެ. ފުން ނޭވާއެއް ދޫކޮށްފައި ރައުފަލް ދެލޯ ހުޅުވާލި އިރު އެންމެން އޭނައާ ދިމާލަށް ބަލަހައްޓައިގެން ހުއްޓެވެ.

"ކަމެއް ނުވޭ ހިނގާ ގޭމު ފަށަން" ރައުފަލް ހަމަޖެހޭ ގޮތް ދައްކަމުން ބުނެލިއެވެ. އެކަކުވެސް އިތުރު ސުވާލެއް ނުކޮށް ގޭމު ކުޅެން ފެށުމަށް އަވަސްވެގަތެވެ. ރިފާހުއާއި ސާޖިދު ޓީވީ ހުޅުވައި ގޭމު އަތްގަނޑުތައް ނަގަން ފެށި އިރު އައިކްގެ ފަހަތުން ޒާދިން ބަދިގެއަށް ދިޔައީ އެމީހުން ގޭމު ކުޅޭ އިރު ބޯން ގަނެފައި ހުރި ދަޅުތަކާއި ކާން ގަނެފައި ހުރި ޗިޕްސް ޕެކެޓު ތައް ބަލައެވެ. ރައުފަލް ކަމެއް ނުކޮށް ސޯފާގައި އިށީންދެ އޭނަގެ ފޯނު ނަގައި ހުޅުވާލިއެވެ. މަލަކަށް އެ ނޯޓިފިކޭޝަން ނުލިބޭނެ ގޮތެއް ވޭތޯ އޭނަ ހިތާއި ހިތުން ދުއާކުރެވުނެވެ.

.........

ޖެހިގެން އައި ދުވަހުގެ ހެނދުނު ސަޔަށް ފަހު ގެސްޓްހައުސްއާ މާދުރުނޫން ހިސާބުގައި އޮތް ބީޗަށް މަލަކް ދިޔައީ ރީވާއާއި މަލްހާން މޫދަށް އެރޭ ހިތުން އުޅޭވަރުންނެވެ. ރޭގައި އުލްފާގެ ގެއިން ކައިގެން އެގޭގައި އުލްފާއާއެކު ވާހަކަ ދައްކަން އިނުމަށްފަހު މަލަކަށް ގެއަށް އާދެވުނީ ދިހަގަޑި ބައިވެ ބޮޑުވި ފަހުންނެވެ. ދަތުރުގެ ވަރުބައްޔާއެކު އެދުވަހުގެ ދިގުކަމުން ކޮޓަރިއަށް ވަތްގޮތަށް އެއްޗިހި ބަދަލުކޮށްގެން މަލަކް އޮށޯތީ ނިދާށެވެ. ނަމަވެސް ހެނދުނު ނުވައެއް ޖެހި އިރުވެސް އޭނައަކަށް ހަމަ ނިންޖެއް ނުލިބުނެވެ. އޭނައަށް އެނދުން ވެސް ތެދުވެވުނީ ރީވާ ގޮވާވަރުން ބޮލަށް ނުކުޅަދާނަ ވެގެން ނެވެ. މަލަކް އެދެމީހުންނާއެކު ސައިބޮއިގެން ބީޗަށް ގޮސް އެތާ ހުރި ދިގު ގޮނޑިއެއްގައި އިން އިރުވެސް އޭނަގެ ދެލޮލުން ރަނގަޅަށް ނިދީގެ އަސަރު ނުފިލަ އެވެ.

"މަލްކޯ ނިކަން އަހަރުމެންގެ ރީތި ފޮޓޯކޮޅެއް ނަގާލަދީ ބަލަ" މެދުގައި ހުރެފައި މަލްހާން އެއްގަމާ ވީދިމާލަށް އެނބުރެމުން ތަންކޮޅެއް ބާރަށް ބުނެލިއެވެ. 

"މަޑުކުރޭ މި ނަގަނީ" ކަންނެތް އަޑަކުން އެހެން ބުނެފައި މަލަކް އިންތަނުން ތެދުވީ ގޮނޑި މަތީގައި އޮތް ދޮންބެގެ ފޯނާއެކު އެވެ. ރޭގަ އޭނަގެ އަމިއްލަ ފޯނު ޗާޖަށް ޖެހިގޮތަށް ހެނދުނު ހޭލައިގެން ސައިބޯން ދިޔަ އިރުވެސް މަލަކް އޭނަގެ ފޯނުގެ މަތިން ހަނދާނެއް ނުވިއެވެ.

"ފޯނުންތަ ތި ނަގާނީ؟ ކެމެރާ އިން ރީތި ފޮޓޯކޮޅެއް ނަގާދީބަ މަލް ޕްލީޒް" މަލްހާންގެ ފޯނު ހިފައިގެން އަތިރިމަތީގެ ރާޅުޖަހާ ހިސާބަށް މަލަކް އައިސް ހުއްޓުމުން ރީވާ ބޭނުންވި ގޮތް ހާމަކުރިއެވެ. 

"ތެދެއް މަލްކޯ ކެމެރާ އިން ނަގާ ފޮޓޯ މާ ރީތި ވާނެ" މަލްހާން ވެސް ރީވާގެ ނިޔަލަށް ތާއީދު ކުރިއެވެ. މަލަކަށް ފުންނޭވާއެއް ދޫކުރެވުނެވެ. 

"އަނެއްކާ ކެމެރާ ބަލާ ދާން ޖެހޭނީ" 

"ދެން އެއީ އެވަރު ކަމެއް ނޫނެއްނު. މިތަނާ އެހާ ދުރެއްވެސް ނޫން ގެސްޓްހައުސް އެއް." ރީވާއަށް އެއީ މާ ބޮޑު ކަމަކަށް ނުވިއެވެ. މަލަކް ހިސާބަކަށް ހިތްހަމަނުޖެހުނު ނަމަވެސް މަލަކް ކަންނެތް ކަމާއެކު އެނބުރި ހިނގައިގަތީ މި ދަތުރަކީ އޭނަގެ އެދުމުގެ މަތިން ރީވާއާއި މަލްހާން އައިސްގެން އުޅޭ ދަތުރެއް ކަން އަމިއްލަ ނަފްސަށް ހަނދާންކޮށްދެމުންނެވެ. އެހެންކަމުން އެދެމީހުންގެ އެ ކުޑަ އެދުން އޭނަ ފުރިހަމަކޮށްދެން ޖެހޭނެ ކަމަށް އަމިއްލަ ނަފުސަށް ބުނަމުން މަލަކް ގެސްޓްހައުސްއާ ދިމާލަށް ބަރު ފިޔަވަޅުތަކެއްގައި ދާން ފެށިއެވެ.

މަލަކް ގެސްޓްހައުސްއަށް ވަދެ އޭނަގެ ކެމެރާއާއެކު ފޯނުވެސް ހިފައިގެން ކޮޓަރިން ނިކުތެވެ. ކެމެރާގެ ވާފަށް ކަރުގައި އަޅުވާލަމުން މަލަކް އޭނަގެ ފޯނު ހުޅުވާލީ ރެއިންސުރެ އޭނައަށް ފޯނުގައި އަތްނުލެވޭކަން ހަނދާންވުމުންނެވެ. އެންމެ ފުރަތަމަވެސް މަންމަގެ ފަރާތުން މިސްކޯލެއް އައިސްފައިވި މަންޒަރު ފެނުމުން މަލަކް ލަސްނުކޮށް މަންމައަށް ގުޅަންފެށިއެވެ. ދެތިން ފަހަރަކު ރިންގުވުމަށް ފަހު އެކޮޅުން ފޯނު ނެގިއެވެ.

"ހަލޯ. ދަރިފުޅާ މަލަކް ކޮންތާކު ތި އުޅެނީ މަންމަ ދެންމެ ހުރިހާ ކުދިންނަށް ވެސް ގުޅައިފިން." ފޯނު ނެގުމާއެކު ހާސްކަމެއް އެކުލެވިފައިވި މަންމަގެ އަޑު އިވިގެން ދިޔައެވެ.

"ސޮރީ މަންމާ އަޅުގަނޑު ފޯނު ބާއްވާފަ ބޭރުގަ ހުރީ. ދޮންބެއާ ރީވާ އެބަ އުޅޭ މޫދަށް އެރިގެން." މަލަކް ފޯނުން ވާހަކަ ދައްކަމުން ގޮސް ލިފްޓުގެ ބަޓަނަށް ފިތާލާފައި ލިފްޓު އިންތިޒާރުގައި މަޑުކޮށްލިއެވެ. 

"އެހެންތަ؟ އެހެންވީމަ ދަތުރު ރަނގަޅަށް ދޯ ދަނީ. ދަރިފުޅުމެންގެ ހާލު ބަލާލަން މަންމަ ހަމަ ގުޅާލީ އިނގޭ. މިގަޑީގަ ދެން ބާއްވަނީ ފަހުން ގުޅާލާނަން" މަންމަ އެހެން ބުނުމަށްފަހު މަލަކްވެސް އެންމެ ރަނގަޅޭ ބުނުމުން ފޯނު ކަނޑާލިއެވެ. މަލަކް އޭނަގެ ކަންފަތުން ފޯނު ދުރުކޮށް ފޯނުގެ ސްކްރީނަށް ނަޒަރު ހިންގާލި ވަގުތު ލިފްޓުގެ ދޮރުވެސް ހުޅުވިގެން ދިޔައެވެ. މަލަކް އޭނަގެ ފޯނަށް ނަޒަރު ހުއްޓައިގެން ހުރެ ލިފްޓަށް އެރީ ލިފްޓުގައި އިތުރު މީހެއް ހުރިތޯ ވެސް ބެލުމެއް ނެތިއެވެ. ފޯނަށް އައިސްފައިވި ނޮޓިފިކޭޝަންތައް ބަލަމުން ދަނިކޮށް އޭނަ ނުވެސް ދަންނަ އައިޑީއަކުން އޭނަގެ ޕޯސްޓަކަށް ލައިކެއް ދިން ކަމުގެ ނޮޓިފިކޭޝަންއެއް ފެނިފައި މަލަކް އިންސްޓަގްރާމް ހުޅުވާލިއެވެ. އެއައިޑީގައި ރައުފަލް ރަޒީން އޭ ޖަހާފައި އިން ތަން މަލަކަށް ފެނުނީ ދެނެވެ. މަލަކްގެ ހަރަކާތް ލަސްވެ ހިތުގެ ތެޅުން އަވަސްވެގެން ދިޔައީ ރައުފަލް އޭނަގެ ޕޯސްޓަކަށް ލައިކެއް ދީފައިވި މަންޒަރު ފެނުމުންނެވެ. އެވެސް މީގެ މަސްތަކެއް ކުރިން އޭނަ ލާފައިވާ އޭނަގެ އަމިއްލަ ފޮޓޯގަނޑަކަށެވެ.

މަލަކް ފޯނުގެ ސްކްރީނަށް ބަލަހައްޓައިގެން ހުއްޓުން އަރާފައި ހުއްޓާ ލިފްޓުގެ ދޮރު ހުޅުވިގެން ދިޔައެވެ. އޭނައަށް ގްރައުންޑް ފްލޯއަށް ދާ ބަޓަނަށް ނުފިތޭކަން ހަނދާންނެތިފައި ހުރެ މަލަކް ލިފްޓުން ފޭބީވެސް ވަކި އިސްއުފުލާލުމެއް ނެތިއެވެ. އޭނަ ކުރިއަށް ދެތިން ފިޔަވަޅު އަޅާލުމަށް ފަހު އިސްއުފުލާލި ހިނދު ފެނިގެން ދިޔަ މަންޒަރުން ފިޔަވަޅުތައް މަޑުޖައްސާލެވުނެވެ.

އެއީ ގެސްޓްހައުސްގެ އިދާރީ ބައިކަން މަލަކަށް އެނގުނީ އެއްފަރާތަކުން ފާރުގައި ހަރުކޮށްފައި ހުރި ބޯޑުންނެވެ. ގެސްޓްހައުސް އިދާރީ ބަޔަށް އޭނައަށް އާދެވުނީ ކިހިނެއް ބާއޭ މަލަކް ހިތަށް އެރި ވަގުތު ފަހަތުން މީހަކު ކަރުކެހިލިއެވެ.

"އެކްސްކިއުޒް.... މީ މިތާގެ އޮފީސް ބައި." މަލަކް ލަސްލަހުން ފަހަތަށް އެނބުރުނު އިރު ހުދުކުލައިގެ ސިޓީއުރައެއް އެއްއަތުން ހިފައިގެން ހުރީ ރައުފަލް އެވެ. އަނެއްކާވެސް އުންމީދު ނުކޮށް ހުރި ދަނޑިވަޅެއްގައި ރައުފަލް ފެނުމުން މަލަކަށް ހުއްޓުން އަރާފައި ހުރެވުނެވެ. މީގެ ހިނދުކޮޅެއް ކުރިން ރައުފަލް އޭނަގެ ފޮޓޯއަކަށް ލައިކެއް ދިން ކަންވެސް އެނގުމުގެ ސަބަބުން މަލަކަށް ހުރެވުނީ އިހުސާސުކުރަންވީ ގޮތެއްވެސް ނޭނގިފައެވެ. 

"އޮޅުމަކުން ދޯ މިތަނަށް އާދެވުނީ؟" މަލަކް ވާހަކަ ނުދައްކައި އެތަނުން ދިޔުމެެއްވެސް ނެތި ހުންނަން ފެށުމުން ރައުފަލް ސުވާލުކުރިއެވެ. ރައުފަލްގެ ސުވާލުގެ ޖަވާބަކަށް މަލަކަށް ލަސްލަހުން ބޯޖަހާލެވުނެވެ.

"އިޓްސް އޯކޭ އޮޅުމަކުން އެކަހަލަ ކަމެއް ވެދާނެ. އޮޅުމަކުން ކޮންމެ މީހަކަށް ވެސް ކަމެއް ކުރެވިދާނެ" ރައުފަލް އޭނައަށް ބަލަމުން ނުބަލަމުން ކަހަލަ ގޮތަކަށް އެހެންބުނުމުން މަލަކް ހިސާބަކަށް ހައިރާންވި އެވެ. ރައުފަލްގެ މޫނުމަތިން ނުތަނަވަސް ކަމެއް މަލަކަށް ފާހަގަވީ ދެނެވެ. ރަނގަޅަށް ރައުފަލްގެ މޫނަށް ނަޒަރު ހިންގާލެވުނީ ރައުފަލް ނުތަނަވަސް ވާންވީ ސަބަބެއް މަލަކަށް ނުވިސްނުމުންނެވެ. 

މަލަކް ބަލަހައްޓައިގެން ހުއްޓާ ރައުފަލްވެސް މަލަކްއާ ހަތަރުކަޅި ހަމަކޮށް ލިއެވެ. އަދި ނޫންކަމަށް ހަދާފައި މަލަކްގެ އަތުގައި އޮތް ފޯނަށް ކަޅިއެއް އެއްލިއެވެ. އެކަން ފާހަގަވުމުން މަލަކް އޭނަގެ އަތުގައި އޮތް ފޯނަށް ބަލާލިއެވެ. 

"އޯހް..." ރައުފަލްގެ އެ ސިއްރު މެސެޖު މަލަކަށް ނަގައިގަނެވުނީ ދެނެވެ. މަލަކްގެ ތުންފަތުގައި ފުޅާ ހިނިތުންވުމެއް ކުރެހިގެން ދިޔައެވެ. މީގެ ހިނދުކޮޅެއް ކުރިން އޭނައަށް ލިފްޓުގައި ހުރެވުނީ ރައުފަލްއާއެކުގައި ކަމާއި ރައުފަލް އެމާނަކުރަނީ އޭނަގެ ޕޯސްޓަށް ރައުފަލް ދީފައިވާ ލައިކަށް ކަން ވިސްނުމުންނެވެ. 

"ތިބުނީ ތެދެއް. އޮޅުމަކުން ކޮންމެ މީހަކަށް ވެސް ކަމެއް ކުރެވިދާނެ. އަހަންނަށް ވެސް މިތަނަށް މި އާދެވުނީ އޮޅުމަކުން. މީ އަނެއްކާ މަނާކަމެއްބާ؟ އެހެންވެއްޖިއްޔާ ވަރަށް ބޮޑަށް މަޢާފަށް އެދެން." މަލަކަށް ވާހަކަ ދެއްކުނީވެސް އެހިނިތުންވުމުގައި ހުރެއެވެ. އެވަގުތު ރައުފަލް އެތަނުގައި ކުރަނީ ކީއްކަމާމެދު ހިތުގައި ސުވާލު އުފެދުނު ނަމަވެސް މަލަކް އެސުވާލު ކުރާކަށް ގަސްތެއް ނުކުރިއެވެ.

"އޮޅުމަކުން މިތަނަށް އައުމަކީ މަނާ ކަމެއް ނޫން." އެކުވެރި ރާގަކަށް ރައުފަލް އެހެން ބުނެލީ ހިނިތުންވުމަކާއެކު އެވެ. 

"ހެހެ އެހެންވިޔަސް ދެން އަހަރެން ގޮސްލީ." މަލަކް އެހެން ބުނުމަށްފަހު ލިފްޓް ހުރި ދިމާލަށް ޖެހިލާފައި ލިފްޓު ބަޓަނަކަށް ފިތާލިއެވެ. އެއާއެކު ލިފްޓުގެ ދޮރު ހުޅުވިގެން ދިޔައެވެ. މަލަކް ލިފްޓަށް އަރަމުން ފަހު ފަހަރަށް އޭރުވެސް އެތަނުގައި މަޑުކޮށްގެން ހުރި ރައުފަލްއަށް ބަލާލިއެވެ. އެހިނދު ރައުފަލްވެސް އޭނައަށް ބަލަން ހުރެފައި ހިނިތުންވެލިއެވެ. މަލަކް އެހިނިތުންވުން ރައްދުކުރި ވަގުތު ލިފްޓުގެ ދޮރު ލެއްޕުނެވެ.

މަލަކަށް ލިފްޓު ތެރޭގައި ވެސް ހުރެވުނީ ނުފިލާ ހިނިތުންވުމަކާއެކު އެވެ. އޭނަ ގާތަށް އައިސްފައި ހުރި ނިންޖާއި ކަންނެތްކަން ފިލައި ހަށިގަނޑަށް ތާޒާ ކަމެއް އިހުސާސުކުރެވެމުން ދިޔައެވެ. ރައުފަލްއާ ވާހަކަދެކެވުމުން އަމިއްލަ ނަފުސަށް އައި ބަދަލު މަލަކަށް ވެސް ފާހަގަ ކުރެވުނެވެ. ހިތުގައި ތަފާތު ޖަޒުބާތެއްގެ ވިންދު ޖަހަންފަށައިފިއެވެ. އެންމެ ދުވަހެއްގެ ދެތިން ބައްދަލުވުމަކަށް ފަހު މީހަކު ކަމުގޮސްފާނެ ކަމާމެދު މަލަކްގެ ހިތުގައި ޝައްކުއުފެދުނެވެ. ނަމަވެސް އެކަމާ މާބޮޑަށް ފިކުރު ކުރުމެއް ނެތި އެނބުރި އަތިރިމައްޗަށް ގޮސް ރީވާއާއި ދޮންބެއާ ދެމީހުންގެ ސަކަރާތުގައި މަލަކް ބައިވެރިވީ އުފާވެރި ހިތަކާއެކު އެވެ.

.......

މަލަކް ދިޔުމުން އިރުކޮޅެއް ވަންދެން ރައުފަލްއަށް އެތަނުގައި ހުރެވުނެވެ. ހިނިތުންވުމަކާއެކު ލިފްޓާދިމާލަށް ބަލަހައްޓައިގެންނެވެ. އެހެން ހުރެފައި ރައުފަލް ދެފަރާތަށް ބޯހޫރުވާލެވުނީ އަންހެން ކުއްޖެއްގެ ހިޔާލުގައި އޭނައަށް ހުރެވުމުންނެވެ. އޭގެ ދެވަނަ ސިކުންތުގައި އަވަސް އަވަހަށް ރައުފަލް ހިނގައިގަތީ އެތަނުގައި ހުރި ބޮޑު މީޓިން ރޫމްއަށް ވަނުމަށެވެ. 

"ރައުފަލް ހާދަ ލަސްވީ" ރައުފަލް ގެސްޓްހައުސްގެ އޮފީސް ބައިގައި ހުރި ބޮޑު މީޓިން ރޫމަށް ވަދެ ދޮރުލައްޕާލި ހިނދު އައިކް އޭނައަށް ގޮވާލާފައި އަހާލިއެވެ. އޭރު މީޓިން ރޫމްގެ ދިގު މޭޒުދޮށުގައި އެމީހުންގެ އެކުވެރިންގެ އިތުރުން ގެސްޓްހައުސްގެ އޮފީހުގައި އަދި ވޯޓާސްޕޯޓްސް ބައިގައި މަސައްކަތްކުރާ ދެތިން މުވައްޒަފަކުވެސް ތިއްބެވެ. 

ރައުފަލް ވަކި އައިކްއަށް ޖަވާބު ދިނުމެއް ނެތި އޭނަ ގެނައި ސިޓީ އުރަ މޭޒުމަތީގައި ބޭއްވި އެވެ. 

"މީގަ ބޭނުންވާ ވަރަށް ކޭޝް ހުންނާނެ ކަމަށް ފައިނޭންސް އިން ބުނީ" ރައުފަލް އެހެން ބުނެފައި އެތަނުން ގޮނޑިއެއް ދަމާލާފައި އިށީނެވެ. އެމީހުން ހެނދުނު ސަޔަށް ފަހު ގެސްޓްހައުސްއަށް އައީ ދަތުރުގެ ކަންކަން ރޭވުމަށެވެ. ރައުފަލް މީގެ އިރުކޮޅެއް ކުރިން ފައިނޭންސް ބައިގައި މަސައްކަތްކުރާ މީހާ ގާތަށް ދިޔައީ ދަތުރަށް ބޭނުންވާނެ ފައިސާ ނެގުމަށެވެ. 

"އެހެންވީމަ ހިނގާ އެއްޗިހި ހަމަކުރަން ފަށަން. ގަންނަން ޖެހޭ އެއްޗިހީގެ ލިސްޓެއް ހެދިންތަ؟" އައިކް އެސުވާލު އަމާޒުކޮށްލީ އޭނަގެ ކުރިމައްޗަށް ވާގޮތަށް އިން ސާޖިދަށެވެ.

"އާން ލިސްޓު މި ފޮނުވަނީ ވައިބާއިން" ސާޖިދު އޭނަގެ ޖީބުން ފޯނު ނަގަމުން ބުނެލިއެވެ. 

"މިކޮޅުގަ ހުރި ޖެޓްސްކީތައް އެކޮޅަށް ގެންދެވޭނެތަ؟"  ގެސްޓްހައުސްގެ ވޯޓާސްޕޯޓްސް ބައިގައި މަސައްކަތްކުރާ ފާއިލް ކުރެން އައިކް އެހިއެވެ.

"އާން ދުއްވާފަ ގެންދެވޭނެ. އެރަށް އެހާ ދުރެއް ނޫނެއްނު" ފާއިލް ބުނެލިއެވެ.

"އޯކޭ އޯކޭ އެހެންވީމަ އަދި ހުރިހާ ކަމެއް ވަރަށް ސްމޫތްކޮށް މި ދަނީ." ހިތްހަމަޖެހިފައި ހުރެ އައިކް ބޯޖަހާލިއެވެ. އެމީހުން ރާވަމުން ދާ ދަތުރުގެ ކަންކަމާ ބެހޭ ގޮތުން އެހެނިހެން މަޝްވަރާތައް ކުރިއަށް ދާންފެށުމުން ރައުފަލްވެސް އެމަޝްވަރާތަކުގައި ބައިވެރިވި އެވެ.

އެހާ ބޮޑު ދަތުރެއް ރާވައި އިންތިޒާމު ކުރުމަކީ ކިހާ ބުރަ ކަމެއްކަން ރައުފަލްއަށް އިހުސާސުވީ މުޅި ދުވަހު ކަހަލަ ގޮތަކަށް އެކަމުގައި އުޅެންޖެހުމުން އެވެ. އަދި ދަތުރަށް ބޭނުންވާނެ ސާމާނު މިހާރުއްސުރެ ތައްޔާރު ކުރުމަށް ހަމަ އެދުވަހު އެމީހުން މަސައްކަތް ފެށުމުން އެބުރަ އިތުރުވެގެން ދިޔައެވެ. ނަސީބަކުން އެދުވަހު ކުރަންހުރި ހުރިހާކަމެއް އިރުއޮއްސުމުގެ ކުރިން ނިމުނެވެ. 

މަސައްކަތް ނިންމާލުމަށްފަހު ގެއަށް އައިސް އެންމެ ފުރަތަމަ ކަމަކަށް ރައުފަލް ފެންވަރައި ރީތިވެލިއެވެ.  މަޢްރިބް ނަމާދަށް ބަންގި ގޮވަން އަދި ވަގުތުކޮޅެއް އޮތުމުން ކޮޓަރިން ނިކުމެ އައިކްގެ އިންތިޒާރުގައި ތިރިއަަށް ގޮސް ސޯފާގައި ރައުފަލް އިށީނެވެ. އެހާ ބުރަކަށް އުޅެފައި ހަމަޖެހުމުގެ ނޭވާއެއް ލެވުނީ އެވަގުތު އެވެ. ދެލޯމަރާލާއިގެން ސޯފާގައި ރައުފަލް ލެނގިލީ ކުޑަކޮށް ނަމަވެސް ވަރުބަލި ފިލުވާލުމުގެ ނިޔަތުގައެވެ. މިވަގުތު އޭނަ ތަނެއްގައި އޮށޯވެއްޖެ ނަމަ ނިދޭނެކަން ގައިމެވެ. ރައުފަލް އެހެން އިންނަތާ ފަސްވަރަކަށް މިނެޓު ފަހުން އެގޭގެ ބެލް އަޅާލި އަޑު އިވުނެވެ. އޭނަ ސޯފާއިން ތެދުވެގެން ގޮސް ދޮރު ހުޅުވާލި އިރު ދޮރުމަތީގައި ހުރީ އުލްފާއެވެ.

"މާދަމާ ހުކުރު ދުވަސް ވީމަ މަންމަ ބުނީ މެންދުރު ގެއަށް ކާން އަންނައްޗޯ"

"އޯހް... އާން... އެންމެ ރަނގަޅު އައިކްއާ ދެމީހުން ދާނަން" ރައުފަލް އެހެން ބުނެލި އިރު އުލްފާ ބޯދިއްކޮށް ގޭތެރެއަށް ނަޒަރެއް ދެނީއެވެ.

"އައިކް ވީ ކޮޓަރީގަ" އުލްފާ އެ ހޯދަނީ އައިކް ކަން އެނގުމުން ރައުފަލް ބުނެލިއެވެ.

"އޯހް... އޯކޭ އަހަރެން ދެން ގޮސްލީ" އުލްފާ އެހެން ބުނެފައި އެނބުރި ދާން ހިނގައިގަތެވެ. ނަމަވެސް ކަމެއް ހަނދާންވި ފަދައިން ކުއްލިއަކަށް ހުއްޓިފައި އަނެއްކާވެސް ރައުފަލްއާ ދިމާލަށް އުލްފާ އެނބުރުނެވެ.

"މަޑުކޮށްބަލަ ރައުފަލް ދަންނަންތަ މަލަކް؟" އުލްފާގެ އެ ސުވާލުން ރައުފަލް ހިސާބަކަށް ސިހުނެވެ. ދޭނެ ޖަވާބެއް ނޭނގިފައި ހުއްޓާ އުލްފާ އަނެއްކާވެސް ވާހަކަ ދެއްކިއެވެ.

"މިހެން މި ބުނީ ރޭގަ ތި ދެމީހުން އެކަކު އަނެކަކަށް ބަލަން ތިބި ގޮތުން. އަނެއްކާ ރައުފަލް އޭނައަށް ސްމައިލެއް ދިންތަންވެސް އަހަރެން ދުށީމޭ. ފަހުން މަލަކް ކާރި އެހިން ރައުފަލް އެނގޭހޭ. އޭނަ ބުނީ ނޭނގެއޯ. އެކަމަކު އެދުވަހު މެންދުރު ގެސްޓްހައުސް އިން ދުށީމޯ..." އުލްފާ ޒާތެއްގެ ހިންޏެއް އައިސްފައި ހުރެ ހަށަންބަނދެލިއެވެ. 

"ހެހެ ނޯ އަހަރެންވެސް ނުދަންނަން މަލަކެއް. ޔާ އިއްޔެ ގެސްޓްހައުސް އިން ދެކުނިން. ދެން ރޭގަ. ދެން އެގޮތަށް ފެންނަ މީހުންނަށް ސްމައިލް ކުރެވިދާނެ ދޯ" ރައުފަލް ބުނެލިއެވެ. އޭނަ ދެއްކި ވާހަކަ އުލްފާ މުޅިއަކު ގަބޫލު ނުކުރާކަން އުލްފާގެ މޫނުމަތިން ހާމަވަމުން ދިޔައެވެ.

ނަމަވެސް އޭނަ ހެދީ ދޮގެއް ނޫނެވެ. ހަމައެކަނި ރައުފަލް ނުބުނީ އޭނައާ މަލަކް ބައްދަލުވި ގޮތެވެ. އޭނަ ފެނުމުން މަލަކް ބަލަން ހުންނަ ގޮތެވެ. މަލަކްގެ ޕްރޮފައިލް ހާވަނިކޮށް މަލަކްގެ ފޮޓޯއަކަށް އޭނައަށް ލައިކެއް ދެވުނު ގޮތެވެ. މިއަދު އެދެމީހުން ބައްދަލުވެގެން ނުސީދާކޮށް އޭނަ އެކަމަށް މައާފަށް އެދުމުން މަލަކަށް އެކަންވިސްނި އެއީ މާބޮޑުކަމަކަށް ނުހެދި ގޮތެވެ. ނަމަވެސް އެއީ އިތުރު މީހަކަށް އެނގެންޖެހޭ ވާހަކަތަކެއް ނޫނެވެ.

"އެހެންތަ؟ ރައުފަލް ތިހެން ބުނީމަ ހައިރާން ވެވެނީ ހަމަ. ތީ އަންހެންކުދިންނާ ނިކަން ދުރުން އުޅޭ މީހެއް ވިއްޔަ. ނުދަންނަ އަންހެންކުއްޖަކަށް އެހާ ފަސޭހައިން ސްމައިލް ކުރާ ޓައިޕް މީހެއް ނޫންތީ. އެކަމަކު ރައުފަލް ބުނީމަ ދެން ޖެހޭނީ ގަބޫލުކުރަންތާ..." އުލްފާ ދެންވެސް ހެވިފައި ހުރެ ބުނެލިއެވެ. ރައުފަލް އިތުރު އެއްޗެއް ނުބުނެ ހިނިތުންވެލުމުން ތިމަންނަ ދަނީކަމަށް ބުނެ އުލްފާ ހިނގައިގަތެވެ. 

އުލްފާ ދިޔުމުން އިރުކޮޅެއް ވަންދެން ދޮރުމަތީގައި ރައުފަލްއަށް ހުރެވުނެވެ. އުލްފާ އެބުނީވެސް ދޮގެއް ނޫނެވެ. މިވީހާތަނަށް އޭނަ އުޅުނީ އަންހެންކުދިނާ ދުރުންނެވެ. ސަބަބަކީ ބައްޕަ އޭނައަށް ދޭ ނަސޭހަތްތައް އެކަންޏެއް ނޫނެވެ. އެހެން ކުދިންނެކޭ އެއްފަދައިން ރައުފަލް ވެސް ފުރާވަރަށް އަޅައިގެން އައިއިރު އަންހެން ކުއްޖަކު ކަމުދިޔައެވެ. އެއީ ސްކޫލްގައި އޭނައާ ގާތްކަމެއް ބަހައްޓަމުން ދިޔަ އެހެން ރަށަކުން އެރަށަށް ކިޔަވަން އައިސް ހުރި ކުއްޖެކެވެ. ޒިދްނާއަކީ ރީތި ކުއްޖެކެވެ. ގާތްގަނޑަކަށް އޭރު ސްކޫލްގައި އުޅުނު ހުރިހާ ފިރިހެން ކުދިންހެން ޒިދްނާގެ ފަހަތުން އުޅުނެވެ. ނަމަވެސް އެހުރިހާ ކުދިންގެ ތެރެއިން ޒިދްނާ އިސްވެ ވާހަކަދެއްކީ ރައުފަލް އަށެވެ. ޒިދްނާ އޭނައާއެކު ގިނަ ވަގުތު ހޭދަކޮށް ޒިދްނާގެ އެކުވެރިންނަށް ވެސް އޭނާ ތައާރަފްކޮށް ހެނދުނުން ޒިދްނާއަށް ވެސް އޭނަ ކަމުދިޔައީކަމަށް ރައުފަލްއަށް ނިންމުނެވެ. ޔަގީނުންވެސް އޭނަގެ ހިތުގައި ޒިދްނާއަށް އޭރު ދެވިފައިވީ ހާއްސަ މަގާމެކެވެ. ނަމަވެސް ހަގީގަތް ރައުފަލްއަށް އެނގުނީ އޭގެ މަސްތަކެއް ފަހުންނެވެ.

"އޭ ޒިދްނާ ކަލޭ ރައުފަލް ދެކެ ލައިކް ވަނީތަ؟" އެއްދުވަހެއްގެ އިންޓަވަލް ގަޑީގައި ސްކޫލުގެ ބިއްދޮށް ފަރާތުގައި ހުރި ބެންޗެއްގައި އިން ޒިދްނާގެ އެކުވެރިއެއް ސުވާލުކުރިއެވެ. އެއަޑު ރައުފަލް އަށް އިވުނީ ޒިދްނާ އޭނަގެ އެކުވެރިންނާއެކު އެތަނަށް ދާން ހިނގައިގަތް އިރު އެމަންޒަރު ފެނިފައި ރައުފަލް ވެސް އެމީހުންގެ ފަސްފަހަތުން ދިޔުމުންނެވެ. ރައުފަލް އެމީހުންގެ ފަހަތުން ދިޔައީ އެދުވަހު ކެންޓީނުން ޒިދްނާއަށް މާ ކަމުދާ ފްރައިޑް ރައިސް ޕެކެއް ގަނެގެން އޭތި ޒިދްނާއަށް ދިނުމަށެވެ. އޭނަގެ ބޮޑުބޭބެ ހަދިޔާއަކަށް ދިން ސަތޭކަ ރުފިޔާއިން ރައުފަލް ގަންނަން ބޭނުންވާ ކިތަންމެ އެއްޗެއް ހުއްޓަސް ޒިދްނާއަށް ކަމުދާ އެއްޗެއް ގަނެފައި ދިނުން ރައުފަލްއަށް އެދުވަހު މުހިންމުވީ ވަރުންނެވެ.

"އައްޗީޑި މަ އެބަ އުޅެންތަ އޭނަ ދެކެ ލައިކް ވެގެން. ޕްލީސް އޭނަ ގާތްކޮށްގެން މި އުޅެނީ ފިލާވަޅުތައް ހަދަން ފަސޭހައަކަށް. ޓެސްޓުތަކުން ވެސް މިހާރު ނަތީޖާ ރަނގަޅުވޭ އޭނަ ކާރިން އެއްޗިހި ދަސްކުރީމަ." 

"އެކަމަކު އޭނަ ހާދަ ހީވެޔޭ ޒިދޫ ދެކެ ލައިކް ވާހެން."

"ހޫން މަށަށް އެނގޭ. އެކަމަކު ނޭނގޭކަމަށް ހެދިގެން މި އުޅެނީ. އޭނަ ބަލާލަން ރީއްޗަސް އެއީ ކޮން ފެންވަރެއްގެ މީހެއްކަން މަ ހަނދާނުގަ ބަހައްޓަމޭ. ފަގީރު ކޮއި ރައުފަލްއާ މި ޒިދްނާއެއް އެފަދަ ނިޔަތެއްގަ ގާތެއް ނުވާނަން. ހެހެ ކާކު ވާނީވެސް." ޒިދްނާ މަލާމާތުގެ ހިނިގަނޑެއް ޖަހާލިއެވެ. އޭނަގެ އެކުވެރިން ވެސް އެމަލާމާތުގައި ބައިވެރިވެރި ރައުފަލްއަށް މަލާމާތް ކުރަން ފެށިއެވެ.

އެހުރިހާ ވާހަކައެއް އަޑުއަހަން ހުރި ރައުފަލް ކިތަންމެ ބޭނުންނުވި ކަމުގައިވި ނަމަވެސް ހިތަށް ކުރި އަސަރުގެ ބޮޑުކަމުން ދެލޮލަށް ކަރުނަތައް ޖަމާވަމުން ދިޔައެވެ. އޭނަގެ އަތުގައި އޮތް ފުޑްޕެކްވެސް އެތަނަށް ދޫކޮށްފައި ރައުފަލް އަވަސް ފިޔަވަޅުތަކެއްގައި ފާހަނަބަރިއާ ދިމާލަށް ދުއްވައިގަތެވެ.  

އެދުވަހު ކަންތައް ވެގެން ދިޔަ ގޮތް ހަނދާންއާވި ނަމަވެސް ރައުފަލްގެ ހިތަކަށް އަސަރެއް ނުކުރިއެވެ. އެއީ މީގެ ތިން އަހަރު ކުރިން ހިނގި ކަމަކަށް ވެފައި ޒިދްނާގެ ނަން އޭނަގެ ހިތުން ފުހެލެވިފައިވީތާ އެތަކެއް ދުވަސްތަކެއް ވެފައި ވުމުންނެވެ. އެހެނަސް އެދުވަހުގެ ފަހުން ރައުފަލް އަންހެންކުދިންނާ މުޅިންހެން ދުރުހެލިއެވެ.އޮޅުމަކުން ނަމަވެސް އޭނައަށް އަންހެން ކުއްޖެއް ކަމުގޮސްފާނެތީއެވެ. އެދުވަހު ޒިދްނާ އާއި ޒިދްނާގެ އެކުވެރިން އޭނައަށް މަލާމާތްކޮށް ފައި ދެއްކި ވާހަކަތައް އެހިތުގައި ބިންވަޅު ނެގިފައި ވިއެވެ. އަދި އެވާހަކަތައް ހިތުގެ އަޑިން ރައުފަލްއަށް ގަބޫލުވެސް ކުރެވުނެވެ. އޭނާ ފަދަ ފަގީރަކާ ގުޅޭނީ ކާކުހެއްޔެވެ؟ އޭނަގެ ފެންވަރު އޭނައަކަށް ވެސް ނޯޅެއެވެ.

"އޭ ކިހިނެއް ވެފަ ތިތާ ތިހުންނަނީ؟" ރައުފަލްއަށް އޭނަގެ ހިޔާލުތަކުން ބޭރުވެވުނީ އައިކްގެ އަޑަށެވެ. ގޭގެ ދޮރު ލައްޕާލުމަށްފަހު ރައުފަލް ގޮސް ސިޓިންރޫމްގެ ސޯފާގައި އިށީނެވެ.

"އުލްފާ އައިސް ބުނީ މާދަން ހުކުރު ދުވަސް ވީމަ މެންދުރު އެގެއަށް ކާން އަންނަން ދައްތަ ބުންޏޯ" ރައުފަލްގެ ޖަވާބު އިވިފައި އައިކްގެ މޫނުމަތީގެ ކުލަވަރު އޮއްސުނެވެ. ވާގިދޫވެފައި ހުރި މީހެއް ފަދައިން އައިކް ސޯފާގައި އިށީނުމުން ރައުފަލްއަށް ސުވާލުނުކޮށް ނުހުރެވެނެވެ.

"ތި ދެމީހުން މިދުވަސްކޮޅު ކިހިނެއްވީ؟ ސުވާލު ނުކުރަން ވަރަށް މަސައްކަތް ކުރެވިއްޖެ. އެކަމަކު ބްރޯގެ މޫނު ތި ހުރީ ހުންނަ ގޮތް. ދެން ބުނެބަލަ. ކިހިނެއްވީ؟" ރައުފަލް އެންމެ ފަހު ސުވާލުކުރަމުން އައިކްއާ ދިމާލަށް ރަނގަޅަށް އެނބުރިފައި ސޯފާގައި ހަމަޖެހިލި އެވެ. އައިކް މޫނުގައި ދެއަތްއަޅައި ފޮރުވާލަމުން ކަރުތެރެ އިން ރުޅިވެރި އަޑެއް ލައްވާލިއެވެ.

"ކިހިނެއް ނުވަނީ؟ ނޭނގެ މަށަކަށް. އަހަރެން އުޅެފިން އުލްފާ މަތިން ހަނދާންނައްތާލަން. އެކަމަކު ރައުފަލް ބުނެބަލަ އަހަރެން ކިހިނެއް ކޮންމެ ދުވަހަކު ފެންނަ މީހެއްގެ މަތިން ހަނދާން ނައްތާލާނީ؟ އުލްފާ އެހެން މީހަކާ ރައްޓެހިވިޔޭ ކިޔާފަ އަހަރެން ކިހިނެއް...." އައިކް މޫނުމަތިން ދެއަތް ނަގައި ވާހަކަ ދައްކަމުން ގޮސް އެންމެ ފަހުން ބުނަން ޖުމުލަ ފުރިހަމަނުކޮށް ދޫކޮށްލި އެވެ.

"މީގެ އެންމެ މޮޅު ތަންކޮޅަކީ އެ މުނީޒް އުލްފާއާ ރައްޓެހިވީ އަހަރެންގެ މައްޗަށް މޮޅެއް ހޯދަންވެގެން. އެވާހަކަ ބުނީމަ އުލްފާ ގަބޫލެއް ނުކުރި. އޭނަ އަހަރެން ދެކެ ރުޅި އައިސްގެން އެއްޗިހިކީމަ އޭގެ ފަހުން އަހަރެންވެސް މި ބަލަނީ އޭނައާ ދުރުން އުޅެވޭތޯ.... މުނީޒް އޭނައަށް ދެރައެއް ދިނީމަ ނޫނީ އޭނައަކަށް ނުވިސްނޭނެ. އެކަމަކު އެދުވަހަކުން... އެދުވަހަކުން އަހަރެންވެސް ދެރަވާނެ..." އައިކް އިސްޖަހާލިއެވެ. އޭނަގެ އަޑުގައިވީ މޮޅިވެރިކަމެވެ. އައިކް އެހެން އިންނަން ފެށުމުން ރައުފަލް އައިކްގެ ކޮނޑުގައި ޖަހާލިއެވެ.

"އެދުވަހަކުން އުލްފާއަށް ވެސް ވިސްނޭނެ ތީކަން އޭނަގެ ހުރި ހަމައެކަނި ރަނގަޅު އެކުވެރިއަކީ. އޭނަ ސްކޫލްގަވެސަ ގާތްކޮށްގެން އުޅެނީ އެ މުނިޒެއް ކިޔާ މީހާގެ ޕަޕެޓުންވިއްޔަ... މަށަށް ހީވަނީ އެދެމީހުން ރައްޓެހިވީވެސް އެ ކުދިންތައް އުލްފާގެ ބޮލަށް އެރިގެން ހެން." ރައުފަލްއަށް ބުނެވުނެވެ. އައިކް އިސްއުފުލައި އޭނައަށް ބަލާލަމުން ބޯޖަހާލިއެވެ.

"އެކަމަކު ކީއްކުރާނީ ދޯ؟ ތެދު ބުނެދިނީމަ ގަބޫލެއް ނުކުރޭ. އެނީވޭޒް އެކަމާ ވިސްނުމުގެ ބޭނުމެއް ނެތް. މި ރާވާ ދަތުރާއިގެން އުޅެންވީ" އައިކް އެހެން ބުނި ވަގުތު މަޢްރިބް ނަމާދަށް ބަންގިގޮވަންށި އަޑު ގެ ކާރި މިސްކިތުން އިވެންފެށިއެވެ. ދެމީހުން އެކުގައި ތެދުވެ މިސްކިތައް ދިއުމަށްޓަކައި ގެއިން ނިކުންނަން ހިނގައިގަތެވެ. ރައުފަލް ފައިވާނަށް އަރައިގެން ގެއިން ނިކުމެ ނިކުމެ ހުއްޓައި އޭނާގެ ފޯނަށް ނޯޓިފިކޭޝަންއެއް އައިކަމުގެ ރަނގަބީލު އަޅާލިއެވެ. ރައުފަލް ޖީބުގައި އޮތް ފޯނު ނަގައި ހުޅުވާލަމުން ފޯނުގެ ސްކްރީނަށް ނަޒަރު ހިންގާލިއެވެ.

.......

"ދަރިފުޅު ނަމާދުކޮށްގެން ބައްޕަ ކާރިއަށް ޤުރުއާން ކިޔަވަން އަންނައްޗޭ" ސިޓިންރޫމްގައި ހުރި ފަތްޖެހި އެނދެއްމަތީ އިން ރަމީޒު ވަށް ބުރުގަލެއް އަޅައިގެން ކޮޓަރިއަށް ވަންނަން ދިޔަ ރާޔާއަށް ބުނެލިއެވެ. އެކުއްޖާ ބޯޖަހާލާފައި ބަސްއަހައިގެން ކޮޓަރިއަށް ވަނުމުން ރަޒީން އޭނަގެ އަތުގައި އޮތް ކުޑަ ހަތިމް ހުޅުވާލިއެވެ. ނަމަވެސް ޤުރުއާން ކިޔަވަން ފެށުމުގެ ކުރިން ގޭގެ ދޮރު ހުޅުވައި ޒަމީރާ ގެއަށް ވަދެގެން އައުމުން ރަމީޒުގެ ސަމާލުކަން އޭނަގެ އަންހެނުންނަށް ދެވުނެވެ.

"ކޮންތާކުން ތި އައީ؟ މިހާރު މަޢްރިބް ނަމާދު ވަގުތު އެއޮއްގެން ނިމެނީ. ރާޔާވެސް މަންމައާއެކު ނަމާދުކުރާނީއޭ ކިޔާފަ މިތާ އިނދެއިނދެފަ ދެންމެ އެ ދިޔައީ." ޒަމީރާ ފެނުމާއެކު ރަމީޒަށް ވާހަކަ ދެކެވުނެވެ. އެވަގުތު ޒަމީރާގެ މޫނުމަތިން ފޫހިކަމުގެ އަސަރު ފާޅުވެގެން ދިޔަ މަންޒަރު ރަމީޒަށް ސާފުކޮށް ފެނުނެވެ.

"ބަލަ އަހަރެން މިއައީ ރައްޓެހިންނާއިއެކު ސަކަރާތްޖަހާ މަޖާނަގަން ގޮސް އުޅެފައެއް ނޫނޭ... ރަމީޒު ފައި ހަލާކުވެގެން ގޭގަ އޮތީމަ ގެއްލޭ ފައިސާ ހޯދަން ފަސީހާގެ ގޭދޮށުގަ ހަވީރު ހެދިކާ ހަދަން ގޮއްސަ މަ މި އައީ" ޒަމީރާގެ އަޑުގައިވީ ނުރުހުންތެރި ކަމެވެ. އޭނަ އެހެން ބުނެފައި ރަމީޒު އިތުރު އެއްޗެކޭ ބުނުމުގެ ކުރިން ގޮސް ކޮޓަރިއަށް ވަދެ ދޮރު ޖެހިއެވެ.

އެމަންޒަރު ބަލަން އިން ރަމީޒަށް ފުން ނޭވާއެއް ދޫކުރެވުނެވެ. އޭނަގެ އަންހެނުން މިފަހަކަށް އައިސް އޭނަ ދެކެ ފޫހިވާހެންވެސް ރަމީޒަށް އިހުސާސުކުރެވެމުން ދިޔައެވެ. ނަމަވެސް އޭނައަށް ވަކި ކުރެވޭނީ ކޮން ކަމެއް ހެއްޔެވެ؟ ޒަމީރާ ބޭނުންވަނީ ފައިސާއެވެ. ޒަމީރާގެ ހިތް އެދޭވަރަށް ފައިސާ ހޯދުމުގެ ގާބިލިއްޔަތުކަމެއް އޭނަގެ ނެތެވެ. އޭނަ ޒަމީރާއާ ކައިވެނިކުރަން އުޅުނު އިރު ބޭބެ ދިން ނަސޭހަތުގެ މަތިން ރަމީޒު ހަނދާންވި އެވެ. ރަމިޒާ އޭނައާ ކައިވެނިކުރަނީ އޭނައަކީ ރިސޯޓުގައި މަސައްކަތްކުރާ ގިނައިން ރުފިޔާ ލިބޭ މީހަކަށް ވާތީކަމަށް އެދުވަހު ބޭބެ ބުންޏެވެ. ނަމަވެސް އެވާހަކަ ގަބޫލުނުކޮށް ރަމީޒު އަވަހަށް އެކައިވެނި ކުރީ ކުޑަކުޑަ ރައުފަލްއަށް މަންމައެއްގެ ލޯބިދޭން ބޭނުންވެފައި ހުރިލެއް ބޮޑުކަމުންނެވެ. އެދުވަސްކޮޅު ޒަމީރާވެސް ރައުފަލްއާ މެދު އެހާ ލޯބިން ކަންތައް ކޮށް އުޅޭ ތަން އޭނަގެ ލޮލަށް ފެނުމުންނެވެ.

ނަމަވެސް މިއަދު އެހުރިހާ ކަމެއް ބަދަލުވެފައިވާއިރު ރަމީޒަށް ފުން އެކަނިވެރިކަމެއް އިހުސާސުކުރެވެމުން ދިޔައެވެ. އޭގެ ސަބަބުން ފަސް އަޅައި ފޮރުވާފައިވާ އޭނަގެ މާޒީގެ ހަނދާންތައް އާވާ ގޮތްވިއެވެ. އޭރު އޭނަ އުޅުނީ ހާދަ އުފާވެރި ދިރިއުޅުމެއްގައެވެ. ލޯބިވާ އަންހެނުންނާއި ލޯބިވާ ދަރިފުޅާ އެކުއެވެ. ނަމަވެސް އޭނަގެ އުފާވެރި ހަޔާތް ގެއްލިގެން ދިޔަައީ ރަމީޒު އުންމީދުވެސް ނުކުރާހާ ހިތާމަވެރި ގޮތަކަށެވެ. 

އެހަނދާންތައް އާވާންފެށުމުން ރަމީޒު ބޯހޫރުވާލިއެވެ. އަދި އޭނަގެ އަތުގައި އޮތް ހަތިމު ހުޅުވާލީ އެހިޔާލުތަކުން ދުރުވުމުގެ ނިޔަތާއެކުއެވެ. ނަމަވެސް މިފަހަރުވެސް ރަމީޒަށް ޤުރުއާން ކިޔެވޭ ގޮތެއް ނުވިއެވެ. ފަތްޖެހި އެނދުމަތީގައި އޮތް އޭނާގެ ފޯނު ރިންގުވާންފެށުމުން ރަމީޒު އޭނަގެ ފޯނު ނަގައި ސްކްރީނަށް ނަޒަރު ހުއްޓާލި އެވެ. ނުދަންނަ ނަންބަރެއް ފެނިފައި ރަމީޒު ފޯނު ނަގައި ކަންފަތުގައި ޖައްސާލީ އެވާނީ ދަންނަ މީހަކު ނަންބަރު ބަދަލުކޮށްގެން ގުޅަނީ ކަމަށް ނިންމަމުންނެވެ.

"ޢައްސަލާމް ޢަލައިކުމް" ރަމީޒު ފޯނު ނަގައި ކަންފަތުގައި ޖައްސާލަމުން ސަލާމް ގޮވާލިއެވެ. 

"ޢައްސަލާމް ޢަލައިކުމް....ހަލޯ؟" އެކޮޅުން ޖަވާބެއް ނުދިނުމުން ރަމީޒު އަނެއްކާވެސް ސަލާމް ތަކުރާރުކޮށް ގޮވާލިއެވެ. ނަމަވެސް އެމީހަކު ޖަވާބެއް ނުދިނެވެ. ފޯނުގެ އަނެއްކޮޅުގައި މީހަކު ހުރިކަން ރަމީޒަށް ޔަގީންވީ އެމީހެއްގެ ނޭވާގެ އަޑުއިވެމުން ދިޔުމުންނެވެ.

"ނުބައި ނަންބަރަކަށްތޯ ތި ގުޅުނީ؟" ރަމީޒު އެހެން ބުނިތަނާ ކުއްލިއަކަށް ފޯނު ކެނޑިގެންދިޔައެވެ. ހައިރާންވެފައި ހުރެ ރަމީޒު ފޯނު ކަންފަތާ ދުރުކޮށް ފޯނުގެ ސްކްރީނަށް ބަލާލިއެވެ. 

ނުނިމޭ

 

 

 

........ 

 

ލިޔުން ޙިއްސާ ކުރައްވާ

0 ކޮމެންޓްސް, 0 ރިއެކްޝަންސް

Smile
Smile

0%

Love
Love

0%

Sad
Sad

0%

Like
Like

0%

Dislike
Dislike

0%

މަގުބޫލް ލިޔުންތައް

Anehkaaves MDP ghe membarunthakeh raa fulhi genghulhey vedio eh leak vejje

އަނެއްކާވެސް އެމްޑީޕީ ގެ މެމްބަރުންތަކެއް ރާ ފުޅި ގެންގުޅޭ ވީޑިއޯއެއް ލީކުވެއްޖެ

0

ibrahim Wins Parliamentary Seat for Mahchangolhi Uthuru in the 20th Maldivian Parliament

މައްޗަންގޮޅީ އުތުރަށް އިއްބެ ޖަނާބު އިންތިޚާބު ވެއްޖެ.

0

Baby walker, kudakudhinna huri nurahkaleh.

ބޭބީ ވޯކަރ، ކުޑަކުދިންނަށް ހުރިނުރައްކަލެ.

0