9 އޮކްޓޫބަރު 2024
0
"ނުބައި ނަންބަރަކަށްތޯ ތި ގުޅުނީ؟" ރަމީޒު އެހެން ބުނިތަނާ ކުއްލިއަކަށް ފޯނު ކެނޑިގެންދިޔައެވެ. ހައިރާންވެފައި ހުރެ ރަމީޒު ފޯނު ކަންފަތާ ދުރުކޮށް ފޯނުގެ ސްކްރީނަށް ބަލާލިއެވެ.
.......
ޖެހިގެން އައި ހުކުރު ދުވަސް ވެގެން ދިޔައީ ވިއްސާރަ ދުވަހަކަށެވެ. ބެލްކަނީގެ ރެއިލިންގައި އަތްއަޅުވާލައިގެން ވެހެމުންދިޔަ ވާރޭގެ ތިކިތައް ގަސްގަހުގެ ފަތްތަކަށް ދެމުން ގެންދިޔަ ހަމަލާތަކަށް ބަލަހައްޓައިގެން މަލަކަށް ހުރެވުނީ އޭނަގެ އަމިއްލަ ދުނިޔެއެއްގައެވެ. އެކިއެކި ހިޔާލުތައް އޭނަގެ ސިކުނޑީގައި އެނބުރެމުން ދިޔައެވެ. އެހިޔާލުތަކުގެ ތެރެއިން ވެސް މަލަކްގެ ތުންފަތްމައްޗަށް ހިނިތުންވުމެއް ވެރިކުރުވީ ރޭ އޭނަ ރައުފަލްއަށް ފޮނުވި ފްރެންޑްރިކުއެސްޓް ހަމަ އެރޭ ރައުފަލް އެކްސެޕްޓް ކުރިކަން ހަނދާންވުމުންނެވެ. އެކަން ވެގެންދިޔައީ މަލަކް ހީކުރިވަރަށް ވުރެ އޭނަ އުފާވި ކަމަކަށެވެ. އޭނަ ރައުފަލްއަށް އެފްރެންޑް ރިކުއެސްޓް ފޮނުވީ އެކަމާ މެދު އެތައް ގޮތަކަށް ވިސްނުމަށް ފަހުއެވެ. އެންމެ ފަހުން އެއީ ހަމައެކަނި ރައުފަލް އަކީ ކާކުކަން ހޯދައި އޭނާގެ ހިތުގައިވާ ސުވާލުގެ ޖަވާބު ހޯދުމުގެ ބޭނުމުގައި ކަމަށް މަލަކް އަމިއްލަ ނަފުސަށް ވިސްނައި ދިނެވެ.
މަލަކް އެހެން ހުރެފައި އޭނަގެ ފޯނު ނަގައި ހުޅުވާލިއެވެ. ރައުފަލް އޭނަގެ ފްރެންޑްރިކުއެސްޓް އެކްސެޕްޓް ކުރި ނަމަވެސް އޭނައާ އިސްވެ ވާހަކަ ދައްކާފައެއް ނެތެވެ. ރައުފަލް އޭނައަށް މެސެޖުކުރާނެ ކަމަށް މަލަކްއަށް ހީކުރެވުނެވެ. އެއީ އާންމުކޮށް ފިރިހެން ކުދިން ކަންތައްކޮށް އުޅޭ ގޮތް ވިއްޔާއެވެ. ހާއްސަކޮށް އޭނަގެ ސަމާލުކަން ފިރިހެން ކުއްޖަކަށް ދެވިއްޖެ ނަމަ މަލަކަށް ފާހަގަކުރެވިފައިވާ ކަމަކީ އެކުއްޖަކު އަބަދުވެސް އޭނައާ އިސްވެ ވާހަކަދައްކާ ކަމެވެ. އެވެސް އެންމެ ފަހަރަކު ނޫނެވެ. އޭނަގެ ނަންބަރު ހޯދައިގެން ނުތަވަ ސޯޝަލް މީޑިއާއިންވެސާ ހޯދައިގެން މެސެޖުކުރާނެ އެވެ. ނަމަވެސް މިހާތަނަށް މަލަކްއާ ދިމާވި ހުރިހާ ފިރިހެން ކުދިންނާ ރައުފަލް ތަފާތެވެ.
އެކަމާއި މެދު ވެސް މަލަކްގެ ހިތްހަމަޖެހުނެވެ. އެހެން ފިރިހެންކުދިނާ ރައުފަލް ތަފާތުވުމަކީ ރަނގަޅު ފާލެއް ކަމުގައި މަލަކް ދެކުނެވެ. ރައުފަލްގެ ހިޔާލުގައި މަލަކް އޭނަގެ ފޯނަށް ބަލަހައްޓައިގެން ހުއްޓައި އެކޮޓަރިއަށް ވަތް މަލްހާން އޭނައަށް ގޮވާލިއެވެ.
"މަލްކޯ ދޮންބެ މި ދަނީ ހުކުރަށް އިނގޭ. ހުކުރުން ފައިބައިގެން މަލްގެ ފްރެންޑް އަހަރުމެން ބަލާ ކާރު ފޮނުވާނެ ދޯ" މަލްހާން ބެލްކަންޏާ ގާތަށް ދެތިން ފިޔަވަޅު އަޅާލިއެވެ. މަލަކް އޭނަގެ ފޯނު، ލައިގެން ހުރި ޖިންސުގެ ޖީބަށް ކޮށްޕާލަމުން ބެލްކަނިން ނިކުމެ ބެލްކަނީގެ ދޮރު ލައްޕާލިއެވެ.
"އާން އެހާއިރު ފޮނުވާނެ ކަމަށް ބުނީ" އުލްފާ އޭނައަށް ގުޅާފައި މެންދުރު އެގެއަށް ކާން އައުމަށް ދިން ދައުވަތުގެ މަތިން ހަނދާން ކުރަމުން މަލަކް ބުނެލިއެވެ.
"އެންމެ ރަނގަޅު ރެޑީ ވެގެން ހުންނައްޗޭ އެހެންވީމަ....އެހާއިރުވާއިރު މިއޮށް ކަމަނާ ހޭލާނެތަ؟" މަލްހާން އިޝާރާތްކުރީ އެވަގުތު ވެސް ބޮލާއެކު ރަޖާ އޮޅާލައިގެން އެނދުގައި ނިދާފައި އޮތް ރީވާއަށެވެ. ރީވާއަށް ނަޒަރެއް ދީފައި މަލަކް ފުން ނޭވާއެއް ދޫކުރަމުން ބޯޖަހާލިއެވެ.
"އަހަރެން އޭނަ ތެދުކުރުވާނަން. ކުރިންރޭ ވެސް އުލްފާ ދިން ދައުވަތަކަށްރީވް ނުދޭ ވިއްޔަ. މިއަދު ރީވް ވެސް ޖެހޭނެ ދާން" މަލަކް އެހެން ބުނެލި އިރު އޭނަގެ މޫނުމަތީގައިވީ ނުގުޑާ އަޒުމެކެވެ. ރީވާ ނިދާފައި އޮންނަ އިރު ތެދުކުރުވުމަކީ ފަސޭހަ ކަމެއް ނޫނެވެ. ނަމަވެސް މިއަދު ރީވާގެ މޫނަށް ފެން އަޅަން ޖެހުނަސް އެކަން މަލަކް ކުރާނެއެވެ. ބީރައްޓެހި ރަށަކުން އެމީހުންނަށް ލިބެމުންދިޔަ މެހެމާންދާރީ އަށް ފުރަގަސްދޭކަށް ނުވާނެ ނޫންހެއްޔެވެ؟
މަލަކްގެ މޫނުމައްޗަށް އަރާ ފައިބަމުންދިޔަ ކުލަވަރަށް ބަލަން ހުރެފައި މަލްހާން ބޯޖަހާލިއެވެ.
"ގުޑް ލަކް. ދޮންބެ މި ދަނީ. ނަސީބަކުން މިތަނުން ކުޑައެއްވެސް ލިބިއްޖެ." މަލްހާން އެހެންބުނެފައި ދޮރުކާރި އޭނަ ލައްކޮށްލި ކުޑަ ނަގައި އަތައް ހެޔޮވަރުކޮށްލިއެވެ. މަލްހާން ކޮޓަރިން ނިކުތުމުން މަލަކް ގޮސް ރީވާގެ އެނދުކައިރީގައި ހުއްޓުނެވެ.
"ރީވް.. އޭތް ރީވް ތެދުވެބަލަ މިހާރު މެންދުރު ވަނީއޭ." މަލަކް ރީވާއަށް ގޮވަމުން ރީވާގެ ފައިގައި ކޮށްޓާލިއެވެ. ނަމަވެސް ރުންކުރު އަޑެއް ލައްވާފައި ރަޖާގަނޑުގެ ދަށުގައި ރީވާ އިތުރަށް ހަމަޖެހިލީއެވެ. މަލަކް އަނެއްކާވެސް ރީވާއަށް ގޮވަން ފެށިއެވެ.
"ރީވް ތެދުވޭ ދެން. ކުރިންރޭ ވެސް އެ ހޫދާކާ ގުޅަންވެގެން ނުދިޔަ. މިއަދު ޖެހޭނެ އުލްފާ ގެއަށް ރީވް ވެސް ދާން. ދޮންބެ ވެސް ދޭ. އެމީހުން ދައުވަތު ދިނީމަ ނުވާނެ ނުގޮސް ހުންނާކަށް... ރީވް ރީވް ދެން ތެދުވެބަލަ..." މަލަކް ރީވާއަށް ގޮވަމުން ގޮސް ރީވާ ބޮލުގައި އަޅައިގެން އޮތް ރަޖާގަނޑު ބައި ނެގިއެވެ.
"ދެން މި ތެދުވަނީއޭ މަލަކް" ނިދިބަރު އަޑަކުން އެހެން ބުނެފައި ރީވާ އަނެއް ފަރާތަށް އެނބުރުނެވެ. މަލަކް ބަލާކަށް ނުހުރެ ރީވާ އަޅައިގެން އޮތް ރަޖާގަނޑުގައި ހިފައި ގައިގައި ހުރިބާރެއް ލައިފައި ދަމައިގަތެވެ.
"މަލަކް" ރީވާ ހަރުއަޑުން ގޮވާލަމުން ކުއްލިއަކަށް ތެދުވެ އެނދުމަތީގައި އިށީނެވެ. ހޭވިފައިވި އިސްތަށިގަނޑާއި އެކު ރީވާގެ ރުޅިވެރި މޫނު ހުރިގޮތް ފެނުމުން މަލަކަށް ހެވެންފެށިއެވެ.
"އަދި އެބަ ހެޔެއްނު." ރީވާ ދެންވެސް ރުޅިއައިސްފައި ހުރެ ބުނެލިއެވެ. މަލަކް އޭނަގެ ހުނުން ކޮންޓްރޯލް ކުރަމުން ރީވާގެ އެނދުގެ ފައިލާކޮޅުގައި އިށީނެވެ.
"ނޮޓް ފަނީ. އަހަރެން ނިދަން ބޭނުން މަލަކް. ދެން ނުގޮވާތި" އޭނައަށް ނުގޮވުމަށް އަމުރު ކޮށްފައި ރީވާ އަނެއްކާވެސް އެނދުމައްޗަށް ވެއްޓިގަތެވެ. އަދި ރަޖާގަނޑު އަޅައި އެނދުގައި ހަމަޖެހިލަން މަސައްކަތް ކުރިއެވެ. ނަމަވެސް އޭގެ ކުރިން މަލަކް އަނެއްކާވެސް ރަޖާގަނޑަށް ދަމައި ރަޖާގަނޑު ދުރަށްލިއެވެ.
"ނޫން ރީވް ދެން ތެދުވޭ. ހުކުރު ނިމެން ވާއިރަށް ރެޑީވާން ޖެހޭނެ." މަލަކް ހުނުން ހުއްޓާލާފައި ސީރިއަސް ރާގެއްގައި ބުނެލިއެވެ. ނަމަވެސް ރީވާ ތެދުވާކަށް ގަސްތެއް ނުކުރިއެވެ. ރީވާ ދެންވެސް ނިދަން ގަދަހަދާލުމުން އެންމެ ފަހުން މަލަކް ކޮޓަރީގެ މޭޒުމަތީގައި ހުރި ފެންފުޅިއެއް ހިފައިގެން އައިސް ރީވާ ގަޔަށް ފެން ޖަހާނެ ކަމުގެ އިންޒާރު ދޭންފެށި އެވެ.
"އޯކޭ ފައިން ފައިން މި ތެދުވީ" އެންމެ ފަހުން މަލަކް ފެންފުޅީފެ މަތި ނަގައި ރީވާގެ މޫނުމަށްޗަން ފެންފުޅި އޮއްސާލަން އުޅުމުން ރީވާ އަވަސް އަވަހަށް ތެދުވެ އެނދުން ވެސް ފޭބިއެވެ. ކާމިޔާބީގެ ހިނިތުންވުމަކާއެކު މަލަކް ފެންފުޅީފެ މަތި ޖަހަމުން މޭޒުމަތީގައި ފެންފުޅި ބެހެއްޓިއެވެ. ކުނި މޫނު ހަދައިގެން ހުރި ރީވާ އެވަގުތު ގޮސް ފާހާނާއަށް ވަނެވެ.
ހުކުރު ނަމާދުން ފައިބައިގެން މަލްހާން އެނބުރި އައި އިރު ރީވާގެ އިތުރުން މަލަކްވެސް ހުރީ ތައްޔާރުވެގެން ނެވެ. ތިން މީހުން އެކުގައި ގެސްޓްހައުސްގެ ލޮބީތެރޭގައި ހުރި ސޯފާގައި އިށީންދެ ތިބީ އުލްފާގެ ބޮޑުބޭބެގެ ކާރު އަންނާނެ އިރެއްގެ އިންތިޒާރުގައެވެ. އެވަގުތުވެސް ފުދޭވަރަކަށް ވާރޭ ވެހެމުންދިޔަ އެވެ.
"ހާދަ ވިއްސާރަ ދުވަހެކޭ.. މިކަހަލަ ދުވަހެެއްގަ ވެސް މަލަކްއާ ހެދި އަރާމުކޮށް ނިދާލެވޭކަށް ނޯވެވުނު" ރީވާ ޝަކުވާކުރަމުން މަލަކްއާ ދިމާލަށް ބަލާލާފައި ވައްތަރެއް ޖައްސާލިއެވެ. މަލަކް ވެސް ރީވާ ޖެއްސި ވައްތަރު ޖެއްސީ ދެމީހުން ކުޑައިރުވެސް ކަންތައް ކޮށް އުޅޭ ގޮތަށެވެ.
"ވެކޭޝަންއަށް އައިސް އުޅޭ އިރު ވިއްސާރަ ވިޔަސް ޖެހޭނެ އެންޖޯއި ކުރަން ނިކުންނަން" މަލްހާން އެހެން ބުނުމުން މަލަކް ވަގުތުން އޭނަގެ ދޮންބެއާ އެއްބަސްވި އެވެ. އޭނަ އިތުރު އެއްޗެކޭ ބުނަން އުޅުނު ވަގުތު މަލަކްގެ ފޯނު ރިންގުވާން ފެށިއެވެ. ގުޅަނީ އުލްފާ ކަން އެނގުމުން މަލަކް އިންތަނުން ތެދުވެ ލޯބީގެ ދޮރުން ބޭރު ބަލާލިއެވެ. އޭރު އުލްފާގެ ބޮޑުބޭބެގެ ކާރު ގެސްޓްހައުސް ކުރިމަތީގައި އޮތް ތަން ފެނުމުން ފޯނު ނަގަމުން ދޮންބެ އާއި ރީވާ ގާތު އަންނާށޭ ބުނެފައި މަލަކް ހިނގައިގަތެވެ.
ކާރު ގޮސް އުލްފާގެ ގޭގެ ދޮރުމަތީގައި މަޑުކުރި ވަގުތު ވެހެމުންދިޔަ ވާރޭ އިހުނަށްވުރެ ބޯކޮށް ލިއެވެ. އެހެންކަމުން ކާރުން ފައިބައިގެން މާބޮޑަށް ވާރެޔާ ނުތެމި އެގެއަށް ވަނުމަށްޓަކައި މަލަކް ދިޔައީ ދުވެފައެވެ. އޭނަގެ ފަހަތުން ރީވާވެސް ދުވެފައި ދިޔަ އިރު ތެމުނަސް ހެޔޮ ކަމަށް ބުނަމުން މަލްހާން އައީ މަޑުމަޑުން ހިނގާފައެވެ.
މަލަކް ގޮސް އެގޭގެ ހިޔާކޮށްފައިވި ފެންޑާމައްޗަށް އެރި ވަގުތު އުލްފާ ގޭގެ ދޮރުމައްޗަށް އައެވެ.
"މަލަކް ރީވާ އަވަހަށް ވަދޭ އެތެރެއަށް." ހިނިތުންވުމަކާއެކު އުލްފާ އެދެމީހުން ވަންނަން ތަން ދައްކަމުން ދުރަށްޖެހިލިއެވެ. މަލަކްމެންގެ ފަހަތުން މަލްހާންވެސް އެގެއަށް ވަނުމުން އެއީ އޭނާގެ ދޮންބެ ކަމަށް ބުނެ މަލަކް މަލްހާން ތައާރަފްކޮށްދިނެވެ.
"ދަރިފުޅާ އުލްފާ... އަހަ ހުރިހާ ކުދިން އައިސް ހަމަވީ ދޯ. އަވަހަށް އާދޭ ކާން" ބަދިގެއިން ނުކުމެގެން އައި އުލްފާގެ މަންމައަށް މަލަކް އާއެކު ހުރި ރީވާއާ މަލްހާން ފެނުމުން އަވަހަށް ބުނެލިއެވެ. އެންމެން އެކުގައި އުލްފާގެ މަންމަ ބުނިފަދައިން ބަދިގެއަށް ވަންނަން ދިޔަ ވަގުތު އުލްފާ މަލަކްގެ އަތުގައި ހިފައި މަޑުކުރުވިއެވެ.
"އަހަރެން އެބަ އޮތް މަލަކް ގާތު ވާހަކައެއް ދައްކާލަން ވެފަ... އެކަމަކު ކެއުމަށްފަހު. ބައިދަވޭ މަލަކް ދަންނަ މީހަކުވެސް މިއަދު މިގެއަށް ކާން އަންނާނެ." އެހެންމީހުންނަށް ނުއިވޭ ވަރަށް ސިއްރުން މަލަކްގެ ކަންފަތްދޮށުގައި އުލްފާ ބުނެލިއެވެ. އޭނާ ދަންނަ މީހެކޭ ބުނުމުން މަލަކްގެ ސިކުނޑިއަށް ވަގުތުން ވެރިވީ ރައުފަލްގެ ނަމެވެ.
......
ހުކުރުން ފައިބައިގެން ރައުފަލް އައިކްއާ ވަކިވެގެން ދިޔައީ ބައްޕަގެ އެދުމަށް ގެއަށް ވަދެލުމަށެވެ. ވެހެމުންދިޔަ ވާރޭ ތެރޭ ކުޑައެއް ނަގައިގެން ރައުފަލް އޭނަގެ ގެއާ ދިމާލަށް ހިނގަމުން ދިޔައީ ބަރު ފިޔަވަޅުތަކެއްގައި އެވެ. ގެއާ ދުރުގައި ހޭދަވި އެންމެ ދެތިން ދުވަހުވެސް އޭނައަށް އިހުސާސުވީ އިންތިހާ ދަރަޖައިގެ ހަމަޖެހުމެކެވެ. އޭނައާ ދިމާލަށް އެއްޗެއް ބުނާނެ މީހަކު އެގެއަކު ނެތެވެ. ބޭނުން ކޮންމެ ކަމެއް ބޭނުން ވަގުތެއްގައި ކުރެވެން އޮވެއެވެ. ބޭނުން އެއްޗެއް ވެސް ބޭނުން ކޮންމެ ވަގުތެއްގައި ލިބެއެވެ. އެފަދަ ދިރިއުޅުމެއް މުޅި ޢުމުރަށް ލިބޭނެ ނަމައޭ ވެސް ރައުފަލްގެ ހިތަށް އަރައެވެ. ނަމަވެސް ރައުފަލްއަށް އިހުސާސު ނުކުރެވުނީ އެ އަރާމު ދިރިއުޅުމުގެ ސަބަބުން އޭނައަށް ލިބޭނެ ގެއްލުމެވެ. ބައްޕައާ ދުރުގައި ހުރުމުގެ ސަބަބުން ބައްޕަގެ ނަސޭހަތްތައް އަޑުނީވޭތާ އެންމެ ދެތިން ދުވަސް ތެރޭގައި އޭނައަށް އައިސްފައިވި ބަދަލެވެ.
ކުޑަ ލައްޕައި ގޭގެ ދޮރުން ބޭރުގައި ލައްކޮށްލާފައި ރައުފަލް ގޭތެރެއަށް ވަދެގެން ދިޔަ އިރު އެންމެ ފަހު ދުވަހު ދޮންމަންމަ އޭނަ ގާތު ދެއްކި ވާހަކަތައް އޭނަގެ ހަނދާނަށް ބޭރުވެގެން ދިޔައެވެ. އެކަން ވެގެންދިޔައީ އެވަގުތުވެސް ރައުފަލްގެ ހަމަޖެހުން ނަގާލި ކަމަކަށެވެ. އެހެންނަމަވެސް އެކަމާ މާބޮޑަށް ނުވިސްނަން މަސައްކަތްކުރަމުން ރައުފަލް އޭނަގެ ބައްޕަ އަށް ގޮވާލިއެވެ.
"ބައްޕާ." ރައުފަލް ބަދިގެތެރެއަށް ބޯދިއްކޮށްފައި ބަލާލި އިރު ފްރިޖްގެ ދޮރު ހުޅުވައިގެން ބައްޕަ ހުއްޓެވެ.
"ރައުފަލް؟ ބައްޕަ ހީކުރީ ވާރޭ ވެހޭތީ ދަރިފުޅު އަންނާނީ ފަހުން ކަމަށް. ބައްޕަ ވެސް ދެންމެ މިސްކިތުން މި އައީ" ފްރިޖްގެ ދޮރު ލައްޕާލަމުން ބައްޕަ އޭނައާ ދިމާލަށް އެބުރުނެވެ.
"ކުޑައެއް ހިފައިގެން މި އުޅެނީ. އެހެންވީމަ ވާރޭ ވެހުނަސް އާދެވިދާނެތާ" ރައުފަލް ގޮސް ކާމޭޒު ދޮށުގައި ހުރި ގޮނޑިއެއްގައި އިށީނެވެ. އެވަގުތު ގޭތެރެއިން ދޮންމަންމަގެ ހިލަމެއް ނުވާތީ ރައުފަލްގެ ހިތުގައި ސުވާލު އުފެދުނު ނަމަވެސް ބައްޕަ ގާތު ސުވަލު ކުރާކަށް ގަސްތެއް ނުކުރިއެވެ. ދޮންމަން ނެތުމުން ފައިދާ ވާނީވެސް ހަމަ އޭނައަށް ކަމަށް ވުމުންނެވެ.
"ބައްޕަ އަސްލު ދަރިފުޅު މި ގެނައީ ވާހަކައެއް ދައްކާލަން ވެގެން..." ރައުފަލްގެ ކުރިމައްޗަށް ވާގޮތަށް ކާމޭޒުދޮށުގައި ބައްޕަ އިށީނެވެ. ބައްޕަގެ މޫނުމަތިން ފެންނަމުން ދިޔަ ސީރިއަސް ނަޒަރުން ބައްޕަ ދައްކަން އުޅޭ ވާހަކަ އާމެދު ރައުފަލްގެ ހިތުގައި ޝައުގުވެރިކަން އުފެދުނެވެ.
"ދަރިފުޅު މިހާރު ސްކޫލްވެސް ތި ނިމުނީ. މިރަށަކު އިތުރަކަށް ނެތް މައްޗަށް ކިޔެވޭނެ ފުރުސަތުތަކެއް. އެހެންވީމަ ބައްޕަ މި ވިސްނަނީ މި ބަންދު ނިމުނީމަ ދަރިފުޅު ކިޔަވަން މާލެ ފޮނުވަން" ބައްޕަގެ ދުލުން އިވިގެން ދިޔަ ބަސްތަކާއެކު ރައުފަލް ހިމޭންވިއެވެ. މާލެއޭ ބުނުމުން އޭނާގެ ހަނދާނަށް ވެރިވީ އޭނަގެ މަންމައެވެ. މީގެ ދުވަސްކޮޅެއް ކުރިން ބޮޑުބޭބެއާއި ބައްޕަ ދެއްކި ވާހަކަ ތަކެވެ. އަނެއްކާ ބައްޕަ އެ އުޅެނީ މަންމަ ގާތަށް އޭނަ ފޮނުވަން ހެއްޔެވެ؟ އެކަމަކު އެދުވަހު ވެސް މަންމައާ ނުލައި އޭނައަަށް ފަހި މުސްތަގްބަލެއް ހޯދައިދެވޭނެ ކަމަށް ބުނީވެސް ހަމަ ބައްޕައެވެ.
"ބައްޕަގެ ރައްޓެއްސެއް އުޅޭނެ މާލޭގަ. ބައްޕަ މި ވިސްނަނީ މި ބަންދުގަ މާލެ ގޮސް އޭނައާ ވާހަކަ ދައްކާލަން. މިކަހަލަ ވާހަކައަކީ ފޯނުން ދެއްކޭނެ ވާހަކަތަކެއް ނޫންވިއްޔަ. ދަރިފުޅު އެގޭގަ ބެހެއްޓޭނަހެން ބައްޕައަށް ހީވަނީ." ބައްޕަ އިތުރަށް ވާހަކަ ދެއްކިއެވެ. ބައްޕަގެ ވިސްނުން ހުރި ގޮތް އެނގުމުން ރައުފަލްގެ ހިތުގައި އުފެދުނު ހުރިހާ ސުވާލެއްގެ ޖަވާބު ލިބުނެވެ. އޭނަ ވަކި އެއްޗެކޭ ނުބުނެ އިންނަން ފެށުމުން ބައްޕަ ވާހަކަ ދެއްކިއެވެ.
"ދަރިފުޅު މިކަމާ މެދު ހިތްހަމަޖެހޭތަ؟ މާލެ ގޮސް އެގާރަ ބާރަ ކިޔަވައިގެން ދަރިފުޅަށް އިތުރަށް ކިޔެވޭނެ. ބައްޕައަށް ވީވަރަކުން ދަރިފުޅަށް ކިޔަވައިދޭން ރުފިޔާ ހޯދާނަން. ﷲގެ އިރާދަފުޅާއެކު ބައްޕައަށް އެކަން ކުރެވޭނެ. ދަރިފުޅު އެކަމާ މެދު ހާސްނުވާތި." ބައްޕަގެ އެވާހަކަތަކުން ރައުފަލްގެ ހިތަށް ފުރިހަމަ ހަމަޖެމެއް ނުލިބުނެވެ. ބައްޕަ އިތުރަށް ފައިސާ ހޯދާނީ ކިހިނެއްް ހެއްޔެވެ؟ އޭނަ މާލެ ގޮސްފައި ވެސް އުޅެން ޖެހޭނީ ދަތި ދިރިއުޅުމެކެވެ. ކިޔަވަމުން އޭނަ ވަޒީފާއަށް ވެސް ދާން މަޖުބޫރު ވާނެއެވެ. ރައުފަލްގެ ހުރިހާވެސް އުންމީދަކީ ސަރުކާރުގެ ސްކޮލާރޝިޕްއެއްގައި ލައްވާލުމެވެ. އޭނަ ގަނަތެޅިގެންވެސް އެގާރަ ބާރަ ކިޔަވައިގެން ނޫނީ އެކަމެއް ވާކަށް ނެތެވެ. އެހެންކަމުން ކިތަންމެ ދަތިކޮށް މާލޭގައި ދިރިއުޅެން ޖެހުނަސް އޭނަ ޖެހޭނީ ކެތްކުރާށެވެ. ރައުފަލް ފުންނޭވާއެއް ދޫކޮށްލިއެވެ.
"އަޅުގަނޑަށް އެންމެ ރަނގަޅު. ބައްޕަ ކޮންއިރަކުން މާލެ ދަނީ؟"
"މި އަރާ ހަފްތާގަ ދާންކަމަށް މިވިސްނަނީ. މިހާރު ބައްޕަގެ ފައިވެސް ރަނގަޅު. ބައްޕަ ދާވާހަކަ ބުނީމާ ރާޔާ ވަރަށް ދާހިތުން އުޅުނީ އެކަމަކު އެންމެން ގޮވައިގެން ގޮސް ކިހިނެއް މާލެގަ ހުންނާނީ ދޯ." ބައްޕަ ބުނެލިއެވެ. ދޮންމަންމަ އާއި ރާޔާ އެދަތުރުގައި ބައްޕައާއެކު ނުދާކަން އެނގުމުން އެދުވަސްކޮޅު ގޭގައި އޭނަ ނޫޅޭކަން ނަސީބެކޭ ރައުފަލްގެ ހިތަށް އެރިއެވެ.
"ބައްޕަ ފުރާ ދުވަސް ބުނައްޗޭ. އަޅުގަނޑު ދާނަން ބައްޕަ ފުރުވަން" ރައުފަލް އެހެން ބުނުމުން ބައްޕަގެ މޫނުމަތިން އުފާވެރި ހިނިތުންވުމެއް ފެނިގެން ދިޔައެވެ. އަދި އެންމެ ރަނގަޅޭ ބުނެ ގޮނޑިން ތެދުވިއެވެ.
"ދަރިފުޅު ކައިގެންދޯ ދާނީ؟ ބައްޕަ މި އުޅެނީ އެއްޗެއް ހަދާލަން ވެގެން"
"މެންދުރު ކެއުމަށް ގެއަކުން ދައުވަތު ލިބިފަ އޮތީ."
"އެހެންވެއްޖިއްޔާ ދައުވަތު ގަބޫލުކޮށް އެގެއަށް ކާން ދާންވާނީ. އެކަމަކު އަދިވެސް ވާރޭ ވެހެނީ ދޯ. ދަރިފުޅު ބޭނުންތަ ވިއްސާރަ ކޯޓެއް؟ ކުޑަ ހިފައިގެން ދަނިކޮށް މާ ވައިބާރު ވީމާ ތެމިދާނެ." ބައްޕަ އެހެން ބުނެފައި ބަދިގެއިން ނިކުމެގެން ދިޔުމުން ރައުފަލްވެސް ގޮނޑިން ތެދުވިއެވެ. ނަމަވެސް ބަދިގެއިން ނިކުންނަން ދިޔަ ރައުފަލްގެ ފިޔަވަޅުތައް މަޑުޖެހުނީ ކާމޭޒު މަތީގައި އޮތް ބައްޕަގެ ފޯނު ރިންގުވާން ފެށުމުންނެވެ. ރައުފަލް އެނބުރި ގޮސް އެފޯނު ނެގީ ބައްޕައަށް ފޯނު ހަވާލުކުރުމަށެވެ. ނަމަވެސް އޭގެ ކުރިން ގުޅަނީ ކާކުތޯ ރައުފަލް ބަލާލި ހިނދު ސޭވްނުކޮށް އޮތް ނަންބަރެއް ފެނުމުން ހައިރާންވިއެވެ. އެންމެންގެ ނަންބަރު އަބަދުވެސް ފޯނުގައި ސޭވްކޮށްގެން އުޅޭ ބައްޕައަށް އެގުޅަނީ ކާކުތޯ ރައުފަލްގެ ހިތުގައި ސުވާލު އުފެދުނެވެ. އެވަގުތު ކުއްލިއަކަށް އެކޯލު ކެނޑިގެން ދިޔައެވެ.
............
"މަންމާ ކާފަ ބުނީ ކާން އަންނާށޯ" ތަނަވަސް ކޮޓަރިއެއްގެ އެނދުމަތީގައި އިން އަންހެނަކާ ދިމާލަށް ދުވެފައި ދިޔަ ކުޑަ އަންހެން ކުއްޖަކު ބުނެލިއެވެ.
"ދަރިފުޅު ދޭ މަންމަ މި އަންނަނީ އިނގޭ." އަންހެން މީހާ އެހެން ބުނުމުން އަވަސްކުރާށޭ ބުނެފައި ކުޑަކުއްޖާ ދުވެފައި އެކޮޓަރިން ނުކުމެގެން ދިޔައެވެ.
ކުޑަކުއްޖާ ދިޔުމުން އަންހެންމީހާ އަތުގައި އޮތް ފޯނު ހުޅުވައި ފޯނުގެ ސްކްރީނަށް ނަޒަރު ހިންގާލިއެވެ. އެވަގުތު މީގެ ހިނދުކޮޅެއް ކުރިން އޭނަ ގުޅަން މަސައްކަތްކޮށްފައިވި ނަންބަރު ފޯނުގެ ސްކްރީނުން ފެންނަން ހުއްޓެވެ.
"ރަމީޒު" އަންހެންމީހާގެ ދުލުން އެނަން ބޭރުވީ ވައި އަޑަކުންނެވެ. އެހިނދު އޭނަގެ ލޮލުން ފޭބި ކަރުނަތިއްކެއް އެ ދޮން ކޯތާފަތުގައި ފިރުމާލާފައި ތިރިއަށް ފައިބައިގެން ދިޔައެވެ.
ނުނިމޭ
0%
0%
0%
0%
0%
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
9 އެޕްރީލު 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
22 އެޕްރީލު 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
7 މޭ 2024
0